ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 15:48
ރަންތާޖު ޤުރުއާން މުބާރާތުގެ މާލެ ސިޓީ އޮޑިޝަންގެ ތެރެއިން
ރަންތާޖު ޤުރުއާން މުބާރާތުގެ މާލެ ސިޓީ އޮޑިޝަންގެ ތެރެއިން
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތް: އޮޑިޝަނުން ހޮވާ 20 ބައިވެރިން ހޮވުން މާދަމާ
 
3 ލައްކަ ރުފިޔާގެ އިނާމަކާއި އެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފަ
 
3 ފަނޑިޔާރުންގެ ނަން އަންނަ ހަފްތާގައި އިޢުލާންކުރާނެ

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް، "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ހޮވާ 20 ބައިވެރިން މާދަމާ ހޮވަންފަށާނެއެވެ.

މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 20 ފަރާތް ހޮވުމުގެ ކަންކަން ކުރިއަަށްދާނީ، މުބާރާތުގައި ކިޔެވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ކިޔެވުމަށް ޖަޖުން ބެއްލެވުމަށްފަހުގައެވެ. އަދި ފައިނަލް 20 ބައިވެރިން މިހަފްތާގައި އިއުލާންކުރާނެއެވެ.

ނިމިދިޔަ ހަފްތާގައި މުބާރާތުގެ އޮޑިޝަންތައް ނިންމާލީ ޖުމުލަ 111 ބައިވެރިންނާއި އެކުގައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއި އެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލޭގެ ސޯޝަލް ސެންޓަރގައި މި މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ދިޔަ އޮޑިޝަންތަކުގައި ބައިވެރިވެފައި ވަނީ 62 ފަރާތެކެވެ. މާލެ ފިޔަވާ "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން ބާއްވާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

މި މުބާރާތުގެ އޮޑިޝަން މަރުހަލާ އާއި ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަން އިން ވަރަށް ހުނަރުވެރި ބައިވެރިން ފެނިގެން ދިޔަ ކަމަށާއި މުބާރާތާއި މެދު ކުރާ އުންމީދުތައް ގިނަ ކަމަށެވެ. އަދި މި މުބާރާތުގެ ބައިވެރިންގެ ތެރޭގައި ޒުވާނުން ގިނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ ޤުރުއާން ކިޔެވުމުގެ ހުނަރު ހުރި އާ ތަރިންތަކެއް ފެނިގެންދާނެ މުބާރާތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ގާރީ އިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޮޑިޝަންތަކުގައި ފަނޑިޔާރުކަން ކުރައްވާފައި ވަނީ އެކި ސަރަހައްދުތަކަށް ޤާރީ އިން ބަހާލައިގެން، ކޮންމެ ސަރަހައްދެއްގައި 3 ފަނޑުޔާރުންނެވެ. މުބާރާތުގައި ވާދަކުރުމަށް އޮޑިޝަން މަރުހަލާ އިން ހޮވާނީ ޖުމުލަ 20 ބައިވެރިންނެވެ.

އާމިރު ވިދާޅުވީ އެ 20 ބައިވެރިން ހޮވާނީ އެންމެ މަތިން މާކްސް ލިބިފައިވާ ކުދިންގެ ވީޑިއޯ އޮޑިޝަންތައް ބެލުމަށް ފަހުގައި ކަމަށެވެ. އޮޑިޝަންތަކުގެ ބައި ނިމުމަށްފަހު ވަކިވަރަކަށްވުރެ މަތިން މާކްސް ލިބޭ 30 ނުވަތަ 35 ބައިވެރިން ކަނޑައަޅާނެކަމަށް ރަންތާޖުގެ ޓީމުން ވަނީ ހާމަކޮށްފައެވެ. އެ ވީޑިއޯ އޮޑިޝަންތައް ބަލާނީ 10 ފަނޑިޔާރުން ހިމެނޭ ޖަޖުންގެ ޕެނަލް އިންނެވެ.

މިހާރު ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން، "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނެ 3 ފަނޑިޔާރުންގެ ނަން ވެސް ދާދި އަވަހަށް އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް