ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތު، (ކްއީން އެލިޒަބަތު 2)އަކީ މުޅި ދުނިޔޭގެ ރެކޯޑު ކަމުގައި ހިމެނިވަޑައިގެންނެވި ރަސްރަނި ކަމަނާއެވެ. ޢުމުރުފުޅު 96 އަހަރުފުޅެވެ.

ދިވެހި ހިސާބުގެ އަދަދުންނަމަ 96 އަހަރުފުޅުވުން އެއީ ހިޔައަހަރުފުޅެވެ. ރަސްކަމުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރުފުޅު ވަންދެން ރެދަލިކުރެއްވި ތާޖާއިތަޚުތުގެވެރި ރަނިކަމަނާއެވެ. ރާނީގެ ޝާހީ ޖަނާޒާގެ ރަސްމިއްޔާތަކީ ދުނިޔޭގައި މިހާތަނަށް ބޭއްވުނު މިފަދަ ޝާހީ އެންމެ ބޮޑު ޖަނާޒާގެ ރަސްމިއްޔާތެވެ. ދުނިޔޭގެ ޤައުމުތަކުގެ އެންމެ މަތީ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްރަސްކަލުންނެވެ. ރައީސުންނެވެ. ބޮޑުވަޒީރުންނެވެ. ޝާހީ އަމީރުންނެވެ. ސަރުކާރުތަކުގެ ވަޒީރުންނެވެ. ދައުލަތްތަކުގެ ސަފީރުންނެވެ. ގައުމުތަކުގެ އިއްޒަތްތެރިންނެވެ.

އިނގިރޭސީންގެ ރަސްކަމުގެ ޢިއްޒަތްތެރި ތަޚުތަށް ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތު، އިސްވެވަޑައިގަތުމުގެ އުފާވެރި މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި މީގެ 70 އަހަރުކުރިން 1952ގައި ފާހަގަކުރެވުނެވެ.

ދިވެހި ގައުމުގެ އިޚްލާޞްތެރި މުބާރިކުބާދީއާ ހެއުއެދުންތައް އެމަތިވެތި ރާނީގެ އަރިއަހަށް، ދިވެހި ސަރުކާރުގެ ވެރިޔާ އަލްއަމީރު މުޙައްމަދު އަމީނު ވަނީ އަދާކުރައްވާފައިވެއެވެ. ކްއީން އެލިޒަބަތުގެ އުމުރުފުޅު ދަންމަވައި ނަސްރާ ނަސީބު އިތުރުކުރެއްވުމަށް ދިވެހިރާއްޖެއިން ވަނީ މީގެ 70 އަހަރުކުރިން ދުޢާކޮށްފައެވެ.

ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތުގެ އަރިއަހަށް (ނ.ޣ.ޢ.ވ.) ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ލަގަބު އެރުވުނީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި 13 މާރިޗު 1972ގައެވެ. ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. އަކީ، 1952 އިން 1965 އަށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާއެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 75 އަހަރު! ވަރަށްގިނަ މުއައްރިހުންނާޢި ލިޔުންތެރިން ލިޔުއްވާފައި ވަނީ، ދިވެހިރާއްޖެއިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ، 16 ޑިސެންބަރު 1887ގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލު (ކުޑަބަންޑާރައިން)ގެ ރަސްކަމުގައި ކަމަށެވެ. އެހެންނަމަވެސް ޤާނޫނީގޮތުން ބުރަވެވެނީ 1889ގައި އައްސުލްޠާން އިބްރާހީމް ނޫރުއްދީން (ނޫރައްދީން ބަންޑާރައިން)ގެ ރަސްކަމުގައި ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގައި ވަނީ 2 ޖަނަވަރީ 1889ގައި ކަމަށެވެ! "1889މިވަނަ އަހަރުގެ ޖަނަވަރީން 2ވަނަ ދުވަހު، މާތްވެގެންވާ އިނގިރޭސި ދައުލަތުން މާތްވެގެންވާ ކުއީން ވިކްޓޯރިޔާގެ ފަރާތްޕުޅުން މާތްވެގެންވާ ވައުދު ފޮނުއްވި ކަމަށެވެ. "24 އޭޕުރީލު 1948ގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމަށްފަހު، 1 ޖަނަވަރީ 1953ގައި އަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 3ވަނަ މާއްދާ" ދިވެހިރާއްޖެއަކީ އިނގިރޭސީންގެ ޢިއްޒަތްތެރި ރާނީގެ ޙިމާޔަތްތެރިކަމުގެ ދަށުގައިވާ މިނިވަން ދައުލަތެކެވެ.

"(ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާއާއި ޤައުމުގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ރިޔާސަތު ފެށުނު ދުވަސް) 26 ޖުލައި 1965ގައި، ދިވެހިރާއްޖެއަށް ޚާރިޖީ ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، 11 ނޮވެންބަރު 1968ގައި އަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާ (މިޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ، 2ވަނަ މާއްދާ" ދިވެހިރާއްޖެއަކީ އަމިއްލަކަމާއި މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ވެރިކަން ހިނގާ ދައުލަތެކެވެ. ދައުލަތުގެ ނަމަކީ ދިވެހިޖުމުހޫރިއްޔާއެވެ. "(މި ޖުމުހޫރިއްޔާއާއި ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރިވެރިޔާގެ ރިޔާސަތު ފެށުނު ދުވަސް) ވީމާ، ޤާނޫނީގޮތުން ބަލާއިރު ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށެވެ.ވީމާ، 77 އަހަރެއް ނޫނެވެ. 75ވަރަކަށް އަހަރެވެ.

50%
0%
50%
0%
0%
0%