ޔުކްރެއިން ގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ހޯމަ ދުވަހު ވައިޓް ހައުސްއަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އަލުން މަޝްވަރާކުރުމެވެ.
އެތައް ޔޫރަޕިއަން ލީޑަރުންނެއް ވެސް މި ބައްދަލުވުމުގައި ބައިވެރިވުމަށް ވޮޝިންގްޓަނަށް ވަޑައިގެންފައިވެއެވެ. މި ބައްދަލުވުން ބޭއްވުނީ ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު އެލާސްކާގައި ބައްދަލުކުރައްވާފައި ވަނިކޮށްނެވެ. ނަމަވެސް އެ ސަމިޓުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނާދެވުނެވެ.
ޓްރަމްޕް އާއި އޭނާގެ ޔޫރަޕިއަން ބައިވެރިންގެ ފަރާތުން އުންމީދީ ބަސްތަކެއް އިވުނު ނަމަވެސް، ހޯމަ ދުވަހުގެ ބައްދަލުވުމުން ސަލާމަތީ ގެރެންޓީތަކާ ގުޅޭގޮތުން ނުވަތަ ސުލްޙަ އަށް މަގުފަހިވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެއްވެސް ޔަގީން ކަމެއް ލިބިފައެއް ނުވެއެވެ.
ސަމިޓަށްފަހު، ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރަޝިޔާގެ ލީޑަރާއި ޒެލެންސްކީ އާ ދެމެދު ދެފަރާތުގެ މަޝްވަރާތަކެއް "އިންތިޒާމު" ކުރަން ފެށުމަށް ޕުޓިން އަށް ގުޅުއްވާފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޕުޓިން އާއި ޒެލެންސްކީ އާ ދެމެދު ދެފަރާތުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، އަދި ކަނޑައެޅޭ ތަނެއްގައި، އެމެރިކާގެ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ތިންފަރާތުގެ ބައްދަލުވުމެއް ބޭއްވޭނެއެވެ.
ޕުޓިންގެ މުޝީރަކު ވިދާޅުވި ގޮތުގައި ޓްރަމްޕް އާއި ޕުޓިން ހޯމަ ދުވަހު 40 މިނެޓު ވަންދެން ފޯނުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ޔޫރަޕިއަން ލީޑަރުން ވައިޓް ހައުސްގެ އީސްޓް ރޫމްގައި ޓްރަމްޕް އާއެކު ބައްދަލުކުރެއްވުމުގެ ކުރިން، މައިކްރޯފޯނަކުން އެމެރިކާގެ ރައީސް އާއި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އާ ދެމެދު ދެކެވުނު ވާހަކަތަކެއް ރެކޯޑުވެފައިވެއެވެ.
"އަޅުގަނޑު ހިތުން އޭނާ ޑީލްއެއް ހަދަން ބޭނުންވޭ. އަޅުގަނޑު ހިތުން އޭނާ އަޅުގަނޑުމެންނަށް ޓަަކައި ޑީލްއެއް ހަދަން ބޭނުންވޭ. ތިބާއަށް އެނގޭތަ އެކަން؟ އެހާ ކުއްލި ކަމަކަށް ވިޔަސް،" ޓްރަމްޕް މެކްރޯން އަށް ވިދާޅުވިއެވެ. މި ވާހަކަފުޅުގައި ޓްރަމްޕް އިޝާރާތް ކުރެއްވީ ޕުޓިން އަށް ކަމަށް ބެލެވެއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ އިން ފުޅާ ދާއިރާއެއްގައި ޔުކްރެއިނަށް ހަމަލާދިން ފަހުން، މި ދެ ދުޝްމަނުން އެއް މޭޒެއްގެ ދޮށަށް ގެނެސް މަޝްވަރާ ކުރުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަސްތަކެއް ވަންދެން، ޒެލެންސްކީ ވަނީ ޕުޓިން އާ ބައްދަލު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާފައެވެ. ނަމަވެސް ކްރެމްލިންގެ ފަރާތުން މިފަދަ ބައްދަލުވުމަކަށް ޝައުޤުވެރިކަމެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ.
މޮސްކޯ އިން ވަނީ ޕުޓިން-ޒެލެންސްކީ ބައްދަލުވުމެއްގެ ހުށަހެޅުން ތަކުރާރުކޮށް ދޫކޮށްލާފައެވެ.
ޓްރަމްޕްގެ ވާހަކަފުޅު ހުރި ގޮތުން ސުލްހައިގެ ވާހަކަތަކުގެ ކުރިން ހަނގުރާމަ ހުއްޓާލަން ޖެހޭނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުން މިހާރު ދޫކޮށްލައްވައިފި ކަމަށް ބެލެވެއެވެ.
މީގެ ކުރިން، ޔުކްރެއިންވެސް ގެންގުޅެމުން އައި ޕޮސިޝަން އެވެ. ރަޝިޔާ އާއެކު އެއްވެސް މަޝްވަރާ އެއް ކުރިއަށް ގެންދިއުމަށާއި، އަދިި ދެމެހެއްޓެނިވި ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވުމަށް ހަނގުރާމަ ހުއްޓާލުން މުހިންމު ކަމަށް ޔުކްރެއިނުން ބުނަމުން އައިސްފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމަކީ ދާއިމީ ސުލްޙައިގެ އެއްބަސްވުމަކަށް ވުރެ ފަސޭހަ އިން އެއްބަސްވެވިދާނެ ކަމެކެވެ. އެއީ ފުރިހަމަ ސުލްޙައިގެ އެއްބަސްވުމަކަށް ވާސިލުވުމަށް މަސްތަކެއް ވަންދެން މަޝްވަރާ ކުރަން ޖެހޭނެތީއެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ރަޝިޔާ އިން ޔުކްރެއިނަށް ދޭ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
"އަޅުގަނޑަކަށް ނޭނގޭ އެއީ ކޮންމެހެން ބޭނުން ކަމެއް ކަމެއް،" ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ޔޫރަޕިއަން ލީޑަރުން މިކަމާ އިންކާރު ކުރެއްވިއެވެ. އެންމެ ވަރުގަދަ އަށް އިންކާރު ކުރެއްވީ ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިޗް މެރްޒްއެވެ.
"އަޅުގަނޑަކަށް ހިޔެއްނުވޭ ހަނގުރާމަ ހުއްޓާލުމަކާ ނުލައި ދެން އޮންނަ ބައްދަލުވުން ބޭއްވޭނެ ހެނެއް،" މެރްޒް ވިދާޅުވިއެވެ. "އެހެން ވީމާ، އަޅުގަނޑުމެން އެކަމަށް މަސައްކަތް ކުރަމާ ހިނގާ، އަދި ރަޝިޔާ އަށް ޕްރެޝަރު ކުރަން މަސައްކަތް ކުރަމާ ހިނގާ." ޖަރުމަނުގެ ވެރިޔާ ވިދާޅުވިއެވެ.
ޒެލެންސްކީ އަށް ވާހަކަފުޅު ދައްކަވަން ލިބުނު ފުރުސަތުގައި ހަނގުރާމަ ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލުންތައް ތަކުރާރެއް ނުކުރެއްވިއެވެ.
ޓްރަމްޕް ޒެލެންސްކީ އަށް ވިދާޅުވި ގޮތުގައި ހަނގުރާމަ ނިންމުމަށް ވެވޭ އެއްބަސްވުމެއްގައި ޔުކްރެއިންގެ ސަލާމަތް ކަށަވަރު ކުރުމަށް އެމެރިކާ އިން އެހީތެރިވެ ދޭނެއެވެ. ނަމަވެސް އެހީތެރިކަމުގެ މިންވަރު ބަޔާނެއް ނުކުރައްވައެވެ.
އެމެރިކާގެ ރައީސް، އެމެރިކާ ސިފައިން ފޮނުވުމަކަށް ހުށަހަޅުއްވާފައެއް ނުވެއެވެ. ނަމަވެސް ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޔުކްރެއިނަށް ދެވޭ ސަލާމަތީ ގެރެންޓީތަކުގައި އެމެރިކާގެ އަސްކަރިއްޔާ ހިމެނުމަށް އިންކާރެއް ނުކުރައްވައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕަކީ "ފުރަތަމަ ދިފާޢީ ސަފެވެ." ނަމަވެސް "އެމެރިކާ ވެސް ބައިވެރިވާނަން."
"އަޅުގަނޑުމެން އެމީހުންނަށް ރަނގަޅު ރައްކާތެރި ކަމެއް ދޭނަން،" ޓްރަމްޕް އެއް ހިސާބެއްގައި ވިދާޅުވިއެވެ.
މިިއީ ސަލާމަތީ ގެރެންޓީތަކާ ގުޅޭގޮތުން ޓްރަމްޕް އެންމެ ސާފުކޮށް ވާހަކަފުޅު ދެއްކެވި ފަހަރެވެ. ސަލާމަތީ ގެރެންޓީތަކަކީ ރަޝިޔާ އާއެކު ވެވޭ ކޮންމެ ބާވަތެއްގެ އެއްބަސްވުމެއްގައި ވިޔަސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޢާންމުކޮށް ބެލެވޭ އެންމެ މުހިންމު ކަންތަކެވެ.
އޭނާ އަދި ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާގައި އެލާސްކާގައި ބޭއްވުނު ސަމިޓުގައި ޕުޓިން ވަނީ ސުލްޙައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ޔުކްރެއިނަށް ސަލާމަތީ ގެރެންޓީތަކެއް ދިނުމަށް އެއްބަސްވެވަޑައިގެންފައެވެ.
ހޯމަ ދުވަހުގެ ބައްދަލުވުންތަކަށް ފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ވިދާޅުވި ގޮތުގައި ސަލާމަތީ ގެރެންޓީގެ ބައެއްގެ ގޮތުގައި އެމެރިކާ އާއި ޔުކްރެއިން އާ ދެމެދު 90 ބިލިއަން ޑޮލަރު ގެ ހަތިޔާރުގެ ޑީލްއެއް ހިމެނޭނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ތެރޭގައި ޔުކްރެއިނަށް މީގެ ކުރިން ލިބިފައިނުވާ އެމެރިކާގެ ހަތިޔާރުތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމު ތަކާއި، މިސައިލް ދިފާޢީ ނިޒާމުތައް ހިމެނެއެވެ.
ޒެލެންސްކީ އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާ އިން ޔުކްރެއިންގެ ޑްރޯން ގަންނާނެއެވެ. މިއީ ޔުކްރެއިންގައި ޑްރޯން އުފެއްދުމަށް ފައިސާ ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޔުކްރެއިންގެ ރައީސް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ކީވްއަށް ދެވޭ ސަލާމަތީ ގެރެންޓީތައް 10 ދުވަހުގެ ތެރޭގައި އެކުލަވާލެވޭނެ ކަމަށް ލަފާކުރެވެއެވެ.