ގަވާއިދާ އެއްގޮތަށް މަޖިލިސް ހިންގަވަން އުޒުވެރިވެވަޑައިގަންނަވާނަމަ ނަޝީދު އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
3 ޖުލައި 2023 | ހޯމަ 08:42ނަޝީދު ބޭނުންފުޅު ވަނީ އިތުބާރު ނެތަސް އެ މަގާމުގައި ދެމިހުންނެވުމަށް


ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިންގަވަން އުޒުވެރިވެވަޑައިގަންނަވާނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ން ގޮވާލައިފިއެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ އިތުބާރު ނެތަސް އެ މަގާމުގައި ދެމިހުންނެވުމަށް ކަމަށެވެ. އަދި މިހާރު އަމަލުފުޅު ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދީ 50އަށް ވުރެ ގިނަ މެންބަރުން ސޮއާއެކު ކަމަށާއި، މަގާމުގައި ތިއްބެވި ނަމަވެސް އިތުބާރު އޮތް ކަމަކަށް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ދެ ބޭފުޅުން ވެސް މަގާމުން ލިބުނީ މަޖިލިސް މެންބަރުން ވޯޓުލައިގެން ކަމަށާއި، އިތުރުބާރު ގެއްލުމުން އެކަމަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. މަޖިލިސް މެންބަރުން ނިންމާ ނިންމުންތަކުގައި ބުރަދަނެއް ހުންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލިސް ޖަލްސާއަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ ޖަލްސާއަށް މެންބަރުންނަށް ދައުވަތު ދިނީ ވަގުތު ކުޑަތަންވެފައިވަނިކޮށް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަސްލަމް ވިދާޅުވީ މިދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރެއްކަމުން ބައެއް މެންބަރުންނަށް އެގޮތަށް ކުއްލިއަކަށް އެންގުމުން ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ބައެއް މެންބަރުން ތިއްބެވީ މާލެއިން ބޭރުގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަޝީދު ބޭނުންފުޅު ވަނީ މަޖިލިސް ނުހިނގާނެ ގޮތަކަށް އަމަލު ކުރެއްވުމަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ދައްކަވަމުން ގެންދަވަނީ ކުޑަކުދިން ދައްކާ ކަހަލަތައް ވާހަކަތައް ކަމަށާއި، ގަވާއިދާ އެއްގޮތަށް ކުރިއަށް ނުގެންދެވޭނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އިސްލާހު ކުރަން ޖެހޭތީ ކަމަށް ބުނެ، އެޖެންޑާގައި ހުރި ކަންކަން ކުރިއަން ގެންދަން ރިޔާސަތުން ބޭނުން ނުވާތީ ޖަލްސާ ނިންމާލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ މިކަމުން ވެސް މަޖިލިސް މެންބަރުގެ ވަގުތާއި، ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ކަހަލަ އިހުތިރާމެއްނެތްކަން ހާމަވާ ކަމަށެވެ.







