ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 19:10
ފޯ ނޭޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ރާއްޖެ އާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން
ފޯ ނޭޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ރާއްޖެ އާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ފޯ ނޭޝަންސް ކަޕް
ތާރީޚީ ކާމިޔާބީއެއް، އަންހެން ޤައުމީ ޓީމު ފައިނަލަށް
 
އާދިއްތަ ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު ރާޢްޖެ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުން

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި މެލޭޝިޔާ ބަލިކޮށް ރާއްޖެ އިން ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މީގެ ކުރިން ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ވާދަކޮށްފަ އެވެ. އެ މެޗު މެލޭޝިޔާ އިން ކާމިޔާބު ކުރީ ފަސް ސެޓު ކުޅެގެންނެވެ. އާދިއްތަ ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު ރާޢްޖެ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެ އިން ފަށާފައިވަނީ ރަނގަޅަށެވެ. ސެޓު ފަށައިގެން ރާއްޖެ އިން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް މެލޭޝިޔާ އިން ވަނީ އެއްވަރުކޮށް، ސެޓުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފަ އެވެ. މެލޭޝިޔާ އިން ދެ ޕޮއިންޓުގެ ލީޑެއް ނަގާފައި ވަނިކޮށް ރާއްޖެ އިން 10-10 އިން ނަތީޖާ ހަމަހަމަކުރީ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު ވައްޓާލި މޮޅު ބޯޅަ އަކާއި، އައިމިނަތު ޝަހާ ޝާމިންގެ ސާވިސް އެއް މެލޭޝިޔާ އަށް ރިސީވް ނުވެގެންނެވެ. އޭގެ ފަހުން ރާއްޖެ އަށް ހެދުނު އަމިއްލަ ގޯސްތަކެއްގައި މެލެޝިޔާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާ ކުރުމާއެކު ރާއްޖޭގެ ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށް ފަހު ރާއްޖެ އިން ވަނީ ނަތީޖާ 13-13 އިން ހަމަހަމަކޮށްފަ އެވެ. ރާއްޖެ އިން ނަތީޖާ ހަމަހަމަ ކުރުމާއެކު މެލޭޝިޔާގެ ކޯޗު ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށް ފަހު ރާއްޖެ އަށް އަލުން ލީޑް ހޯދައިދިނީ ކެޕްޓަން ހައްވާ ރާޝިދާ (ޙައްވަ) އެވެ. ނަމަވެސް ރާއްޖެ އަށް ލީޑު ނުހިފޭއްޓި މެލޭޝިޔާ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެއާއެކު އަލުން ރާއްޖެ އަށް ލީޑު ލިބުނީ އައިޝަތު މާޖިދާ ފޮނުވާލި ހަމަލާއަކުންނެވެ. ރާއްޖެ އަށް 17-14 އަށް ލީޑު ފުޅާވީ ސެޓަރު ޖޫޒާންގެ ސާވިސް މެލޭޝިޔާ އަށް ރިސީވް ނުވެގެންނެވެ. ރާއްޖެ ލީޑު އިތުރަށް ފުޅާ ކުރީ ކެޕްޓަން ޙައްވަގެ ބާރު ހަމަލާ އިންނެވެ. ސެޓުގައި ރާއްޖެ އިން ވަނީ 19-14 އަށް ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް މެލޭޝިޔާ އިން ވަނީ ރަނގަޅު ހަމަލާތަކެއްގައި ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން 21-19 އަށް ލީޑު ފުޅާ ކުރީ ޝަހާ ޝާމިންގެ ބާރު ހަމަލާއަކުންނެވެ. ސެޓުގެ ފަހު ކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ރާއްޖެ އިން ލީޑު ކުރަމުން ދަނިކޮށް މެލޭޝިޔާ އިން ވަނީ 22-22 އިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެއަށްފަހު އަލުން ރާއްޖެ އަށް އެއް ޕޮއިންޓުގެ ލީޑެެއް ނަގައިދިނީ މާޖިދާ އެވެ. ސެޓުގައި ރާއްޖެ އިން ގޭމް ޕޮއިންޓު ހޯދީ ނަރީމާ އިދުރީސް (ނަންނި) ވައްޓާލި މޮޅު ބޯޅައަކުންނެވެ. ފުރަތަމަ ސެޓު 25-23 އިން ރާއްޖެ ކާމިޔާބު ކުރީ މާޖިދާގެ ބާރު ހަމަލާއަކުންނެވެ.

ފުރަތަމަ ސެޓާއި ޚިލާފަށް ދެ ވަނަ ސެޓު ރަނގަޅަށް ފެށީ މެލޭޝިޔާ އިންނެވެ. އެ ޓީމުން ސެޓު ފަށައިގެން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގީ ރާއްޖެ އަށް ރިސީވްގައި ދިމާވި މައްސަލަ އިންނެވެ. ރާއްޖެ އަށް މި ސެޓުގައި ހަމަނުޖެހިވިގެން އުޅެނިކޮށް، މެލޭޝިޔާ އިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖެ އިން މަޑުމަޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް، ފަރަގު ކުޑަ ކުރެވޭ ގޮތެއް ނުވި އެވެ. މެލޭޝިޔާ އިން ވަނީ 8-16 އަށް ލީޑު ފުޅާކޮށްފަ އެވެ. ސެޓުގައި މެލޭޝިޔާ އިން 11-20 އިން ލީޑު ނެގުމާއެކު ރާއްޖެ އިން ވަނީ އާމިނަތު ރިޔާޝާގެ ބަދަލުގައި ޙައްވާ ޝަޚާ ކުޅެން އަރުވައިފަ އެވެ. މި ސެޓުގައި ރާއްޖެ އަށް ވަނީ އަމިއްލަ ގިނަ ގޯސްތަކެއް ހެދިފަ އެވެ. ސެޓުގައި މެލޭޝިޔާ އިން 13-20 އިން ލީޑު ކުރަމުން ދަނިކޮށް ރާއްޖެ އިން ވަނީ ކެޕްޓަން ޙައްވަ ބަދަލުކޮށްފަ އެވެ. ޙައްވަގެ ބަދަލު ކުޅެން ނިކުތީ ފާތިމަތު ޝަމްހާ އެވެ. މީގެ އިތުރުން މާޖިދާގެ ބަދަލުގައި މަރިޔަމް އަޒުމާ ވެސް ވަނީ ކުޅެން އަރުވައިފަ އެވެ. ރާއްޖެ އަށް މާ ބޮޑު ކަމެއް ނުކުރެވުނު މި ސެޓު މެލޭޝިޔާ އިން ކާމިޔާބު ކުރީ 17-25 އިންނެވެ.

ތިން ވަނަ ސެޓުގައި ވެސް ރާއްޖޭގެ ފެށުން އެހާ ރަނގަޅެއް ނޫނެވެ. ސެޓުގެ ކުރީ ކޮޅު ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ދެ ވަނަ ސެޓެކޭ އެއް ގޮތަށް ރިސީވް ކުރުމުގެ މައްސަލަ އެވެ. މެލޭޝިޔާ އިން ހަތަރު ޕޮއިންޓުން ލީޑު ކުރަމުން ދަނިކޮށް ރާއްޖޭގެ ޝަހާ ޝާމިންގެ ބާރު ހަމަލާތަކުން ރާއްޖެ ވަނީ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އަލުން މެލޭޝިޔާ އިން ދެ ޕޮއިންޓަށް ފަރަގު ބޮޑު ކުރީ ޙައްވަގެ ސާވިސް ގެއްލުމުންނެވެ. އެއަށްފަހު މާޖިދާ ވަނީ އަނެއްކާ ވެސް ރާއްޖެ އަށް އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްދީފަ އެވެ. ރާއްޖެ އިން 11-11 އިން ނަތީޖާ ހަމަހަަމަ ކުރީ މެލޭޝިޔާ އަށް ޝަހާ ޝާމިންގެ ސާވިސް ރިސީވް ނުވުމުންނެވެ. ރާއްޖެ އަށް 13-12 އިން ލީޑު ލިބުނީ މެލޭޝިޔާ އިން ފޮނުވާލި ބޯޅައެއް ނެޓަށް ދިޔުމުންނެވެ. އެ ރޫޙުގައި ރާއްޖެ އިން ކުޅެމުން ގޮސް، ޙައްވަ ވަނީ ލީޑު ދެ ޕޮއިންޓަށް ބޮޑުކޮށްފަ އެވެ. ނަމަވެސް މާޖިދާގެ ސާވިސް ނާކާމިޔާބުވެ ފަރަގު އެއް ޕޮއިންޓަށް ކުޑަވި އެވެ. އޭގެ ފަހުން މެލޭޝިޔާ އިން ވަނީ ނަތީޖާ ހަމަހަމަކޮށް، 14-15 އިން ލީޑު ވެސް ނަގައިފަ އެވެ. އެއާއެކު ކޯޗު ނިޒާރު ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށްފަހު ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދީ، އަލުން އެއް ޕޮއިންޓުގެ ލީޑެއް ނަގައިދިނީ ވެސް ޙައްވަ އެވެ. ރެފްރީގެ ނިންމުމާމެދު ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅު ކުރުމުން މެލޭޝިޔާގެ ކޯޗަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. ރާއްޖެ އިން އެއް ޕޮއިންޓުގެ ލީޑެއް ނަގާފައި ވަނިކޮށް، 17-17 އިން ނަތީޖާ އެެއްވަރުވީ ޖޫޒާންގެ ސާވިސް ނެޓަށް ދިޔުމުންނެވެ. ނަމަވެސް މެލޭޝިޔާގެ ދެ ހަމަލާއެއް ބޭރަށް ދިޔުމުން އަލުން ރާއްޖެ ވަނީ 19-17 އިން ލީޑު ނަގައިފަ އެވެ. ޙައްވަގެ ސާވިސް އެއް ނާކާމިޔާބުވެ، ފަރަގު ކުޑަވި ނަމަވެސް، މެލޭޝިޔާ އިން ފޮނުވާލި ބޯޅަ ބޭރަށް ދިޔުމުން ރާއްޖެ އަށް ލީޑު ހިފެހެއްޓުނެވެ. ރާއްޖެ އިން ވަނީ މުހިންމު ބޯޅަތަކެއްގައި ރަނގަޅު މަސައްކަތެއްކޮށް، 21-19 އަށް ލީޑު ނަގައިފަ އެވެ. ސެޓުގައި ރާއްޖެ އަށް ލީޑު ތިން ޕޮއިންޓަށް ފުޅާކޮށްދިނީ މާޖިދާ އެވެ. ނަމަވެސް ޝަމްހާގެ ސާވިސް ނާކާމިޔާބުވެ، ދެ ޕޮއިންޓަށް ފަރަގު ކުޑަވި އެވެ. އަލުން ރާއްޖެ އަށް 23-20 އިން ލީޑު ނަގައިދިނީ ވެސް މާޖިދާ އެވެ. ސެޓުގައި ރާއްޖެ އަށް ގޭމް ޕޮއިންޓު ލިބުނީ މެލޭޝިޔާގެ ކުޅުންތެރިޔަކު ނެޓުގައި ޖެހުމުންނެވެ. އޭގެ ފަހުން މެލޭޝިޔާ އިން ވަނީ ސެ ޕޮއިންޓު ހޯދައި، 24-22 އަށް ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން އިތުބާރާއެކު ކުޅެ ސެޓު ނިންމާލީ 25-22 އިންނެވެ.

ރާއްޖެ އިން ހަތަރު ވަނަ ސެޓަށް ނިކުތީ ބޮޑު އިތުބާރަކާއެކު އެވެ. ސެޓު ފަށައިގެން ރާއްޖެ އިން ވަނީ ރަނގަޅަށް ކުޅެ، ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖެ އިން 6-2 އިން ލީޑު ކުރަމުން ދަނިކޮށް، މެލޭޝިޔާ އިން ވަނީ 6-6 އިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެއަށްފަހު އެ ޓީމުން އެއް ޕޮއިންޓުގެ ލީޑެއް ނެގީ ރާއްޖޭގެ ޙައްވަ ފޮނުވާލި ބޯޅަ ބޭރަށް ދިޔުމުންނެވެ. އޭގެ ފަހުން މެލޭޝިޔާ އިން ވަނީ 6-9 އަށް ލީޑު ފުޅާކޮށްފަ އެވެ. އެއީ ރާއްޖޭގެ ކުޅުންތެރިންނަށް ހަމަނުޖެހިވި، އަމިއްލަ ކޯޓު ތެރެއަށް ބޯޅަ ވެއްޓިގެންނެވެ. މެލޭޝިޔާ އިން އެއަށްފަހު ހަތަރު ޕޮއިންޓަށް ލީޑު ފުޅާކުރުމާއެކު ރާއްޖޭގެ ކޯޗު ނިޒާރު ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށްފަހު ރާއްޖެ އިން ވަނީ 8-11 އަށް ފަރަގު ކުޑަކޮށްފަ އެވެ. އެއަށްފަހު ޝަހާ ޝާމިންގެ ދެ ހަމަލާ އަކުން ރާއްޖެ އިން ވަނީ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ރާއްޖެ އިން 11-11 އިން ނަތީޖާ ހަމަހަމަ ކުރީ މެލޭޝިޔާ ކުޅުންތެރިން ބޯޅަ ގެއްލުވާލުމުންނެވެ. އޭގެ ފަހުން މެލޭޝިޔާ އިން އެއް ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ރާއްޖެ އިން ނަތީޖާ ހަމަހަމަކުރި އެވެ. އަލުން މެލޭޝިޔާ އިން ވަނީ 12-14 އިން ލީޑު ނަގައިފަ އެވެ. ރާއްޖެ އަށް އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްދިނީ މާޖިދާ އެވެ. ނަމަވެސް ރާއްޖެ އަށް ކުދިކުދި ގޯސްތަކެއް ހެދި މެލޭޝިޔާ އިން ވަނީ 14-16 އަށް ލީޑު ފުޅާކޮށްފަ އެވެ. އޭގެ ފަހުން ރާއްޖޭގެ ޖޫޒާން ކުރި ބްލޮކަކާއި، ޝަހާ ޝާމިންގެ ހަމަލާއަކުން ރާއްޖެ އިން ވަނީ 16-16 އިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރާއްޖެ އަށް 17-16 އިން ލީޑު ލިބުނީ މެލޭޝިޔާ އަށް ހެދުނު ގޯހަކުންނެވެ. އޭގެ ފަހުން މެލޭޝިޔާ އިން ވަނީ އެއްވަރުކޮށް، 17-18 އިން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް ޙައްވަގެ ހަމަލާއިން ރާއްޖެ އިން ނަތީޖާ ހަމަހަމަކުރި ނަމަވެސް އަނެއްކާ ވެސް މެލޭޝިޔާ އިން ލީޑު ނެގި އެވެ. މެލޭޝިޔާ އިން ރާއްޖޭގެ ކޯޓަށް ވައްޓާލި ބޯޅަ އަކަށް ނުކުޅެވި، މެލޭޝިޔާ އިން ވަނީ 18-21 އަށް ލީޑު ފުޅާކޮށްފަ އެވެ. އޭގެ ފަހުން މެލޭޝިޔާ އިން ލީޑު ފުޅާ ކުރީ ރާއްޖެ އަށް ބޮޑު ގޯހެއް ހެދިގެންނެވެ. ރާއްޖޭގެ ކޯޓުގެ މެދަށް ބޯޅަ ވެއްޓުނީ ކުޅޭނެ އެއްވެސް ކުޅުންތެރިޔަކު ނެތި އެވެ. ވާދަވެރިކޮށް ދިޔަ ސެޓުގެ ފަހު ވަގުތު ރާއްޖެ އަށް ގޯސްތަކެއް ހެދުނެވެ. މެލޭޝިޔާ އިން ސެޓުގެ ގޭމް ޕޮއިންޓު ހޯދީ، ރާއްޖެ ކޮޅަށް މަޑުމަޑުން ބޯޅަ ވައްޓާލައިގެންނެވެ. މެލޭޝިޔާ އިން 21-25 އިން ސެޓު ނިންމާލައި، ސެޓުގެ ގޮތުން އެއްވަރު ކުރި އެވެ.

ނަތީޖާ ނެރުމަށް ކުޅުނު ސެޓު ފަށައިގެން ރަނގަޅަށް ކުޅުނީ މެލޭޝިޔާ އެވެ. މި ސެޓުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ޝަމްހާ ވަނީ ކާމިޔާބު ސާވިސްތަކެއްކޮށްފަ އެވެ. ރާއްޖެ އިން ވަނީ ސެޓުގެ މެދު ތެރެއިން ލިބުނު ލީޑު ހިފަހައްޓައި 15-7 އިން ސެޓު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލްގައި ރާއްޖެ ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް