Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް

ޕާކަރ ގަލަން: ދިވެހިންގެ މިނިވަންކަމުގެ މުހިންމު ބައިވެރިއެއް

ޕާކަރ ގަލަމަކީ މުޅި ދުނިޔޭގެ ލީޑަރުންގެ މެދުގައި އަދިވެސް މަގުބޫލު ގަލަމެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 25 ޖުލައި 2023 | އަންގާރަ 20:22
މިނިވަން ކަމުގެ އެއްބަސްވުމުގައި (ޕާކަރ ގަލަމަކުން) ސޮއިކުރައްވަނީ

މިނިވަން ކަމުގެ އެއްބަސްވުމުގައި (ޕާކަރ ގަލަމަކުން) ސޮއިކުރައްވަނީ

އެމެރިކާގެ އިންޖިނިއަނެއް ކަމަށްވާ ޖޯޖް ސްޓެފޯޑް ޕާކަރ އުފެއްދި ޕާކަރ ގަލަމަކީ އަދި އަދަށް ދާންދެން ވެސް މުޅި ދުނިޔެ އަށް މަޝްހޫރު ގަލަމެކެވެ. މި ގަލަން އެންމެ ފުރަތަމަ ވުޖޫދަށް އައީ އިނގިރޭސީންގެ އަޅުވެތި ކަމުގެ ދަށަށް ދިވެހި ރާއްޖެ ދިއުމުގެ ދެ އަހަރު ފަހުން 1889 ވަނަ އަހަރު އެވެ. ޖޯޖް ޕާކަރ އޭނާގެ ޕާކާ ގަލަން ކުންފުނި އުފެއްދީ އޭގެ އެއް އަހަރު ކުރިން 1888 ވަނަ އަހަރު އެވެ.

ޕާކަރ ގަލަމުގެ 19 ވައްތަރެއް ބާޒާރަށް ނެރުނުނެވެ. މީގެ ތެރެއިން ވެސް އެންމެ މަގްބޫލު ވައްތަރަކީ 1941 ވަނަ އަހަރު އުފެއްދި ދެލި އަޅާ ގަލަމެވެ. ޕާކަރ ކުންފުނީގެ ރަންޔޫބީލް ފާހަގަ ކުރުމަށް އުފެއްދި މި ގަލަން ދުނިޔެ އަށް ތައާރަފްކޮށް އިސްތިހާރުކުރީ "ދުނިޔެ އެންމެ ބޮޑަށް ބޭނުންވެފައިވާ،" ގަލަމުގެ ގޮތުގަ އެވެ.

މި ގަލަން އުފައްދާފައިވަނީ ގަލަމުގެ ރައްކާތެރިކަމާއި ޒީނަތްތެރިކަމަށްޓަކައި ބޭރުގައި އޮފުކޮށްފައިވާ މުށިކުލައިގެ ހަރު ތޮއްޓެއްލާފައެވެ. މަތިންދާ ބޯޓެއްގެ ސިފަ ޖައްސުވައިގެންނެވެ. ދިގުމިނަކީ 138 މިލިމީޓަރެވެ. ގަލަމުގެ ދޯރި ތައްޔާރުކޮށްފައިވަނީ ރަން ޕްލެޓުންނެވެ. މިއީ ދުނިޔޭގެ ފުރަތަމަ ބޯލް ޕޮއިންޓް ގަލަމެވެ. ދެލި ހުސްވުމުން އަލުން ދެލިއަޅައި ބޭނުންކުރެވޭތީ އާއި ގަލަމުގެ ތުނޑު ތައްޔާރުކޮށްފައިވާ ގޮތުން ލިޔަން ފަސޭހަވެ، ބޭނުން ބައްޓަމަކަށް އަކުރުތަކުގެ ވައްޓަފާޅި ބަދަލުކޮށްލެވޭތީވެ ދުނިޔޭގެ ވެރީންނާއި ޝާހީ ގަނޑުވަރުތަކާއި ސަރުކާރުތަކުގެ އިސްވެރިންގެ މެދުގައި މި ގަލަން ބޮޑު މަގުބޫލުކަމެއް ހޯދި އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ވެސް ސޮއިކުރެއްވުމަށާއި އެކަމަނާގެ ރަސްމީ ލިޔުއްވުންތަކަށް ބޭނުންކުރެއްވީ މި ގަލަމެވެ. މިހެންވެ ޝާހީ ގަނޑުވަރުގެ އޯޑަރަކަށް ޕާކަރ ގަލަން އެ ގަނޑުވަރަށް ހާއްސަކޮށް ތައްޔާރުކޮށްދޭން ވެސް ޖެހުނެވެ. އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯން އެފް ކެނެޑީ އާއި ބިލް ކްލިންޓަނަށް އެންމެ ކަމުދާ ގަލަމަކީ ވެސް މިއީ އެވެ. ކެނެޑީގެ ހާއްސަ އިނާމްތަކުގެ ތެރޭގައި ވެސް މި ގަލަން ހިމެނެ އެވެ. 1987 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕާކަރ ކުންފުނިން ހާއްސަ ހަތަރު ގަލަމެއް ވެސް ތައްޔާރުކޮށް ފޯރުކޮށްދީފައިވެ އެވެ. އެމެރިކާގެ ރައީސް ރޮނަލްޑްރޭގަން އާއި ރަޝިޔާގެ ރައީސް މިޚާއިލް ގަރްބްޗޯފް ސޮއިކުރެއްވީ ވެސް ޕާކަރ ގަލަމުންނެވެ. މެދުއިރުމަތީގެ ސުލްހައިގެ އެއްބަސްވުންތަކުގައި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ސޮއިކުރެއްވީ ވެސް އާއްމުކޮށް އެމަނިކުފާނު ބޭނުންކުރައްވާ ޕާކަރ ގަލަމުންނެވެ. މީގެ ސަބަބުން އަރަބިންގެ މެދުގައި މިގަލަމުގެ މަގްބޫލުކަން ބޮޑެވެ އިނގިރޭސި ތަހުތަށް ރަސްގެފާނު ޗާލްސް ރެނދަލި ކުރެއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ސޮއިކުރެއްވީ ވެސް ޕާކަރ ގަލަމުންނެވެ.

މި ހާއްސަ ގަލަމާއި ދިވެހިންގެ މިނިވަންކަމާ ގުޅިދާނެތޯ ކުރިން ތިޔަބޭފުން ހީކުރެއްވިންތޯ އެވެ؟ މީގެ 58 އަހަރު ކުރިން ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުނު އެގްރީމަންޓްގައި އެއިރުގެ ބޮޑުވަޒީރު ސާހިބުއްދައުލާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރިވެރިޔާ ވެލާނާގޭ އިބްރާހީމް ނާސިރު ސޮއި ކުރެއްވީ ޕާކަރ ގަލަމެއް ބޭނުންކުރައްވައިގެންނެވެ.

މިނިވަން ކަމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ނިއުމަތެވެ. އަޅުވެރިކަމުގެ ކަޅުއަނދިރި ދުވަސްތަކުގެ ތެރެއިން ސަލާމަތްވެ އެނިއުމަތުގެ ފަސޭހަކަން ގައުމަކަށް ފަހު ގައުމެއް މިއަދު ވެސް މިދަނީ ލިބިގަންނަމުންނެވެ. ދިވެހިންކުރި މިމަތިވެރި ޖިހާދަށްފަހު އަދުގެ ޖީލުތަކުން އެލުއި ފަސޭހަކަން ހިއްސާ ކުރަމުންމިދަނީ ކާބަފައިންގެ ގައިން އޮހޮރުވާލެއްވި ލެއާއި ދަލާ އަދި ކުރެއްވި ބުރަމަސައްކަތުގެ މަތިން ކުޑަކޮށް ވެސް ހިޔާލެއް ފިކުރެއްނެތި އެވެ.

ހުސްވި ގަރުނުގެ މެދުތެރޭގައި މުޅި ދުނިޔެއަށް އަތްގަދަ ކުރަމުންގެންދިޔަ އިނގިރޭސި ތަރިތަކުގެ އަތްދަށަށް ދިވެހި ފަސްގަނޑު އެންމެ ފުރަތަމަ ދިޔައީ 1887 ވަނަ އަހަރު އެވެ. އެއިރުގެ ރަދުން މުހައްމަދު ޝަމްޝުއްދީންގެ މިނިންމެވުމުގެ ސަބަބުން ދިވެހިންގެ ބިންތައް އިނގިރޭސިން އަތުލަންފެށި އެވެ. އެންމެ ފުރަތަމަ ވެސް އަތުލައިގަތީ އައްޑުއަތޮޅު ގަމެވެ. ދެވަނަ ބޮޑު ހަނގުރާމައިތެރޭގައި ގަމުގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށްފަހު 1943 ވަނަ އަހަރު ހއ. ކެލާގައި ވެސް އަސްކަރީ ބޭހެއް އުފެއްދި އެވެ.

ކަންކަން މިހެންވާން ފެށުމުން 1948 ވަނަ އަހަރު އިނގިރޭސީންނަށް، ރާއްޖެއިން ދެމުންއައި ޖިޒީ ކަނޑާލައި މިނިވަންކަން ހޯދުމަށް މަސައްކަތް ފެށި އެވެ. އެކަމަކު ރައީސް މުހައްމަދު އަމީން ވެރިކަން ކުރެއްވި ފުރަތަމަ ޖުމުހޫރިއްޔާ އުވިދިއުމާއެކު ދިވެހިންނާއި އިނގިރޭސީންނާ ދެމެދު މިނިވަންވުމަށް ކުރެވުނު އެއްބަސްވުމަށް ބައެއް ބަދަލު ގެނެވުނެވެ ނަތީޖާ އަކަށްވީ ސްރީލަންކާގައި 1954 ވަނަ އޭޕްރީލް މަހު އިނގިރޭސި ރާނީއާ އެކު ބޭއްވި ބައްދަލުކުރުންތަކަށްފަހު ޖެހިގެން އައި އަހަރުގެ ނޮވެމްބަރު މަހު އަސްކަރީ މަރުޒަރެއް ހެދުމަށް އިނގިރޭސީން ދެ ވަނަ ފަހަރަށް އައްޑު އަށް ފޭބުމެވެ. އެއީ ސްރީލަންކާ އަށް މިނިވަންކަން ދިނުމާގުޅިގެން އެމީހުންގެ އަސްކަރީ މަރުކަޒު ގަމަށް ބަދަލު ކުރަން ބޭނުންވެގެންނެވެ އޭގެ އެއް އަހަރު ފަހުން އިނގިރޭސީންނަށް އައްޑުއަތޮޅު ގަން 100 އަހަރަށް ދިނުމަށް ދިވެހި ދައުލަތުގެ އެއިރުގެ ރަދުން އިބްރާހީމް ފާމްދޭރި ކިލެގެފާނު ނިންމަވައި އެކަމުގެ ރަމްޒީ ސޮއި ކުރެއްވި އެވެ. އެ މަނިކުފާނު މި ގޮތަށް ނިންމެވީ އެދުވަސްވަރަކީ ގޮށްމުށުގެ ބާރުން އިންސާފް ގާއިމްކުރި ދުވަސްވަރަކަށްވުމުން ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް އަމާންކަމާއެކު ދެމިއޮވެވޭނީ ބާރުގަދަ ދައުލަތެއްގެ އެހީއާ އެކުގައި ކަމަށް ދެކެވަޑައިގެންނެވެ. ނަމަވެސް ރަދުންގެ މިނިންމެވުމާމެދު އެއިރުގެ ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖީލީހުން އެއްބަހެއްނުވި އެވެ. މިކަމުގެ ތެރޭގައި އުފެދުނު ހިލާފުތަކާހެދި ފާމުލަދޭރިކިލެގެފާނު ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވައި އެ މަސްއޫލިއްޔާތު ދިވެހިންގެ މިނިވަން ކަމުގެ ބައްޕަކަމަށްވާ އިބްރާހީމް ނާސިރު ނަންގަވަން ފެއްޓިވި އެވެ.

ދެ ވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވި ނާސިރު ދެކެވަޑައިގެންނެވީ ދިވެހިރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ބައިނަލް އަގްވާމީ ގޮތުން އެހެން މީހުންނާ އެއް ސަފެއްގައި ފައިހަމަކުރެވެން ޖެހޭނެ ކަމަށެވެ. ދިވެހި ދައުލަތަކީ ބޭރުބަޔަކަށް ބަރޯސާވެގެން ހާރިޖިއްޔާގެ އެއްވެސް މިނިވަން ކަމެއް ނެތް ގައުމެއްގެ ގޮތުގައި އޮންނާކަށް އެ މަނިކުފާނު ބޭނުން ފުޅެއްނުވި އެވެ. ނާސިރުގެ މިހިޔާލު ފުޅުގެ ސަބަބުން އިނގިރޭސީންނާ ދިވެހިންގެ ދެމެދުގައި އުފެދެމުންއައި މައްސަލަ ގޯހުން ގޯހަށް ބަދަލުވި އެވެ.

ނަތީޖާއަކަށްވީ އިނގިރޭސީން އަޑީގައިތިބެގެން ދެކުނު ތިން އަތޮޅުގެ މެދުގައި ޢައިރު ގާނޫނީ ވަކި ސަރުކާރެއް ޔުނައިޓެޑް ސްވާދީބް އައިލެންޑްސްގެ ނަމުގައި 1959 ވަނަ އަހަރު އުފެއްދުމެވެ. ދިވެހިންނަށް މިނިވަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަބުދުއް ސައްތާރު މޫސާ ދީދީ ވިދާޅުވީ ސްވާދީބް ސަރުކާރުގެ އުފެދުމަކީ، ދިވެހިންނަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ރައީސް ނާސިރު އަތުކުރި އޮޅާލަން ޖެހުނު މައިގަނޑު ސަބަބުކަމަށެވެ. ފުރިހަމަ މިނިވަން ބަޔަކަށްވުމަށް ނާސިރު މަސައްކަތް ފެއްޓެވުމުން، ފާމްދޭރިކިލަގެފާނު ރަމްޒީ ސޮއި ކުރެއްވި އެއްބަސްވުމަށް ދިވެހިން ރުހޭ ބަދަލުތަކެއް ގެނެސް އައު އެއްގްރީމަންޓެއްގައި 1960 ވަނަ އަހަރު ސޮއިކުރި އެވެ. އިނގިރޭސީންގެ ދާއިމީ ސަފީރެއް މާލޭގައި ހުންނަވަން ފެއްޓެވީ މިއަށްފަހު އެވެ.

ނަމަވެސް މި ދުވަސްވަރު އިނގިރޭސިންނަށް ރާއްޖޭގެ ބޭނުން ކުޑަވެގެންދިޔަ ސަބަބުތަކެއް މެދުވެރިވާން ފެށި އެވެ. ފުރަތަމަ ކަމަކީ މެލޭޝިޔާ އާއި ސިންގަޕޫރު ފަދަ ދެކުނު އޭޝިޔާގެ ނުފޫޒުގަދަ ގައުމުތަކަށް އިނގިރޭސީން މިނިވަންކަން ދޭން ފެށުމެވެ. މިއާއެކު ދެކުނު އޭޝިޔާ އަށް އިނގިރޭސީން ދެމުންއައި ސަމާލުކަން ކުޑަވެގެން ދިޔަ އެވެ. މިއީ ސިންގަޕޫރު ފަދަ މިސަރަހައްދުގެ ގައުމުތަކުން އެމީހުންނާ ގާތުގައިވާ ހިސާބުތަކަށް ނުފޫޒު ފޯރުވަން ބޭނުންވުމުން ދިމާވި ސަބަބަކަށްވެސް ވުންގާތެވެ. ދެ ވަނަ ސަބަބަކީ އިނގިރޭސީންނަށް ދިމާވަމުން އައި އިގްތިސާދީ ހީނަރުކަމެވެ. މީގެ ސަބަބުން ދުނިޔޭގެ އެތަންމިތަނުގައި އެމީހުން ގާއިމް ކޮށްފައި ތިބި ދިފާއީ އައްޑަނަތައް ފުލްސްޕީޑްގައި އޮޕަރޭޓްކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދިޔަ އެވެ. ތިން ވަނަ ސަބަބަކީ އެމެރިކާގެ އުދާސްތަކުގެ އާވި ދުނިޔޭގެ ހަތަރު ބިތަށް ފެތުރެމުން ގޮސް އިނގިރޭސީންގެ ބާރުގެ ތިލަފަތް މަޑުމަޑުން ހީނަރުވާން ފެށުމެވެ. އެމެރިކާ އާއި އިނގިރޭސީންގެ ގުޅިފައިވާ ދިފާއީ ބޭހެއް ރާއްޖޭގެ ދެކުނުން އޮތް ފޯޅަވަހީގައި ގާއިމް ކުރަން ވެސް ހަމަޖެހިގެންދިޔައީ ވެސް މި ދުވަސްވަރު އެވެ. މި ހުރިހާ ސަބަބުތަކާހެދި އިނގިރޭސީން ނިންމީ އެމީހުން އެކުލަވާލި ސުވާދީބް ސަރުކާރުގެ ވެރިންނަށް 1963 ވަނަ އަހަރު ހިމާޔަތް ދިނުމަށްފަހު ދިވެހިންގެ ބިންތައް ދޫކޮށްލުމަށެވެ.

ދިވެހިންނަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ވާހަކަތައް ރަސްމީކޮށް ފެއްޓެވީ 1964 ވަނަ އަހަރު އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ. ފުރިހަމަ މިނިވަންކަން ދިނުމަށް އިނގިރޭސީން ފުރަތަމަ އެއްބަސްވުމަށްފަހު، ފަހުން އެކަމަށް ދެކޮޅު ހެދި އެވެ. މާލޭގައި ހުންނަވާ ކޮމަންވެލްތްގެ ސަފީރު ޑަންކަން ސޭންޑިސް އެއްދުވަހެއްގެ ހެނދުނު ބޮޑުވަޒީރު ނާސިރުގެ އެޕޮއިންޓްމެންޓަކަށް އެދި ވަޑައިގެންނެވި އެވެ. ނަމަވެސް ނާސިރު ބައްދަލުކުރެއްވީ ދެއްވި ވަގުތަށްވުރެ ގަސްތުގައި ގަޑި ލަސް ކުރައްވާފައެވެ. މި ބައްދަލުވުމުގައި އޭރު ޑްރާފްޓް ކުރަމުންދިޔަ ލިޔުން ބައްލަވައި "މިނިވަން" މި ލަފުޒު އެހެން ގޮތަކަށް ބަދަލުކޮށްލައްވާށޭ ނާސިރު އަރިހުގައި ސަފީރު ދެންނެވި އެވެ. ވަގުތުން ނާސިރު ވިދާޅުވީ "ތިޔައީ ބަދަލު ނުކުރެވޭ ގޮތަށް ލިޔުނު އިބާރާތެއް" ކަމަށެވެ. ނަމަވެސް ސޭންޑިސް ނާސިރަށް ދެ ލޯފުޅު އަޅުއްވައި ބިރު ދައްކަވަން އުޅުއްވި އެވެ. އެކަމަކު ދިވެހިންނަށްޓަކައި ނާސިރު އިސްޖެއްސެވި ގޮތަށް އިސް ނުނަންގަވައި ތިންގަޑިއިރު އިންނެވުމުން ޑްރާފްޓް އެގްރީމެންޓްގައި ސޮއި ކުރައްވާފައި އެންމެފަހުން ސޭންޑިސް ވަޑައިގެންނެވީ އެވެ. އޭނާއަކަށް ނާސިރަކާ ނުކުޅެވުނެވެ.

ދިވެހިން ދުށް ކަޅު އަނދިރި ދުވަސްތައް މާޒީވެ، ދުނިޔެ ދުށް ބޮޑު ބާރެއްގެ އަޅުވެތި ކަމުގެ ކަސްތޮޅުން މޮހެވި ދިވެހިން ހިންދެމިލުމުގެ އެއްބަސްވުމުގައި ސޮއި ކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސްރީ ލަންކާގެ ވެރިރަށް ކޮނޅުބުގަ އެވެ. ބޮޑުވަޒީރު އިބްރާހީމް ނާސިރާއެކު މި އެއްބަސްވުމުގައި އިނގިރޭސީންގެ ފަރާތުން ސޮއި ކުރެއްވީ ލަންކާގައި ހުންނަ އިނގިރޭސި ސަފީރު ސަ މައިކަލް ވޯކަރ އެވެ. އިނގިރޭސީގެ ފުށުން ދިވެހިން މިނިވަންވެ 1976 ވަނަ އަހަރު ގަމުން ފޭބުމުގެކުރިން އިނގިރޭސި ރާނީ ދިވެހިރާއްޖެ އަށް ދެ ދުވަހުގެ ރަސްމީ ދަތުރު ފުޅެއް ވެސް ކުރެއްވި އެވެ.

މި ހާއްސަ ނިއުމަތް ދިވެހިންނަށް ލިބުނީ ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ނާސިރު ހިކުމަތު އަމަލީގެ ސަބަބުން ކަމީ ޝައްކެތްނެތް ހަގީގަތެކެވެ. އެ ދުވަހު އެ މަންޒަރު ހަމަ ލޮލުން ދެކެވަޑައިގެންނެވި އެއް ބޭފުޅެއްގެ ހައިސިއްޔަތުން މަރުހޫމް އަބުދުއްސައްތާރު މޫސާ ދީދީ ވިދާޅުވެފައިވަނީ އެ ވަގުތު ލިބުނު އުފަލުގެ ވާހަކަ ބަޔާން ކުރަން ވެސް ދަތިވެވަޑައިގެންނެވި ކަމަށެވެ. އެ މަނިކުފާނަކީ މިނިވަންކަމުގެ އެގްރީމަންޓްގައި ނާސިރު ސޮއި ކުރެއްވި ޕާކަރ ގަލަން ތާރީޙީ އަގުބޮޑު ހަނދާނެއްގެ ގޮތުން ގެންގުޅުއްވި ހިދުމަތްތެރިޔާ އެވެ. އެ މަނިކުފާނުގެ އިތުރުން އަޅުގަނޑުމެން ވެސް އެ ޕާކަރ ގަލަންކޮޅާ މެދު ނުހަނު ފަހުރުވެރިވަމެވެ. އެކަން ދޭހަވާ އެއް ހެއްކަކީ މިހާރު ވެސް ބައެއް ބޭބޭފުޅުންގެ ޖީބު ކޮޅުތަކުން ޕާކަރ ގަލަމެއް ފެންނަން ހުންނާތީ އެވެ. އެއީ ދިވެހިންގެ މިނިވަންކަމާއި މިއަދު އިހުސާސް ކުރަމުން މިދާ ލުއި ފަސޭހަ ކަމުގެ ރަމްޒެކެވެ. ކޮންމެ މީހެއްގެ ކަލެކްޝަނަށް ވެސް މުހިންމުކަން ބޮޑު ގަލަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

13 ނޮވެމްބަރު 2018
އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު

އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު

05 އޮކްޓޯބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު