އައްޑޫ ސިޓީ
|
6 އޮކްޓޯބަރ 2023 | ހުކުރު 13:34
ސިންގަޕޯރ ގައި އޮންނަ "ފަސްޓް ގްލޯބަލް ރޮބޮޓް ޗެލެންޖްގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން
ސިންގަޕޯރ ގައި އޮންނަ "ފަސްޓް ގްލޯބަލް ރޮބޮޓް ޗެލެންޖްގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން
ހިރާ ސްކޫލް
ގްލޯބަލް ރޮބޮޓިކްސް ޗެލެންޖް 2023
"ޕްރޮޖެކްޓް ކަޅުއޮއްފުއްމި" އާއެކު ހިރާ ސްކޫލްގެ ދަރިވަރުން ސިންގަޕޯރއަށް ފުރައިފި
 
މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދެވަނަ ފަހަރު
 
ފަސްޓް ގްލޯބަލް ޗެލެންޖަކީ ކޮންމެ އަހަރަކު ވެސް އެއްފަހަރު ވަކި ގައުމެއްގައި ބާއްވާ ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެއް
 
މި ޗެޖެންޖަށް ދިވެހި ދަރިވަރުންވަނީ ރޮބަޓެއް ތައްޔާރުކޮށްފައި

އޮކްޓޯބަރ 7 އިން 10 ގެ ނިޔަލަށް ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖް 2023 ގައި ބައިވެރިވުމަށް ހިރާ ސްކޫލްގެ ޓީމް ފުރައިފިއެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "ވިމެން އިން ޓެކް މޯލްޑިވްސް އިން ހުޅުވާލި މިފުރުސަތު ކާމިޔާބުކޮށް ހިރާ ސްކޫލުގެ 5 ދަރިވަރަކުވަނީ މި ޗެލެންޖުގައި ބައިވެރި ވުމަށް ފުރާފައެވެ.

ރާއްޖޭގެ ޓީމާއެކު ދުނިޔޭގެ 120 ޓީމަކުން ވާދަކުރުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ރާއްޖޭގެ ޓީމަށް އިރުޝާދު ދެއްވަނީ ވިމެން އިން ޓެކް މޯލްޑިވްސް މެންޓަރ، ރޮބޮޓިކްސް ޓީޗަރު އައިޝަތު ނައުރާ ނަސީމް އަދި ހިރާ ސްކޫލްގެ ސްޓެމް ޓީޗަރު ފާތިމަތު އަފާފް ހުސައިންއެވެ. މީގެ އިތުރުން މިދާއިރާގެ ފަންނީ މީހުންގެ ލަފާ މިޓީމަށް ލިބެއެވެ.

ފަސްޓް ގްލޯބަލް ޗެލެންޖަކީ ކޮންމެ އަހަރަކު ވެސް ވަކި ގައުމެއްގައި ބާއްވާ އޮލިމްޕިކްސް ސްޓައިލްގެ، ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެކެވެ. ފަސްޓް ގްލޯބަލް އިން ކޮންމެ ގައުމަކަށް ވެސް ދައުވަތު ދެނީ ވާދަކުރުމަށް ރޮބޮޓެއް އުފައްދައި ޕްރޮގްރާމް ކުރުމަށް ޓީމެއް ފޮނުވުމަށެވެ. މި ޗެލެންޖު ކުރިއަށްދާނީ ، ދުނިޔޭގައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޒުވާނުންގެ ގާބިލްކަމާއި އުފެއްދުންތެރިކަމުގެ ތެރެއިން، ކުރެވިދާނެ ކަންތައްތައް ހޯދާ ބަލައި،  ޓީމްތައް ގުޅިގެން އެފަދަ އީޖާދީ ވިސްނުމެއް އުފަންކުރުމުގެ މަގްސަދާއެކުގައެވެ.

ސިންގަޕޫރުގައި ބާއްވާ ފަސްޓް ގްލޯބަލް ޗެލެންޖް 2023 ގައި ބުރާސްފަތި ދުވަހު ރާއްޖެއިން ފުރި ފަސް ދަރިވަރުން އެ ކުދިންގެ ދެ މެންޓަރުންނާއެކު ރާއްޖެ ތަމްސީލް ކުރާނެ އެވެ. "އިނޮވޭޓިން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" ނުވަތަ ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި އީޖާދު ކުރުން" މި ޝިއާރުގެ ދަށުން ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޓީމްތަކުގެ ހުނަރުވެރިކަމާއި ޓީމްވޯކް މި ޗެލެންޖުގައި ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް ވިމެން އިން ޓެކް އިން މަޢުލޫމާތު ދެއްވައެވެ. މިމުބާރާތް ކުރިއަށްދާއިރު، ޗެލެންޖުގެ ބައެއް މެންބަރުން އައްޑޫސިޓީގައިވެސް ގާއިމްވެ ތިބޭނެއެވެ. އެމެންބަރުންގެ ދައުރަކީ ޓްރެވަލް ޓީމަށް ސަޕޯޓް ދިނުމެވެ.

ސިންގަޕޯރ ގައި އޮންނަ "ފަސްޓް ގްލޯބަލް ރޮބޮޓް ޗެލެންޖްގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން - ހިރާ ސްކޫލް

ފަސްޓް ގްލޯބަލް ޗެލެންޖުގައި ބައިވެރިވާ ރާއްޖޭގެ ޓީމަށް ވަނީ ރޮބޮޓް އާލާތް ހިމެނޭ ކިޓެއް ހަވާލުކޮށްފައެވެ. "ރެވް ޑުއޯ" ގެ ނަމުން ނަން ދީފައިވާ މި ކިޓްގެ ތަފާތު ކޮމްޕޯނަންޓްތައް ބޭނުންކޮށްގެން  މުބާރާތުގައި ބޭނުންކުރާ  ރޮބޮޓް އުފެއްދުމަށް މަގުފަހި ކޮށްދީފައިވެއެވެ. އެގޮތުން ހިރާ ސްކޫލްގެ ދަރިވަރުން ތައްޔާރު ކުރީ "ކަޅުއޮއްފުންމި" ކިޔާ ރޮބޮޓެކެވެ. ދަރިވަރުންވަނީ ޓްރާންސިޝަނަށް ބޭނުންވާ ފީޗާތައް ބިލްޑް ކޮށްފައިވާ ބްލޮކްސް ޕްރޮގްރާމިން ޓޫލް ހިމެނޭ އަމިއްލަ ކޮންޓްރޯލް  ސިސްޓަމެއް، މި ރޮބޮޓް ފަންކްޝަން ކުރުމަށް ގާއިމް ކޮށްފައެވެ.

ޕްރޮޖެކްޓް ކަޅުއޮއްފުއްމީގައި ދައްކުވައިދެނީ އާއީޖާދުތަކާއެކު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގެ ޓީމުގެ ސާބިތުކަން ދައްކުވައިދިނުމެވެ. އެގޮތުން މި ޗެލެންޖުގެ މައިގަނޑު އަސާސަކީ، ކަޅުއޮއްފުއްމީގެ ރޮބޮޓް، ހައިޑްރޮޖަން އާއި އޮކްސިޖަން ބޯޅަތައް އެކިއުމިއުލޭޓަރެއްގެ ދަށުގައި އެލައިންކޮށް، ކަނޑައެޅިފައިވާ ޓޭންކްތަކަށް ބަހާލައިގެން، 30 ސިކުންތުގެ ތެރޭގައި ތަރުތީބުން އަތުރާލުމެވެ. ކަޅުއޮއްފުއްމީގެ އެހީގައި އެކުދިން ދައްކުވައިދޭނީ ދުނިޔެއަށް ކުރިމަތިވެފައިވާ  ބައިނަލްއަޤްވާމީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓީމް މޯލްޑިވްސްއިން ކުރާ މަސައްކަތުގެ މިސާލެކެވެ.

 

ސިންގަޕޯރ ގައި އޮންނަ "ފަސްޓް ގްލޯބަލް ރޮބޮޓް ޗެލެންޖްގައި ރާއްޖެއިން ބައިވެރިކުރާ ރޮބޮޓް - ހިރާ ސްކޫލް

މި ޗެލެންޖް ރަސްމީކޮށް އިއުލާނުކުރުމާއެކު ޓީމް ހޮވުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ހިރާ ސްކޫލުގެ ޓީމެއް ހޮވާފައި ވަނީ ވިމެން އިން ޓެކް މޯލްޑިވްސް އިން އެޕްލިކޭޝަން ހުށަހެޅުމަށް ގޮވާލުމުން ލިބުނު ތަރުހީބަށް ބަލައިގެންކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ. ހިރާ ސްކޫލަކީ މީގެ ކުރިންވެސް ބައިނަލް އަޤްވާމީ މިފަދަ ޝަރަފުވެރި ޕްލެޓްފޯމުތަކުގައި ރާއްޖެ ތަމްސީލު ކުރަމުންދާ ސްކޫލެކެވެ.

ފަސްޓް ގްލޯބަލް ޗެލެންޖުގައި މީގެ ކުރިންވެސް ރާއްޖެވަނީ ބައިވެރިވެފައެވެ. 2018 ވަނަ އަހަރު މެކްސިކޯގައި ބޭއްވި އެ މުބާރާތުންރާއްޖޭގެ ޓީމުންވަނީ 2 ވަނަ ހޯދާފައެވެ.

ފަސްޓް ގްލޯބަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ސްޓެމް އެޑިއުކޭޝަނަށް މީހުން އަހުލުވެރި ކުރުވުމަށް  ހިންގާ ބައިނަލް އަޤްވާމީ  އަމިއްލަ ޖަމިއްޔާއެކެވެ.

ރާއްޖޭގެ ޓީމް މިމުބާރާތަށް ފުރީ  ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި ރާއްޖޭގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އެހީތެރިކަމާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
33%
0%
0%
0%
0%
67%
ކޮމެންޓް