Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 08:36
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ
ރާއްޖެއެމްވީ
ރިއަލް އެސްޓޭޓްގެ ދާއިރާ
އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާ ކުރިއަރާނީ 7.7 އިންސައްތައިން
މިއަހަރު މިހާރު ވަނީ 9.5 އިންސައްތައަށް މުރާޖައާކޮށްފައި
2022 ވަނަ އަހަރު ނިމުނުއިރު މި ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެފައިވަނީ 11.8 އިންސައްތައިން

މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމަޔަށް ކޮންމެ އަހަރަކު އެވަރެޖްކޮށް އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ އުފެއްދުންތެރިކަން 7.7 އިންސައްތަ ކުރިއަރާނޭކަމަށް ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ އުފެއްދުންތެރިކަން 2022 ވަނަ އަހަރު 23.3 އިންސައްތަ ކުރިއަރާނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާކުރި ނަމަވެސް، 2022 ވަނަ އަހަރު ނިމުނުއިރު މި ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެފައިވަނީ 11.8 އިންސައްތައިންނެވެ.

ސަބަބަކީ 2022 ވަނަ އަހަރުގެ ފުރަތަމަ މަސްތަކުގައި މި ދާއިރާ ކުރިއެރި ބާރުމިނަށްވުރެ، އަހަރުގެ ފަހު ކުއާޓަކުރުގައި މި ދާއިރާގެ ކުރިއެރުން މަޑުޖެހުމެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔޭގައިވެސް އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތް ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގެ ސަޕްލައިޗެއިނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވެމުން އަންނާތީ، 2023 ވަނަ އަހަރު މި ދާއިރާގެ އުފެއްދުންތެރިކަން 8.1 އިންސައްތަ ކުރިއަރާނެކަމަށް ކުރެވުނު އަންދާޒާ، މިހާރު ވަނީ 9.5 އިންސައްތައަށް މުރާޖައާކޮށްފައެވެ.

އަދި މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމަޔަށް، ކޮންމެ އަހަރަކު އެވަރެޖްކޮށް މި ދާއިރާގެ އުފެއްދުންތެރިކަން 7.7 އިންސައްތަ ކުރިއަރާނޭކަމަށް ބެލެވެއެވެ. މި ކުރިއެރުން އަންނާނެކަމަށް ލަފާކުރެވެނީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކާއި އަމިއްލަ ފަރާތްތަކުގެ ރެޒިޑެންޝިއަލް ޕްރޮޖެކްޓްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެސްޓެބްލިޝްމަންޓްތަކުގެ އިމާރާތްކުރުން ފުޅާވުމުގެ ސަބަބުންނެވެ.

Advertisement

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން 2022 ވަނަ އަހަރުގެ އިގުތިސާދީ ދުވެއްޔަށް އެންމެ ބޮޑަށް ހިއްސާކޮށްފައި ވަނީ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިންނާއި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާއިންނެވެ. އެގޮތުން 2022 ވަނަ އަހަރު ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ 17.1 އިންސައްތަ ކުރިއަރާފައިވާއިރު، އެ އަހަރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ވަނީ 11.5 އިންސައްތަ ކުރިއަރައިފައެވެ.

އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސިއްހީ އަދި ތައުލީމީ ދާއިރާވެސް ވަނީ 4.2 އިންސައްތަ ކުރިއަރައިފައެވެ. 2023 ވަނަ އަހަރު 7.6 އިންސައްތަ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނު އަންދާޒާ ވަނީ މިހާރު 9.4 އިންސައްތައަށް މުރާޖައާކޮށްފައެވެ. އަދި މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 6.3 އިންސައްތައިން އިގުތިސާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރިނަމަވެސް، މިހާރު އަންދާޒާކުރެވެނީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހުންނާނީ އެވަރެޖްކޮށް 6.8 އިންސައްތައިގައި ކަމަށެވެ.

މެދުރާސްތާގެ އެވަރެޖް އިގުތިސާދީ ދުވެލީގެ އަންދާޒާ މަތިވާނެކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ 2025 ވަނަ އަހަރު ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއި، އައްޑޫ އަދި ހަނިމާދޫ އެއާޕޯޓުތައް ތަރައްގީކޮށް ނިމުމުން ފަތުރުވެރިކަން ކުރިއަރައި، އިގުތިސާދުގެ އެހެނިހެން ދާއިރާތަކަށްވެސް މިކަމުގެ ހެޔޮ އަސަރު ކުރާނެކަމަށް ބެލެވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް