ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 21:10
އުތުރު ކޮރިއާއިން އަންގާރަ ދުވަހު ޓެސްޓުކުރި މިސައިލް ދަތުރުކޮށްފައި ވަނީ ޖަޕާންގެ މަތިން
އުތުރު ކޮރިއާއިން އަންގާރަ ދުވަހު ޓެސްޓުކުރި މިސައިލް ދަތުރުކޮށްފައި ވަނީ ޖަޕާންގެ މަތިން
ރޮއިޓާސް
އުތުރު ކޮރިއާއިން މިސައިލް ޓެސްޓުކުރުން
އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި
 
އުތުރު ކޮރިއާއިން ޓެސްޓުކުރާ މިސައިލް ތަކަކީ އާންމުކޮށް ވަރަށް މައްޗަށް ފޮނުވާ މިސައިލްތަކެއް
 
އަންގާރަ ދުވަހު ޓެސްޓުކުރި މިސައިލް ގާތްގަޑަކަށް 4،600 ކިލޯ މީޓަރަށް ދަތުރުކޮށްފައިވާނެ ކަމަށް ރިޕޯޓުތައް ބުނޭ
 
އުތުރު ކޮރިއާއިން މިސައިލް ލޯންޗުކޮށްފައި ވަނީ ޖަގަންގް ޕްރޮވިންސުން، ބޮޑަށް ބެލެވެނީ އެއީ އިންޓަރމީޑިއޭޓް ރޭންޖް ބެލެސްޓިކް މިސައިލެއް ކަމަށް

އުތުރު ކޮރެއާއިން މިވަނީ ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖަޕާންގެ މަތިން ވަރުގަދަ މިސައިލް ޓެސްޓެއް ކޮށްފައެވެ. އުތުރު ކޮރެއާއިން ޓެސްޓުކުރި މި މިސައިލަކީ މިހާތަނަށް އެގައުމުން ޓެސްޓުކުރި މިސައިލްތަކުގެ ތެރެއިން އެންމެ ދުރަށް ދަތުރުކުރި މިސައިލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުތުރު ކޮރެއާއިން ޓެސްޓުކުރާ މިސައިލް ތަކަކީ އާންމުކޮށް ވަރަށް މައްޗަށް ފޮނުވާ މިސައިލްތަކެކެވެ. އަންގާރަ ދުވަހު ޓެސްޓުކުރި މިސައިލް ގާތްގަޑަކަށް 4،600 ކިލޯ މީޓަރަށް ދަތުރުކޮށްފައިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ވަނީ އުތުރު ކޮރެއާއިން މިސައިލް ލޯންޗުކޮށްފައި ވަނީ ޖަގަންގް ޕްރޮވިންސުން ކަމަށާއި ބޮޑަށް ބެލެވެނީ އެއީ އިންޓަރމީޑިއޭޓް ރޭންޖް ބެލިސްޓިކް މިސައިލެއް ކަމަށް ވިދާޅުވެފައެވެ. އަދި މިފަހުން އުތުރު ކޮރިއާއިން ޖަގަންގް ޕްރޮވިންސުން ގިނަ އަދަދެއްގެ ހައިޕަރސޮނިކް މިސައިލްވެސް ޓެސްޓުކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދެކުނު ކޮރެއާގެ ކިޔުންގްނަމް ޔުނިވަރސިޓީގައި މިހާރު މަސައްކަތްކުރާ އެގައުމުގެ ނޭވީގެ ކުރީގެ އޮފިސަރެއް ކަމަށްވާ ކިމް ދޮންގްޔުޕް ވަނީ އެމިސައިލަކީ 2017 ވަނަ އަހަރު އުތުރު ކޮރިއާއިން ޓެސްޓުކުރި ހްވަސޮންގް-12 އިންޓަރމީޑިއޭޓް ރޭންޖް ބެލެސްޓިކް މިސައިލެއް ކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައެވެ.

އެގޮތުން 2017 ވަނަ އަހަރު ޓެސްޓުކުރި މިސައިލަކީވެސް ޖަގަންގް އިން ލޯންޗުކުރި މިސައިލެއް ކަމަށާއި އެ މިސައިލްވެސް ދަތުރުކޮށްފައި ވަނީ ޖަޕާން ގެ މަތިން ކަމަށް ކިމް ފާހަގަކުރެއެވެ.

އުތުރު ކޮރެއާއިން އެގައުމުގެ މަތިން މިސައިލް ޓެސްޓުކުރުމަށް ފޮނުވާލުމާއެކު ޖަޕާނުން ވަނީ އެގައުމުގެ އާންމު ރައްޔިތުންނަށް ރައްކާތެރިކަން ހޯދަން ގޮވާލާފައެވެ. އަދި އެގައުމުގެ މަތިން އުތުރުން، މިސައިލް ހުރަސްކޮށް، ޕެސިފިކް ކަނޑަށް ވެއްޓެންދެން ބައެއް ރެއިލްވޭ ސްޓޭޝަންތަކުގެ ހިދުމަތްތައް ވަނީ ހުއްޓާލާފައެވެ.

މިސައިލް ވައްޓާލުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ގައުމުގެ ރައްކާތެރިކަން ކަށަވަރުކޮށް، ބަދަލުގައި ހަމަލާއެއް ދޭންޖެހިއްޖެ ހާލަތުގައި އެކަން ކުރަން ފަސްނުޖެހޭނެ ކަމަށް ޖަޕާންގެ ޑިފެންސް މިނިސްޓަރު ޔަސުކަޒު ހަމަދަ ވަނީ ވިދާޅުވެފައެވެ. އަދި އުތުރު ކޮރެއާއިން މިގޮތަށް ތަކުރާރުކޮށް މިސައިލްތައް ޓެސްޓުކުރަމުންދާތީ އެގައުމުގެ ދިފާއު ވަރުގަދަކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އުތުރު ކޮރެއާއިން ތަކުރާރުކޮށް ކުރަމުންދާ ޓެސްޓުތަކާއެކު ދެކުނު ކޮރެއާއިންވެސް ވަނީ އެގައުމުގެ އަސްކަރީ ބާރު އިތުރުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އަދި އެގައުމަށް ވާގިވެރިވާ ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއިން ކުރި މި ޓެސްޓާއެކު އެމެރިކާ އަދި ދެކުނު ކޮރެއާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޔެލޯ ސީގައި ވައިގެ ހަމަލާތައް ދިނުމުގެ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.

މިފަހުން އުތުރު ކޮރެއާ، ދެކުނު ކޮރެއާ އަދި އެމެރިކާގެ ދެމެދު ވަނީ މިފަދަ އަސްކަރީ ތަމުރީންތަކާއި ޓެސްޓުކުރުންތައް އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، އެމެރިކާއިން ވަނީ އެގައުމުގެ އެއަރކްރާފްޓް ކެރިއަރ އެއް ދެކުނު ކޮރެއާގައި، 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބަނދަރުކޮށްފައެވެ. އަދި އުތުރު ކޮރެއާއިން ވަނީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ފަސް ފަހަރު މިސައިލް ޓެސްޓުކޮށްފައެވެ.

އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުން ވަނީ ތިން ގައުމު ގުޅިގެން އަސްކަރީ ޑްރިލްތަކެއް ވެސް މިމުއްދަތުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، އެމެރިކާގެ ނައިބު ރައީސް ދެކުނު ކޮރިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ކޮރެއާ ގުޅޭ، ޑިމިލިޓަރައިޒްޑް ޒޯނަށް ވަޑައިގެން، އެތަނުުގައި ހުންނަވާ އުތުރު ކޮރިއާއިން ކަންތައް ކުރަމުން ގެންދާ ގޮތަށް ވަނީ ފާޑުވިދާޅުވެފައެވެ.

މިއާއެކު އުތުރު ކޮރެއާއިން ވަނީ އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން ކުރިއަށްގެންދާ ތަމުރީން ޕްރޮގްރާމްތަކާއެކު އުތުރު ކޮރެއާއަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހު އުތުރު ކޮރެއާއިން ކުރި ޓެސްޓާއެކު އެކަން އެމެރިކާއިން ވަނީ ހަރުއަޑުން ކުށްވެރިކޮށްފައެވެ. އުތުރު ކޮރެއާގެ މި އަމަލީ އެގައުމުން ގަސްތުގައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ރިސޮލިއުޝަންތަކާއި ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން އެޑްރިއެން ވަޓްސަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ދެކުނު ކޮރެއާ އަދި ޖަޕާންގެ ޑިފެންސް މިނިސްޓަރުންނާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ބްލިންކަން ވަނީ އުތުރު ކޮރިއާއިން ކުރި ޓެސްޓު އެމެރިކާއިން ހަރުއަޑުން ކުއްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އަންގާރަ ދުވަހު ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވައިޓްހައުސްގެ ތަރުޖަމާން ޖޯން ކަރބީ ވަނީ އުތުރު ކޮރެއާއިން ޓެސްޓުކުރަމުންދާ މިސައިލްތަކުގެ ބާރު ދެނެގަތުމަށް ތަހުލީލު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިހާ ދިގު ރާސްތާ މިސައިލްތައް ޓެސްޓުކުރުމަކީ ހަގީގީ ހާލަތެއްގައި މިސައިލްތައް މަސައްކަތްކުރާނެގޮތް ދެނެގަތުމަށް އުތުރު ކޮރެއާގެ ސައިންޓިސްޓުންނަށް ލިބޭ ފުރުސަތެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް