މާލޭގައި މަގުހުރަސް ބައްތި ބަހައްޓައިފިނަމަ ރަނގަޅު ބަދަލުތަކެއް އަންނާނެ: ފުލުހުން
15 އޮކްޓޯބަރު 2023 | އާދީއްތަ 07:57މަގުމަތި ބޭނުންކުރުމުގައި އުސޫލާއި، ގަވާއިދުތައް ހެދިފައި ހުންނައިރު، އެއަށް ހުރިހާ ރައްޔިތުން އަމަލުކުރަންޖެހޭ


ޓްރެފިކް ފުލުހުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ
މާލޭގައި މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތައް ބަހައްޓައިފިނަމަ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ޗީފް އިންސްޕެކްޓަރ މުހައްމަދު ލުތުފީ ވިދާޅުވީ، ހުޅުމާލޭގައި މަގުހުރަސް ބައްތި ބޭނުންކުރަމުންދާ ކަމަށާއި، އެ ލައިޓްތައް އޮޕަރޭޓް ކުރަމުންދާ ގޮތް ވަރަށް ރަނގަޅު ކަަމަށެވެ. އެކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މަގުން ހިނގާ މީހުންނަށާއި، ދުއްވާ މީހުންނަށް ލިބޭ އިތުރު ރައްކާތެރިކަމެއް ކަމަށެވެ.
ލުތުފީ ވިދާޅުވީ ބައެއް ފަހަރު ހިނގާ މީހުން މަގަށް ނުބަލައި ހުރަސް ކުރާ މައްސަލަ ވެސް އަދި ވެހިކަލް ދުއްވާ މީހުން މަގުހުރަސް ކުރާ މީހުންނަށް ބެލުމެއްނެތި ދުއްވާ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މިފަދަ ސިސްޓަމެއް ގާއިމްކުރެވިއްޖެނަމަ ދުއްވާ މީހުންނަށް ވެސް އަދި މަގު ހުރަސް ކުރާ މީހުންނަށް ވެސް ވަކި ވަގުތުތަކެއް ލިބޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ. މަގުމަތި ބޭނުންކުރުމުގައި އުސޫލާއި، ގަވާއިދުތައް ހެދިފައި ހުންނައިރު، އެއަށް ހުރިހާ ރައްޔިތުން އަމަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި މަގުހުރަސް ބައްތި ބޭނުންކުރުމާއި ގުޅޭގޮތުން ލުތުފީ ވިދާޅުވީ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށާއި، މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބޭ ކަމަށެވެ. ބައެއް ފަހަރު އުމުރުން ދުވަސްވީ މީހުންނާއި، ކުޑަ ކުދިންނަށް މަގުހުރަސް ނުކުރެވިފައި ތިބޭ މަންޒަރު މާލޭގެ މަގުމަތިން ފެންނަ ކަމަށް ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ މާލޭގައި މިފަދަ ސިސްޓަމެއް ބޭނުންކުރުމުގެ ކުރިން ލައިޓް ހަރުކުރާނެ ތަންތަނާއި، ނުކުންނާނެ ނަތީޖާއާއި، ޓްރެފިކަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ސްޓަޑީއެއް ހަދަންޖެހޭނެ ކަމަށެވެ.
މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުންކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައި ދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ. މިއިން ކޮންމެ ބައްތިއެއްގައިވެސް ހުންނަ ބަޓަނަށް ފިތައިލުމުން، އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެންނާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރުމަށާއި ހިނގައިގަންނަންވުމުން އެއިން ބުނެދޭނެއެވެ. އެ ބަޓަނަށް ފިތައިލުމުން، ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓްކުރާއިރު، ހުރަސްކުރުމަށްވެސް ވަކި ވަގުތެއް ލިބޭނެއެވެ.







