ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 16:22
ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން ހުށަހެޅި ގަރާރު ފާސްކުރުން
ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން ހުށަހެޅި ގަރާރު ފާސްކުރުން
ފޮރިން މިނިސްޓްރީ
ޚާރިޖިއްޔާއިން ހާސިލުކުރެވުނު މުހިއްމު ކަންކަން
މި ކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖެއަށްވެސް ދުނިޔޭގެ މައިދާނުގައި ފައިހަރުކޮށްލެވޭނެކަން ވަނީ ދައްކައިދީފައި
ހިލޭ އެހީ، ގްރާންޓް، ލޯނު، ލައިން އޮފް ކްރެޑިޓް އަދި ތަކެތީގެގޮތުގައި ވޭތުވެދިޔަ 4 އަހަރު ގާތްގަނޑަކަށް 3.21 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު
ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަނާ ދެމެދު ސީނިއަރ އޮފިޝަލުންގެ ފެންވަރުގެ ބައްދަލުވުންތައް މުޅިން އަލަށް ބާއްވަން ފެށުނު

018 ވަނަ އަހަރުގެ ނޮވެމްބަރ މަހު، އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތްއިރު ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ މައިދާނުގައި ވަރަށް ބޮޑަށް އެކަހެރިވެ ނިކަމެތިވެފައެވެ. އެ މަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގަތީ މި އެކަހެރިކަމާ ނިކަމެތިކަމަށް ނިމުމެއް ގެނައުމުގެ ވައުދާއެކުއެވެ.

މިއަދު މި ފެންނަނީ އެމަނިކުފާނުގެ ސަރުކާރުން އެ ވައުދު ވަރަށް ފުރިހަމައަށް ފުއްދާފައިވާތަނެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖެއަކީ އެހެން ގައުމުތަކުގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ގައުމަކަށް ހަދައި، މި ކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖެއަށްވެސް ދުނިޔޭގެ މައިދާނުގައި ފައިހަރުކޮށްލެވޭނެކަން މިވަނީ ދައްކައިދީފައެވެ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔޭގެ އެހެން ގައުމުތަކުން ވަރަށް ފުރިހަމައަށް ބަލައިގެންފިކަންވެސް މިހާރު ހާމަވެގެން ހިނގައްޖެއެވެ.

ސިޔާސަތު - ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން

ބައިލެޓަރަލް ދާއިރާ

ބައިލެޓަރަލް ދާއިރާއަށް ބަލާލާއިރު، ދިވެހިރާއްޖެއާއި ދޭދޭ ގައުމުތަކާއި އޮންނަ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމުގެ ގޮތުން 8 ގައުމަކާއެކު ސިޔާސީ ގުޅުން ގާއިމްކުރެވުނެވެ. އެއީ; ބޮލީވިއާ، ރުވާންޑާ، އަންގޯލާ، އެސްވަޓީނީ، އެރިޓްރިއާ، ލެސޯތޯ، ބުރުންޑީ، ސައޮ ޓޯމޭ އަދި ޕްރިންސިޕެވެ.

ހަމައެއާއެކު، ގަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެވިފައިވަނިކޮށް އެ ގުޅުން އަލުން ގާއިމުކުރެވުނެވެ. މިއާއެކު އދ.ގެ 193 ގައުމުގެ ތެރެއިން 180 ގައުމާއެކު ސިޔާސީ ގުޅުން ވަނީ ގާއިމްކުރެވިފައެވެ. މީގެ ކުރިން ދިވެހިރާއްޖެ އެކަހެރިވެފައިވާ އެކަހެރިވުން ނިމުމަކަށް އައިސް، ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަން މިހާރު ވަނީ އިތުރުވެފައެވެ. މީގެ އެންމެ އަލިގަދަ ހެތްކަކީ އިނގިރޭސިވިލާތުގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި މުޅިން އަލަށް ހުޅުވުމެވެ. މިއީ ޔޫރަޕްގެ ގައުމަކުން ދިވެހިރާއްޖޭގައި ރެޒިޑެންޓް މިޝަނެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ. އަދި އެމެރިކާއިންނާއި އޮސްޓްރޭލިއާއިންވެސް ރާއްޖޭގައި މިޝަނެއް ހުޅުވާނެ ވާހަކަ ރަސްމީކޮށް އިއުލާނުކޮށް، މިޝަން ހުޅުވުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.

ރާއްޖޭގެ ޑިޕްލޮމެޓިކް އައުޓްރީޗް ބޮޑުކުރުމުގެ ގޮތުން 37 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވިއެވެ. މީގެ ތެރެއިން ބައެއް ގައުމުތަކަކީ މުޅިން އަލަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެވުނު ގައުމުތަކެވެ. އެމެރިކާގެ ވޮޝިންގޓަން ޑީސީގައާއި ރަޝިޔާގެ މޮސްކޯގައި ދިވެހިރާއްޖޭގެ އެމްބަސީތައް ހުޅުވުމަށް ނިންމުނެވެ. ޚާރިޖީ ގުޅުންތަކަށް އައި ހެޔޮ ބަދަލުގެ ނަތީޖާއެއްގެ ގޮތުން، ބޭރުގެ ގައުމުތަކުގެ ދަައުވަތަށް، 8 ގައުމަކަށް އެންމެ މަތީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅުތައް ކުރެއްވިއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ޖަޕާން، ބަންގްލަދޭޝް، ސިންގަޕޫރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު އަދި ސީޝެލްސްއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް 5 ގައުމަކަށް ރަސްމީ ދަތުރުފުޅުތައް ކުރެއްވިއެވެ. މި ދަތުރުފުޅުތަކުން މުހިއްމު ނަތީޖާތަކެއް ނެރެވުނެވެ. އެންމެ ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެނީ ހިލޭ އެހީ، ގްރާންޓް، ލޯނު، ލައިން އޮފް ކްރެޑިޓް އަދި ތަކެތީގެ ގޮތުގައި ވޭތުވެދިޔަ 4 އަހަރު ގާތްގަނޑަކަށް 3.21 ބިލިއަން އެމެރިކާ ޑޮލަރު ލިބިގެންދިއުމެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް އެހީތަކަކީ އިންޑިޔާއިން ގާތްގަނޑަކަށް 2.65 ބިލިއަން ޑޮލަރުގެ އެހީއާއި، ޖަޕާނުން 70.6 މިލިއަން ޑޮލަރުގެ އެހީއާއި، ޔޫއޭއީން ލިބުނު 55 މިލިއަން ޑޮލަރުގެ އެހީއެވެ.

އަދި ސައޫދީ އަރަބިއްޔާއިން 50 މިލިއަން ޑޮލަރުގެ އެހީއާއި ޗައިނާއިން 88.7 މިލިއަން ޑޮލަރުގެ އެހީއާއި، އެމެރިކާއިން 28.4 މިލިއަން ޑޮލަރުގެ އެހީއާއި، ޔޫރަޕުގެ އިއްތިހާދުން 82.1 މިލިއަން ޑޮލަރުގެ އެހީ ހިމެނެއެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެއަށް މިހާތަނަށް ހޯދުނު އެންމެ ގިނަ އެހީއެވެ.

އިންޑިޔާއިން ހޯދުނު ގާތްގަނޑަކަށް 3.65 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 166.9 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. މި ގޮތުން ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ތަކަކީ ސަރުކާރުން ލާމަރުކަޒީގޮތުން ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތަކަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ ޕްރޮޖެކްޓް ތަކެވެ.

އަދި މި ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހޯދުނު 400 މިލިއަން ޑޮލަރުގެ ލޯނުން ހިންގޭ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"އަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އަދި މީގެ އިތުރުން ކުޅިވަރާބެހޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 40 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އިންޑިއާއިން ވަނީ ހޯދިފައެވެ.

މީގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަންވެސްވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް، 12 މާރޗު 2019ގައި ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީ.އޯ.އޭ.ޖީ)ގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ ހިލޭ އެހީގައި ދިވެހިރާއްޖޭގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަގު 1 މިލިއަން އެމެރިކާ ޑޮލަރުން 50 މިލިއަން އެމެރިކާ ޑޮލަރަށް މި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެގޮތުން އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކުރިއެވެ.

އަދި އީޔޫގެ މަލްޓި އެނުއަލް އިންޑިކޭޓިވް ޕްރޮގްރާމް 2021-2027ގެ ދަށުން 12 މިލިއަން ޔޫރޯ ދިވެހިރާއްޖެއަށް ވަކިން ޚާއްސަކުރެވުނެވެ. މި އެހީތައް މީގެ ކުރިން ލިބެމުން އައީ ސަރަހައްދީ ގައުމުތަކަށް އީޔޫއިން ކަނޑައަޅާ ފައިސާގެ ތެރެއިންނެވެ. މިއީ ރާއްޖެއަށް ޚާއްސަކޮށްގެން ޔޫރަޕިއަން ޔޫނިއަނުން މި އެހީ ހޯދުނު ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާއެކު މުޅިން އަލަށް ޕާރޓްނަރޝިޕް ފްރޭމްވޯރކް އެއްބަސްވުމަކާ ހަމައަށް އައުމަށް މަގުފަހިކުރުމުގެގޮތުން ޕާރޓްނަރޝިޕް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ފެށުމަށް އީޔޫއިން އިއުލާންކުރެވުނެވެ. އަދި ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ސީނިއަރ އޮފިޝަލުންގެ ފެންވަރުގެ ބައްދަލުވުންތައް މުޅިން އަލަށް ބާއްވަންފެށުނެވެ. މިކަމުންވެސް އީޔޫއާއެކު ގުޅުން ބަދަހިވެފައިވާ މިންވަރު ހާމަވެގެންދެއެވެ.

ކޮވިޑުން އިގުތިސާދަށް ކުރިމަތިވި ހީނަރުކަން ކުޑަކޮށް ގައުމުގެ އިގުތިސާދު އިތުރަށް ވަރުގަދަކޮށް ތަރައްގީއަށް އެހީ ފޯރުކޮށް ދިނުމުގެ ގޮތުން އިމަރޖެންސީ ސަޕޯޓް ލޯނެއްގެ ގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނުގެ އެހީއެއް ދިނެވެ. ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުންވެސް ވަނީ އިގުތިސާދީގޮތުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މި ދަނޑިވަޅުގައިވެސް ޖަޕާނުން މިހާ ބޮޑު އެހީތެރިކަމެއް ދިނުމަކީ ފާހަގަކުރެވޭ ކަމެކެވެ.

ތަރައްގީއާއި އިގުތިސާދީގޮތުން ޖަޕާނާ ދިވެހިރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19ން ރައްކާތެރިވުމާއި، ފަތުރުވެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖެއާ ޖަޕާނާ ދެމެދު ޕޮލިސީ ޑައިލޮގްގެ ބައްދަލުވުންތައް ތިން ފަހަރެއްގެ މަތިން ބޭއްވުނެވެ. ދިވެހިރާއްޖެއަށް އިގުތިސާދީ ފުރުސަތުތައް އިތުރަށް ހޯދައި، ރާއްޖޭން ބޭރުގައި ދިވެހިންނަށް ކުރިމަތިވާ ތަފާތު ކޮންސިއުލަރ ކަންކަމުގައި ވީހާވެސް ބޮޑަށް އެހީތެރިކަން ހޯދުމަށްޓަކައި، ބޭރުގެ 13 ތަނަކަށް އޮނަރަރީ ކޮންސުލުން އައްޔަންކުރެވުނެވެ.

މީގެ ތެރެއިން ބައެއް ބޭބޭފުޅުން އައްޔަންކުރެވުނީ މީގެ ކުރިން އައްޔަންނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ތަންތަނަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ދަތުރުފަތުރު ގިނަދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމާ އެކުގައިވެސް، ގައުމުތަކުގެ އިސްވެރިންނާއި ފޮރިން މިނިސްޓަރުންގެ ފެންވަރުގައި 11 އިއްޒަތްތެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ. މީގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ސްރީލަންކާގެ ކުރީގެ ރައީސް، ސްރީލަންކާގެ ބޮޑުވަޒީރު، ސްރީލަންކާގެ ފޮރިން މިނިސްޓަރ، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޗައިނާގެ ސްޓޭޓް ކައުންސެލަރ، ތުރުކީގެ ފޮރިން މިނިސްޓަރ، ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓެޓިވް އަދި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގައި ދެކުނު އޭޝިޔާއަށް ހުންނަވާ މިނިސްޓަރ ހިމެނެއެވެ.

މިއިން ގިނަ ބޭފުޅުންނަކީ މިހާ މަތީ ފެންވަރުގައި އެ ގައުމުތަކުން ދިވެހިރާއްޖެއަށް މުޅިން އަލަށް ނުވަތަ އެތައް އަހަރަކަށް ފަހު އެ ފެންވަރުގައި ދަތުރުކުރެއްވި ބޭބޭފުޅުންނެވެ. އެގޮތުން ސެކްރެޓަރީ އޮފް ސްޓޭޓްގެ ފެންވަރުގައި އެމެރިކާއިން ރަސްމީ ދަތުރުފުޅެއް ކުރައްވާފައި މިވަނީ ގިނަ އަހަރުތަކަކަށްފަހުއެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓެޓިވް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް މި ކުރެއްވީ މުޅިން އަލަށެވެ. މި ދަތުރުފުޅުން ހާމަކޮށްދެނީ ޔޫރަޕުގެ ގައުމުތަކުން ދިވެހިރާއްޖެ ބަލައިގެންފައިވާ މިންވަރެވެ.

އަދި ދުނިޔޭގެ އެންމެ ބޮޑެތި އަދި ބާރުގަދަ ގައުމުތަކުން ދިވެހިރާއްޖެއަށް އޮތް އިތުބާރާއި ޔަގީންކަމާއި، ދިވެހިރާއްޖެއާ ގުޅުން ބަދަހިކުރަން މިހާރު ބޭނުންވާ މިންވަރެވެ. ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ދޭދޭ ގައުމުތަކާއެކު ދިވެހިރާއްޖެއަށް މަންފާކުރަނިވި ތަފާތު ދާއިރާތަކުން، 163 ފަހުމުނާމާގައި ސޮއިކުރެވުނެވެ.

މަލްޓިލެޓަރަލް ދާއިރާ

މަލްޓިލެޓަރަލް ދާއިރާއަށް ބަލާލާއިރު، މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުގައި ޚާރިޖީ ދާއިރާއިން ހޯދިފައިވާ އެންމެ ފާހަގަކޮށްލެވޭ އެންމެ ފަޚުރުވެރި އެއް ކާމިޔާބަކީ، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ކެންޑިޑޭޓަކު ހޮވިވަޑައިގަތުމެވެ. މިއީ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ކުރީގެ ސަރުކާރުން ކޮމަންވެލްތުން ވަކިވެފައިވަނިކޮށް، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެ މިވަނީ އަލުން ކޮމަންވެލްތާ ގުޅިފައެވެ.

އަދި 4 އަހަރަށް ފަހު ގައުމުގެ އިސްވެރިޔާގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގައި ދެ ފަހަރު ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވިއެވެ. މީގެ ތެރެއިން އެއްފަހަރު ތަގުރީރުކުރެއްވީ ދިވެހި ބަހުންނެވެ. އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައޯރާ)ގައި މުޅިން އަލަށް ބައިވެރިވެވުނެވެ. އަދި އިންޓަރނޭޝަނަލް ސޯލާ އެލަޔަންސާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވެ، ޝަންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ޑައިލޮގް ޕާޓްނަރެއްގެ މަގާމު ދިވެހިރާއްޖެއަށް ދިނުމަށް އެ ޖަމްއިއްޔާއިން ނިންމިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭގައި ބޭއްވުމަށް ހުށައެޅި ބިޑު ދިވެހިރާއްޖޭން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ މިހާތަނަށް ދިވެހި ތާރީޚުގައިވެސް މި ފެންވަރުގެ ސަރަހައްދީ މުބާރާތެއް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ހޯދުނު ފުރަތަމަ ފަހަރެވެ. ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކަށް ރާއްޖޭގެ ދާއިމީ މަންދޫބުން ކަނޑައެޅުނެވެ. އެއީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާއި، އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީއާއި، ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން އަދި މުޅިން އަލަށް އާސިއާންގެ ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަނުން ސައުތު އީސްޓް އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ހުށައެޅިފައެވެ. އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ބައިވެރިވުމަށް ހުށައަޅައި، މިހާރު އެކަން ވަނީ އެންމެ ފަހު މަރުހަލާއާ ހަމައަށް ގެންދެވިފައެވެ.

އދ.ގެ ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗަރ އެންޑް އަދަރ އިންހިއުމޭން އޮރ ޑީގްރޭޑިންގ ޓްރީޓްމެންޓް އޮރ ޕަނިޝްމެންޓްގެ 2021ން 2024ގެ ޓަރމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖަސްޓިސްއަކު ހޮވުނެވެ. މަލްޓިލެޓަރަލް ތަފާތު 9 މުއާހަދާ/އެއްބަސްވުން ނުވަތަ ޑެކްލަރޭޝަންތަކުގައި ދިވެހިރާއްޖޭން ބައިވެރިވެވިފައި ނުވަތަ ބައެއް އެއްބަސްވުންތައް ހުރީ ބައިވެރިވުމުގެ އެންމެ ފަހުގެ މަރުހަލާތަކުގައެވެ. މަލްޓިލެޓަރަލް ފެންވަރުގައި، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ ދާއިރާތަކުން ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމަށް ދިވެހިރާއްޖެ އަލުން ކުރިމަތިލައި އެކަން އިއުލާނު ކުރެވުނެވެ.

ނިރުބަވެރިކަމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ޔޫރަޕުގެ އިއްތިހާދުން އެހީގެ ގޮތުގައި 2.5 މިލިއަން ޔޫރޯ ހޯދުނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގއިން ޕަރސަންސް ރިޕޯޓުގެ ޓިއަރ 2ށް ދިވެހިރާއްޖެ ޕްރޮމޯޓްވިއެވެ. ކްލައިމެޓް ޑިޕްލޮމަސީގެ ދަށުން، ދިވެހިރާއްޖޭގެ އިސްނެގުމާއެކު ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގެއްކަމަށް ފުރަތަމަ ފަހަރަށް އދ.ން ފާސްކުރިއެވެ.

އަދި ދިވެހިރާއްޖޭގެ އިސްނެގުމާއެކު ހުށަހަޅައި، 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޯމަސީ"އަށް ވަކި ދުވަހެއް ކަނޑައަޅައި އދ.ން ގަރާރެއް ފާސްކުރެވުނެވެ. މިއީ މަލްޓިލެޓަރަލް މައިދާނުގައި ފާހަގަކޮށްލެވޭފަދަ ތާރީޚީ ނިންމުންތަކެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތްކޮށް އިސްލާމީ ދުނިޔެއާއިގުޅުން ބަދަހިކުރުމުގެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)އަށް ދިވެހިރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައެޅުނެވެ.

ސިޔާސަތު - ދިވެހިރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުން

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޖީ-20ގެ ގައުމުތަކުން ހުށަހެޅި 'ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއެޓިވް'ގައި ބައިވެރިވިއެވެ. މީގެދަށުން; ފްރާންސް، ބެލްޖިއަމް، ޗައިނާ، އެމެރިކާ، ކުވައިތު، ސައޫދީ އަރަބިޔާ ފަދަ ގައުމުތަކާއެކު ދަރަނި އަދާކުރުމެވެ.

ލަސްކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. އެއާއެކު ކޮވިޑާ ގުޅިގެން އިނދަޖެހިގެން ދިޔަ އިގުތިސާދަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔައެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހި ރައްޔިތުންނަށް އެންމެ މުހިއްމު ކަމަކަށްވެގެންދިޔަ ކޮވިޑް ވެކްސިން ހޯދުމަށް މިނިސްޓްރީން ކުރެވުނު މަސައްކަތުން 1.4 މިލިޔަނަށްވުރެ ގިނަ ވެކްސިން ޑޯޒް ރާއްޖެއަށް ހޯދުނެވެ. ދިވެހިރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށް އެދާއިރާއިން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، 133 ބައިވެރިންނާއެކު 'މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް' ބޭއްވުނެވެ. ޖުމްލަ 1050 ބައިވެރިންނާއެކު 15 އިންވެސްޓްމަންޓް ވެބިނަރ ބޭއްވުނެވެ. މީގެ ތެރެއިން 85 އިންސަންތަ ބައިވެރިންނަކީ ބޮޑެތި އިންވެސްޓަރުންނެވެ.

ދިވެހިރާއްޖެއަށް މުހިއްމު ތައުލީމީ ދާއިރާތަކުން ކޮންމެ އަހަރަކުވެސް ހޯދަމުންދާ ސްކޮލަރޝިޕް ފުރުސަތުތަކުގެ އިތުރުން 44 ސްކޮލަރޝިޕްގެ ފުރުސަތާއެކު، އޮނަރަރީ ކޮންސުލްއިންގެ ސްކޮލަރޝިޕް ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވިއެވެ. އަދި ހަމަ އެއާއެކު އިންޑިޔާއިން އަބަދުވެސް ދެމުންގެންދާ ސްކޮލަރޝިޕް ތަކުގެ އިތުރުން ކުރުމުއްދަތުގެ ތަމްރީނުގެ 1000 ފުރުސަތު ހޯދުނެވެ.

ސިޔާސަތު - ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފެންވަރު ރަނގަޅު އަދި އަވަސް ކޮންސިއުލަރގެ ޚިދުމަތްތައް ފޯރުކޮށްދިނުން

ވިސާގެ ލުއިފަސޭހަތައް

ބޭރު ގައުމުތަކަށް ދަތުރުފަތުރުކުރާ، އަދި ތަފާތު އެކި ބޭނުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ޖަރުމަނާއި ޗެކް ރިޕަބްލިކްގެ ޝެންގަން ވިސާ މާލެއިން ދޫކުރުމަށްޓަކައި ވީ.އެފް.އެސް.ގެ ވިސާ ސެންޓަރެއް 1 މާޗް 2020ގައި ހުޅުވުނެވެ. ވިސާއަކާނުލައި ދަތުރުކުރުމަށް މަގުފަހިކުރުމަށް، ދިވެހި ސަރުކާރާ ޔޫ.އޭ.އީ. މޮރޮކޯ، ޗައިނާ، ރަޝިޔާ، އަދި ކަޒަކިސްތާނު ސަރުކާރުގެ މެދުގައި 'ވިސާ ވެއިވަރ' އެގްރީމަންޓުތަކުގައި ސޮއިކުރެވުނެވެ.

މި ނިންމުންތަކާއެކު، ވިސާއާ ނުލައި ޖުމްލަ 80ށްވުރެ ގިނަ ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެއެވެ. އަދި ދިވެހި ޕާސްޕޯޓަކީ މިވަގުތު މުޅި ދެކުނު އޭޝިޔާ ސަރަހައްދުންވެސް އެންމެ ބާރުގަދަ ޕާސްޕޯޓެވެ. ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ފަތުރުވެރިންނަށާއި، އުމްރާގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ ދިވެހި ރައްޔިތުންނަށް އޮންލައިންކޮށް ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކުރެވުނެވެ.

ކޮވިޑް-19އާ ގުޅިގެން ކުރެވުނު ކޮންސިއުލަރ މަސައްކަތްތައް

ކޮވިޑް-19ގެ ސަބަބުން ބޯޑަރުތައް ބަންދުކުރުމާގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހިފައިވާ ދިވެހިންގެ ތެރެއިން 9 ގައުމެއްގައި ތިބި ދިވެހިންނަށް މިނިސްޓްރީން މާލީ އެހީތެރިކަން ފޯރުކޮށްދެވުނެވެ. ރާއްޖޭގައި ތިބި ކްރިޓިކަލް ޕޭޝަންޓުންނަށް ބޭސްފަރުވާކުރުމަށް އިންޑިޔާއާއެކު 'އެއަރ ބަބްލް'އެއް ހެދި، ޚާއްސަ ހުއްދައިގެ ދަށުން ސްރީލަންކާއަށްވެސް ގިނަ އަދަދެއްގެ ދިވެހިންނަށް ބޭސް ފަރުވާ ކުރުމަށް ދިއުމުގެ ހުއްދަ ހޯދައިދެވުނެވެ. 15 ގައުމެއްގައި ތިބި ދިވެހިން މިނިސްޓްރީގެ އެހީގައި ދިވެހިރާއްޖެއަށް ގެނެވުނެވެ. ބޭރުގެ 5 ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި މިނިސްޓްރީ މެދުވެރިވެގެން ފޮނުވައިދެވުނެވެ. އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ ކްރިޓިކަލް މެޑިސިން 4 ގައުމަކުން މިނިސްޓްރީ މެދުވެރިވެގެން ގެނެސްދެވުނެވެ.

ޔޫކްރޭނުން ދިވެހިން ރާއްޖެއަށް ގެނައުން

ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، ޔޫކްރޭންގައި ތާށިވެފައި ތިބި 26 ދިވެހިން ހެޔޮހާލުގައި ރާއްޖެއަށް ގެނެވުނެވެ. މިމީހުން ގެނެވުނީ ހަންގޭރީއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލްގެ ވަރަށް ބޮޑު އެހީއާއެކު، ހަންގޭރީ މަގުންނެވެ.

ޖިއްދާގައި ކޮންސުލޭޓެއް ހުޅުވުން

ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި މައުލޫމާތު ހޯދައިދިނުމަށް، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވައި، ކޮންސުލް ޖެނެރަލެއް އައްޔަންކުރެވުނެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، ސަރަހައްދުގެ ގައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމުގެގޮތުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ދިވެހިރާއްޖޭން މުޅިން އަލަށް ބައިވެރިވެވުނެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ކުރިއެރުމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް މަސައްކަތްކުރުމަށް ލިބުނު މުހިއްމު ފުރުސަތެކެވެ.

ސިޔާސަތު - ޕްރޮފެޝަނަލް ފޮރިން ސަރވިސްގެ ޚިދުމަތެއް ގާއިމްކުރުން

ދިވެހި ޚާރިޖިއްޔާގައި މަސައްކަތްކުރާ މުވައްޒަފުން ބާރުވެރިކުރުވައި، ވަޒީފާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ޚާރިޖިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމުގެގޮތުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސްއާބެހޭ ފުރަތަމަ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް"އަކީ ވަކި ޕްރޮފެޝަނަލް ޚިދުމަތެއްގެގޮތުގައި ކަނޑައެޅުނެވެ. މި ގާނޫނުގެ ދަށުން، މިނިސްޓަރަށް ލަފާއެރުވުމަށްޓަކައި ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑެއް އެކުލަވާލެވުނެވެ. މިއީ ވަރަށް ގިނަ އަހަރުތަކަކަށްފަހު އަޅުގަނޑުމެންނަށް ހާސިލުކުރެވުނު މުހިއްމު ލަނޑުދަނޑިއެކެވެ. ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއްގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް، މިނިސްޓްރީ ހިނގަމުންދާ އިމާރާތް މަރާމާތުކުރެވުނެވެ. އަދި އޮނަރަބަލް އަލްއުސްތާޛް ފަތުހުﷲ ޖަމީލްގެ ނަންފުޅަށް މި އިމާރާތް ރައީސުލްޖުމްހޫރިއްޔާ ތަޚްސީސްކޮށްދެއްވިއެވެ.

ދިވެހި ޚާރިޖިއްޔާއިން ދެކޭގޮތުގައި ދިވެހިރާއްޖޭން ކުރަން ބޭނުންވާ ކޮންމެ ކަމަކީވެސް ހާސިލުކުރެވޭނެ ކަމެކެވެ. އަދި އަޅުގަނޑުމެންނާ ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީވެސް ހައްލުކުރެވޭނެ ގޮންޖެހުމެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރައީސްކަމުގައި މިވީ 4 އަހަރު ދުވަހުގެ ތެރޭގައި، ޚާރިޖިއްޔާއަކީ އެމަނިކުފާނުގެ ހިކުމަތްތެރި އިރުޝާދުގެ ދަށުން މަސައްކަތްކޮށް އަދި ނަތީޖާ ނެރެވޭ ބައެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

ދިވެހި ޚާރިޖިއްޔާއިން ގަަބޫލުކުރާގޮތުގައި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއްކަމުގައި ވީނަމަވެސް، އެއީ ބައިނަލް އަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހައިބަތާއި ޝަޚުސިއްޔަތު ކުޑަވާންޖެހޭ ސަބަބެއްނޫނެވެ. އަދި އަޅުގަނޑުމެން ދިވެހިންނަކީ އެކަހެރިކަމާއި ނިކަމެތިކަމުގައި ބައިނަލްއަގުވާމީ މައިދާނަށް ފިލައިތިބޭ ބަޔަކަށްވެސް ވެގެންނުވާނެއެވެ. އެގޮތުން މި 4 އަހަރު ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން މި ވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ މަޝްރަހުގައި ބަސް ބުނެވޭ، ބަސްވިކޭ އަދި އެހެން ގައުމުތަކުން އަޅުގަނޑުމެންގެ ބަސް އަޑުއަހާ ބަޔަކަށް ހަދާފައެވެ.

ދިވެހިރާއްޖެއަކީ މިހާރު ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް އިހުތިރާމުކުރާ އަދި އެގައުމުތަކުންވެސް ދިވެހިރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވާ ގައުމަކަށް މި ވަނީ ހަދާފައެވެ. އަދި ރާއްޖެއަށްވުރެ ބޮޑެތި ގައުމުތަކާ ވާދަކޮށް، ހީނުކުރާފަދަ ޝަރަފުވެރި ކާމިޔާބީތައްވެސް ދިވެހިރާއްޖެއިން ވަނީ ހޯދާފައެވެ. އަދި މުޅި ދުނިޔެއިން ދިވެހިރާއްޖޭގެ ސިޔާސަތުތަކަށް ތައުރީފުކުރާފަދަ ގައުމަކަށްވެސް ހަދާފައެވެ.

ދިވެހި ޚާރިޖިއްޔާ ގަބޫލުކުރާ މަސައްކަތުގެ އުސޫލަކީ، ޚާރިޖީ ވަޒީރު ދައްކަވާފައިވާ ތިން ކާފުގެ އުސޫލެވެ. އެއީ "ކުރާނަން. ކުރެވޭނެ. އަދި ކުރުވާނަން" މިއވެ.

- ކޮމެންޓް