ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 18:14
 ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
މިހާރު
ރައީސް ޔާމިން
ހިސާބު އަކުރު ދޫކޮށް، ރައީސް ޔާމީން ޅެންބައިތާއި ދިމާލަށް! އުކުޅަކީ ކޮބައިބާ؟
އާއްމުކޮށް ހިސާބު އަކުރުތަކުން ވާހަކަދައްކަވާ ރައީސް ޔާމީން، މިފަހަރު ބުރާސްފަތި ދުވަހުގެ ރޭ ޅެންވެރިކަމުގެ ރާގަށް ވާހަކަތައް ބަދަލުކުރެއްވި މަންޒަރު ފެނިގެން ދިޔައެވެ. މިއީ އާންމުންނާ ގާތްވެވަޑައިގަތުމަށް އެމަނިކުފާނު އިމޭޖް އަލުން ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކުރީގެ ރައީސް ޔާމީނަކީ ޕޯޑިއަމް އަކަށް އަރާވަޑައިގެންފިއްޔާ އެއް މޭރުމަކުން، އެއް ރާގެއްގައި ތަފާތު އެތައް ވާހަކަ އެއް ދައްކަވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ ބަސްމަގު ގެންގުޅުއްވާ ގޮތުގެ މަތިން ބުނާ ނަމަ "މި ރައީސް" އަކީ ނިކަން އެއް ތައްގަނޑަކަށް ފިޓް ވާހަކަތަކެއް ދައްކަވާ ބޭފުޅެކެވެ. ކޮންމެކަމަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވި އަސް އެ މަނިކުފާނުގެ ވާހަކައިން އުނި ނުވާ އެއް ކަމެއް އޮވެއެވެ.

އާއްމުގޮތެއްގައި އެމަނިކުފާނު ދެއްވަނީ ވަރަށް އެއް ޒާތެއްގެ ސްޓޭންޑަރޑް ސްޕީޗް ތަކެކެވެ. އެ މަނިކުފާނުގެ ވާހަކަތައް ގަތާ އަމުނަނި އާއްމު ގޮތެއްގައި ހިސާބު އަދަދުތަކުގެ މައްޗަށެވެ. ވާހަކަތަކުގެ ފުނަށް ފީނަނީ އެ އަދަދުތަކުގެ އަލީގައެވެ. ޕޯޑިއަމްގައި ވިޔަސް އެހެން މަންސަ އެއްގައި ވިޔަސް އެ މަނިކުފާނުގެ ތޮތްޕަކީ އިގްތިސާދީ ތޮތްޕެވެ. ދައްކަވާ މަންޒަރަކީ ތިމަން މަނިކުފާނަކީ "އިނޮކޮނޮމިސްޓެއް" ކަމުގެ މަންޒަރެވެ.

ވާހަކަ ފުޅު ފަށްޓަވަނީ ވެސް " ތި ބޭފުޅުންނަށް މިކަން ފަހަރުގައި ފަހުމު ނުވެދާނެ، އެކަމަކު އަޅުގަނޑު ވާހަކަދައްކާނީ ފެކްޓްސް އަށް. އަޅުގަނޑު ވާހަކަދައްކާނީ ހިސާބު އަކުރުން. އަދަދުތަކުން." މިފަދަ ލަފްޒުތަކަކާއި އެކުގައެވެ. އަބަދުވެސް އެ މަނިކުފާނު ވިދާޅުވަނީ ޖަޒުބާތަށް ވުރެ ބޮޑަށް ރިއަލިސްޓަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކައެވެ. "ފެކްޓްސް އާއި ސްޓެޓިސްޓިކްސްގެ" ބޭފުޅެއްގެ ގޮތުގައި އަމިއްލަފުޅަށް ވެސް އެމަނިކުފާނު އަމިއްލަ ނަފްސު ކިތަންމެ ފަހަރަކު ސިފަކުރައްވައެވެ.

އެކަމަކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފެނުނީ މުޅިން ތަފާތު ތޮތްޕެއް އެޅުއްވި މަންޒަރެވެ. މި ފަހަރު ފެނުނީ ޅެންވެރިއެއްގެ ތޮފި އެޅުއްވި މަންޒަރެވެ. ތަފާތު، އެހެން ނޫންތޯއެވެ.! ތެދުފުޅެކެވެ. މިއީ އާއްމުކޮށް މި ރައީސް ކުރައްވަ ޒާތުގެ ކަމެއް ނޫނެވެ.

ފުރަތަމަ ފެށްޓެވީ އެ މަނިކުފާނުގެ ވެރިކަމާއި ގުޅުން ހުރި ޅެންބައިތަކުންނެވެ.

" ފިނިފެންމަލާ އަސުރު މަލާ، ގުލްޝަން އުޖާލާކޮށްފިއޭ.

ހިނިތުން ވެގެން ބަޅިނދާ ކޮކާ ފޮނިބޯ ހިތުން އައިސް އުދުހެމުން."

ޅެންބައިތުތައް ވިދާޅުވާން ފެއްޓެވި ހިސާބަކީ މިއީއެވެ. އަމިއްލަފުޅު ވެރިކަން މި ރައީސް ސިފަކުރެއްވީ ބަހާރު މޫސުމުގެ ގޮތުގައެވެ. ވެރިކަމުގައި ފޮނިބޯން އުޅުނު މީހުންނަށް ނުރުހުމުގެ ބަސް އަމާޒުކުރެއްވީ ވެސް މިފަހަރު ޅެން ބައިތަކުންނެވެ. އާއްމުކޮށް ދައްކަވާ ކަޅު ފައިސާ ދަބަހުގެ ވާހަކަ އާއި މީހުންނަށް ވަގަށް ގޮވުމުގެ ބައި ކުޑަކޮށްލެއްވި މަންޒަރު ފެނުނެވެ.

އަދި އެވަރަކުން ނިންމާލެއްވީކީ ނޫނެވެ. މި ވެރިކަން ވެސް ސިފަކޮށްދެއްވީ ހަމަ ޅެންބައިތަކުންނެވެ.

"ފަނޑު ނޫކުލައިން ގެނުވައިފިއޭ ބަލިމަޑުކަމާއި ހައި ހޫނުކަން.

ގަޑުބަޑު ނުކޮށް ފައްކާވިއޭ ވައުދާއި ކޮރަޕްޝަން ގައި ގޯޅިކޮށް. "

މި ޅެންބައިތާއި އެކު ވިދާޅުވީ މިއީ ފިނިފެންމާ ކުލަ ނައްތާލާފައި ފަނޑު ނޫކުލަ ނުވަތަ މަޑު ނޫކުލަ ގެނައުމުން ކަންކަން ހިނގާ ގޮތް ކަމަށެވެ. އަދި ކުލައިގެ އަސަރު ވެސް ނެތް ކުލަ އައުމުން ވާ ގޮތް ފާހަގަކުރައްވާ މި ވެރިކަމަށް ބަދުބަސް ވިދާޅުވީ ވެސް ޅެން ބައިތަކުންނެވެ.

ރައީސް ޔާމީން، ޅެންބައިތުތައް ވިދާޅުވަމުން އައި އިރު އަޅުގަނޑުގެ ސިކުނޑި އަށް އައީ

" ގުލްޒާރުގާ ނަޔާމަގޭ ނޫރާނިމާ ފޮޅޭނެޔޭ،

ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ." މި ބައިތެވެ.

ރަން ރީނދޫ ކުލައިގެ އެއްވުންތަކުން މި ބައިތު އިވެނީ މަދަކުންނެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު އަކީ ވެސް ވާހަކަދެއްކެވުމުގައި ޅެން ބައިތުތައް ވިދާޅުވާ ބޭފުޅުންނެވެ. ވާހަކަދެއްކެވުމުގައި ރެފަރެންސަކަށް ނުވަތަ ވާހަކައިގެ ފޯރިގަދަކޮށްލެއްވުމަށް އެހެން ބައެއް ބޭފުޅުން ވެސް މިފަދަ އުކުޅުތައް ގެންގުޅުއްވައެވެ. ކުރީގެ ރައީސް ޔާމީންގެ ބޭބޭފުޅު، މައުމޫން އަބްދުލް ޤައްޔޫމަކީ ވެސް ޅެންބައިތުތަކުން ވާހަކަ މުއްސަނދިކުރެއްވި ބޭފުޅެކެވެ.

އެ ހުރިހާ ބޭފުޅުންގެ ވާހަކައިން ވެސް އަދަބީ ރާގު އަބަދުވެސް ފެނެއެވެ. ޚާއްސަކޮށް އާއްމުންނާއި ގުޅުން ހުރި ކަންކަމުގައި އެ މޭރުމުން ވާހަކަތައް ބައްޓަން ކުރައްވައެވެ. މިއީ ދިވެހިންނަށް ނިކަން ކަމުދާ ފާޑެކެވެ. އެކަމަކު ރައީސް ޔާމީންގެ ކިބައިން މި އުކުޅު މި މޭރުމުން ފެނެއޭ ބުނެވޭކަށް ނެތެވެ. ސުވާލަކީ ހިސާބު އަކުރު ދޫކުރައްވާ ޅެން ބައިތުތަކަށް ރައީސް ޔާމީން ވަޑައިގަތީ ކޮން ސަބަބަކާއި ހުރެތޯ ކުރެވޭ ސުވާލެވެ. މިއީ ރައްޔިތުންނަށް ގާތަށް ޖެހިލައްވަން ގެންގުޅުއްވާ ސްޓެރެޓެޖިކް އުކުޅަކަށް ވެދާނެ ނޫންބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އެހެނީ ރައީސް ޔާމީނަކީ ކޮންމެ ކަމެއް ވެސް ނިކަން ވިސްނުންތެރިކަމާއި އެކު ކުރައްވާ ބޭފުޅެކެވެ. އެހެންވީމަ ވާހަކައިގެ ވައްޓަފާޅިން ފެނުނު ބަދަލަކީ އިއްތިފާގެއް ކަމަށް ނުވެދާނެއެވެ.

ކޮންމެއަކަސް، ޔަޤީންކޮށް އެ ސަބަބު ވިދާޅުވާން އެނގިވަޑައިގަންނަވާނީ ހަމަ އެ މަނިކުފާނަށެވެ. އެކަމަކު ވެދާނެ ގޮތުގެ ނަޒަރިއްޔާތަށް ޖެހިލުމަކުން ދެރަ އެއް ނެތްތާއެވެ. އެއް ކަމަކީ ރައީސް ޔާމީންގެ ވެރިކަމާއި ވެރިކަން ނިމުނު ފަހުން ވެސް އެ މަނިކުފާނު އާއްމުންނަށް ފެންނަނީ ރުންކުރު ބޭފުޅެއްގެ ގޮތުގައެވެ. ގާތް ބޭފުޅުން ވެސް ކުރައްވާ ޝަކުވާއަކީ އެއީއެވެ.

ސްޕީޗެއް ދެއްވިއަސް، ނޫސްވެރިންގެ ބައްދަލުވުމެއް ވިޔަސް ގިނަ ފަހަރު ހަށިގަނޑުގެ ހަރަކާތްތައް ފެންނަނީ މީހުންނާއި ކުރިމަތިލާން ބޭނުން ނުވަ ގަޔާ ނުވާ މޭރުމަކުންނެވެ. އެހެން މީހުންނަކީ ތަންދޮރު ނުދަންނަ ގަމާރުން ކަމަށް ވިދާޅުވާ ފަހަރު ވެސް ފެންނަނީ މަދަކުން ނޫނެވެ.

މިކަންކަމާއި ހުރެ ރައީސް ޔާމީންގެ ކާމިޔާބުގެ ގޮތުގައި ދެއްކެން އޮތީ މާއްދީ އިމާރާތްތަކެވެ. އުމްރާނީ ކަންކަމެވެ. އެހެންނަމަވެސް ފަހަރުގައި އެ ވަރުން އެކަނި ދިވެހިންނަށް ވެރިކަމަށް ބޭފުޅަކު ގެންނަން ކަމު ނުދާކަން 2018 އިގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާނީ ސާފުވެވަޑައިގެންފައެވެ. އާއްމުންނާއި ހަމަ އަށް ވަޑައިނުގެން އާއްމުންގެ ރުހުން ނުލިބޭނެކަން ވެސް ވާނީ އެނގިވަޑައިގެންފައެވެ. ގަދަބާރާއި ގަދަބަދަވިކަން ދިވެހިންނަށް ކަމު ނުދާކަން ވެސް ވާނީ ހާމަވެފައެވެ.

ޅެންބައިތުތަކާއި އެކު ވާހަކަދެއްކެވުމުގެ އިތުރުން އެމަނިކުފާނުގެ ވާހަކައިގައި ބުރާސްފަތި ދުވަހުގެ ރޭ ފެނުނީ ސަމާސާ ގޮތެވެ. ވާހަކައިގެ ރާގު ސަކަ ވެފައި، އާދައިގެ އެވެ. އެއީ އާއްމުގޮތެއްގައި ރައީސް ޔާމީން ގެންގުޅުއްވާ އަބުއި ޓޯން އާއި ތަފާތު ގޮތެވެ. މަވެތިކަން ކުޑަވެފައި އާއްމުންގެ ނަޒަރުން ވާހަކަ ދައްކަން މަސައްކަތް ކުރިކަން ފާހަގަކުރެވުނެވެ. ވާހަކައިގެ ދޭތެރެ ދޭތެރެއިން އޯޑިއަންސްގެ ޚިޔާލަށް ރިއާޔަތްކުރެއްވިއެވެ.

އެހެންވީމަ މިހާރު އެ މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތް، ހިތްހެޔޮ ބޭފުޅެއްގެ އިމޭޖް އަލުން ކުރައްސަވަން ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އަބަދުވެސް ހަރުކަށި، އުނދަނގޫ މީހެއްގެ ގޮތުަގައި ގާތުގައި އުޅުނު މީހުން ސިފަކުރުން ނިމުމަކަށް ގެންނަވަން ބޭނުންފުޅުވަނީ ބާވައޭ ހިތަށް އަރައެވެ. ނުވަތަ ރިޔާސީ އިންތިޚާބާއި ހަމައަށް އަލުން އިމޭޖް "ރީބިލްޑް" ކުރައްވަނީ ނޫންބާވައޭ ހިތަށް އަރައެވެ. ބޭނުމަކީ އަމިއްލަފުޅު ޚުދުމުހުތާރު މާޒީ ބަދަލުކުރާނެ ބޭފުޅެއް ކަމަށް މި ރައީސް ވާނެ ކަަމަށް ދެއްކުން ކަމަށް ވެދާނެބާއޭ ސުވާލު ކުރެވެއެވެ. އެކަމަކު މިއީ ހައްތަހާވެސް އަޅުގަނޑުގެ ނަޒަރިއްޔާތެވެ. ފަހަރުގައި ހަގީގަތުގައި ވެސް އާ ޝައުުގުވެރިކަމެއް ޅެންވެރިކަމަށް ރައީސް ޔާމީންގެ ހިތްޕުޅުގައި އުފެދުނީކަމަށް ވެދާނެއެވެ. ސިޔާސީ މީހުންގެ ޝައުގުވެރިކަން މިހާ އަވަހަށް ބަދަލުވާ ގައުމެއްގައި އެކަން ވެސް ނުވާނެއެކޭ ބުނާކަށް ނެތީމެވެ. ގޮތް ނިންމަވާނީ ތި ބޭފުޅުންނެވެ.

- ކޮމެންޓް