ބުރުޖުލްޢާމިރީ އަކީ، މެޑިޓަރޭނިއަން ސަރަޙައްދުގެ ޙަޟާރާތްތަކަށް، އެންމެ ތިޔާގި ކަމާއެކު ގޮދާނާއި، އެނޫންވެސް ގޮވާމުގެ ބާވަތްތައް އުފައްދާ، ސަޕްލައި ކޮށްދޭ މަންޒިލް

ޙަސަން ޝަތޫވީ؛ ތޫނިސްގެ ދަނޑުވެރިއެއް
ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ދަތި، އަނދަގޫ، އަޑިގުޑަންތަކުން ސަލާމަތްވެވެން އޮތީ އެކަމުން އަރައިގަންނަން މަސައްކަތް ކޮށްގެންނެވެ. ގޯހުން ގޯހަށް ކަންކަން ދިޔަ ނުދީ، އިތުރު އެހެން ގޮތެއް އޮތްތޯ ބަލާ، އެ މަގަކުން ދަތުރުވެސް ކޮށްގެންނެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ދުނިޔެއަށް ކުރިމަތިލާންޖެހިފައި ވާ އެތައް ގޮންޖެހުމެއްގެ ތެރެއިން، އަލި މަގަކަށް ނުކުތުމަށް މަސައްކަތް ކުރާ އެކަކީ، ތޫނިސްގައި ގޮދަން ގޮވާން ކުރަމުން އަންނަ ޙަސަން ޝަތޫވީއެވެ.
އިންތިހާ ހަނަފަސްކަމުގެ ސަބަބުން ދަނޑުވެރިކަމުގެ މަސައްކަތަށް ހީނަރުކަމާ ކުރިމަތިވެފައި އޮތެއް ކަމަކު، ޝަތޫވީ އުންމީދު ކަނޑައެއް ނުލައެވެ. ހިތްވަރު ލިބިގަތީ ކާބަފައިންގެ މަސައްކަތުންނެވެ. ހަނަފަސްކަމަށް އަހުލުވެރިވާނެ ގޮތްތައް ހޯދާ ބަލަން ފެށިއެވެ. އަދި އިހު ޒަމާނުގައި ގޮދަން ގޮވާން ކުރަމުން އައި ގޮތަށް، އެ ބާވަތްތައް ބޭނުން ކޮށްގެން ދަނޑު ގޮވާން ކުރުމުގެ މަސައްކަތް ފެށިއެވެ. ޝަތޫވީގެ އުންމީދަކީ، މުޅި އަހަރު ދުވަހުވެސް ގޮދަން ކެނޑޭވަރުވުމެވެ.
ޢާންމުކޮށް ބޭނުން ކުރާ ގޮދަން މުޑުވަކާ ތަފާތު މުޑުވަކެއް ބޭނުން ކޮށްގެން އޭނާ ކުރަމުންދާ ތަޖުރިބާ އަކީ، ކޮންމެކޮންމެ ތަނެއްގައި ކާމިޔާބު ކުރެވިދާނެ ކަމެއް ކަމަކަށް ޝަތޫވީ ޤަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް، އިންތިހާ މަދުން ވާރޭ ވެހުމާއި، އާދަޔާ ޚިލާފަށް ހޫނު ގަދަވެގެން ދިޔަ ސިލްސިލާ އަހަރުތަކަކަށް ފަހު، މި ބަދަލުންވެސް ކޮންމެވެސް ވަރެއްގެ އެހީއެއް ލިބޭނެ ކަމަށް ޝަތޫވީ ލަފާ ކުރެއެވެ.
ޝަތޫވީގެ ދަނޑު އޮންނަނީ ތޫނިސްގެ އުތުރުގެ ސަރަޙައްދެއް ކަމަށް ވާ ބުރުޖުލްޢާމިރީގައެވެ. ޤަދީމީ ރޯމަނުންގެ ޒަމާނާ ހިސާބަށް މާޒީގެ ޞަފްޙާތައް ބަލާއިރު، ބުރުޖުލްޢާމިރީ އަކީ، މެޑިޓަރޭނިއަން ސަރަޙައްދުގެ ޙަޟާރާތްތަކަށް، އެންމެ ތިޔާގި ކަމާއެކު ގޮދާނާއި، އެނޫންވެސް ގޮވާމުގެ ބާވަތްތައް އުފައްދާ، ސަޕްލައި ކޮށްދޭ މަންޒިލެވެ. ނަމަވެސް، މިއަދު ތޫނިސްއަކީ، އެ ޤައުމުން އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ ގިނައިން، ގޮދަން އިމްޕޯޓް ކުރާ ޤައުމެކެވެ.
އުތުރު އެފްރިކާ ސަރަޙައްދުގައި އެތައް އަހަރަކަށް ދިގުލާފައި ވާ ހަނަފަސްކަމުގެ ސަބަބުން، ތޫނިސްގެ ފެނުގެ އާރުތަކާއި ރިޒާވްތައް ވަނީ މުޅިންހެން ހުސްވެފައެވެ. ދަނޑުބިންތަކުގައި ދިރިމެއް ނެތެވެ. ވިދިވިދިގެން ކުރިމަތިވި އިންތިހާ ގަދަ ހޫނު މޫސުމުގެ ސަބަބުން، ބާކީ އޮތް ދަނޑުބިންތައްވެސް ހަނާވެފައި އޮތްފަދައެވެ.
އަހަރުގެ ހޫނު މޫސުމުގައި އެންމެ ފަހަރަކު ގޮދަން ކަނޑަން ބަރޯސާވުން ދޫކޮށްލުމަކީ، ކަންކަން ގޯސްވާ އަހަރުތަކުގައިވެސް ގޮދަން ލިބޭނެ ކަމަކަށް ވާނެ ކަމަށް ޝަތޫވީ އުންމީދު ކުރެއެވެ. ޝަތޫވީގެ އިތުރުން، ދަނޑުވެރިންގެ އިއްތިހާދުތަކުގެ އޮފިޝަލުންވެސް ވަނީ، ތޫނިސްގެ ބައެއް ދަނޑުވެރިން، އިހުގެ މުޑުވަށް ބޭނުން ކުރަން ފަށާފައި ވާ ކަމަށް ބުނެފައެވެ. ނަމަވެސް، އިހުގެ މުޑުވަށް އިންދާ، ހެއްދުމުގެ މާ ބޮޑު ތަޖުރިބާތަކެއް ނެތެވެ. ހުރީ އިހުގެ ލިޔެކިޔުންތަކުން ފެންނަން އޮތް އެއްޗެއް އެކަންޏެވެ.
ތޫނިސްގައި ތިބި ދަނޑުވެރިކަމުގެ ތަޖުރިބާކާރުންގެ ހިތްތަކުގައި، އިހުގެ ގޮދަން މުޑުވަކާއި މެދު، މާ ބޮޑު ޔަޤީން ކަމެއް ނެތެވެ. މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުން ދަނޑުވެރިންނަށް ސަލާމަތް ވެވިދާނެ ކަމާ މެދު ސުވާލު އުފައްދައެވެ. ފަހުގެ މުޑުވަށްތަކަކީ، ކަނޑަން ލިބޭ ގޮވާން ގިނަ މުޑުވަށްތަކެއްކަންވެސް އެމީހުން ފާހަގަ ކުރެއެވެ.
ޝަތޫވީ، ދަނޑުތަކުގައި މަސައްކަތް ކުރަން ފެށީ އޭނާގެ ޢުމުރުން އެންމެ 12 އަހަރުގައެވެ. މިއަދު އޭނާގެ ޢުމުރުން 64 އަހަރު ފުރިފައި ވާ އިރު، ޒުވާރިއާއި، ބާރުލީ އަދި ގޮދަނުގެ އިހުގެ މުޑުވަށް ހޯދާ، އިންދާ، ހެއްދުމަށް، އޭނާ ދަނީ ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ.
އަހަރުތަކެއް ވަންދެން އޭނާ ދަނޑުވެރިކަން ކުރަމުން އައީ އޭނާގެ ޢާއިލާގައި ޖީލުތަކެއް ވަންދެން ބޭނުން ކުރަމުން އައި، އަދި ބައްޕަ އޭނާއަށް ފޯރުކޮށްދީފައިވާ އޮށް ބޭނުން ކޮށްގެންނެވެ.
ތޫނިސްގެ އޮށުގެ ޖީން ބޭންކުން އިހުގެ ބައެއް ބާވަތްތައް ބޭނުންކޮށްފައިވާ ކަމަށް ޝަތޫވީ ބުނެއެވެ. އަދި ޢާއިލީ ވާރުތައެއް ކަމަށް ބުނި އެހެން ދަނޑުވެރިންގެ އޮށް އެއްކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި ޖީން ބޭންކުގައި ރަޖިސްޓްރީ ނުކުރާ ބައެއް ބާވަތްތައް ވެސް ހިމެނޭ ކަމަށް ޝަތޫވީ ބުނެއެވެ.
ވަރލްޑް ބޭންކުގެ ރެކޯޑްތަކަށް ބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުގެ ނުރައްކާ އެންމެ ބޮޑު، ނާޒުކު ޤައުމުތަކުގެ ލިސްޓްގައި ޓިއުނީޝިއާއޮތް ކަމަށް ބެލެވޭއިރު، ފިނިހޫނުމިން މަތިވުމާއި، ހިކިކަން އިތުރުވުމާއި، ވާރޭވެހުން މަދުވުމާއި، ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އިޖްތިމާޢީ އިޤްތިޞާދީ އަދި ތިމާވެށީގެ ސަބަބުން ޚާއްޞަކޮށް ފެނުގެ ވަސީލަތްތަކާއި، ދަނޑުވެރިކަމާއި، އިކޯސިސްޓަމްތަކާއި، އައްސޭރިފަށުގެ ސަރަޙައްދުތަކާއި، ސިއްޙަތާއި، ފަތުރުވެރިކަމުގެ ދާއިރާތަކަށް އަސަރުކުރާނެއެވެ.