ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 15:19
މި ގަރާރު ހުށަހެޅީ އަންހެން ސެކިއުރިޓީން ފިރިހެން މެންބަރުން ނެރެމުން ފާޑުކިއުން އަމާޒުވެފައިވާތީ
މި ގަރާރު ހުށަހެޅީ އަންހެން ސެކިއުރިޓީން ފިރިހެން މެންބަރުން ނެރެމުން ފާޑުކިއުން އަމާޒުވެފައިވާތީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ސެކިއުރިޓީ
އަންހެން ސެކިއުރިޓީއިންނަށް މަޖިލީހުން ފިރިހެން މެންބަރުން ނުނެރެވޭ ގޮތަށް ހުށަހެޅި ގަރާރު ބަލައިގަނެ، ކޮމިޓީއަށް
 
އެ ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އަށް ބަދަލު ގެނައުމަށް ހުށަހެޅުއްވި ގަރާރެއް
 
6 ފެބްރުއަރީގައި ފިރިހެން މެންބަރުން މަޖިލީހުން ނެރުމަށް އަންހެން މުވައްޒަފުން ހަރަކާތްތެރިވުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވި
 
މި ގަރާރު ބަލައިގަތުމަށް 44 މެންބަރުން ވަނީ ވޯޓު ދެއްވާފަ

އަންހެން ސެކިއުރިޓީއިންނަށް މަޖިލީހުން ފިރިހެން މެންބަރުން ނުނެރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާފެ (ބ) އަށް ބަދަލު ގެނައުމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރަށް އަންގާރަ ދުވަހު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން މި ގަރާރު ބަލައިގަތުމަށް 44 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މި ގަރާރަށް ވަކިގޮތަކަށް ވޯޓު ނުދެއްވާ 2 މެންބަރަކު ތިއްބެވިއެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މި ގަރާރަށް 18 މެންބަރަކު ވޯޓު ނުދެއްވައެވެ.

އެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގެންގުޅޭ އުސޫލުތައް އެހެން މުއައްސަސާތަކުގައި ވެސް އެފަދަ ކަންކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި އެއްގޮތަށް، ހަރުދަނާކުރުމަށް ޓަކައި ކަމަށް ރޮޒަައިނާ ވަނީ އެ ގަރާރުގައި ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ރޮޒައިނާ ވަނީ ހުށަހަޅުއްވާފައެވެ.

6 ފެބްރުއަރީ 2023ގައި މަޖިލީސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ނިޒާމް ގެއްލި، މަޖިލީހުގެ ބައެއް މެންބަރުންގެ ނަން އިއްވުމާއި ގުޅިގެން އެ މެންބަރުން މަޖިލީހުގެ މާލަން ދޫކޮށް ވަޑައިގަތުމަށް ދެކޮޅުހެއްދެވުމުން އެ މެންބަރުން މަޖިލީހުން ނެރުމުގައި މަޖިލީހުގެ ސެކިއުރިޓީ އިން މަސައްކަތް ކޮށްފައެވެ. ރޮޒައިނާގެ ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަަމުުގެ ތެރޭގައި އެ ދުވަހު މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓި އަންހެން މުވައްޒަފުންނަށް މީސްމީޑިއާގައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން ފަދަ ތަންތަނުގައި ހިނގާ އުސޫލުތަކަށް ބަލާއިރު އަންހެނުން ބަލާ ފާސްކޮށް ހައްޔަރުކުރަނީ އަންހެނުން ކަމާއި، ފިރިހެނުން ބަލާ ފާސްކޮށް ހައްޔަރުކުރުމުގައި ހަރަކާތްތެރިވަނީ ފިރިހެނުންކަން އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި އެ އުސޫލާއި ޚިލާފަށް މަޖިލީހުގައި ވެސް މީގެ ކުރިން އަމަލުކޮށްފައި ނުވާކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް 2023 ވަނަ އަހަަރަށް މަޖިލީސް ފެށުމުގެ ޖަލްސާގައި މަޖިލީހުން މެންބަރުން ނެރުމަށް ޓަކައި އަންހެން ސެކިއުރިޓީ އޮފިސަރުން ގައިގަ އަތްލާ، ދަމާ ކޫއްތާ މަންޒަރު އާއްމުވުމަކީ އާއްމު އިޖުތިމާއީ މިންގަނޑާއި ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ އަންހެން ސެކިއުރިޓީއިންގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަތައް މީސްމީޑިއާގައި ދެކެވުނުކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ކަންކަން ހިނގާފައިވާ ގޮތަށް ބެލުމަށް ފަހު ކުރިއަށް އޮތްތަނުގައި އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލުގެންނަން ރޮޒައިނާ ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި މަޖިލީހުގެ ޖަލްސާގައި ހާޒިރުވުމަށް ހުއްދަ އޮތް މީހަކު ފިޔަވައި އެ ނޫން މީހަކު ޖަލްސާ އެއް ހިނގަމުންދާ ވަގުތު މަޖިލީސްކުރާ މާލަމުގައި ނުބެހެއްޓުމަށް ހުށަހަޅުއްވާފައިވެއެވެ.

އަދި މާލަމުން މީހަކު ނެރޭނަމަ ފިރިހެނުން ނެެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާނީ ފިރިހެނުން ކަމާއި، އަންހެނުން ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނީ އަންހެނުން ކަމަށާއި އެ މަސައްކަތް ކުރާނީ މަޖިލީހުގެ އިންޓަރނަލް ސެކިއުރިޓީ އޮފިސަރުން ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް