ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 16:38
ރާނީީ، އިނގިރޭސި ކެޕްޓަނަށް 1996ގެ ވޯލްޑްކަޕް ތަށި ދެއްވަނީ
ރާނީީ، އިނގިރޭސި ކެޕްޓަނަށް 1996ގެ ވޯލްޑްކަޕް ތަށި ދެއްވަނީ
ގޫގުލް
އިނގިރޭސި ރާނީއާއި ކުޅިވަރު
ކުޅިވަރާއި އިނގިރޭސި ރާނީގެ ގުޅުން
 
ގިނަ ކުޅިވަރުތަކެއްގެ ނިންމުމާއި ފެށުން ޝަރަފުވެރިކޮށްދެއްވި
 
ރާނީ އެންމެ ހިތްޕުޅާވާ ކުޅިވަރަކީ އަސް ދުއްވެވުން، އެކަމާ ދުރަށް ވަޑައިގެންނެވީ ޑޮކްޓަރުން އެކަމަށް ލަފާއެރުވުމުން

އިނގިރޭސި ރަނިކަމުގައި 70 އަހަރު ހޭދަކުރެއްވުމަށްފަހު ރާނީ އެލިޒަބަތު ވަނީ، އުމުރުންފުޅުން 96 އަހަރުގައި ބުރާސްފަތިދުވަހު އަވަހާރަވެފައެވެ. 1972ގެ ތެރޭގައި ދިވެހިރާއްޖެއަށްވެސް ވަޑައިގެންނެވި ރާނީއާ ދިވެހި ކުޅިވަރާވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް އެބައޮތެވެ. އެކަމަނާ ރާއްޖެ ވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ރާނީ ހުށަހެޅުއްވި ވާދައިގެ ތަށިތައްވެސް ހިމަނައިގެން ރާއްޖޭގައި ބާސްކެޓާއި ވޮލީއާއި އެނޫން މުބާރާތްތައް ބާއްވާފައިވެއެވެ. އަދި ރާނީ އެޖަމާއަތެއްގެ ވެރިއަކަށް ހުންނެވި ކޮމަންވެލްތު ގޭމްސްއަކީ މިހާތަނަށް ދިވެހި ކުޅިވަރު އެތުލީޓުން އެންމެ ގިނައިން ބައިވެރިވި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެވެ. މި ރިޕޯޓްގައި މިބަލައިލަނީ ރާނީ އެލިޒަބަތާ ކުޅިވަރާ އޮތް ގުޅުމަށެވެ.

ރާނީ އަސް ދުއްވަވަނީ: އެންމެ ހިތްޕުޅާވާ މި ކުޅިވަރާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޑޮކްޓަރުން ލަފާއެރުވުމުން - ގޫގްލް

ރާނީ އެންމެ ހިތްޕުޅާވާ ކުޅިވަރަކީ އަސްދުއްވެވުމެވެ. އެކަމަނާއަށް އެންމެ ފުރަތަމަ އަހެއް ލިބިވަޑައިގެންނެވީ އުމުރުފުޅުން އެންމެ 4 އަހަރުފުޅުގައެވެ. އަދި އުމުރުފުޅުން 6 އަހަރުފުޅުގައި އަސްދުއްވަވަން ފައްޓަވައި، 1950ގެ އަހަރުތަކުގައި ގަވާއިދުން އާއިލާގެ މެމްބަރުންނާއެކު އަސްރޭސްތައް ބެއްލެވުމަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ފަހުން އަސްދުއްވުމުގެ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންނެވިއެވެ. އަދި އުމުރުފުޅުގެ ފަހު ދުވަސްކޮޅު ގަވާއިދުން އިނގިރޭސި ރަސްމީ ރޭސް މުބާރާތްތަކަށް ވަޑައިގެން، މުބާރާތްތައް ބެއްލެވުމާއި އިންތިޒާމުކުރެއްވުމާއި އިނާމު ދެއްވުމަކީ އުފަލަކަށް ހެއްދެވިއެވެ. އަދި ޝާހީ ރޭސް އިވެންޓްތައް ރާއްވަވައި ހިންގެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. 1800ށްވުރެ ގިނަ ރޭސް ކާމިޔާބުކުރެއްވިއެވެ. ނަމަވެސް އުމުރުފުޅުން ދުވަސްވުމުން އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން، ޑޮކްޓަރުންގެ ލަފާގެ މަތިން އެންމެ ހިތްޕުޅާވާ ކުޅިވަރާ މިދިޔަ އަހަރުގެ ފަހުކޮޅު ދުރަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެއީ ޑޮކްޓަރުން އެކަމަށް ލަފާއެރުވުމުން، މަޖުބޫރުވެވަޑައިގެންނެވެ.

އިނގިރޭސި ކެޕްޓަން ބޮބީ މުއާ 1996ގެ ވޯލްޑްކަޕް ތަށި އުފުލާލާއިރު ރާނީ މަޑުކޮށްލައްވައިގެން - ގޫގްލް

1957 ވަނަ އަހަރު ވިމްބަލްޑަން ޓެނިސް، ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމެރިކާގެ އެފްރިކާ ދަރިކޮޅަށް ނިސްބަތްވި އަލްތިއާ ގިބްސަންއެވެ. އޭނާއަށް ތަށި ހަވާލުކޮށްދެއްވީ ރާނީ އެލިޒަބަތެވެ. އޭގެ ދެ އަހަރު ފަހުން ލުޓޮން ބަލިކޮށް އިނގިރޭސި އެފްއޭކަޕް ނޮޓިންހަމް ފްރޮސްޓުން ކާމިޔާބުކުރުމުން އެ ޓީމަށް، ވެމްބްލީ ސްޓޭޑިއަމުގައި ތަށި ހަވާލުކޮށްދެއްވީވެސް ރާނީ އެލިޒަބަތެވެ. މިއީ އިނގިރޭސި އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި، 1951 ވަނަ އަހަރު ރަނިކަމަށް ވަޑައިގަތްފަހުން ރާނީގެ އަތްޕުޅުން ދެއްވި ފުރަތަމަ ފަހަރެވެ.

1966 ވަނަ އަހަރަކީ އިނގިރޭސިން އެކަމަކަށް އެންމެ ފަޚުރުވެރިވާ ކާމިޔާބު ހޯދުނު އަހަރެވެ. އަމިއްލަ ގައުމުގައި ޖަރުމަނު ބަލިކޮށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް އިނގިރޭސިން ކާމިޔާބުކުރިއެވެ. މިއުފާވެރި އަދި ތާރީޚީ ވަގުތުކޮޅުގައި އިނގިރޭސި ކެޕްޓަން ބޮބީ މުއާއަށް ދުނިޔޭގެ ތަށި ހަވާލުކޮށްދެއްވީވެސް ވެންބްލީ ސްޓޭޑިއަމުގައި ހުންނަވައިގެން، ރާނީ އެލިޒަބަތެވެ.

1977ގެ ވިމްބަލްޑަން ޓެނިސް ޗެމްޕިއަނަށް ރާނީ (ކ) ތަށި ދެއްވަނީ - ގޫގުލް

1977 ވަނަ އަހަރަކީ ރަނިކަމުގައި ރާނީގެ ރިހިޔޫބީލް ފާހަގަކުރެއްވި އަހަރެވެ. މި އުފާވެރި މުބާސަބަތު ފާހަގަކުރި އަހަރު ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް ބައްލަވަން ވަޑައިގެންނެވި އެވެ. ޗެމްޕިއަންކަން ހޯދި ވާޖީނިއާ ވޭޑް ތަށީގައި ބޮސްދިނީ ރާނީގެ އަތްޕުޅުން ތަށި ލިބިގަތުމަށްފަހުއެވެ.  

1996 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބައްލަވަންވެސް ރާނީ ވަޑައިގެންނެވިއެވެ. އެންމެ ޚާއްސަ އެއް މެޗަކީ ފައިނަލުގައި ޗެކްރިޕަބްލިކް ބަލިކޮށް ޖަރުމަނުން ތަށި ހޯދި މެޗެވެ. މެޗު ފައްޓަވައިދެއްވުމަށް ދަނޑަށް ވަޑައިގެން ދެ ޓީމުގެ ކެޕްޓަނުންނާ ވާހަކަ ދައްކަވައި ސަމާސާކުރެއްވިއެވެ. ޖަރުމަނުގެ ކެޕްޓަން ލޮތާ މަތިއަސްއަށް ތަށި ހަވާލުކޮށްދެއްވީ ހިނިވަރުނަކުރައްވަމުންނެވެ.

1996ގެ ޔޫރޯ ފައިނަލް މެޗު ފެށުމުގެ ކުރިން ރާނީ (ކ) ޖަރުމަނުގެ ކުޅުންތެރިންނާ ސަލާމްކުރައްވަނީ - ގޫގުލް

މަޝްހޫރު ޑޭވިޑް ބެކަމްއާއި ފަންޑްރައިޒަރ، ކްރިސްޓީ ހޮވަޑް 2002 ވަނަ އަހަރުގެ ކޮމަންވެލްސް ގޭމްސް ހުޅުވުމަށް، ޖުބިލީ ބެޓަން އެރުވީވެސް ރާނީގެ އަތްޕުޅަށެވެ. މީގެ އިތުރުން 2003 ވަނަ އަހަރުގެ ރަގްބީ ވޯލްޑްކަޕް އިނގިރޭސިން ކާމިޔާބުކޮށް ގައުމަށް ދިއުމުން އެކަން ފާހަގަކުރެއްވުމަށް ރާނީ ނިންމެވީ ރަސްމީ އިއްޒަތުގައި ޝާހީ ގަނޑުވަރުގައެވެ. އަދި ރަގްބީ މުބާރާތުގައި ބައިވެރިވި އިނގިރޭސި ޓީމުތަކަށް ގަނޑުވަރުގައި ޚާއްސަ ފަރިއްކޮޅެއްވެސް ބޭއްވެވިއެވެ.

އެއަށްފަހު ފިރިކަލުން ޕްރިންސް ފިލިޕްއާއެކު 1997 ވަނަ އަހަރު ގާބީ ކައުންންޓީގެ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުއްވުމަށްވެސް ވަޑައިގެންނެވިއެވެ.

އިނގިރޭސި ރަގްބީ ޓީމް ތައްޓާއެކު ރާނީގެ އަރިހުގައި، ޝާހީ ގަނޑުވަރުގައި ފޮޓޯއަކަށް އެތުރިގެން - ގޫގްލް

2008 ވަނަ އަހަރު ސްލޮވޭކިޔާއަށް ކުރެއްވި ދަތުރުފުޅުގައި ހޮކީ މެޗެއް ޝަރަފުވެރިކޮށްދެއްވަން ދައުވަތު ލިބިވަޑައިގަތުމުން، ގުއިލްޑްފޯޑް ފްލޭމްސްއާއި ޕޮޕާޑްގެ މެޗު ފައްޓަވައިދެއްވުމަށް ސީދާ ކޯޓަށް ވަޑައިގެންނެވިއެވެ. އަދި 2012 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ހުޅުއްވައިދެއްވުމަށް ޖޭމްސް ބޮންޑާއެކު ސްކައި ޑައިވް އިވެންޓެއްގައި ބައިވެރިވަޑައިގަތްކަން ދެއްކެވުމަށް ފިލްމެއް ކުޅުއްވައި، މުބާރާތް ހުޅުއްވައިދެއްވީވެސް ރާނީ އެލިޒަބަތެވެ. މީގެ އިތުރުން ކުޅިވަރުގެ ބޮޑެތި މުބާރާތްތަކުން ރަންވަނަތައް ހޯދި އެތުލީޓުންނަށް ޝާހީ ގަނޑުވަރަށް ދައުވަތުދެއްވައި އެމީހުންގެ އަގު ވަޒަންކުރެއްވިއެވެ.

ރާނީ (މ) ކޮމަންވެލްތު ގޭމްސްގެ ބެޓަން ހަވާލުކުރެއްވުމަށް 2021 ވަނަ ބޭއްވި ރަސްމިއްޔާތުގައި - ގޫގްލް

ރަސްމީ ކުޅިވަރު އިވެންޓަކުން ރާނީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެއީ ދާދިފަހުން އިނގިރޭސިވިލާތުގެ ބަރމިންގހަމްގައި ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސް ބެޓަން ދުނިޔޭގެ ކަންކޮޅުތަކަށް ގެންދިއުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ބެޓަން (ދިވެހިރާއްޖެވެސް ހިމެނޭހެން) މުޅި ދުނިޔެއަށް ފޮނުވުމުގެ ދަތުރު ފައްޓަވައިދެއްވުމަށް ޕެރަލިމްޕިކް ގޯލްޑް މެޑަލިސްޓް ކަޑީނާ ކޯޒަށް ބެޓަން ހަވާލުކޮށްދެއްވީ ބަކިމްހަމް ޕެލަސްގެ ބޭރުގައި، ރާނީ އެލިޒަބަތެވެ.

ރާނީ އަވަހާރަވުމަކީ މުޅި ދުނިޔެ ހިތާމަފާޅުކުރަމުންދާ ކަމެކެވެ. މިހިތާމައިގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންދާ އެއް ބަޔަކީ އިނގިރޭސި ފުޓްބޯޅަ ކުލަބުތަކެވެ. އިނގިރޭސި ޕްރިމިއަރ ލީގުން ވަނީ މިހަފުތާގައި ކުޅެން ނިންމާފައިވާ ބޮޑެތި ހުރިހާ މެޗުތަކެއް ގައުމީ ހިތާމައިގައި ބައިވެރިވުމަށް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް