ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 10:03
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރައީސް ޔާމީން އެ ވިދާޅުވާ ޒާތުގެ ގޮތް ވާ އިންތިޚާބުތައް...
 
ބޮޑުތަނުން ބަލިވި 2018 ގެ އިންތިޚާބު އަދިވެސް ބަލައި ނުގަނޭ

ބައެއް ފަހަރަށް ބުނެވޭ ބަހަކުން ނުވަތަ ކުރާ ކަމަކުން އިހު ހިނގި ކަންކަމުގެ ހަނދާން އިތުރަށް އާވެގެން އާދެއެވެ. އެވާހަކަތައް އިތުރަށް އަނެއްކާ ވެސް ދައްކާން ފެށެއެވެ. އެބީދައިން ބަލާއިރު، ކުރީގެ ރައީސް ޔާމީން އަނެއްކާ ވެސް އައު ވާހަކަފުޅެއް ދައްކަވާ ކުރިން ހިނގާފައިވާ "ހިނި އަންނަ ޒާތުގެ" ކަންތައްތަކަކާއި އެ ވިދާޅުވާ ފަދައިން "މޫނުގައި އަތްއަޅަން" ޖެހޭފަދަ އެތައް ކަމެއް އަނެއްކާ ވެސް އާވެއްޖެއެވެ. ސިޔާސީ ޕާޓީއަކުން ބޭއްވި އިންތިޚާބެއްގެ ވާހަކަ އެމަނިކުފާނު ވިދާޅުވީމާ އެ ވިދާޅުވާފަދަ ގޮތަކަށް "މޫނުގައި އަތްއަޅަން ޖެހޭ" އޭރުގެ އިންތިޚާބްތަކެއް "ރީކޯލް" ވެއްޖެއެވެ.

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކާއި އެ އިންތިޚާބުގައި ވޯޓުލީ ގޮތާއި އެވޯޓު ގުނަން ފުލުހުން ފޮނުވި ވާހަކަ އާއި އެއާއެކު ކޮންމެ ވެސް އެއްޗެއް ގަންނަ ވާހަކަ ވިދާޅުވުމުން ސޯޝަލް މީޑިއާގައި ފަތުއަޑު ކިޔާފައި އެ ވާހަކަތައް އަނެއްކާވެސް ފެތުރެން ފަށައިފިއެވެ. ރައީސް ޔާމީންގެ ބާރާއި އާރުގައި ބޭއްވި އިންތިޚާބުތަކަށް ވީ ގޮތުގެ ވާހަކަތައް މީހުން ހީނހީނފައި ދައްކާން ފަށައިފިއެވެ.

ފުރަތަމަ ރައީސް ޔާމީން އެ ވިދާޅުވާ ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޚާބުން ފަށަމާ ހިނގާށެވެ. ފުރަތަމަ ކަމަކަށް އެ އިންތިޚާބު ދިޔަގޮތުން އެއީ އެވެރިން މީހަކު ހޮވާކަށް ބޭއްވި އިންތިޚާބެއް ހެނެއް ހީއެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް ފެނުނީ ރައީސް ޔާމީންގެ ވެރިކަމުގައި އޮތް "ހައްޤުތައް ކަށަވަރުކޮށް ދިނުން" ޓެސްޓުކޮށްލައި މީހުން ހަރަކާތްތެރިވުމަށް ކުރި ކަމެއްގެ ގޮތުގައެވެ. ކޮންކްރީޓު މެޝިނަށް އެޅި ވޯޓާއި ގޭގެއަށް ގޮސް ބާލިދީތަކަށް އެޅުވި ވޯޓަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަސްލު ދައްކާލަން ދަމާލި "ގުއި ރޯނެއް" ކަމަށް ބެލެވެއެވެ. އެކަމަކު އެ ރޯނުގައި ރަނގަޅަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރު ޖެހުނެވެ. "ވޯޓު ގުނަން ފުލުހުން ފޮނުއްވިކަމަށް ވިދާޅުވެ" އެންމެފަހުން އެކަމަށް ރައީސް ޔާމީން އެވަނީ އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައެވެ.

ދެން އެވާހަކަ ބާއްވާފައި ރައީސް ޔާމީންގެ އާރާއި ބާރު އޮވެގެން ބޭއްވި އިންތިޚާބުތަކާއި އެއިންތިޚާބުތަކާ ގުޅުންހުރި ކަންކަމަށް ބަލާލަމާ ހިންގާށެވެ.

ފުރަތަމަ ފަށާނީ ރައީސް ޔާމީން ރައީސްކަމަށް އިންތިޚާބު ކުރެވުނު އިންތިޚާބުންނެވެ. ރައީސް ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު ބޭއްވި އިންތިޚާބެވެ. މަޖިލިސް ކޮންޓްރޯލް ކުރައްވައިގެން އުޅުއްވި ރައީސް ޔާމީން އިންތިޚާބު ވަންދެން އެއިންތިޚާބު ބޭއްވުނު ގޮތެވެ. ފުރަތަމަ ވޯޓަރސް ލިސްޓެވެ. އެންމެ ކެނޑިޑޭޓަކު ސޮއި ނުކުރިއަސް އިންތިޚާބު ނުބޭއްވޭގޮތައް ޤަވާއިދަށް ގެނުވި ބަދަލެވެ. ކުރުކޮށް ފޮނިކޮށް ބުންނަންޏާ އެ އިންތިޚާބު އާދައިގެ ފުލުހަކު ލައްވައި ހުއްޓުވާލިއެވެ. އިންތިޚާބު ހުއްޓުވާލަން ޖެހޭކަމަށް ބުނެ ކޯޓުން ދެއްކި ވާހައިގެ ހަޤީގަތެއް އަދިއަދަށް ވެސް ފެންނާކަށް ނެތެވެ. ޔާމީން ހޮވެންދެން ބޭއްވި އެއިންތިޚާބުގެ ކަންކަން ބައްޓަންކުރި ގޮތެވެ. އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސާއި އެހެނިހެން މެމްބަރުން ޖާނު ސަލާމަތް ކުރައްވަން އުޅުއްވަން ޖެހިވަޑައިގަތުމެވެ. އެއީކީ އާދައިގެ އިންތިޚާބެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް ނޫން ނަމަ އަންހެނުންގެ ކޮމެޓީގެ މެންބަރަކު ހޮވަން ބޭއްވި އިންތިޚާބެއް ވެސް ނުމެނޫންމެއެވެ. މުޅި ޤައުމާއި ރައްޔިތުންނާ ގުޅޭ އިންތިޚާބެވެ. ދައުލަތުގެ އެތައް މިލިއަން ފައިސާއަކާއި ގުޅުންހުރި އިންތިޚާބެކެވެ. އެހެންކަމުން އެ އިންތިޚާބު ހިތަށް އެރިއަސް ރައީސް ޔާމީން އެ ވިދާޅުވާ ގޮތް ވެއެވެ.

ދެން އައީ އެމަނިކުފާނުގެ ސަރުކާރުގައި ބޭއްވި މަޖިލިސް އިންތިޚާބެވެ. ޔާމީންގެ އޭރުގެ އެންމެ އަރިސް ބޭފުޅާ އެވިދާޅުވަނީ އެކަންކުރި ގޮތެވެ. މަޝްހޫރު އެމްއެމްޕީއާރުސީގެ ކަންތައްގަނޑު ފަށަންޖެހުނު ގޮތެވެ. "މެންބަރުން ގަންނާން" ހަރަދުކުރި ފައިސާއާއި އެކަމަށްޓަކައި މީހުން އަތުންނެގި ފައިސާ ދައްކަން ކުރި ކަންތައްތަކުގެ ވާހަކައެވެ. އެމްއެމްޕީއާރުސީގެ އެ ބުނާ 70 މިލިއަން ޑޮލަރު ބޭނުންކުރި ގޮތުގެ ވާހަކައެވެ. އަދީބާއި ރައީސް ޔާމީންގެ ގާތް އެހެން ބޭފުޅުންނާއި އެކަމުގައި އުޅުނު އެހެން މީހުން ދެއްކި އެވާހަކަތައް އާކުރާކަށް ނެތީމެވެ.

އެހެން އިންތިޚާބަކަށް ދިއުމުގެ ކުރިން ވެރިކަމަށް ވަޑައިގެންނެވުމާ އެކު އަމިއްލަފުޅު ޕާޓީގެ ކައުންސިލަށް ގެނައި ބަދަލާއި އެބަދަލާ އެކު އެއްބަފާ ބޭބޭފުޅު އަތުން ޕާޓީ ދަމައިގެންނެވި ގޮތަކީ ވެސް ލައްކަ މަޖާ ވާހަކަތަކެކެވެ. ރައީސް ޔާމީން އެ ވިދާޅުވާ ގޮތްވާ ކަންކަމެވެ. ކުޑަކުޑަ މިސާލަކުން ފުއްދާލާނަމެވެ. މުސްކުޅިވި ދުވަހު ކަންކުރެއްވި ގޮތުން އަސަރާ އެކު ރައީސް މައުމޫން ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންވިއިރު ފަހަތުން އެ ފެންނަންހުރި "އަވަ ގުރާނަ"އެވެ. ހަމަގައިމު ވެސް ރައީސް ޔާމީން އެ ވިދާޅުވާ ގޮތެއް ނުވެ ނުދާނެއެވެ.

ދެން އައީ ރައީސް ޔާމީނަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނި ބޮޑު އިންތިޚާބެވެ. 2018 ގެ އިންތިޚާބެވެ. އިންތިޚާބަށް ދޮންވެގެން އައިއިރުގެ ހާލަތުން އެކަނި ވެސް ރައީސް ޔާމީން އެ ވިދާޅުވާ ގޮތް ވެ ނިމެއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ގުނަންފެށުނުއިރުވެސް އިދިކޮޅު ކެނޑިޑޭޓަކަށް ވާދަކުރެވިދާނެތޯ އޮތީ ސުވާލެއްގައެވެ. ކުރިމަތިލަފާނެހެން ހީވާ އިދިކޮޅު އެންމެން ތިބީ ޖަލުގައެވެ. ނޫންނަމަ ބަންދު ވުމުގެ މަތީގައެވެ. މިކަމުން އެކަނިވެސް އެ ވިދާޅުވާ ގޮތް ވެއެވެ. އިންތިޚާބު ބޯމަތިވަމުން އައިއިރު އިންތިޚާބުގެ ކަންކަން ކުރަމުން އައިގޮތާ މެދު ރައްޔިތުން ވަނީ ސުވާލު މާކެއްގެ ތެރޭގައެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. އިލެކްޝަންގެ ސަރވަރ ހުރިތަނެއްގެ ވާހަކަ ދައްކާކަށް ނެތީމެވެ. ވޯޓުލާން ގެނައި ޓެބްލެޓްތަކަށް "އެކްސެސްވެވޭ" އެހެން މީހުންގެ ވާހަކަ އާއި ވޯޓަށްފަހު އެދެއްކި "އަނގޮޓި" ފަދަ ކަންކަމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އިންތިޚާބުން ބޮޑުތަނުން ބަލިވީމާ އެ އުޅުއްވި ގޮތާއި ވޯޓު ޗާޕުކުރި ތަނަށް ވެއްދި ކުދިންގެ ވާހަކައާއި ފުލުހުންނާ ސިފައިން ލައްވާ ޖަހާން އުޅުއްވި "ސަކަރާތުގެ ވާހަކަ" ނުދެއްކިއަސް ރައީސް ޔާމީން އެ ވިދާޅުވާ ގޮތް ވެގެންދެއެވެ. ފަހު އެތިފަހަރުގެ ގޮތުގައި ސުޕްރީމް ކޯޓަށް ވައްދައިގެން ރައްޔިތުންގެ ނިންމުން ބަދަލުކުރަން ޖެއްސެވި "މަރުފަލި" އެކަނި ހިތަށްއެރިއަސް އެމަނިކުފާނު އެ ވިދާޅުވާ ގޮތް ނުވޭ ހެއްޔެވެ.

ކޮންމެއަކަސް އެމަނިކުފާނުގެ އާރާއި ބާރުގައި ހެދުނިއްޔާ ހެދުނު އެއްޗެއް "ހައްދަވައިގެން" ނެގި ވޯޓުން ބޮޑު ތަނުން ބަލިވީއެވެ. އެކަމަކު އަދިއަދަށް ވެސް އެ އުޅުއްވަނީ އެ އިންތިޚާބު ބަލައި ނުގަނެވެ. އެއީ އަދި އެމަނިކުފާނު އެ ވިދާޅުވާ ގޮތް މާބޮޑަށް ވާ ކަމެކެވެ. ޑިމޮކްރަސީވިއަސް އަދި ދިމުކްރާތީ އަށް ވިއަސް ނޫން ނަމަ ދިމާކުރާތީ އަށް ވިއަސް ރައީސް ޔާމީން އަމިއްލަފުޅަށް އެމަނިކުފާނު އެ ވިދާޅުވާ ގޮތް ބޮޑުތަނުންވެ ނިމެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް