ޕީޕީއެމްއަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއް: މައުރޫފް
13 ޖުލައި 2023 | ބުރާސްފަތި 12:25މިއަދުގެ ރައީސަކީ ރާއްޖެއަށް ހަމަހިމޭންކަމާއި، އަމާންކަމާއި އުފާވެރިކަން ގެނެސްދެއްވާ ބޭފުޅެއް


އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއް ކަމަށް, މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ގުރައިދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ ޕީޕީއެމްއިން ކޯލިޝަން ހެދުމަށް ދައުވަތު ލިބިވަޑައިގަތް ކަމަށާއި، މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ނެރޭނީ ކޮން ކެންޑިޑޭޓަކީ ކޮބައިތޯ ސުވާލުކުރެއްވުމުން, އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ދެންނެވުމުން އެކަމުން ދުރުވެވަޑައިގަތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ޕީޕީއެމްއަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ޗާގޯސް މައްސަލައާ ގުޅުވައިގެން ވެސް އެކިއެކި ސިޔާސީ ޕާޓީތަކުން ޕީޕީއެމްއާއެކު ނުކުތް ކަމަށެވެ. އެގޮތުން ދަ ޑިމޮކްރެޓްސްވެސް ޗާގޯސް މައްސަލައާ ގުޅުވައި ޕީޕީއެމްއާއެކު ނުކުތް ނަމަވެސް، އިންޑިއާ އައުޓް ކެމްޕޭން ޖެއްސުމާއެކު އެބޭފުޅުންވެސް ޕީޕީއެމްއާ ދުރުވި ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޕީއެމްއަކީ އެއްވެސް ބަޔަކު ކައިރިވާން ހެޔޮވާވަރުގެ ޕާޓީއެއް ނޫން ކަމަށެވެ.
ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ހިތި ތަޖުރިބާ ލިބިވަޑައިގެންފައި ވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ކޯލިޝަނުގައި ދެމިއޮތީ ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. އެއީ އެމްޑީއޭގެ ވެރިން ހުރަގެއަށް ލައިފާނެ ކަމުގެ ބިރާއި، ރާއްޖޭގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އުފާވެރި ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދީފައިވާކަމަށާއި، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިއަދުގެ ރައީސަކީ ރާއްޖެއަށް ހަމަހިމޭންކަމާއި، އަމާންކަމާއި އުފާވެރިކަން ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން މިއަދު ރައްޔިތުން ވެސް ބަލައިގަންނަ ކަމަށާއި، އެކަން މުޅި ރާއްޖެއިން ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.




