ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 12:52
ޕެސިފިކް ކަނޑުގެ ލޮނުގަނޑު އުފެލެމުންދާ ދިއުމާ ގުޅިގެން، ދިރިއުޅުމުގެ ކަންކަމަށް އަހުލުވެރި ކުރުމަށް، އަވަށުގެ 80 އެއްހާ ރަށްވެހިންނަށް މިއަދު ވަނީ މަޖުބޫރުވެފައި
މޫސުމީ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ފީޖީ
މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެތައް ރެފިއުޖީންނެއް ފީޖީގައި!
 
ފީޖީގެ ސެރުއާ އައިލަންޑްގައި އެއް ގެއިން އަނެއް ގެއަށް ދިއުމަށް ހުންނަނީ ލަކުޑި ފަތި އަޅާފައި، ގޯތިތެރެ މުޅިންހެން އޮންނަނީ ފެނު އަޑީގައި
 
ފީޖީ ސަރުކާރުގެ އެހީއާއެކު އެހެން ސަރަހައްދުތަކަށް ބަދަލުވާން ނިންމާފައިވާ ނުވަތަ މިހާރު ބަދަލުވެފައިވާ އަވަށްތަކުގެ އަދަދު 6 އަށް އަރާ
 
އާންމުން ދިރިއުޅެމުން ދިޔަ ސަރަހައްދުތަކުގައި ކަކުތާފެނަށް ލޮނު ފެންގަނޑު ބޮޑުވެފައިވާއިރު، ދަނޑުގޮވާން ކުރެވޭނެ ގޮތެއް ނެތް

ފީޖީގެ ސެރުއާ އައިލަންޑްގައި އާންމުން ދިރިއުޅޭ ގެތަކުގެ ސިޓިންގްރޫމްތަކާ އިންވެގެން ހުންނަނީ ބޯޓު ބަންނަ އޮޑިހަރުގެތަކެވެ. ބޮޑު ދިޔާގައި ރަށު ތެރެއަށް ފެންގަނޑު އަރައިގެން ދާ ދިއުމަކީ މިއަދު އެ އަވަށުގެ މީހުންގެ އާންމު ދިރިއުޅުމުގައި ކުރިމަތިލާން ޖެހިފައިވާ ޙަޤީޤަތެކެވެ. އެއް ގެއިން އަނެއް ގެއަށް ދިއުމަށް ލަކުޑި ފަތި އަޅާފައި ހުންނަނީ މަދެއް ކޮށެއް ނޫނެވެ. ގެތަކުގެ ގޯތިތެރެ މުޅިންހެން އޮންނަނީ ފެނު އަޑީގައި ކަމުންނެވެ.

އަވަށުގެ އިސް ރަށްވެހިން އުއްމީދު ކޮށްގެން ތިބީ މަރު ދުވަހާ ޖެހެންދެންވެސް އެ ފަސްގަނޑުގައި ދެމި ތިބުމަށެވެ. ކާބަފައިންގެ ހަނދާންތަކާ ގުޅިފައިވާ އެ ފަސްގަނޑުން ފައިބައިގެން ދިއުމުގެ ވިސްނުމެއް މީގެ ކުރިއަކުން ނުގެންގުޅެއެވެ.

ނަމަވެސް ޕެސިފިކް ކަނޑުގެ ލޮނުގަނޑު އުފެލެމުންދާ ދިއުމާ ގުޅިގެން، ދިރިއުޅުމުގެ ކަންކަން، އެކަމަށް އަހުލުވެރި ކުރުމަށް، އަވަށުގެ 80 އެއްހާ ރަށްވެހިންނަށް މިއަދު ވަނީ މަޖުބޫރުވެފައެވެ. އުފަން ފަސްގަނޑަށް ވަދާއީ ސަލާމް ކުރުމާ މެދު ގޮތެއް ނިންމުން ނޫން އެހެން އިހުތިޔާރެއް ނެތެވެ.

ފެންބޮޑުވުމާއި، ރަށް ގިރުމާއި މޫސުމީ ނޭދެވޭ އިންތިހާ ބަދަލުތަކާ ކުރިމަތިލާން ޖެހިފައިވާ އަވަށުގެ މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުސްތަގުބަލެއް ކަށަވަރު ކުރުމަށްޓަކާ، ފީޖީގެ މައި ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހިފައި ވާ ކަމަށް، އަވަށުގެ ރަށްވެއްސެއް ކަމަށް ވާ، އުމުރުން 38 އަހަރުގެ ސެމިސީ މަދަނަވާ ގަބޫލު ކުރެއެވެ.

މީގެ ކުރިއަކުން އަހަރަމެންގެ އަވަށު ތެރެއަށް ރާޅެއް ނާރާ. އެކަމަކު މިހާރު، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ތަޖުރިބާތައް އަހަރަމެން މިދަނީ ކުރަމުން. ކުރިއާ ތަފާތު. ލޮނުގަނޑު އެތެރެއަށް ވަދެގެން އާދޭ. އަހަރަމެން މިހާރު މިދަނީ އެހެން ސަރަހައްދަކަށް ބަދަލުވުމުގެ މަޝްވަރާތައް ކުރަމުން. ނޫނީ މިރަށުގެ ބިން އިތުރަށް ހިއްކާނީތޯވެސް އެބަ މަޝްވަރާ ކުރަން. އާނ... މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ވަށާ ތޮށިލާންވީތޯވެސް އެބަ މަޝްވަރާ ކުރަން
ސެމިސީ މަދަނަވާ؛ ފީޖީގެ ސެރުއާ އަވަށުގެ ރަށްވެއްސެއް

ސެރުއާ އައިލަންޑަކީ މުސްތަގުބަލަށްޓަކާ މުހިންމު، އެހެން ނަމަވެސް ހިތްދަތި ނިންމުންތައް ނިންމަން މަޖުބޫރުވެފައިވާ ފީޖީގެ ގިނަ އަވަށްތަކުގެ ތެރެއިން އެއް އަވަށެވެ. ފީޖީގެ މައި ރަށަށް ރީލޮކޭޓް ކުރުން ނުވަތަ ދިރިއުޅުން ބަދަލު ކުރުމަކީވެސް ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާއިރު، ސެރުއާ އައިލަންޑުންވެސް ދަނީ ފީޖީ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ނިއުޒީލަންޑްގެ 2000 ކިލޯމީޓަރުން އޮންނަ ފީޖީއަކީ އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެކެވެ. ފީޖީއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، އެހެން ސަރަހައްދުތަކަށް އާބާދީ ބަދަލު ކުރި، ޕެސިފިކްގެ ފުރަތަމަ ޖަޒީރާވެސް މެއެވެ.

ސެރުއާ އައިލަންޑް ވަރަށް މިސްވާން. ވަރަށް ހަނދާން ވާނެ. އާނ. ވަރަށް ބޮޑަށް ހަނދާން ވާނެ. ކީއްވެ ނުވާންވީ. އަހަރެން އުޅެ ބޮޑުވީ މިތާ. މިތަނުގެ ހުރިހާ ކަމެއްވެސް މިސްވާނެ. ގަސްގަހާގެއްސާ، ހުރިހާ އެއްޗެއް. މި ރަށުގެ ފަޒާގައިވާ ހިތްގައިމުކަމާ، ޖެހެމުންދާ ފިނި ވައިރޯޅިތައްވެސް. އެކަމަކު، އަހަރަމެން އެބަ ޖެހޭ ކޮންމެވެސް ކަމެއް ކުރަން
ސެމިސީ މަދަނަވާ؛ ފީޖީގެ ސެރުއާ އަވަށުގެ ރަށްވެއްސެއް

ފީޖީއިން އެންމެ ފުރަތަމަ، ގުރޫޕެއް ރީލޮކޭޓް ކުރީ 2014 ވަނަ އަހަރުއެވެ. ވުނިޑޮގޮލޮއާގެ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުވުމުގެ އެމީހުން ދިރިއުޅެމުން ދިޔަ ހާލު، ފީޖީގެ އޮފީޝަލުންނަށް ވަނީ ދައްކާލާފައެވެ. އާންމުން ދިރިއުޅެމުން ދިޔަ ސަރަހައްދުތަކުގައި ކަކުތާފެނަށް ލޮނު ފެންގަނޑު ބޮޑުވެފައި ވާ އިރު، ދަނޑުގޮވާން ކުރެވޭނެ ގޮތެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން، ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި ދިރިއުޅުމުގެ އެހެން ބަހާތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރީ، އޭގެ އެންމެ އިންތިހާއަށެވެ.

އާ އަވަށަކީ 1.5 ކިލޯމީޓަރުގެ ވަނުޔާ ލެވޫ އައިލަންޑްއެވެ. ގެތަކުގެ ބޭރުގައި، ހިކިފަސްތަނެއްގައި ކުޅެ އުޅެލުމުގެ ފުރުސަތު، ކުޑަކުދިންނަށް މިހާރު ލިބެއެވެ.

އަވަށު ވެރިޔާގެ ގޮތުގައި ކުރިން މަސައްކަތް ކުރި ސައޮލޮސީ ރަމަޓޫ ފާހަގަ ކުރި ގޮތުގައި، އެހެން ސަރަހައްދަށް ދިރިއުޅުން ބަދަލު ކުރަން، ދޮށީ އުމުރުގެ މީހުންނަށް ވިސްނައިދިނުމަށް ވަގުތު ނެގިއެވެ. ނަމަވެސް ތަޖުރިބާކާރުންނާއި އާބާދީގެ ވާހަކަތަކުގެ އަޑު އެންމެންވެސް އެހާ، ކާމިޔާބު ކަމާއެކު ރީލޮކޭޝަންގެ މަސައްކަތްތައް ނިންމާލިއެވެ.

އާ އަވަށަކަށް ދިރިއުޅުން ބަދަލު ކުރި ކަމުގައިވީ ނަމަވެސް ރަމަޓޫއާއި އެހެންވެސް ބައެއް މީހުން، އިހުގެ އަވަށަށް އަދިވެސް ޒިޔާރަތް ކުރެއެވެ. ކާބަފައިންގެ ހަނދާނުގައެވެ.

ފީޖީއަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސީދާ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ އެއް ގައުމަށްވާ އިރު، އެ ގައުމުގެ ރައްޔިތުން ދަނީ، މޫސުމީ ނެދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް ހިއްސާ ކަމުގައި ވާ ދުނިޔެ ހޫނުވުމުގެ މައްސަލައަށް އެންމެ ބޮޑަށް މަގުފަހި ކުރާ، ތަރައްޤީވެފައިވާ ގައުމުތަކުގެ އެހީއަށް ގޮވާލަމުންނެވެ. ހަމައެކަނި ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު މަދު ކުރުމަކަށް ނޫނެވެ. އުފުލެމުންދާ ކަނޑުގެ ލޮނުގަނޑުން، ރަށުގެ ވަޒަންވެރިންގެ ފުރާނަ ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ހިނގާ ޚަރަދުތައް ފޫބައްދާ ދިނުމަށްވެސް ފީޖީއިން ދަނީ ގޮވާލަމުންނެވެ.

އަހަރަމެން ބަލަން ބޭނުން ދުނިޔޭގެ ލީޑަރުންނަށް ގުޅިގެން، އެކުގައި މަސައްކަތް ކުރެވޭތޯ. އަމާޒަކީ މޫސުމީ ނޭދެވޭ ބަދަލާ ދެކޮޅަށް ތެދުވުން ކަމަށް ވަންޏާ، ނިންމުމެއް ނިންމަން ޖެހޭ. ތަޣައްޔަރު ކަމަށް ނިމުން ގެންނަންޖެހޭ. ތަޣައްޔަރު ކަމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ހިއްސާއެއް. ކަނޑުތަކާއި، ވައިގެ އިތުރުން ދުނިޔޭގެ އެހެން ސަރަހައްދުތައް ތަޣައްޔަރު ކުރުން ހުއްޓުމަކަށް ގެންނަންޖެހޭ. މީ އަހަރަމެން ރީތިކޮށް ދިރިއުޅެން އޮތް ތަނެއް
ސައޮލޮސީ ރަމަޓޫ؛ ވުނިޑޮގޮލޮއާ އަވަށުގެ ކުރީގެ ވެރިޔާ

ފީޖީ ސަރުކާރުގެ އެހީއާއެކު އެހެން ސަރަހައްދުތަކަށް ބަދަލުވާން ނިންމާފައިވާ ނުވަތަ މިހާރު ބަދަލުވެފައިވާ އަވަށްތަކުގެ އަދަދު 6 އަށް އަރައެވެ. ނަމަވެސް އެންމެ ނުރައްކާވެފައިވާ އަވަށްތައް ބަލައިގެން އިސްކަން ދޭ ތަރުތީބު އެކުލަވާލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އޭނާގެ އަވަށް، އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ދުވަހެއް މަދަނަވާއަކަށް ނޭނގެއެވެ. އެންމެ ބޮޑު މައްސަލައަކީ ފަންޑުގެ މައްސަލައާއި، އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް ބައެއް މީހުން ދެކޮޅު ހެދުމުގެ މައްސަލައެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެކަން ކުރަން ޖެހޭނެ ކަމަށް މަދަނަވާ ޤަބޫލު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް