ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 11:41
ގދ. ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއު
ގދ. ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއު
އެމްޓީސީސީ
ތަރައްގީގެ މަޝްރޫއުތައް
އަހަރުގެ މިހާތަނަށް 8 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގައިފި
 
ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތަކަށް 3.1 ބިލިއަން ރުފިޔާ ޚަރަދުކުރި
 
ފެނާއި ނަރުދަމާގެ މަސައްކަތަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

އަހަރުގެ މިހާތަނަށް 8.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ހިންގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތުން ކޮށްފައިވާ ޚަރަދު ވަނީ 39.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓުތަކަށް 8.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއަހަރުގެ މިހާތަނަށް މި މަސައްކަތަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. ހަމައެކަނި ނަރުދަމާގެ މަސައްކަތަށް 59.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފެނާއި، ނަރުދަމާގެ މަސައްކަތަށް 1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ރައްކާތެރި ފެނުގެ ނިޒާމު ގާއިމްކުރުމަށް 234.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތަކަށް 3.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން ބަނދަރު ތަރައްގީކުރުމަށް 884.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބްރިޖްގެ މަސައްކަތަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއަރޕޯޓު ތަރައްގީކުރުމަށް 524.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޕޯޓު ތަރައްގީކުރުމަށް 7.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ގެދޮވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް 649 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާއިރު، މިސްކިތާއި، ސޯޝަލް ސެންޓަރުތައް އަދި ކުޅިވަރާ ގުޅުންހުރި މަޝްރޫއުތަކަށް 283 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ބިން ހިއްކުމާއި މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން މަގު ހެދުމަށް 804 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބިން ހިއްކުމަށް 473 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫއުތަކަށް 62.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި މަޝްރޫއުތަކާއި، ކޯޓު އިމާރާތްކުރުމާއި، ރިހެބިލިޓޭޝަންގެ އިތުރުން ކަސްޓަމްސްގެ ޚިދުމަތާ ގުޅުންހުރި މަޝްރޫއުތައް ހިންގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް 152.8 ބިލިއަން ރުފިޔާ މި ސިނާއަތަށް ވަނީ ޚަރަދުކޮށްފައެވެ. ތައުލީމީ ސިނާއަތް ކުރިއެރުވުމަށް ޔުނިވަރސިޓީ އަދި ސްކޫލްތަކުގެ މަޝްރޫއުތަކަށް މިހާތަނަށް 380.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން 662 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އޭގެތެރޭގައި ކުނި މެނޭޖުކުރުމާއި، ގޮނޑުދޮަށް ހިމާޔަތްކުރުމާއި، ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި، އިޔާދަކުރަނިވި ހަކަތަ ގާއިމުކުރުމުގެ އިތުރުން ތިމާވެއްޓާ ގުޅުންހުރި އެހެނިހެން މަޝްރޫއުތައް ހިމެނެއެވެ.

އޮފީސްތަކާއި ކައުންސިލްތައް ތަރައްގީކުރުމަށް 87 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް 34.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެހެނިހެން މަޝްރޫއުތަކަށް 77.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ރަށްރަށަކީ ދަތިކަމެއްނެތި އުޅެވޭނެ ތަންތަނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް