ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 13:03
އަންގާރަ ދުވަހު ފްރާންސްގެ ގިނަ ޖަމިއްޔާތަކެއް ގުޅިގެން ވަނީ މުޅި ގައުމުގައި ހަޅުތާލެއް ކުރިއަށް ގެންގޮސްފައި
އަންގާރަ ދުވަހު ފްރާންސްގެ ގިނަ ޖަމިއްޔާތަކެއް ގުޅިގެން ވަނީ މުޅި ގައުމުގައި ހަޅުތާލެއް ކުރިއަށް ގެންގޮސްފައި
ރޮއިޓާސް
ހުޅަނގުގެ ގައުމުތަކުގައި މުޒާހަރާކުރުން
ދިރިއުޅުމުގެ ޚަރަދު ބޮޑުވެ ހުޅަނގު ގައުމުތަކުގެ އާންމުން މަގުތައް މައްޗަށް
 
ގައުމުތަކުން ދަނީ މަސައްކަތު ގަޑިއާ އުޖޫރައާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާކުރަމުން
 
ޔޫރަޕްގެ އެތައް ހާސް ބަޔަކު ވަނީ ހަކަތައިގެ އަގު އުފުލި ދިރިއުޅުމުގެ ޚަރަދުތަކުގެ އަގު ބޮޑުވަމުންދާތީ މުޒާހަރާކޮށްފައި
 
އެމެރިކާ އާއި ޗައިނާ އާއި ޔޫރަޕުގެ އިގްތިސާދު މަޑުޖެހޭނެ ކަމަށް އައިއެމްއެފް އިން ވަނީ ލަފާކޮށްފައި

ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ލޮޅުންތަކުގެ އަސަރު މިވަނީ ހުޅަނގުގެ ގައުމުތަކަށްވެސް ކުރަން ފަށާފައެވެ. ހުޅަނގުގެ ބޮޑެތި ގައުމުތަކުގައި ތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ ޚަރަދު ބޮޑުވާން ފަށާފައިވާއިރު، މިކަމުގެ ނުރުހުން އެގައުމުތަކުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ. ހަކަތައިގެ އަގުތައް އުފުލި ދިރިއުޅުމުގެ އަގު އުފުލެމުންދާތީ ހުޅަނގު ގައުމުތަކުގެ އާންމުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ.

ފްރާންސް

ފްރާންސްގައި ދިރިއުޅުމުގެ އަގު އުފުލެމުންދާތީ އާދިއްތަ ދުވަހު އެތައް ހާސް ބަޔަކު ވަނީ ޕެރިހުގެ މަގުތައް މައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ.

އަންގާރަ ދުވަހު އެގައުމުގެ އެތައް ޖަމިއްޔާތަކެއް ގުޅިގެން ވަނީ މުޅި ގައުމުގައި ހަޅުތާލެއް ކުރިއަށް ގެންގޮސްފައެވެ. މިހަޅުތާލުގެ ސަބަބުން އެގައުމުގެ ރޭލު ދަތުރުތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.

ފްރާންސްގައި އިންފްލޭޝަން އުފުލެމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް މިހަޅުތާލުގެ ބައިވެރިން އަޑުއުފުލާފައިވާއިރު، ހަޅުތާލުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުމަށް ވެސް ބުރޫއަރާފައިވާކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތަކަށް ބަލާއިރު، އެގައުމުގައި މުވައްޒަފުންނަށް ރަނގަޅު މުސާރަ ނުދޭތީ ދަނީ މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން މިމަހުގެ ފަހުކޮޅު އެގައުމުގެ ޖީ،އެކްސް.އޯ ޑްރައިވަރުންގެ ހާހެއްހާ ޑްރައިވަރުން ފަސް ދުވަހުގެ ހަޅުތާލެއް ކުރަން ވަނީ ރާވާފައެވެ.

އެގައުމުގެ އެންމެ ބޮޑު އެއް ކޮންޓެއިނަރު ބަނދަރުކަމަށްވާ ލިވަރޕޫލް ބަނދަރުގައި މަސައްކަތްކުރާ އެތައް ސަތޭކަ މުވައްޒަފުންނެއް ކުރަމުންދާ ހަޅުތާލު އޮކްޓޫބަރު 24 ވަނަ ދުވަހުން ފެށިގެން އިތުރު ދެ ހަފުތާއަށް ދިގުދައްމާލަން ވަނީ ނިންމާފައެވެ.

115،000ށް ވުރެ ގިނަ ރޯޔަލް މެއިލް ޕޯސްޓަލް ވޯކަރުން ތަމުސީލުކުރާ ކޮމިއުނިކޭޝަން އެންޑް ވޯކަރސް ޔޫނިއަނުން ވަނީ ސެޕްޓެމްބަރު މަހު އަދި އޮކްޓޫބަރު މަހުގެ ކުރީކޮޅު މުޒާހަރާތައް ކޮށްފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ އެންމެ ބޮޑު ނަރުހުންގެ ޔޫނިއަނުންނާއި، ޖޫނިއަރ ޑޮކްޓަރުންނާއި އެމްބިއުލަންސް މަސައްކަތްތެރިން ވެސް ވަނި މިކަމުގައި އަޑުއުފުލަން ފަށާފައެވެ.

ޖަރުމަން

ޖަރުމަނުގައި ވެސް މުޒާހަރާތައް ކުރިއަށްދާއިރު އެގައުމުގެ ލުފްތަންސާ އެއާލައިންގެ ޔޫރޯވިންގްސް އިން ދަނީ ތިން ދުވަހުގެ ހަޅުތާލެއް ކުރިއަށް ގެންދަމުންނެވެ. މުވައްޒަފުންގެ މަސައްކަތު ގަޑިތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އޮކްޓޫބަރު 17 ވަނަ ދުވަހު ފެށި ހަޅުތާލުގެ ބައިވެރިންދަނީ މިކަމުގެ ސަބަބުން އެއަރލައިންގެ ހިދުމަތް ހޯދާ އެތައް ހާސް ޕަސެންޖަރުންނަށް ވެސް އަސަރު ކުރަމުންދާކަމަށް ބުނެފައެވެ.

ހަންގޭރީ

ހަންގޭރީގައި އެގައުމުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ މުޒާހަރާކުރުމުގެ ސަބަބުން އެތައް މުވައްޒަފުންނެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިއާއެކު އޮކްޓޫބަރު 14 ވަނަ ދުވަހު އެތައް ހާސް ބެލެނިވެރިންނާއި ދަރިވަރުން ވަނީ މަގުތަކަށް ނުކުމެ ޓީޗަރުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ.

ޗެކް ރިޕަބްލިކް

މިމުޒާހަރާތައް ޗެކް ރިޕަބްލިކްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސެޕްޓެމްބަރު 28 ވަނަ ދުވަހު އެގައުމުގެ އެތައް ހާސް ބަޔަކު ވަނީ ވެރިރަށް ޕްރާގްގެ މަގުތަކަށް ނުކުމެ ހަކަތައިގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއެކު ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެގައުމުން ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދުމަށް މަސައްކަތްކުރަމުންދާ ގޮތާ ގުޅޭގޮތުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ބެލްޖިއަމް

ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބެލްޖިއަމްގެ ބްރަސެލްސްގައި އެތައް ހާސް ބަޔަކު ވަނީ ހަކަތައިގެ އަގު އުފުލި ދިރިއުޅުމުގެ ޚަރަދުތަކުގެ އަގު ބޮޑުވަމުންދާތީ މުޒާހަރާކޮށްފައެވެ. ޖޫން މަހުވެސް އެގައުމުގައި މިފަދަ މުޒާހަރާއެއް ކޮށްފައިވާއިރު، އެމުޒާހަރާގައި 70،000 މަސައްކަތްތެރިން ވަނީ ބައިވެރިވެފައެވެ.

ކުރިއަށް އޮތީ އިގްތިސާދީ ގޮތުން ދުނިޔެއަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ބުނެފައެވެ.

އައިއެމްއެފް އިން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެންދާނެއެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދުގެ ހަތަރު ބައި ކުޅަ ތިންބަޔަށްވުރެ ބޮޑު ބައެއް ހީނަރުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ.

އެ ރިޕޯޓުގައި ސިފަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށް 2023 ހީވާނީ ރިސެޝަނެއް ގޮތަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ތިން އިގްތިސާދު ކަމަށްވާ އެމެރިކާ، ޗައިނާ އަދި ޔޫރަޕުގެ އިގްތިސާދު މަޑުޖެހޭނެ ކަމަށް އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.

އައިއެމްއެފް އިން މިހާރު ލަފާކުރާ ގޮތުގައި އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ އެންމެ 2.7 އިންސައްތައެވެ. މިއީ މިއަހަރު ލަފާ ކުރި އަދަދަށްވުރެ އެއް އިންސައްތައިގެ ދަށްވުމެކެވެ. މި އަހަރަށް ލަފާ ކޮށްފައިވަނީ 3.2 އިންސައްތައިގެ ކުރިއެރުމެކެވެ. އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއީ 2001 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވުނު އެންމެ ބަލި "ގްރޯތް ޕްރޮފައިލް"އެވެ.

ދުނިޔޭގެ އިގްތިސާދަށް ކޮވިޑް-19 އާއި ރަޝިއާ، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު އިގްތިސާދު ރަނގަޅުވާނެ ކަމަށް ލަފާކުރަނީ ޤައުމުތަކުގެ މޮނިޓަރީ ޕޮލިސީ އާއި ޔޫކްރޭން ހަނގުރާމައަށްވާ ގޮތަކާއި ކޮވިޑުގެ ހާލަތު ޤައުމުތަކުގައި އިތުރަށް ގޯސްނުވާ ނަމައެވެ.

އިގްތިސާދު ހީނަރުވާނެ ކަމަށް ލަފާކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި ތަކެތީގެ އަގު ވެސް ބޮޑުވަމުންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަގު ބޮޑުވާނެ ކަމަށް ލަފާކުރާ ތަކެތީގެ ތެރޭގައި ތެލާއި ކާބޯތަކެތި ހިމެނެއެވެ.

މިއަހަރުގެ ފަހު ދެ ކުއާޓަރުގައި ދުނިޔޭގެ އިގްތިސާދުގެ ނެގެޓިވް ގްރޯތެއް އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް