ށ. ފޭދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި ފެރީ ސްޓޮޕްއަކީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއު އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެއް ކަމަށެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހާނާއެއް ހުންނާނެއެވެ.
އެމްޓީސީސީން ބުނީ ފެރީގެ ޚިދުމަތް ދޭ ހުރިހާ ރަށެއްގައި ހަޓުތައް ގާއިމްކުރާނެ ކަމަށެވެ.
ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެމްޓީސީސީން ބުނީ މި ފެރީ ނިޒާމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ. މި މަޝްރޫއު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.