ވެޖިޓެކް ފަރުމާ ކޮށްފައިވަނީ ދަނޑުގެ ކަންކަން އުނގެނޭނެ ޑިޖިޓަލް ލެބޯޓްރީއަކާ އެކު

ވެޖިޓެކް" ދަނޑަކީ ޝާރްޖާގެ ހަނަފަސް ސަހަރާގައި 2020 ވަނަ އަހަރު ތަޢާރަފު ކުރި 240000 އަކަ މީޓަރުގެ ދަނޑެއް
މޫސުމީ ގޮތުން ބަލާއިރު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ހަނަފަސް ސަހަރާތަކަކީ ތިޔާގި ދަނޑުވެރިކަމެއްގެ ހުވަފެން ދެކެމުންދާ މީހަކު، އެ ފަދަ މަސައްކަތެއް ފަށަން ޚިޔާރު ކުރާނެ ބިމަކަށް ނުވެދާނެއެވެ. ނަމަވެސް، ދަނޑުވެރިކަމުގެ ސިނާޢަތާއި ޒަމާނީ ޓެކްނޮލޮޖީ މަސްހުނިވެގެން އުފެދުނު ސްމަރޓް ޓެކްނޮލޮޖީ ދަނޑުވެރިކަމާއެކު، ޔޫއޭއީއަށް ކުރިމަތިލާން ޖެހިފައި އޮތް ގޮންޖެހުންތަކަށް މި ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައެވެ.
ޝާރްޖާގެ ހަނަފަސް ސަހަރާގައި 2020 ވަނަ އަހަރު ތަޢާރަފު ކުރި 240000 އަކަ މީޓަރުގެ "ވެޖިޓެކް" ދަނޑަކީ އަހަރުގެ ކޮންމެ ހިސާބެއްގައި ބަލާލި ކަމުގައި ވީ ނަމަވެސް، އުފެއްދުންތެރިކަން ތިޔާގި ދަނޑެކެވެ. ވެޖިޓެކް ދަނޑަކީ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ދަނޑުވެރި ކަމުގެ އާދަތަކާއި ސްމަރޓް ޓެކްނޮލޮޖީގެ އުކުޅުތައް ބޭނުންކުރާ ދަނޑެކެވެ.
ވެޖިޓެކް ދަނޑުން ފާހަގަކޮށްލެވޭ އެއް ސަރަޙައްދަކީ، 9 ފަންގިފިލާއަށް އޮލަނބަށް ހައްދަމުންދާ ތަރުކާރީ ދަނޑެވެ. ވަކި ހާއްސަ ކޮންޓްރޯލެއްގެ ދަށުން ހައްދަމުންދާ އެ ދަނޑުގައި އެންމެ ވެލިފުކެއްގެ މިންވަރުވެސް ނެތެވެ.
ޖަގާއާއި އުފެއްދުންތެރިކަމުގެ ހިސާބުތައް ޖަހައިގެން އެކުލެވާފައިވާ ހާއްސަ ނިޒާމެއްގެ ތެރެއިން، ފަތް-ތަރުކާރީގެ އުފެއްދުންތައް، ކޮންމެ 27 ދުވަހަކުން ބާޒާރަށް ނެރެއެވެ.
ހަނަފަސް ސަހަރާއެއްގެ މެދުގައި ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކޮށް، އެންމެ ރަނގަޅު ކޮލިޓީގެ މޭވާއާއި ތަރުކާރީ ހެއްދުމަކީ، އެކަމަށް ހާއްސަ ދިރާސާތަކެއް ކުރަން ޖެހޭނެ ކަމެއްކަން ކޮންމެ މީހަކުވެސް ޤަބޫލު ކުރާނެއެވެ.
ވެޖިޓެކް ފަރުމާ ކޮށްފައިވަނީ ދަނޑުގެ ކަންކަން އުނގެނޭނެ ޑިޖިޓަލް ލެބޯޓްރީއަކާވެސް އެކީގައެވެ. ގަސްތަކަށް ހާއްސަ ލެޑް ލައިޓްއާއި، ގަސްކާނާގެ ހާއްސަ ރެސިޕީތައް ތައްޔާރު ކުރަނީ މި ލެބޯޓްރީގައެވެ. ކޮންމެ ގަހަކަށް ހާއްސަކޮށެވެ.
ދަނޑުގެ އަނެއް ފަރާތުގައި އޮތީ މީގެ ކުރިން އެއްވެސް ދިރުމެއް ނެތް ހަނަފަސް ސަހަރާއެއް ނަމަވެސް، މިއަދު އެއީ ހައިޑްރޯޕޮނިކްސްއިން އާރޯކޮށްފައިވާ ސަރަޙައްދެކެވެ. ހައިޑްރޯޕޮނިކްސް ޓެންޓު ފަރުމާކޮށްފައި ވަނީ ވީހާވެސް މަދު ހަކަތައާއި ފެން އަދި ގަސްކާނާ ބޭނުންކޮށްގެން ގަސްތައް ހެއްދޭ ގޮތަށެވެ. ދަނޑުގެ ސިއްރަކީ ރީސައިކަލް ކުރުމުވެ. ނުވަތަ އުކާލާ އެއްޗިހީގެ ތެރެއިން އަލުން ބޭނުން ކުރެވެން ހުރި އެއްޗެއް، ދެވަނަ ފަހަރަށް ބޭނުން ކުރުމެވެ.
ހަނަފަސް ސަހަރާގެ ވެލި ބޭނުން ކޮށްގެން، ވެޖިޓެކްއިން ދަނީ ޒަމާނުއްސުރެ ކުރާ އޯޕަން ފާމިންގް ދަނޑުވެރިކަމާއި ޒަމާނީ ސްމަރޓް ގްރީންހައުސްތައް ކާމިޔާބު ކަމާއެކު ހިންގަމުންނެވެ. މިތަންތަނުގައި 60 އަށް ވުރެ ގިނަ ބާވަތުގެ މޭވާއާއި ތަރުކާރީ ހައްދައެވެ.