ކ. މާލެ
|
27 ޖުލައި 2023 | ބުރާސްފަތި 18:52
ހަނގުރާމަ ހޫނުވެ، ސޫދާނުގައި ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައިވާ އެތައް ހާސް ބަޔަކު އެބަތިބި
ހަނގުރާމަ ހޫނުވެ، ސޫދާނުގައި ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައިވާ އެތައް ހާސް ބަޔަކު އެބަތިބި
ރޮއިޓާސް
ސޫދާން ހަނގުރާމަ
ސޫދާން ހަނގުރާމަ: ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައިވާ އެތައް ހާސް ބަޔަކު އެބަތިބި!
ޒަޚަމްވި މީހުންގެ އަދަދު 6000ށްވުރެ މައްޗަށް އަރާ
ސޫދާނުގެ ސިއްހަތާބެހޭ ވުޒާރާގެ ރަސްމީ ރެކޯޑްތަކަށް ބަލާއިރު، ހަނގުރާމައިގެ ތެރޭގައި މަރުވި މީހުންގެ އަދަދު 3000ށްވުރެ މައްޗަށް އަރާ
ސޫދާނުގައި ކާބޯތަކެތީގެ ކަށަވަރުކަން ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު 19 މިލިއަނަށްވުރެ މައްޗަށް އަރާކަމަށް ޑަބްލިއުއެފްޕީން ބުނޭ

ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، ހަށިގަނޑު އަނަރޫފަވެ ނިކަމެތިވުން ނުވަތަ މެލްނިއުޓްރިޝަންގެ ބަލިމަޑުކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި (ވަކިން ޚާއްސަކޮށް ފަގީރު ގައުމުތަކުގައި) އިންތިހާއަށް ބޮޑުވެފައިވާ ބަލިމަޑުކަމެކެވެ. ފަރުދީ ފެންވަރުގައި އެކަމަށް ހައްލު ހޯދުމަށް ކުރެވޭނެ މާ ބޮޑު ކަމެއްވެސް ނެތްހާ ދަތި ހާލުގައި ދިރިއުޅެން މަޖުބޫރުވެފައިވާ އެތައް އާއިލާއަކުން މިއަދުވެސް އެ ކަމެއްގެ ވޭނާއި ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ބަލިމަޑުކަމެކެވެ.

ބަނޑުހައިހޫނުކަމާއި މެލްނިއުޓްރިޝަންގެ ވޭން، އޭގެ އެންމެ އިންތިހާއަށް މި ވަގުތު ތަހައްމަލުކުރަމުން ދާ އެއް ގައުމަކީ، ހަނގުރާމައާއި ކުރިމަތިލުންތަކުގެ ތެރޭގައި ސުންނާފަތިވެފައި އޮތް ސޫދާނެވެ. ސޫދާނުގެ އެތައް ހާސް ކުދިންނެއް މިއަދު ދަނީ މެލްނިއުޓްރިޝަންގެ ވޭން އުފުލަމުންނެވެ. އޭގެ ތެރެއިން ބައެއް ކުދިން ދަނީ، ސޫދާނާ ބޯޑަރު ހިއްސާކުރާ ޗާޑްގެ އާޑްރޭގައި ޑޮކްޓަރޒް ވިތައުޓު ބޯޑަރސް (އެމްއެސްއެފް)އިން ހިންގާ މައިދާނީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ.

މަޝްރޫއުގެ ކަންކަން ބެލެހެއްޓުމުގެ ނައިބެއްގެގޮތުގައި މަސައްކަތްކުރައްވާ ޑެނީސް ބާސްޑެވާންޓް ވިދާޅުވިގޮތުގައި، އެ ހޮސްޕިޓަލުގެ ޚިދުމަތް، 200 އެއްހާ ޕޭޝަންޓުންނަށް ފޯރުކޮށްދެމުން ދާއިރު، އޭގެތެރެއިން 80 ޕަސެންޓް ކޭހަކީ މެލްނިއުޓްރިޝަންއަށް ޑައެގްނޯޒް ވެފައިވާ ކޭސްތަކެވެ. މެލްނިއުޓްރިޝަންއަށް ޑައެގްނޯޒްވެފައިވާ ކޭސްތަކުގެ ތެރޭގައި، ބަލީގެ އެންމެ ފަހު މަރުހަލާގައިވާ ކޭސްތަކާއި، އިންތިހާއަށް ސީރިއަސް ކޭސްތައް ހިމެނޭކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިތާ އެބަ އުޅޭ 100 ނޫނީ 200 އެއްހާ ޕޭޝަންޓުން. އޭގެ ތެރެއިން 80 ޕަސެންޓް ކޭހަކީ މެލްނިއުޓްރިޝަންގެ ވޭން ތަހައްމަލު ކުރަމުންދާ ބައެއް. މީގެ ކުރިން މީ 35 ނޫނީ 40ކަށް އެނދުގެ ހޮސްޕިޓަލެއް. ދިގު ދަތުރަކަށްފަހު އަންނަ ރެފިއުޖީންގެ އަދަދު ދަނީ އިތުރުވަމުން. ކުޑަކުދިންނާ މައިންވެސް އިތުރުވޭ. 300އެއްހާ ޕޭޝަންޓުންނަށް ޚިދުމަތް ދޭންޖެހޭ ފަހަރުވެސް އައިސްފަ އެބަހުރި. މިހާރު މިއުޅެނީ ވެކްސިން މަޝްރޫއެއް ފަށައިގެން. އެހެންވެ ޕޭޝަންޓުންގެ އަދަދު ދަނީ ދަށްވަމުން.
ޑެނީސް ބާސްޑެވާންޓް؛ އެމްއެސްއެފްގެ އޮފިޝަލެއް

ސޫދާނުގެ މައި އަސްކަރިއްޔާގެ ފައުޖުތަކާއި ޕެރާމިލިޓްރރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްފް)ގެ ފައުޖުތަކާ ދެމެދު މި އަހަރުގެ އޭޕްރިލް މަހު ފެށި ކުރިމަތިލުންތައް ދިގުލައި ގޮސްފައިވާތާ މިހާރު ވަނީ 100 ދުވަސް ފާއިތުވެފައެވެ. ހަނގުރާމަ ހުއްޓިދާނެ ކަމުގެ އަލިމަގެއް ފެންނަން ނެތްއިރު، ސޫދާން ދޫކޮށް، އެތައް ލައްކަ ބަޔަކު ވަނީ ޗާޑަށް އެތެރެވެފައެވެ.

ކަން މިހެން އޮތްއިރު، ކާބޯތަކެތީގެ ކަށަވަރުކަން ނެތުމުގެ މައްސަލައަކީ މިއަދު ސޫދާނަށް ކުރިމަތިލާން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ސޫދާނުގައި ކާބޯތަކެތީގެ ކަށަވަރުކަން ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު 19 މިލިއަނަށްވުރެ މައްޗަށް އަރާކަމަށް، ކާބޯތަކެއްޗާބެހޭ އދ.ގެ މަޝްރޫއު (ޑަބްލިއުއެފްޕީ)ގެ ކޮމިއުނިކޭޝަންސް އޮފިސަރު މުހައްމަދު ޖަމާލް ވަނީ ވިދާޅުވެފައެވެ.

އދ.ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސޫދާނުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިހާ މީހުން މި ވަގުތު ތިބީ އިންސާނީ އެހީތެރިކަމަށް ނިހާޔަތަށް ބޭނުންވެފައެވެ. އޭގެތެރޭގައި 13 މިލިއަން ކުޑަކުދިން ހިމެނެއެވެ.

ދަތުރަކީ ވޭން ހުރި ދަތުރެއް. ކޭމްޕުގެ ހާލަތުވެސް އެހާ ދެރަ. އެމީހުންނަށް އާދެވުނީވެސް ލަހުން. ގިނަ ޕޭޝަންޓުންގެ ހާލު ވަރަށް ދެރަ މިކޮޅަށް އައިއިރު. ޚިޔާލަށް ގެނެސްލަބަލަ 300އެއްހާ ޕޭޝަންޓުނަށް ފަރުވާދޭނެ ގޮތެއް. ލިބެން ހުރި ހުރިހާ އިންސާނީ ވަސީލަތެއްގެ ބޭނުން ކުރަންޖެހޭ. ހުރިހާ ތަމްރީނެއްގެ ބޭނުން އެބަޖެހޭ ހިފަން. އަދަދު މިހާރު ދަނީ ދަށަށް. މިތަނަށްވެސް ބަދަލުތަކެއް ގެނެސްފަ މިހާރު މިއޮތީ. މިހާރު 200 ނޫނީ 250އްހާ ޕޭޝަންޓުން ގެންގުޅެލެވޭ.
ޑެނީސް ބާސްޑެވާންޓް؛ އެމްއެސްއެފްގެ އޮފިޝަލެއް

ޗައިނާ މީޑިއާ ގުރޫޕު (ސީއެމްޖީ)އާ ވާހަކަފުޅުދައްކަވަމުން ޖަމާލް ވަނީ، ހަނގުރާމަ އިތުރަށް ދިގުލައި ހިނގައްޖެނަމަ، ސޫދާނުގައި އުފެދިފައި އޮތް ކާބޯތަކެތީގެ ކަށަވަރުކަން ގެއްލުމުގެ މައްސަލަ ގޯހުން ގޯހަށް ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އިންސާނީ އެހީއަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި ތިބި މީހުން އެންމެ ގިނަ އަދަދަކަށް ދިރިއުޅެމުންދާ ހުޅަނގު ދާރްފޫރުފަދަ ސަރަހައްދުތަކަށް އިންސާނީ އެހީ ހިފައިގެން ދިއުމުގައި ދަތިތައް ހުރިއިރު، އެ ސަރަހައްދުގެ އާންމުންގެ ހާލަތާމެދު ޑަބްލުއެފްޕީން އިންތިހާއަށް ކަންބޮޑުވާކަންވެސް ޖަމާލް ވަނީ ފާހަގަކުރައްވާފައެވެ.

އޭޕްރިލް 15 ވަނަ ދުވަހު ފެށި ހަމަލާ ބަދަލުކުރުންތަކާއެކު، ގާތްގަނޑަކަށް 2.8 މިލިއަން މީހުން ވަނީ ސޫދާން ދޫކޮށް، އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަންދާޒާކުރެވޭ ގޮތުގައި، އޭގެ ތެރެއިން 230000އްހާ މީހުން އެތެރެވެފައި ވަނީ ޗާޑަށެވެ.

ސޫދާނުން ޗާޑަށް އެތެރެވި މީހުންގެ ތެރެއިން ޒަޚަމްވެފައި ތިބި މީހުންނަށް ބޭނުންވާ ފަރުވާ، ޑަބްލިއުއެފްޕީން ފޯރުކޮށްދެމުން ދާކަމަށް ޖަމާލް ވިދާޅުވިއެވެ.

ސޫދާނުގައި ތިބި މީހުންގެ ތެރެއިން 1.4 މިލިއަނަށްވުރެ ގިނަ މީހުންނަށް، ޑަބްލިއުއެފްޕީން މިހާރުވެސް ވަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަމާޒު ހިފާފައިވަނީ، ހަނގުރާމައިގެ އަސަރު ކޮށްފައިވާ މީހުންގެ ތެރެއިން 5.9 މިލިއަން މީހުންނަށް މި އަހަރުގެ ތެރޭގައި އެހީ ފޯރުކޮށްދިނުމަށެވެ.

ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރާ ގުރޫޕުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް، ހަނގުރާމައިގެ ދެ ފަރާތުގެ ފައުޖުތަކުންވެސް ފެއިލްވަމުން ދިއުމާއި، ޑަބްލިއުއެފްޕީގެ ގުދަންތައް ލޫޓުވުމުގެ މައްސަލައާއެކު، އިންސާނީގެ އެހީގެ މަސައްކަތަށް ދަނީ ހިޔަނި އެޅެމުން ކަންވެސް ފާހަގަކުރަން ޖެހެއެވެ.

ސޫދާނުގެ ސިއްހަތާބެހޭ ވުޒާރާގެ ރަސްމީ ރެކޯޑްތަކަށް ބަލާއިރު، ހަނގުރާމައިގެ ތެރޭގައި މަރުވި މީހުންގެ އަދަދު 3000ށްވުރެ މައްޗަށް އަރައެވެ. ޒަޚަމްވީ މީހުންގެ އަދަދު 6000ށްވުރެ މައްޗަށް އަރައެވެ.

- ކޮމެންޓް