ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މޭޔަރ ޑ. މުހައްމަދު މުއިއްޒުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު، ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، މި އިސްތިއުނާފީ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ފޯމު ބާތިލް ކޮށްފިއެވެ.
އާދީއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންދިޔަ މި އަޑު އެހުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ. މީގެ އިތުރުން މި ބެންޗުގައި ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.
މި މައްސަލައަކީ ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ، ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުރިހާ ހުށައެޅުންތަކެއްވެސް ގާޒީ ސޮފްވަތު ހަބީބު ވަނީ ބަލައިނުގަތުމަށް ނިންމަވާފަ އެވެ.
އަދި މި މައްސަލަ އިސްތިއުނާފުކުރުމަށް މުއިއްޒުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލައާއި ގުޅޭގޮތުން އާދީއްތަ ދުވަހުގެ އަޑު އެހުމުގައި ވާހަކަދައްކަވަމުން ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ނިންމުމާއި ގުޅޭގޮތުން ވަގުތީ އަމުރަކަށް އެދިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ގަޒިއްޔާގެ އަޑުއެހުންތައް ނުފެށުމަށް އަންގާ އަމުރުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ކަމަށެވެ.
އަދި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތާއި ދެފަރާތުގެ ވާހަކަތަކަށް ބަލާއިރު، ދެން އެންމެ އަވަހަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމަކަށް ކިޔާފައިވަނީ 17 އޮކްޓޯބަރ 2022 ކަމުގައި ވެފައި، އެ ތާރީހަކީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާއި މެދު ގޮތެއް ކަނޑައަޅަންޖެހޭ ތާރީހުކަމުގައިވާތީ، އެދިފައިވާގޮތުގެ މަތިން ވަގުތީ އަމުރެއް ނެރެދިނުމުގެ ފާލިޔަތެއް އޮތް ކަމަކަށް ނުބެލެބޭތީ އެފަދައިން އަމުރެއް ނެރުމަށް ނުފެންނަ ކަމަށް ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވިއެވެ.
ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން ތަފްސީލުކޮށްދެއްވަމުން ފަނޑިޔާރު ޝަހީދު ވިދާޅުވީ ޝަރީއަތުގެ ކުރިމަތީގައި އޮތް ސުވާލަކީ އިސްތިއުނާފުކުރެވޭ ނިންމުމުގައި، ގާނޫނު ނަންބަރު 12/2016 ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 106 ވަނަ މައްދާއާއި ހިލާފުވާ ނިންމުމެއް ނިންމާފައިވޭތޯއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ވ. އައިޝަތު އާޒިމާ ޝަކޫރުގެ ގަޒިއްޔާގެ 18 ވަނަ ނުކުތާގައި ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެ ނުކުތާގައި ބުނެފައިވަނި "ކޯޓަށް ހުށަހެޅޭ ޖިނާއީ މައްސަލައަކާ ގުޅިގެން ހިންގަން ޖެހޭ ޝަރީއަތުގެ ކުރީގެ މަރުހަލާ ބެހިގެންވަނީ ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައިގެ މައްޗަށެވެ." މީގެ އިތުރުން ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ ބާބުގައި އިބްތިދާއީ އަޑުއެހުން އަދި 11 ވަނަ ބާބުގައު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހިމަނާފައިވާކަމަށް ޝަރީއަތަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ހިމެނޭކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 106 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ހާޞިލްކުރަންޖެހޭ ކަންތައްތަކެވެ. ޝަރީޢަތަށް އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުމަކީ ބުނެވުނު މާއްދާގެ ދަށުން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ނިންމާފައިވާ ނިންމުމެއް ނޫނެވެ. އިސްތިއުނާފު ކުރެވޭ ނިންމުމަކީ އިބްތިދާއީ އަޑުއެހުން ނިމި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމު މެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 106 ވަނަ މާއްދާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ބޭއްވޭ އަޑުއެހުމަށް ތަޠުބީޤު ކުރެވިގެންދާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ ޤާނޫނީ އަސާސެއް އެ ފަރާތުން ބަޔާންކޮށްދީފައިނުވެއެވެ.
މި މައްސަލަ ނިންމަން ފެންނަ ގޮތުގެ ގޮތުގައި ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އެ ކޯޓުގައި ހުށަހެޅިފައިވާ މައްސަލައިގައި ބަހުސް ކުރެވޭ ބަޔާނަކީ އެ ފަރާތުން ދީފައިވާ ބަޔާނެއް ކަމަށާއި، މި މައްސަލައަށް ޔުނައިޓެޑް ނޭޝަންސް އަންސިޓްރަލް އާބިޓްރޭޝަން ރޫލްސް ތަޠުބީޤުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހަޅާ ފައިވާ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އިސްތިއުނާފީ އޮޅިގަނޑު ގިރާކޮށްފައިވާކަމަށް ނުފެންނާތީ، މި އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލްކުރަން ފެންނަ ކަމަށެވެ.
މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދު ގެ ރައުޔަށް ފަނޑިޔާރު ހުސައިން މަޒީރު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދުކުރައްވާފައިވެއެވެ.