ރައީސްގެ ދެކަނބަލުން ފ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
28 މެއި 2023 | އާދީއްތަ 16:40ފ އަތޮޅުގެ ރައްޔިތުން، ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މި ސަރުކާރުން ދެމިއޮންނާނެ


ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ރަށްރަށުގެ ތަރައްގީއާ ގުޅުންހުރި ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް ކުރިޔަށްގެންދިއުމަށެވެ.
މިދަތުރުފުޅާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ ފ އަތޮޅުގެ ރައްޔިތުން ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. އަދި ފ އަތޮޅުގެ ރައްޔިތުން ސަރުކާރާމެދު ފާޅުކުރެއްވި އިހުލާސްތެރި ޝުއޫރުތަކަށާއި ދެންނެވި ހޫނު މަރުހަބާއާއި އެރުވި މެހެމާންދާރީއަށްޓަކައި ރައީސް ސާލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފ އަތޮޅަށް ރައީސްގެ ދެކަނބަލުން ކުރެއްވި މިދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވިއެވެ. އަދި ރަށުކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކާއި އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުންވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.
މިދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމާއި، މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްދެއްވުމާއި، އެރަށުގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތްވެސް އެމަނިކުފާނު ވަނީ ހުޅުއްވައިދެއްވާފައެވެ. އަދި ބިލެތްދޫގެ ފެނަކައިގެ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ އިތުރުން، ރައީސްގެ ދެކަނބަލުން ވަނީ ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ހުޅުއްވައިދެއްވާފައެވެ. އަދި ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތާއި އައިސްޕްލާންޓް ހުޅުއްވައިދެއްވާފައިވެއެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ކުރިޔަށްދާ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި ބައެއް މުއައްސަސާތަކަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުން، ފ އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.





