ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 16:14
ބޮޑު ޗުއްޓީ އައުމުން ގިނަ ބަޔަކު ދަނީ އެކިތަންތަނަށް ދަތުރުކުރަމުން
ބޮޑު ޗުއްޓީ އައުމުން ގިނަ ބަޔަކު ދަނީ އެކިތަންތަނަށް ދަތުރުކުރަމުން
ރާއްޖެއެމްވީ
ނުރައްކާތެރި އަލިފާނުގެ ހާދިސާތައް
މިއަދު ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ އިއާދަނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ!
 
ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންޖެހޭ
 
އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރު

ޒަމާނަށް އަންނަ ބަދަލުތަކާއެކު އެންމެ ބޮޑު ބަދަލެއް އަންނަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. ޓެކްނޮލޮޖީ ގޮތުން ކުރިއަރަމުން މިދާ ދުނިޔޭގައި އެކި މަސައްކަތްތައް ކުރުމަށް ވެސް މިވަނީ ބޮޑެތި ލުއިފަސޭހަތައް ލިބިފައެވެ. މީގެ ކުރިން ގޭތެރޭގެ ބައެއް މަސައްކަތްތައް ކުރުމަށް ބުރަވި ނަމަވެސް މިއަދު އެމަސައްކަތްތައް ކުރުމަކީ އެއްވެސް ބުރަ ކަމެއް ނޫނެއެވެ. މިސާލަކަށް ބުނާނަމަ ދަރުން ކައްކާ އުޅުނު ދިވެހިން މިއަދު ކައްކަމުންދަނީ ގޭސް އުނދުނުގައި ނުވަތަ ކަރަންޓު އުނދުނުގައެވެ. އިސްތިރި ކުރުމަށް ބޭނުން ކުރަނީ ކަރަންޓު އިސްތިރިއެވެ. މީގެ ކުރިން ދިވެހިން އަންނައުނު ދޮވުނު ގޮތާއި މިހާރު އަންނައުނު ދޮންނަ ގޮތާއި ހާސްބައި ތަފާތެވެ. ގިނަ ގެތަކުގައި ބޭނުން ކުރަމުންދަނީ އޮޓޯ މެޝަނެއެވެ. ޓެކްނޮލޮޖީއާއެކު މިއަދު މިވަނީ ދިވެހިންގެ ދިރިއުޅުން އެއްކޮށް ބަދަލުވެފައެވެ. ދިރިއުޅުން އެތައް ގޮތަކުން ފަސޭހަވެފައެވެ. ނަމަވެސް މި ފަސޭހަތަކާއެކު ހިތާމަވެރި ހާދިސާތައް ހިނގުމަކީ ވެސް ގާތްކަމެކެވެ. ކުރިއަށްވުރެ ރިސްކުވެސް ބޮޑެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މައުލޫމާތު ދޭ ގޮތުގައި މުޅި ރާއްޖޭގައި ވެސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު މިފަހަކަށް އައިސް އިތުރެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު މިހާރު ވަނީ އިތުރުވެގެން ގޮސްފައެވެ.

އަލިފާނުގެ ހާދިސާތައް ހިނގާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގޭސް ލީކް ވުމާއި، ގޭސްފުޅީގެ ހޮޅި މާބޮޑަށް ބައުވުމާއި ގުޅިގެން މައްސަލައެއް ކުރިމަތިވުމާއި، އިސްތިރި ކަނޑާނުލެވުން ފަދަ ކަންކަން ހިމެނެއެވެ. އަދި ކަރަންޓުގެ އާލަތްތައް ބޭނުންކުރާއިރު، ފެން އެޅޭގޮތަށް ހުރުމާއި، ކަރަންޓު ޝޯޓުވުމާއި ގުޅިގެން ވެސް މިފަދަ ހިތާވެރި ހާދިސާތައް ހިނގާފައިވެއެވެ. މީގެ އިތުރުން އަވަސް އަރުވާލާފައި ކޮންމެވެސް ތަނަކަށް ދާން އުޅުމުގެ ތެރޭގައި ގޭސް އުނދުން ނިއްވާލަން ހަނދާން ނެތުމުގެ ސަބަބުން ވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.

ހިނގާފައިވާ ބައެއް އަލިފާނުގެ ހާދިސާތަކުގައި އެތައް ބަޔަކު މި ދުނިޔެއާ އަލްވަދާއުވެސް ކިޔައިފިއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެކަނި ވެސް އަލިފާނުގެ ހާދިސާތަކުގައި 08 ރަށެއްގެ 08 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި އެފަރާތްތަކަށް ޖުމްލަ އެއް މިލިއަން އެއްލައްކަ ފަންސަވީސް ހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ، ފަސްދޮޅަސް ލާރި (1،125940.60ރ.) އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ.

އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުންދާއިރު، މިއަހަރުގެ ބޮޑު ޗުއްޓީ ވެސް މިވަނީ ފެށިފައެވެ. ގެދޮރު ހުސްކޮށް އެކިކަންކޮޅުތަކަށް ދަތުރުކުރަމުންދާއިރު، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންޖެހެއެވެ. ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކުރަން ޖެހެއެވެ. ނުވަތަ ގޭސްފުޅި ރެގިއުލޭޓަރ ނައްޓައިލާފައި ދިއުން ބުއްދިވެރިއެވެ. ގޭތެރޭގެ ކަރަންޓުގެ ހާލަތު  ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖައްސަން ޖެހެއެވެ. ބޭނުންނުކުރާ ހުރިހާ ތަނެއް ކަރަންޓު ސުވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުން، ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރަން ޖެހެއެވެ. އަދި މާގިނަ ދުވަހަށް ރަށުން ބޭރަށްދާ ކަމަށްވާނަމަ ގާތް މީހަކާއި ގެ ބެލުމަށް ހަވާލުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ރައްކާތެރި ބޮޑު ޗުއްޓީއަކަށް އެދޭނަމަ މިގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި އުމުރު ދުވަހަށް ކުރި މަސައްކަތް ފެނަށް ގޮސް، މުޅި ދިރިިއުޅުން އަލުން ބަލުން ކޮޅަށް ޖަހަންޖެހޭ ފަހަރު އާދެއެވެ. އެހެންކަމުން ދިރިއުޅުމަށް ލިބޭ ޗުއްޓީއާއި ލިބޭ ލުއިފަސޭހައާއެކު މާ ބޮޑަށް ކަންކަމުގައި ލުއި ކުރުމަކީ އެކަމުގެ ދެރަ ލިބޭނެ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ތިމާ ދިރިއުޅޭ ގެއާއި އަވައްޓެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަރަންޓާއި، ފެން އަދި ގޭހާއި ގުޅޭކަންކަމުގައި ފަރުވާ ކުޑަނުކޮށް ބަލަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް