Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެށި ހިމާޔަތްކުރުން

ތިމާވެށި ހިމާޔަތްކުރުން، އެންމެންގެ ޒިންމާއެއް

މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 13:22
ގޮނޑުދޮށުން ކުނި ނަގާ ސާފުކުރަނީ

ގޮނޑުދޮށުން ކުނި ނަގާ ސާފުކުރަނީ

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމެކެވެ. ތިމާވެށީގެ ގޮތުން ކުރިމަތިވާ ނުރައްކާތަކާއި ދިވެހިން މިދަނީ ކުރިމަތިލަމުންނެވެ. އެކަން މިދަނީ ތަޖުރިބާ ކުރަމުންނެވެ. ދުނިޔެއިން ފެންނަމުންދާ ކަންތައްތަކަށް ބަލާލާއިރު މިއީ މަޖަލަށް ހަދައިގެން ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަން އަންނަނީ ފެންނަމުންނެވެ. ދުނިޔެ އަންނަނީ އެއް ދުވަހުން އަނެއްދުވަހަށް ހޫނުވަމުންނެވެ. ކަނޑުގެ ލޮނުގަނޑު އަންނަނީ އުފުލެމުންނެވެ. މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު މިދަނީ ދިވެހިން އަމިއްލައަށް ތަޖުރިބާ ކުރަމުންނެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ރާއްޖެއަށް ވިއްސާރަކުރަމުންދިޔަ ގޮތާއި އުދައެރުމާއި ރަށްތައް ގިރުމާއި މިފަދަ ހުރިހާ ކަމަކަށް ބަދަލުތައް އެބައާދެއެވެ.

ކުރީގައި ބުނެ އުޅެއެވެ. ވިއްސާރަކުރާނީ ހުޅަނގު މޫސުމުގައެވެ. ޖޫން ޖުލައިގެ ގަދަ ވިއްސާރައަކީ އަބަދުވެސް ދައްކާ ވާހަކައެވެ. ނަމަވެސް މިހާރު އަބަދުހެން އޮންނަނީ ޖޫން ޖުލައިގެ ގަދަ ވިއްސާރައެވެ. ޔެލޯ އެލަރޓުން ނުކަތައިގެން އޮރެންޖް އެލަރޓްގައެވެ. ވަށައިގެން ކަނޑުއޮތް ގައުމެއްގައި ކަނޑުމައްޗަށް ނޭރޭވަރަށް މޫސުން ގޯސްވެގެންދާ ދުވަސްތައް ގިނަވާން ފަށައިފިއެވެ. މިހުންނަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށެވެ.

ދުނިޔެ ހޫނުވުމަށް ދިވެހިން އަދާކުރަނީ ވަރަށްވެސް ކުޑަ މިންވަރެއްގެ ދައުރެކެވެ. ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހާ ގޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ 0.003 އިންސައްތައެވެ. އެއީ ހަގީގަތުގައި ދުނިޔެ ހޫނުވަމުންދާ ދިޔުމުގައި ދިވެހިން ތަހައްމަލުކުރަން މިޖެހޭ ކަންކަމާއި އަޅާބަލާއިރު ވަރަށްވެސް ކުޑަ މިންވަރެކެވެ. ނަމަވެސް މީގައި ދެން އުފައްދަން އޮތް ސުވާލަކީ މިވާހަކަ ބޭރު ދުނިޔޭގައި ދައްކާލުމުން އެހިސާބުން ދިވެހިންގެ ޒިންމާ އަދާކުރެވުނީ ހެއްޔެވެ؟ ދުނިޔެ ހޫނުވުމުގެ ޒިންމާ ބޮޑެތި ގައުމުތަކުގެ ބޮލުގައި އަޅުވާފައި ތިބެންވީހެއްޔެވެ؟ ދިވެހިންނަށް ތިމާގެ ވަށައިގެންވާ ވެއްޓަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ދިވެހިންނަށް ދިވެހިންގެ ވެށި ރައްކާތެރިކުރުމަށް، ހިމާޔަތްކުރުމަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

އެންމެ ކުޑައިރުއްސުރެވެސް ދަސްކޮށްދޭ އާދައެއް އޮވެއެވެ. ކުނި ނާޅާށެވެ. ކުނި އަޅާނީ ކުނި އަޅަން ޚާއްސަކޮށްފައި ހުންނަ ތަންތަނަށެވެ. ޖެހުނު ތާކަށް ކުނި ނާޅާށެވެ. ކުނި ނާޅަން ޖެހެނީ ކީއްވެހެއްޔެވެ؟ އުޅޭ މާހައުލު ހަޑިވާތީއެވެ. ނަމަވެސް އުޅޭ މާހައުލު ހަޑިވުން ފިޔަވައި ކުނިން ތިމާވެއްޓަށް ކުރާ އަސަރު އެނގެނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟ ތިމާ އުފައްދާ ކުންޏަށް ތިމާ ޒިންމާވާންޖެހޭކަން ވިސްނާލެވިފައިވަނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟ އުފައްދާ ކުނީގެ ނިސްބަތް މަދުކުރުމާމެދު ވިސްނާލަނީ ކިތައް ދިވެހިން ހެއްޔެވެ؟ ގުދުރަތީ ގޮތުން ރަށަކަށް ލިބިފައި އޮންނަ އެންމެ ރީތި އެކައްޗަކީ އެރަށެއްގެ ގޮނޑުދޮށެވެ. ނަމަވެސް މަދު ރަށެއްގައި ނޫނީ ގޮނޑުދޮށުން ފެންނާނީ ކުންޏެވެ. ގިނައިން ޕްލާސްޓިކުގެ ބާވަތްތަކެވެ. ގިނަ ދުވަހުން ނެތި ފަނާވާ ޒާތުގެ ކުންޏެވެ. ކީއްވެހެއްޔެވެ؟ ޒަމާނުއްސުރެވެސް ދިވެހިންނަށް ދިރިއުޅުމުގައި ބޭނުންކުރެވެމުން އަންނަނީ ގިނަދުވަހުން ހަލާކުވާ ޒާތުގެ ތަކެއްޗެވެ. ގިނައިން ޕްލާސްޓިކެވެ. ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅިއެވެ. އޭގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ތަކެތި ބޭނުންކޮށް ކުނި އުފެދޭ މިންވަރު މަދުކޮށް ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ނިޒާމު ދިވެހިން ބަލައިގަންނަންޖެހެއެވެ.

ކުނީގެ ސަބަބުން ދިވެހިން ފަހުރުވެރިކަމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ގާތުގައިވެސް ބުނާ ރީތި މޫދާއި ކަނޑާއި ފަރުތަކާއި ފަޅުތައް ހަޑިވެ ހަލާކުވަނީއެވެ. ފަރުތައް ޕްލާސްޓިކުގެ އެކި ބާވަތްތަކުގެ ކުނިން ފުރި މަރުވަނީއެވެ. ފަރުތައްމަރުވާ ހަމައެކަނި ސަބަބަކީ ދުނިޔެ ހޫނުވުމެއް ނޫނެވެ. އެހެންކަމަށްވާއިރު ކުނި އަޅައިގެން ކަނޑުގެ ދިރުން އަމިއްލަ އަތުން ހަލާކުކުރަނީ ކީއްކުރަން ހެއްޔެވެ؟ ކަނޑުގެ ހުންނަ ކުނިތައް ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި ކާއިރު މަސް ހިފައިގެން ދިވެހިން ކަމުންދާއިރު އަމިއްލަ ހަށިގަނޑަށް މިވަންނަ ކާނާއާ މެދު ވިސްނާލެވޭ ހެއްޔެވެ؟ ތިމާ އުފައްދާ ކުނި އަނބުރާ ތިމާގެ ހަށިގަނޑަށް ވަދެދާނެކަމާމެދު ވިސްނާލީ ކިތައް ދިވެހިން ހެއްޔެވެ؟

ހޭޅި ފަށުން ގަސް ކަނޑަން ނުވާނެކަމަށް ސްކޫލްގައިވެސް ކިޔައިދެއެވެ. އެތައް ދުވަހެއް ވަންދެން ހުންނަ ގަސްތައް ނުކަނޑާވާނެ ގޮތެއް ހޯދަންޖެހޭކަމަށް ބުނެދެއެވެ. ނަމަވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. ތަރައްގީގެ ނަމުގައި ކޮންމެވެސް ކަމެއްކުރަން ގަސް ކަނޑާލަނީއެވެ. އެތައް އަހަރެއް ވަންދެން ރަށަށް ހިމާޔަތްދެމުން ދިޔަ ގަސްތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަނޑާލަނީއެވެ. ފަޅު ރަށްރަށުންވެސް ގަސް ކަނޑަނީއެވެ. ހޭޅި ފަށުން ވެލި ނަގަނީއެވެ. ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކަށް ބޮޑެތި ފަޅުތަކާއި ފަރުތައް ހިއްކަނީއެވެ. ކުޅިތަކާއި ފާތައްވެސް ތަރައްގީގެ ނަމުގައި ހަލާކުކުރަނީއެވެ. އޭގެ އަސަރު ރަށްތަކަށް ކުރަމުންދަނީ ހީވެސް ނުކުރާ މިންވަރަށެވެ.

އެހެންކަމުން އަމިއްލަ އަތުން ތިމާވެއްޓަށް ދެމުންމިދާ ގެއްލުމާމެދު އަމިއްލަ ނަފުސާ ކޮންމެ މީހަކުވެސް ސުވާލުކޮށްލަންޖެހެއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ދައްކާއިރު ސަރުކާރާއި ރައްޔިތުން ގުޅިގެން މިކަން ކުރަންޖެހެއެވެ. ސިޔާސަތު އެކުލަވާލާ ހިސާބުން ފެށިގެން ކަންކަން ތަންފީޒުކުރަން ތިބި މީހުންނާއި ޚިދުމަތް ހޯދަންތިބި އާންމު ރައްޔިތުންވެސް މިކަމަށް ސަމާލުކަންދޭންޖެހެއެވެ. ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެންގެ ބޮޑު ސުވާލު: ހަމަލާގެ ހިލަމެއް އިންޓަލްއަށް ނުވަނީ؟

އެންމެންގެ ބޮޑު ސުވާލު: ހަމަލާގެ ހިލަމެއް އިންޓަލްއަށް ނުވަނީ؟

08 މެއި 2021
ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!

ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!

16 ނޮވެމްބަރު 2019
ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!

ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!

20 ސެޕްޓެމްބަރު 2019
ބިލްތައް ހަވާލުކޮށްދިނުމަކީ ގްރައުންޑް ފްލޯގައި ދިރިއުޅޭ ބައެއް ޒިންމާއެއްތަ؟

ބިލްތައް ހަވާލުކޮށްދިނުމަކީ ގްރައުންޑް ފްލޯގައި ދިރިއުޅޭ ބައެއް ޒިންމާއެއްތަ؟

26 ޖުލައި 2019
ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް

ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް

12 ޖުލައި 2019

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު