ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 04:15
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް
މިހާރު
ޤައުމީ ފުޓުބޯޅަ ޓީމު
ދިވެހި ފުޓުބޯޅަ ފަހަތަށް "ސޮއްސާލައިފި"، ހިންގަން ތިބި ވެރިން "ނިދާފައި"!
 
ޤައުމީ އެއް ނަންބަރު ކުޅިވަރު ވަޅުޖެހި، ބިއްޖެހެމުންދާއިރު، އެފްއޭއެމްގެ ވެރިން ތިބީ "އަތްއުރާލައިގެން" ބަލަހައްޓައިގެން

ދިވެހި ފުޓުބޯޅައިގެ ޙާލަތު ގޯސްވެފައިވާ ވާހަކަ އަކީ، ކުޅިވަރުގެ ދެ މީހަކު އެއްތަންވާ ކޮންމެ ވަގުތެއްގައި ދެކެވޭ ވާހަކަ އެވެ. ޚާއްސަކޮށް ފުޓުބޯޅައިގެ ތެރޭގައި ޝާމިލުވެ އުޅޭ އެންމެން ދައްކަނީ މިއަދު ފުޓުބޯޅަ ވެއްޓިފައިވާ "އަނދަވަޅުގެ" ބިރުވެރި ވާހަކަ އެވެ. ހިތާމަ އަކީ މިއަދު ފުޓުބޯޅައިގެ ކަންކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވެސް ފުޓުބޯޅަ ރަނގަޅު ކުރުމުން "އަތް ދޫކޮށްލައިގެން" ތިބުމެވެ. ބަރާބަރަށް މުސާރަ ނަގައިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިން ތިބީ، ފުޓުބޯޅަ އަށް ވާނެ އެއްޗެއް ވާން ބަލަހައްޓައިގެން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފުޓުބޯޅައިގެ ޙާލަތު ދައްވެފައިވާ މިންވަރު މި ފަހުން ފެނުނީ، މިހާރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުންނެވެ. މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕްގެ ފުރަތަމަ މެޗުގަައި ބޫޓާން އަތުން މޮޅުވި ނަމަވެސް، ފުޓުބޯޅަ ކޯޗުން ވެސް ދެއްކީ ކުޅުން ދަށް ވާހަކައެވެ. ރަނގަޅު ޕާސްތަކެއް ނުދެވޭއިރު، ގިނަ ގޯސްތަކެއް ހެދޭ ކަމަށް ވަނީ ބުނެފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތްއިރު ވެސް އެންމެން ދެއްކީ އެ ވާހަކަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ ހިތްދަތި ގޮތަކަށެވެ. އެއް ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރާ ބަންގްލަދޭޝް އިން ތިން ލަނޑު ޖަހައިގެން ރާއްޖެ ބަލި ކުރި އެވެ. މިއީ ސާފްގެ ތާރީޚުގައި ވެސް ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ވެސް ކަޅު ދުވަހަކަށްވި އެވެ. ސާފް ޗެމްޕިއަންޝިޕްގައި ފާއިތުވި 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ އެވެ.

ގޯސްވެފައިވާ ފުޓުބޯޅައިގެ ހާލަތުގައި އެންމެން ވެސް ދައްކަނީ އެފްއޭއެމްގެ ހިންގުމުގައި ހުރި "ދޯހަޅި"ކަމުގެ ވާހަކަ އެވެ. އެ އި އިދާރާގެ އިސްވެރިންނަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތައް އިންތިހާ އަށް ގިނަ އެވެ. ނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހޭނީ އެވެރިން ތިބީ "ބީރު ކަންފަތެެއް" ދީގެން ކަމަށެވެ. ކަންކަން އިސްލާހު ކުރުމަށް އިސްކަމެއް ނުދެ އެވެ. އެ ހާލަތުގައި އޮވެ ދިވެހި ފުޓުބޯޅަ މިއަދު މި ވަނީ އަތް ނުލެވޭ ވަރަށް ފަހަތަށް "ސޮއްސާލައިފަ" އެވެ. ސަރަހައްދުގައި އަބަދުމެ ބަލި ކުރަމުން އަންނަ ޤައުމުތައް ކައިރިން ވެސް މިހާރު ރާއްޖެ ދަނީ "ޗޮކުން"ނެވެ.

ފުޓުބޯޅައިގެ އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ކޯޗަކު، ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ބުނީ ފުޓުބޯޅައިގެ ހާލަތު ދަށްވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެފްއޭއެމުން ކަމަށެވެ. ޚާއްސަކޮށް އެ އިދާރާގެ އިސްވެރިން "ހޭލަން" ވެއްޖެ ކަމުގައި އޭނާ ބުންޏެވެ. އޭނާ ބުނީ ފުޓުބޯޅައިގެ ހާލަތު ގޯސްވަމުން ދަނީ ރާއްޖޭގެ ލީގުގެ ފެންވަރު ދަަށްވުމުން ކަމަށެވެ. ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެވުން އަދި ޤަައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންވާ ފައިސާ ނުދެވޭ މައްސަލަ ވެސް އޭނާ ފާހަގަ ކުރި އެވެ. ސަބަބަކީ ކުޅުންތެެރިންނަށް ލިބެންވާ އާމްދަނީ ނުވަތަ ފައިސާ ނުލިބުމުން ކުޅުންތެރިން ފުޓުބޯޅަ މަތިން ފޫހިވުމެވެ. މިސާލެއްގެ ގޮތުގައި އޭނާ ބުނީ މީގެ ދުވަސްކޮޅެއް ކުރިން ޤައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނާނެ ކުޅުންތެރިން ނެތް ހާލަތަށް ވެސް ދިޔަ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ބަލަމާ، ކުޅުންތެރިންނަށް މުސާރައެއް ނުދެވޭ، އެކަށީގެންވާ ފަރިތަކުރުންތަކެއް ކުރިއަށް ނުގެންދެވޭ. ފުޓުބޯޅަ މި އޮތް ހާލަތު މިއަދު ފެނޭ އެންމެނަށް ވެސް. މިދޭތެރެއިން ދިޔަ ޤައުމީ ޓީމުގެ ފަރިތަކުރުންތަކަށް ކުޅުންތެރިން ހަމަނުވެގެން އުޅުނު ދުވަސް ކޮޅެއް ވެސް. މި ބުނީ މިހާރު އެ ކުޅޭ މުބާރާތުގެ (ސާފް ޗެމްޕިއަންޝިޕް) ކުރިން ޤައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ވާހަކަ. ކުޅުންތެރިން ތިބެނީ ރަށްރަށުގައި ކުޅެން ގޮސް، އެއީ އާމްދަނީ ހޯދަން ބޭނުންވާތީ. މިތަނުން އެ މީހުންނަށް ފައިސާއެއް ނުލިބޭ. ހަގީގަތުގައި މިއީ ވަރަށް ސީރިއަސްކަމެއް" އޭނާ ބުންޏެވެ.

ދެން އޮތީ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ނުކުރާ ވާހަކަ އެވެ. އެފްއޭއެމުން ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް އެއްވެސް އިސްކަމެއް ދެމުން އަންނަ މަންޒަރެއް ނުފެނެ އެވެ. ޔޫތު ޑިވެލޮޕްމަންޓުގެ އެއްވެސް ޕްރޮގްރާމެއް ކުރިއަކަށް ނުގެންދެވެ އެވެ. ގެންދެވޭނީ ވެސް އެކަން ކުރުމަށް އެފްއޭއެމްގައި ފައިސާ ހުރެގެންތާ އެވެ. އިދާރާގެ މުވައްޒަފުންނާއި ޤައުމީ ޓީމުތަކަށް ގެންނަ ކޯޗުންނަށް މުސާރަ ނުދެވޭތާ، އިދާރާ އޮތީ ދަރަނިވެރިވެފަ އެވެ. ކޯޗުންނަށް ބަދަލު ދޭން ޖެހި ޝަރުއީ ކޯޓުތަކުން ވެސް އެ އިދާރާގެ މަައްޗަށް ޙުކުމް ކުރަމުން ދަނީ އެވެ. ޒުވާން ކުޅުންތެރިން އުފެއްދުމަށް ސަރަހައްދުގެ ޤައުމުތަކުން އިސްކަން ދެމުން އަންނައިރު، ރާއްޖެ އޮތީ "ނިދައިފަ" އެވެ. މިއަދު އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކުން އަންނަނީ ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް ފުރުސަތު ދެމުންނެވެ. އިންޑިއާގެ ޒުވާން ޓީމު ވެސް، މިހާރު ރާއްޖޭގެ ސީނިއާ ޓީމު ބަލި ކުރާނެކަމަށް ބެލެވެ އެވެ. އެ ޓީމުގައި އެ ފެންވަރު އެބަހުއްޓެވެ. އެއީ ފާއިތުވި އަހަރުތަކުގައި އެ ޤައުމުން ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިހާރު ވެއްޓިފައި އޮތް ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، ރާއްޖޭގެ ގިނަ ކުލަބުތަކަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗަކު ބުނީ، ފުޓުބޯޅައިގައި ދިމާވެގެން އުޅެނީ ދާނެ މިސްރާބެއް ނޭންގުމުގެ މައްސަލަ ކަމަށެވެ. އޭނާ ބުނީ މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ވެސް ފުޓުބޯޅަ އޮތް ހާލަތު ސާފުވާނެ ކަމަށެވެ. އެ ހާލަަތަށް ފުޓުބޯޅަ ވެއްޓުނީ އެފްއޭއެމްގެ ވެރިން ކޮރަޕްޓުވުމުން ކަމަށް އޭނާ ދެކެ އެވެ. އިތުރަށް އޭނާ ދެކޭ ގޮތުގައި ކުޅުންތެރިންނާއި ކޯޗުގެ މައްސަލަ އެއް ނެތެވެ. މިސާލެއްގެ ގޮތުގައި އޭނާ ބުނީ މިވަގުތު ރާއްޖެ އަށް އިޓަލީގެ ކާލޯ އަންޗެލޮޓީ ނުވަތަ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ގެނައި ނަމަވެސް ޓީމު ރަނގަޅު ނުވާނެ ކަމަށެވެ. ސަބަބަކީ ފުޓުބޯޅައިގައި ކުރިއަށް ދާނެ ޕްލޭނެއް ނެތިފައި ހިންގަން ތިބި ވެރިން ކޮރަޕްޓުވުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ހަގީގަތުގައި ނެތޭ ކުޅުންތެރިންގެ މައްސަލައެއް އަދި ކޯޗުގެ ވެސް މައްސަލަ އެއް. މިހާރު ވެސް ކުޅުންތެރިން ހަމަ މޮޅު ބައެއް އެއީ. މައްސަލަ އަކީ ވެރިން ކޮރަޕްޓުވެ، ޕްލޭނެއް ނެތި ފުޓުބޯޅަ ކުރިއަށް ދާން އުޅުން. މިހާލަތުގައި މިތަނަށް އަންޗެލޮޓީ ނޫނީ މޮރީނިއޯ އަޔަސް ނުވާނެ ރަނގަޅެއް. ވެރިންގެ ނެތް ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާ ވިސްނުމެއް. އެއަށްވުރެ އެހެން ދިމާލަކަށް އެމީހުންގެ ވިސްނުން ހުންނަނީ" މިހާރު ވެސް ފުޓުބޯޅައިގައި ޝާމިލްވެގެން އުޅެމުން އަންނަ ކޯޗު ބުންޏެވެ.

އިތުރަށް އޭނާ ބުނީ މީގެ ކުރިން ވެސް ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ މުބާރާތް ފެށެން މަދު ދުވަސް ކޮޅަކަށްވުމުން ފަރިތަކުރުންތައް ކުރިއަށްގެންދާ މަންޒަރު ކަމަށާއި، މުބާރާތުގެ ކުރިން ވާދަވެރި މެޗެއް ވެސް ކުޅެނުލާ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި މުބާރާތުގެ ކުރިން ރާއްޖެ އިން ވާދަވެރި މެޗުތަކެއް ކުޅުނު ނަމަ، އެންމެ ކުޑަމިނުން ސެމީ ފައިނަލް ކުޅޭނެ އެވެ. މުސްތަޤުބަލަށް ރަނގަޅު ޕްލޭނެއް ނެތްކަން ފާހަގަކޮށް އޭނާ ބުނީ، ޓެކްނިކަލް ޑިރެކްޓަރުގެ މާ ބޮޑު ރޯލެއް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ދުރު ރާސްތާ ޕްލޭނެއް ހަދާއިރު، ޓެކްނިކަލް ޑިރެކްޓަރަކީ ވަރަށް މުހިންމު މީހެއް ކަމަށް ފާހަގަކުރި އެވެ.

ހަމައެއާއެކު ކުލަބުތައް އުޅެމުން އަންނަ ދަތި ހާލު ފާހަގަކޮށް އޭނާ ބުނީ، ކިރިޔާ ވެސް ކަމެއް ކުރެވޭ ބަޔަކަށް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަނި ކަމަށެވެ. އެ ނޫން ކުލަބުތައް އުޅެމުން އަންނަ ހާލަތަކީ މިއަދު އެއްވެސް މީހަކުން އިތުރަށް ދައްކަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު ކުރުމަށް ކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ އެފްއޭއެމް އިސްލާހު ކުރުމެވެ. އެކަން އެ މަގުން ނުދާ ކަމުގައި ވަނީ ނަމަ، ކަމާ ގުޅުން ހުރި ފަރާތްތަކުން އިސްނަގައިގެން ނަމަވެސް، އެ އިދާރާ މިއަދު ސާފު ކުރަން ޖެހެ އެވެ. ފުޓުބޯޅަ އިދާރާގެ އިސްވެރިން މިއަދު ލަގްޒަރީ ފެންވަރުގެ ތަންތަނުގައި އުޅެމުންދާއިރު، ކުޅުންތެރިން ތިބީ އެމީހުން ދިިރިއުޅޭ ތަނުގެ ކަަރަންޓު ބިލާއި ފެން ބިލު ވެސް ދައްކާ ނުލެވޭ ހާލަތުގަ އެވެ. އަނެއްކޮޅުން އެފްއޭއެމްގެ އިސްވެރިން އުޅެނީ އެވެރިންގެ އަމިއްލަ ވިޔަފާރި ކުރިއަރުވައި، އަމިއްލަ ޖީބަށް ބޮޑު ކުރުމުގެ ވިސްނުމުގައި ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން، ދިވެހި ފުޓުބޯޅަ މިހަރު ވެއްްޓިފައިވާ އަޑިގަނޑުން ސަލާމަތް ކުރަން އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އެފްއޭއެމް "އިސްލާހު" ކުރުމެވެ. ޤައުމީ އެއް ނަންބަރު ކުޅިވަރު ވަޅުޖެހި ބިއްޖެހެމުންދާއިރު، އެފްއޭއެމްގެ ވެރިން ތިބީ "އަތްއުރާލައިގެން" ބަލަހައްޓައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
10 ޖުލައި 2023 | ހޯމަ 08:21
އަލިފުތު
ދިވެހިފުޓުބޯޅަ ދަށަށްދިޔައީކީ މިއަދަކުނޫން. މިސަރަހައްދުގެ އެހެންގައުމުތަށް ކުރިޔަށްދިޔައިރު ދިވެހިފުޓުބޯޅަ ދަށަށް މިދިޔައީ މުޅިގައުމުގައި އޮތީ ފުޓުސަލް ދަނޑުއަޅާފައި މުޅިގައުމުގައިވެސް ކުޅެނީ ފުޓުސަލް.