ކ. މާލެ
|
7 ޖޫން 2023 | ބުދަ 09:34
ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގު
ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގު
ރޮއިޓާސް
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ
ޔޫކްރެއިންގެ ރައްދު ހަމަލާތައް ފެއިލްވެ، 3،000ށް ވުރެ ގިނަ ސިފައިން މަރުވެއްޖެ
 
ޝޮއިގު ވަނީ ޔޫކްރެއިންގެ ރައްދު ހަމަލާތައް ރަޝިއާ އަސްކަރިއްޔާއިން ހުއްޓުވަމުންދާކަމަށް ވިދާޅުވެފައި
 
ޔޫކްރެއިންގެ 3،700ށް ވުރެ ގިނަ ސިފައިން މަރުވެފައި ނުވަތަ ސީރިއަސް އަނިޔާތައް ލިބިފައިވާމަށް ޝޮއިގު ވިދާޅުވި
 
ރަޝިއާގެ އަސްކަރިއްޔާއިން މަރުވެފައި ވަނީ 71 ސިފައިން ކަަމަށް ޝޮއިގު ވިދާޅުވި

ޔޫކްރެއިނުން ރަޝިއާއާ ދެކޮޅަށް ދޭން ފެށި ރައްދު ހަމަލާތައް ހުއްޓުވާފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގު ވަނީ ޔޫކްރެއިންގެ ރައްދު ހަމަލާތައް ރަޝިއާ އަސްކަރިއްޔާއިން ހުއްޓުވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާއާ ދެކޮޅަށް، ރައްދުގައި ދޭން ފެށި ހަމަލާތައް ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ހުއްޓުވާފައިވާކަމަށް ޝޮއިގު ވިދާޅުވިއެވެ.

ޝޮއިގު ވަނީ މި ކުރިމަތިލުންތަކުގައި ޔޫކްރެއިންގެ 3،700ށް ވުރެ ގިނަ ސިފައިން މަރުވެފައި ނުވަތަ ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށްވެސް ވިދާޅުވެފައެވެ. އޭގެ އިތުރުން، 52 ޓޭންކާއި އިތުރު 207 އަސްކަރީ އުޅަނދު ޔޫކްރެއިނަށް ގެއްލުނު ކަމަށް ޝޮއިގު ވިދާޅުވިއެވެ.

ޝޮއިގު ހާމަކުރެއްވި ގޮތުގައި މި ކުރިމަތިލުންތަކުގައި ރަޝިއާގެ އަސްކަރިއްޔާއިން މަރުވެފައި ވަނީ 71 ސިފައިންނެވެ. އަދި 210 ސިފައިނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ޝޮއިގު ވިދާޅުވިއެވެ. އެގައުމުގެ އަސްކަރިއްޔާއަށް ގެއްލުނީ 15 ޓޭންކާއި އިތުރު ނުވަ އަސްކަރީ އުޅަނދު ކަމަށްވެސް ޝޮއިގު ވަނީ ހާމަކުރައްވާފައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން މިފަދަ ތަފްސީލީ މައުލޫމާތުތަކެއް އާންމުކޮށްފައި ވީނަމަވެސް، އެގައުމުގެ ރައްދު ހަމަލާތަކުގެ ތަފްސީލުތަކެއް ޔޫކްރެއިނުން ހާމައެއް ނުކުރެއެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން، އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ ސަފުތަކަށް ހަމަލާތައް އަމާޒުކޮށްފައިވާކަމަށް ޝޮއިގު ވިދާޅުވިއެވެ. އެހެން ނަމަވެސް، ކާމިޔާބެއް ނުލިބެ، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޔޫކްރެއިން އަސްކަރިއްޔާއަށް ޖެހުނު ކަމަށް ޝޮއިގު ވިދާޅުވިއެވެ.

ޔޫކްރެއިނުން އެގައުމުގެ ރައްދު ހަމަލާތައް ދޭން ފަށާފައި ވަނީ ހޯމަ ދުވަހުއެވެ. އެގައުމުން ރައްދު ހަމަލާތައް ދޭން ތައްޔާރުކަން އިއުލާނުކުރައްވައި، ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ހަނގުރާމާގައި ރަޝިއާއިން ހިފާފައިވާ އެގައުމުގެ ސަރަހައްދުތައް އަލުން ހޯދާނެކަަމަށް ވިދާޅުވެފައެވެ.

ޒެލެންސްކީ ވަނީ ބަދަލު ހަމަލާތައް ދޭން ފެށުމުން، ރަޝިއާގެ ފައުޖުތައް ފަހަތަށް ޖައްސައި ކާމިޔާބު ހޯދޭނެކަމަށް ވިދާޅުވެފައެވެ. މިކަން ކާމިޔާބުކުރަން ކިހާ ދުވަހެއް ނަގާނެކަން ވިދާޅުވަން ނޭނގޭކަމަށާއި، އެހެންނަމަވެސް ޔޫކްރެއިނުން ކާމިޔާބު ހޯދާނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައްދު ހަމަލާތައް ފެށުމާއެކު ހަނގުރާމާގައި ރަޝިއާއިން ހިފާފައިވާ އެގައުމުގެ ބަޚްމުތުގެ ބައެއް ސަރަހައްދުތައް ޔޫކްރެއިން އަސްކަރިއްޔާއިން އަނބުރާ ނަގަން ފަށާފައިވާކަމަށް ރަޝިއާއިން ބަޚްމުތު ހިފުމުގައި އެންމެ އިސްދައުރެއް އަދާކުރި ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ވަނީ ބުނެފައެވެ. ޕްރިގޮޒިން ވަނީ ބަޚްމުތުގެ ހުޅަނގު އުތުރުގައި އޮންނަ ބަރޚިވްކާ މިހާރު ޔޫކްރެއުން އަނބުރާ އަތުލާފައިވާކަމަށް ބުނެފައެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިއާގެ ހަނގުރާމަވެރިން ފަހަތަށް ޖެހެން ފަށާފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 15 މަސްދުވަސް ވެފައިވާއިރު، އެގައުމުން ބަދަލު ހަމަލާތައް ދޭންފެށުމުން، ހަނގުރާމައިގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ޔޫކްރެއިނުން ފާހަގަކުރެއެވެ. ހަނގުރާމައިގެ މިހާހިސާބަށް އައިއިރު، ރަޝިއާއިން ވަނީ ޔޫކްރެއިންގެ އިރުމަތިންނާއި ދެކުނުން، އަދި އިރުދެކުނުންވެސް ސަރަހައްދުތައް ހިފާފައެވެ.

ހުޅަނގުން ޔޫކްރެއިނަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާއިރު، ގިނަ އަދަދެއްގެ ބަރު ހަތިޔާރު ހުޅަނގުން ވަނީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. މިދިޔަ މަހު ޒެލެންސްކީ ވަނީ އެގައުމުން ބަދަލު ހަމަލާތައް ދިނުން މަޑުކޮށްލައިގެން އޮތީ ހުޅަނގުން އިތުރު ބަރުހަތިޔާރު ލިބެންދެން ކަމަށްވެސް ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައި ވީނަމަވެސް، ބަދަލު ހަމަލާތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ރާވާފައިވާގޮތަށް ކުރިއަށްދާކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް