މިއަހަރު ފުރަތަމަ ހަނދުކޭތަ މާދަމާ ރޭ ފެންނާނެ
4 މެއި 2023 | ބުރާސްފަތި 17:48ހަނދުކޭތަ ހިފާ ވަގުތު އެންމެ ބޮޑަށް ހިފާނީ ރޭގަނޑު 10:22 ގައި


މީގެ ކުރިން ހިފާފައި ހުރި ހަނދުކޭތައެއް
މި އަހަރު ހިފާ ފުރަތަމަ ހަނދުކޭތަ ހުކުރު ދުވަހުގެރޭ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 8:15އެވެ. އަދި ވީއްލާނީ 12:30ގައެވެ. ހަނދުކޭތަ ހިފާ ވަގުތު އެންމެ ބޮޑަށް ހިފާނީ ރޭގަނޑު 10:22 ގައެވެ.
ހަނދުކޭތަ ނަމާދާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެ ކަމަށާއި، ފަނޑު ހިޔަންޏެއްގެ ގޮތުގައި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އަނދިރިކަމެއް ކަމަށެވެ.
މި ސަބަބުތައް ހުރުމުން ފަލަކީ ކޮމެޓީގެ ލަފައާއެކު މިނިސްޓްރީން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ ކޭތަނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާގޮތަށް ކަމަށެވެ.
ހަނދު ކޭތައަކީ ހަނދު މަހުގެ މެދު ތެރޭގައި ހިފާ ކޭތައެކެވެ. މި ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.








