ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 15:41
މެއި 2، 2022 ވަނަ ދުވަހު މާލޭގައި ހިނގި މާރާމާރީގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން
މެއި 2، 2022 ވަނަ ދުވަހު މާލޭގައި ހިނގި މާރާމާރީގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއެމްވީ
އީދު ދުވަހުގެ މާރާމާރީ
އީދު ދުވަހުގެ މާރާމާރީ: ޒަޚަމްވި ދެމީހުން އޭޑީކޭއަށް ގެންދިޔައީ ފުލުހުން، އެކެއްގެ މެޔަށް ވަޅި ޖަހާފައިވޭ
 
މާރާމާރީގައި އަނިޔާލިބުނު އެކެއްގެ މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ
 
މާރާމާރީގައި ޒަހަމްވި ދެމީހުން އޭޑީކޭއަށް ގެންދިޔައީ ފުލުހުން

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި، 2022 ވަނަ އަހަރުގެ މެއި 2 ވަނަ ދުވަހު ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް, ދައުވާ އުފުލާފައިވާ މީހުންގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވައިފިއެވެ.

މި މައްސަލާގައި، ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި 4 ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގާފައެވެ.

ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރެވުނީ ފުލުހުގައި މަސައްކަތްކުރާ އޮފިސަރު މުހައްމަދު މާހިންއެވެ. ހެކިބަސް ދެމުން އޮފިސަރު ބުނެފައިވަނީ، އަނިޔާވި މީހާ ގެންދިޔަތަން ފެނުނު ކަމަށެވެ. އެމީހާ އޮތީ ޚަބަރުހުސްވެފައި ކަމަށާއި މުޅި ގައިގައި ލޭ ހުރިކަމަށެވެ. ޑިއުޓީގައި އޭނާއާއެކު ހަރަކާތްތެރިވާ ބަޑީވެސް ހުރިކަމަށެވެ. އަދި މަޖީދީ މަގުން ޕިކަޕެއް ހުއްޓުވައި، ޕިކަޕަށް ލައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

އަނިޔާލިބުނީ ހަލަފް ކިޔާ މީހަކަށް ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މާރާމާރީ ހިންގި ގޯޅީގައި ވަރަށް ބައިވަރު މީހުން ތިބިކަމަށާއި، ގޯޅިއަށް ވަނީ މީހަކު މަރުވަނީއޭ ކިޔާ އަޑު އިވެގެން ކަމަށެވެ. ހެކިވެރިޔާ ބުނެފައިވަނީ ފުލުހުންނަށް މި މައްސަލާގައި ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއްކަމަށާއި، އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ހެކިބަސް ދީފައިވާ ކަމަށެވެ.

ހަސަން ޒިޔާންގެ ދިފާއީ ވަކީލު ހަނީފް ވިދާޅުވީ، ކަމެއް ސާފުކުރަން ނެތް ކަމަށާއި، ނަމަވެސް ޝަރީއަތުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ކަންކަން ސާފުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މާރާމާރީ ހިންގައިގެން އުޅޭކަން އެނގުނީ ކިހިނެއްތޯ އެހުމުން ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ، މާރާމާރީ ހިނގިކަން އެނގުނީ އެތަނުން އެ ވާހަކަ ގޮވަމުން ދިއުމުން އަޑު އިވިގެން ކަމަށެވެ. އަދި މާރާމާރީ ހިންގަނިކޮށް ނުފެންނަކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހެކިވެރިޔާ ބުނެފައިވަނީ އަނިޔާތަކަށް ބަލާފައި، އެއީ ތޫނު އެއްޗަކުން ދީފައިވާ ހަމަލާކަން ފާހަގަކުރެވުނު ކަމަށެވެ.

ދައުލަތުން ވަނީ ދާއިރާއިން ބޭރުން ދިފާއުން ސުވާލުކުރާތީ އިއުތިރާޒްކުރާކަމަށް ބުނެ، ހެކިވެރިޔާއަކީ އެކްސްޕަރޓެއް ނޫންކަމުން އަނިޔާގެ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން ފާހަގަކުރި ކަންކަން ބަލައިގަންނަ ކަމަށާއި، އެހެންކަމުން އެގޮތުގެ މަތިން ސުވާލުކުރުމަށް ވަނީ އެދިފައެވެ. އަދި ދިފާއީ ވަކީލު ވަނީ އިތުރު އެއްޗެއް ސާފުކުރަން ނެތްކަމަށް ވިދާޅުވެފައެވެ.

ހަސަން ޒިޔާން ފިޔަވައި ބާކީ ތިބި މީހުންގެ ވަކީލު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެކިވެރިޔާ ބުނެފައިވަނީ އެތަނަށް ދެވުނީ 9:15ގެ ފަހުން ކަމަށެވެ. ހެކިވެރިޔާ ބުނީ އަނިޔާލިބުނު ފަރާތާ ވާހަކަދެކެވުނު ކަމަށާއި، އަނިޔާ ލިބުނު މީހާ ވަރަށް ތަދުވާކަމަށް ބުނި ކަމަށާއި، މޭދަށުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އިތުރު ގެއްލުމެއް ލިބިދާނެތީ އިތުރަށް ސުވާލެއް ނުކޮށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި ފަރުވާ ދެމުންދިޔައިރު އޭނާއާ ސުވާލުކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހެކިވެރިޔާ ބުނީ އަނިޔާވި މީހާއާ ސުވާލުކުރީ އޭނާއާއި އިތުރު ފުލުހެއް ކަމަށެވެ.

މި މައްސަލާގައި ދެވަނަ ހެކިވެރިޔަކަށް ހާޒިރުކޮށްފައިވަނީ އަލީ ނައީމެވެ. އޭނާ ބުނީ, މާރާމާރީ ހިންގި ތަނަށް ހާޒިރުވި ކަމަށެވެ. ކޮމާންޑް ސެންޓަރުން މައުލޫމާތު ލިބިގެން، އަސްރަފީ މަގާއި އަބަދަށް އުފާ މަގު ގުޅޭ ސަރަހައްދަށް ދިޔަކަމަށް ހެކިވެރިޔާ ވުނެފައިވެއެވެ. އަދި ސީންއަށް ދިޔައިރު ފްރަންޓްލައިން ފުލުހުން ތިބިކަމަށާއި، އަނިޔާވި ދެމީހަކު އޭޑީކޭއަށް ގެންދިޔަ ކަމަށެވެ. އަދި އެތަނުން ގޯޅިއެއްގެ ތެރޭގައި ވަރަށް ގިނައިން ލޭ ހުރިކަމަށެވެ.

ދިފާއީ ވަކީލުންގެ ތެރެއިން ހަސަންޒިޔާން ފިޔަވައި ދެންތިބި 7 މީހުންގެ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ސީންއަށް ދިޔައިރު އަނިޔާލިބުނު މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.

މި މައްސަލާގައި ތިންވަނަ ހެކިވެރިޔާ އާނިމް ހެކިދެމުން ބުނެފައިވަނީ އެ ދުވަހަކީ އީދު ދުވަސްކަމަށް ވުމާއެކު ޑިއުޓީ ނިމުނީ ލަހުންކަމަށެވެ. އަދި ހެންވޭރު ދަނޑު ކައިރިން އަންނަނިކޮށް ކުޑަކުއްޖަކު އައިސް އޭނާ ކަރަށް ވަޅި ޖަހާފައިވާކަމަށް ބުނުމުން، އޭޑީކޭއަށް ގެންދަން އުޅުމުން އައިޖީއެމްއެޗްއަށް ގެންދަން ބުނިކަމަށެވެ. އަދި އޭނާގެ ހަރަކާތްތައް ހުއްޓޭހެން ހީވާތީ އޭޑީކޭއަށް ގެންދިޔަ ކަމަށެވެ. ހެކިވެރިޔާ ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ ކަރުގައި ޒަޚަމްހުރި ކަމަށެވެ. އަދި މާރާމާރީ ހިނގިތަނުގައި ދެތިން މީހަކު ދުވިތަން ފެނުނު ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ހަސަން ޒިޔާންގެ ވަކީލާއި ބާކީ ތިބި 7 މީހުންގެ ދިފާއީ ވަކީލު ކުރި ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ހާދިސާ ހިނގިތަނުގައި އުޅުނު މީހަކަށް މާބޮޑަށް ސަމާލުކަމެއް ނުދެވޭކަމަށާއި، ދައުވާ އުފުލާފައިވާ މީހަކު ހުރިކަން ސާފުނޫން ކަމަށެވެ. އަދި ޒަޚަމް ވެފައިވާ ކުއްޖާގެ ކަރުގައި ޒަޚަމް ހުރީ 2 އިންޗި ދިގަށް ކަމަށެވެ.

މި މައްސަލާގައި ހަތަރުވަނަ ހެކިވެރިޔަކަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އިމްރާން އަބްދުﷲއެވެ. ހާދިސާގެ މައުލޫމާތު ލިބިގެން ސީންއަށް ހާޒިރުވެފައިވާކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެތަނަށް ދިޔައިރު، ޒަޚަމްވެފައިވާ މީހަކު ޕިކަޕަކަށް ލައިގެން އޭޑީކޭއަށް ގެންދެވުނު ކަމަށެވެ. ހެކިވެރިޔާ ބުނީ އަނިޔާ ލިބުނު މީހާގެ ހޭ ނެތްކަމަށާއި، ގައިގައި ބައިވަރު ލޭ ހުރިކަމަށެވެ. ހެކިވެރިޔާ ބުނެފައިވަނީ އެތަނަށް ދިޔައިރުވެސް އެތަނުގައި ފުލުހުން ތިބިކަމަށާއި، އަނިޔާވި މީހާއަށް ލިބުނު ޒަޚަމްތައް ނުފެންނަ ކަމަށެވެ.

ހަސަން ޒިޔާންގެ ވަކީލު ކުރި ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނެފައިވަނީ، މާރާމާރީއެއްކަން ޔަގީންވަނީ ޒަޚަމްވި މީހަކު އެތަނުން ނެރެފައިވާތީއެވެ.

ގާޒީ ވިދާޅުވީ، ބުރާސްފަތި ދުވަހު ހެކި ބަސް ނަގަން ތިބި ހަތަރު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާކަމަށާއި، މައްސަލައިގެ އިތުރު އަޑުއެހުމެއް ނޮވެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 1:30ގައި ކުރިއަށްގެންދަވާނެ ކަމަށެވެ. ދިފާއީ ވަކީލުން ވަނީ ތާރީޚު ރަނގަޅުކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް