ކ. ގުރައިދޫ ދާއިރާގައި ހިމެނޭ، އެ އަތޮޅު މާފުށީގެ ރައްޔިތުން ބޭނުންވަނީ، ސަރުކާރުން ފަށާފައިހުރި ކަންކަމާއި އިއުލާންކޮށްފައި ހުރި މަޝްރޫއުތައް އަވަހަށް ނިމުން ކަމަށް, އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
މި ހަފްތާ ބަންދުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމެއް ވަނީ މާފުއްޓަށް ގޮސް, އެ ރަށުގައި ކެމްޕެއިންކޮށްފައެވެ. މި ކެމްޕެއިންގައި އާއްމުން ފާހަގަކުރި ކަންކަމާމެދު ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ނިޔާޒް ވިދާޅުވީ, އެ ކެމްޕެއިން ދަތުރުގައި ވާހަކަދެކެވުނު މީހުން ބުނަނީ ސަރުކާރާއެކު ތިބިކަމަށެވެ. އަދި އެމީހުން އެދެނީ ސަރުކާރުން އިއުލާންކޮށްފައިވާ ބްރިޖްފަދަ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެ ޔަގީންކަން ލިބުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވާކަމަށެވެ.
ނިޔާޒް ވިދާޅުވީ، ކުރިއަށް އޮތް ބައި އިލެކްޝަނާމެދު އެމްޑީޕީން ކުރާ އުންމީދު ބޮޑުކަމަށެވެ. ނިޔާޒް މިފަދައިން ވިދާޅުވެފައިވާއިރު، ގުރައިދޫ ދާއިރާއަކީ މީގެ ކުރިން އެމްޑީޕީއަށް ކާމިޔާބުކުރެވިފައި ނުވާ ދާއިރާއެއް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ބައި އިލެކްޝަންގައި އެމްޑީޕީއަށް ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ބައި އިލެކްޝަނާމެދު އެމްޑީޕީން ކުރާ އުންމީދާއި އެ އިންތިޚާބުގެ މުހިންމުކަމާމެދު ރާއްޖެ ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފައްޔާޒް ވަނީ ހޮނިހިރު ދުވަހު އެ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.
ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ)ވެސް ވަނީ އާއްމުން ތިބީ ސަރުކާރާއެކު ކުރިއަށް ދާން ތައްޔާރަށް ކަންކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އެ ދާއިރާގެ ރަށްތަކުގެ ތަރައްގީއަށް ދޭ އިސްކަން އެ ރައްޔިތުން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގެ މި 4 އަހަރުގެ ތެރޭގައި މިދާއިރާގެ 3 ރަށުގައި ވަނީ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފައެވެ. އޭގެތެރޭގައި ގުޅީގައި ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި، މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެންޑް ފަދަ މަޝްރޫއުތައް ވަނީ ނިންމާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި އަދި އެމްއެންޕީއެވެ. ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާދަމްއަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ލިބިވަޑައިގެންނެވިއިރު ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށެވެ.