Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރި

ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!

ކާލެވޭ ގޮތަށް ފަރުމާކުރާ އިލެކްޓްރޯނިކް ޑިވައިސްތަކަކީ، ޚާއްސަކޮށް ބަނޑާއި ގޮހޮރުގެ ބަލިތައް ދެނެގަނެ، ފަރުވާ ކުރުމުގެ ސިއްހީ ޚިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ އެއްޗެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 އެޕްރީލު 2023 | އަންގާރަ 11:36
ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރި ދައްކާލަނީ

ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރި ދައްކާލަނީ

ހަލުވި ދުވެލީގައި އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނަ އެއް ދާއިރާއަކީ ސިއްހީ ބޭސްފަރުވާގެ ދާއިރާއޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ސިއްހީ ދާއިރާ ހަރުދަނާކޮށް، އިންސާނީ އާބާދީގެ ދުޅަހެޔޮކަން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހަމަޖެއްސުމަށް، އަދުގެ ސައިންސުވެރިން ދަނީ ކެނޑިނޭޅި ދިރާސާތައްކޮށް، އާ އީޖާދުތައް ތައާރަފު ކުރަމުންނެވެ.

ދާދި ފަހުން މިފަދަ އީޖާދެއް ތައާރަފުކުރި އެއް ބަޔަކީ އިޓަލީވިލާތުގެ މިލާންގައި ހަރަކާތްތެރި ވަމުން ދިޔަ ރިސަރޗަރުންގެ ޓީމެކެވެ. އެ ޓީމުން ތައްޔާރުކުރީ، ކާލެވޭ ނުވަތަ ދިރުވާލެވޭ ބެޓެރިއެކެވެ. ދިރާސާ ޓީމުގެ އުއްމީދަކަށްވީ، ހަށިގަނޑުގެ އެތެރެއަށް ފޮނުވާލާ ސިއްހީ އާލާތްތަކަށް އިންގިލާބީ ބަދަލެއް ގެނައުމެވެ. މި ބެޓެރި ތައްޔާރުކުރި ޓީމުން ބުނިގޮތުގައި، މިއީ މުޅި ބެޓެރީގެ ހުރިހާ ބައެއް ކާލެވޭ، އަދި ރީޗާޖު ކުރެވޭ ގޮތަށް، މިހާތަނަށް މުޅި ދުނިޔޭގައިވެސް އުފެއްދި މިފަދަ ފުރަތަމަ ބެޓެރިއެވެ.

އިޓާލިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ)ގެ ދިރާސާ ޓީމުން މި ބެޓެރި އުފެއްދުމަށްޓަކައި މުޅިންވެސް ބޭނުންކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެ ތެރޭގައި، އާމަންޑް، މެޑިޓަރޭނިއަން ސަރަހައްދުން އާންމުކޮށް ފެންނަ ކޭޕަރޒްއާއި، އެކްޓިވޭޓެޑް ޗާރކޯލް، މޫދުވިނަ، ގޯލްޑް ލީފް އަދި ބީވެކްސް ފަދަ ބާވަތްތައް ހިމެނެއެވެ.

ބެޓެރި މެދުވެރިކޮށް ކަރަންޓުގެ ހަކަތަ ނުވަތަ ޗާޖު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ބޭނުންކޮށްފައިވަނީ އެކްޓިވޭޓެޑް ޗާރކޯލްއެވެ. މިއީ ބޯޓުދެއްޔާއި ދަރުގެ އިތުރުން އަދިވެސް އެހެން މާއްދާތަކެއް ބޭނުންކޮށްގެން އުފައްދާފައި ހުންނަ، އެއްވެސް ވަހެއް ނުހުންނަ، ހިމުން، ކަޅު ކުނޑިތަކެކެވެ. ބެޓެރިއަށް ކުރިމަތިވެދާނެ ސަރކިޓް ޝޯޓުވުންފަދަ ކަމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ބޭނުންކޮށްފައިވަނީ މޫދުވިނައިގެ ބާވަތެއް ކަމަށްވާ ނޯރީ ސީވީޑްއެވެ. މިއީ އިރުމަތީ އޭޝިއާގެ ގައުމުތަކަށް ޚާއްސަ ސޫޝީ ތައްޔާރުކުރާއިރު، ބޭރުގައި އޮޅާލާފައި ހުންނަ ސީވީޑެވެ. ބެޓެރީގެ ރޮޑްތައް ހަދާފައިވަނީ ބީވެކްސްއިން ކަމަށް ވާއިރު، ދެކޮޅު ގުޅައިލަނީ ކޭކު ފަދަ ޕޭސްޓްރީގެ އުފެއްދުންތައް ޒީނަތްތެރިކުރަން ބޭނުންކުރާ، ކެވޭގޮތަށް ހުންނަ ގޯލްޑް ލީފް ނުވަތަ ރަން ފޮތިތަކުންނެވެ.

ކާލެވޭގޮތަށް ފަރުމާކުރާ އިލެކްޓްރޯނިކް ޑިވައިސްތަކަކީ، ވަކިން ޚާއްސަކޮށް ބަނޑާއި ގޮހޮރުގެ ބަލިތައް ދެނެގަނެ، ފަރުވާކުރުމުގެ ސިއްހީ ޚިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ އެއްޗެއް ކަމަށް ދިރާސާ ޓީމުން ޢުއްމީދު ކުރެއެވެ. މިފަދަ އާލާތްތަކަކީ، ކާބޯތަކެތީގެ ކޮލިޓީ ނުވަތަ ރައްކާތެރިކަން ހުރި މިންވަރު ވަޒަންކުރަންވެސް ބޭނުންކުރެވިދާނެ ޑިވައިސްތަކެކެވެ.

ދިރުވާލެވޭގޮތަށް ހުންނަ ސިއްހީ ބައެއް ޢާލާތްތައް މިހާރުވެސް ކޮންމެވެސް ވަރަކަށް ބޭނުން ކުރެއެވެ. ނަމަވެސް، އެފަދަ ޑިވައިސްތައް ދިރުވާލުމުގެ ތެރޭގައި ނުވަތަ ބަނޑު ތެރެއަށް ފޮނުވާލުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އޮޕަރޭޝަނެއް ނުވަތަ ސަރޖަރީއަކަށް ދާންޖެހެއެވެ. އެއާ ޚިލާފަށް އައިއައިޓީގެ ޑިވައިސް ފަރުމާކޮށްފައިވަނީ، ސިއްހަތަށް ގެއްލުމެއް ނުލިބޭގޮތަށް، ހަޖަމުވާގޮތަށެވެ.

އައިއައިޓީގެ ބެޓެރި މަސައްކަތް ކުރަން ބޭނުންވަނީ 0.65 ވޯލްޓްގެ ހަކަތައެވެ. މިއީ އެކަމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑުގެ އެތެރެއަށް ނުރައްކަލެއް ނެތް މިންވަރެކެވެ. މި ބެޓެރިއަކީ 12 މިނެޓެއްހާއިރު ވަންދެން 48 މައިކްރޯއެމްޕްގެ ހަކަތަ އުފައްދާ ބެޓެރިއެކެވެ. މިއީ ކުދި ލެޑް ފަދަ ކަރަންޓް ސާމާނުތަކަށް ހަކަތަ ފޯރުކޮށްދޭނެ މިންވަރެކެވެ. ދިރާސާ ޓީމުން މިހާރު މަސައްކަތްކުރަމުންދަނީ ބެޓެރީގެ ކެޕޭސިޓީ އިތުރުކުރުމަށެވެ. އަދި ފަސޭހަކަމާއެކު ދިރުވާލެވޭ ބޭސްގުޅައެއްގެ ސައިޒަށް ބެޓެރި ކުޑަކުރުމުގެ ދިރާސާތައްވެސް ދަނީ ކުރިއަށެވެ.

ބެޓެރިއާބެހޭ ތަފްސީލީ މައުލޫމާތުތައް އެޑްވާންޑްސް މެޓީރިއަލްސް ޖަރނަލްގައި ވަނީ ޝާއިއުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2023

އިސްރާފަށް އުކާލާ ކާބޯތަކެތި، ފެޝަނަށް

15 އެޕްރީލު 2023
އިސްރާފަށް އުކާލާ ކާބޯތަކެތި، ފެޝަނަށް
09 އޯގަސްޓު 2022

ލޭ ނުނަގާ ހަކުރު ބަލާލެވޭ ގޮތަށް، ދަރިވަރުންތަކެއް އުފެއްދި މެޝިނަކަށް 1 ވަނަ!

09 އޯގަސްޓު 2022
ލޭ ނުނަގާ ހަކުރު ބަލާލެވޭ ގޮތަށް، ދަރިވަރުންތަކެއް އުފެއްދި މެޝިނަކަށް 1 ވަނަ!
13 ޖޫން 2022

ވައިގެ ފަށަލައިން ފެން އުފެއްދިދާނެތަ؟

13 ޖޫން 2022
ވައިގެ ފަށަލައިން ފެން އުފެއްދިދާނެތަ؟
24 އެޕްރީލު 2022

ކާބޯތަކެތި އިސްރާފްކުރުން ކުޑަކުރުމަށް އުފެއްދީ މޯބައިލްފޯން އެޕެއް

24 އެޕްރީލު 2022
ކާބޯތަކެތި އިސްރާފްކުރުން ކުޑަކުރުމަށް އުފެއްދީ މޯބައިލްފޯން އެޕެއް
26 މާރިޗު 2022

ފަލަސްތީނުގެ ފެކްޓްރީއަކުން އަދިވެސް ސައިބޯނި އުފައްދަނީ ކުރީޒަމާނުގެ އުކުޅުތައް ބޭނުންކޮށްގެން

26 މާރިޗު 2022
ފަލަސްތީނުގެ ފެކްޓްރީއަކުން އަދިވެސް ސައިބޯނި އުފައްދަނީ ކުރީޒަމާނުގެ އުކުޅުތައް ބޭނުންކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު