Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮތަބަޔާ ފުރާވަޑައިގަތުން

ގޮތަބަޔާ ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގެންފި. ދެން؟

ބުދަ ދުވަހު އިސްތިއުފާދެއްވާނެކަމަށް ވިދާޅުވިނަމަވެސް އެކަމެއްނުކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖުލައި 2022 | ބުރާސްފަތި 13:45
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ރާޖަޕަކްސަ

އަވައްޓެރި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ރާއްޖެ ވަޑައިގެންނެވުމަށްފަހު ސައޫދީގެ އެއަރލައިނަކުން ސިންގަޕޫރަށް ފުރާވަޑައިގަންނަވާފައެވެ. ގޮތަބަޔާ ރާއްޖެވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އެމަނިކުފާނާ ދެކޮޅަށް އެގައުމުގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެފައިވަނިކޮށެވެ.

މިހާތަނަށް އައިއިރު ކަށަވަރުނުވާ އެއްކަމަކީ އެމަނިކުފާނުގެ ފަހު މަންޒިލަކީ ސިންގަޕޫރުކަމެއް ނުވަތަ އިތުރު އެހެން ގައުމަކަށް ވަޑައިގަންނަވާނެކަމެވެ. ބުދަ ދުވަހު ރަސްމީކޮށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނެކަމަށް ވިދާޅުވިނަމަވެސް، ވިދާޅުވި ބަސްފުޅާ ޚިލާފަށް މަގާމުން އިސްތިއުފާދެއްވާފައެއްނުވެއެވެ.

ގައުމު ދޫކުރައްވައި ފިއްލެވީ، ގައުމުގައި ހުންނަވައިގެން އިސްތިއުފާދެއްވައިފިނަމަ އަލަށް އެކުލަވާލާ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރައްވަފާނެތީއެވެ. ގައުމުން ފިއްލެވުމާއެކު އެކަން ލަންކާގެ ރައްޔިތުންނަށް އެނގި، އެގައުމުގައި ކުރަމުން އަންނަ މުޒާހަރާތައް ވަނީ އިތުރަށް ހޫނުވެފައެވެ.

ގައުމުން ފިއްލަވައިގެން ރާއްޖޭގައި ހުންނަވައި، ރައީސްކަމުގެ ބާރުތައް ބޮޑުވަޒީރަށް ހަވާލުކުރެއްވިއެވެ. މިވަގުތު ލަންކާގެ ވަގުތީ ރައީސަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

ގޮތަބަޔާ ފުރާވަޑައިގަތުމާއެކު ލަންކާގެ މަސްރަހު އިތުރަށް ހޫނުވެ، ސަލާމަތީ ބާރުތަކުން ހަތިޔާރާއެކު ސުލްހަ ބަލަހައްޓަން ނުކުންނަންޖެހުނެވެ. މިއާއެކު ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް، ބައެއް ސަރަހައްދުތަކުގައި ކާފިއުވެސް އިއުލާންކޮށްފައިވެއެވެ. ބޮޑުވަޒީރު އަދި ވަގުތީ ރައީސް ރަނިލް ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ކާފިއު އިއުލާންކުރައްވާފައެވެ. ކާފިއު އިއުލާންކޮށްފައިވަނީ މުޒާހަރާ ކުރަމުންދާ ފަރާތްތައް ހުއްޓުވުމަށާއި އަމަން ގާއިމްކުރުމަށެވެ.

ބުދަ ދުވަހުގެ ހަމަނުޖެހުމުގެ ތެރެއިން އެކަކު މަރުވެ 84 މީހަކަށް އަނިޔާވެފައިވެއެވެ. މުޒާހަރާތައް އެންމެ ހޫނުވީ ވެރިރަށް ކޮލަމްބޯގެ މުހިންމު ސަރަހައްދުތަކުގެ އިތުރުން ބޮޑުވަޒީގެ އޮފީސް ހުންނަ ސަރަހައްދުގައެވެ.

ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފައިވާއިރު، މިހާރު އުފެދޭ ސުވާލަކީ ދެން ވަޑައިގަންނަވާނީ ކޮންތަނަތަކަށްތޯއެވެ. މި ސުވާލަށްވުރެ މިވަގުތު އެންމެ ބޮޑު ސުވާލަކަށް ވަނީ ގޮތަބަޔާއަށް ހިމާޔަތްދޭނީ ކާކުތޯއެވެ. ސިންގަޕޫރަށް ވަޑައިގެންފައިވާއިރު ސައޫދީއަށްވެސް ވަޑައިގަންނަވާނެކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ. އަދި ސިންގަޕޫރަކީ ޓްރާންސިޓް މަންޒިލްތޯ ނުވަތަ ނޫންތޯ، އަދި މަޑުކުރައްވައިފިނަމަ، މަޑުކުރައްވާނީ ކިހާދުވަހަކަށްތޯވެސް ވަނީ ސުވާލުއުފެދިފައެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ސިންގަޕޫރު ސަރުކާރުން އެގައުމުގައި ގޮތަބަޔާ ހުންނަވަން މާ ގިނަ ދުވަހު ފުރުސަތު ނާރުވާނެކަމަށެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގައި، މީގެ ކުރިންވެސް ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެކި ގައުމުތަކުގެ ލީޑަރުން ތިއްބަވާފައިވެއެވެ. މީގެ ތެރޭގައި ތެއިން ސެއިން، ރޮބަރޓް މުގާބޭ އަދި ކިމް ކޮން އުން ވެސް ހިމެނެއެވެ. ނަމަވެސް ގޮތޮބަޔާއަށް ރައްކާތެރިކަންދީގެން ސިންގަޕޫރުން މާ ގިނަ ދުވަސްތަކެއް އޮންނާނެކަމަށް ނުބެލެވޭކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އެއީ ސިންގަޕޫރުން ހުރަސްކުރާނެ އިމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ގޮތަބަޔާއަކީ ހަނގުރާމައިގެ ޖަރީމާ ހިންގަވާފައިވާ، އަދި ބައިނަލްއަގުމާވީ ދުނިޔޭގެ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިއުން އަމާޒުވެފައިވާ، އަދި އިގުތިސާދީގޮތުން ގައުމު ބަނގުރޫޓްވެފައިވާއިރު ގައުމު ދޫކުރައްވައި ފިއްލަވާފައިވާ ވެރިއެކެވެ. އަދި މިއާއެކު ބައިނަލްއަގުވާމީ ދުނިޔެއިން މިކަންކަމާ ގުޅިގެން ސިންގަޕޫރަށް އަމާޒުކުރާނެ ފާޑުކިއުންތަކަކީވެސް އެގައުމުން ބަލައިގަންނާނެ ކަންތަކެއްނޫނެވެ. މީގެ އިތުރުން ސިންގަޕޫރުގައި ބަދަލުވަމުން އަންނަ ހާލަތާއެކު އެގައުމުގެ ރައްޔިތުން މި މައްސަލައިގައި ސަރުކާރަށް އަމާޒުކުރާނެ އިނގިލިތަކާއި ބުނާނެ ބަސްތަކާ ގުޅިގެންވެސް މާ ގިނަ ދުވަހަކު ގޮތަބަޔާއަށް ހިމާޔަތްއަރުވާނެކަމަކަށް ނުބެލެވެއެވެ.

ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ އާބާދީގެ ތެރޭގައި ތަމަޅައިން ގިނަ އަދަދަކަށް ދިރިއުޅެމުންދެއެވެ. އަދި ތަމަޅައިގެން ތެރެއިންވެސް ލަންކާއަށް ނިސްބަތްވާ އެތައް ބަޔަކު ދިރިއުޅެމުންދެއެވެ. ގޮތަބަޔާ ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވިއިރު، ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެތައް ހާސް ތަމަޅައިން މަރާލިކަމުގެ ތުހުމަތު ގޮތަބަޔާގެ މައްޗަށް ކުރެވެއެވެ. މި ސަބަބަށްޓަކައި ސިންގަޕޫރުގެ ތަމަޅަ އާބާދީގެ ތެރޭގައި، ގޮތަބަޔާ އެގައުމުގައި ހުންނަވާނަމަ ނުތަނަވަސްކަން އުފެދި އެގައުމުގެ ތެރޭގައި ހަމަނުޖެހުން އުފެދުމަކީ އެކަށީގެންވާކަމެކެވެ.

ކުރުކޮށް ބުނާނަމަ، ގޮތަބަޔާ ސިންގަޕޫގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަވާނަމަ، އެގައުމުގެ އިދާރާތަކުގެ ބޮލުގައި ރިހޭވަރު ވާނީ ބޮޑެވެ. އަދި މިއީ އެގައުމުގެ އިދާރާތަކުން މި ދަނޑިވަޅުގައި ނަގަން ބޭނުންވާނެ ބޮލުގައިރިހުމެއްނޫނެވެ.

އިގްތިސާދީ ކާރިސާއާ ގުޅިގެން، ލަންކާގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ ވަރުގަދަވެފައިވަނީ ފާއިތުވި ހަފުތާތެރޭގައެވެ. މުޒާހަރާތައް ހޫނުވެ، ރައީސް ދިރިއުޅުއްވާ ގަނޑުވަރަށް ވަދެ، ބޮޑުވަޒީރުގެ ގެކޮޅުގައި ހުޅުޖަހާފައިވެއެވެ.

ބުދަ ދުވަހު މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ސިފައިން ވަނީ ކަރުނަ ގޭސްޖަހާފައެވެ. މުޒާހަރާކުރަމުންދާ ފަރާތްތަކުން މަސައްކަތްކުރަމުންދިޔައީ ބޮޑުވަޒީރުގެ އޮފީހަށް ވަދެގަތުމަށެވެ. އަދި އޭގެ ފަހުން ލަންކާގެ ގާނޫނުހަދާ މަޖިލީހާ ދިމާއަށް މިސްރާބުޖެހިއެވެ. ބުދަ ދުވަހުގެ މުޒާހަރާތައް ހޫނުވެ ސަރުކާރުގެ ބައެއް އޮފީސްތައް މުޒާހަރާ ކުރަމުންދިޔަ މީހުންގެ އަތްދަށަށް ގެންދިޔަނަމަވެސް، ބުރާސްފަތި ދުވަހު މުޒާހަރާކުރަމުންދާ މީހުންގެ އިސްކޮށް ހުރި މީހާ ބުނެފައިވަނީ ސަރުކާރު އޮފީސްތައް ދޫކޮށް އެމީހުން ދާނެކަމަށެވެ.

ލަންކާގެ އިގުތިސާދު ފުނޑި، ކާނާއާއި ތެލާއި އަސާސީ ބޭނުންތަކުގެ އަގުތައް ރޮކެޓް ސްޕީޑުގައި ވަނީ މައްޗަށްގޮސްފައެވެ. މިކަމާގުޅިގެން ގިނަ ބަޔަކު އަންނަނީ ރާޖަޕަކްސަގެ ސަރުކާރުން ޒިންމާ ނަގަންޖެހޭނެކަމަށް ބުނަމުންނެވެ. ސަބަބަކީ ކާރިސާގެ ވަގުތުގައި އަމަލުކުރިގޮތުންނެވެ. އަދި މެއި މަހުގެ ތެރޭގައި ބޮޑުވަޒީރުކަމަށް ވިކްރަމްސިންހަ އައުމަކީވެސް ސަބަބެއްކަމަށް ވަނީ ބުނެފައެވެ.

ރައީސް ގައުމު ދޫކުރައްވައި ވަޑައިގެންނެވުމާއެކު، އެގައުމުގައި ބާރުތައް ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ. އަދި ލަންކާގެ އިގުތިސާދީ ވަޅުގަނޑު ނަގައި ކޮޅަށްޖެހުމަށްޓަކައި އެގައުމަށް މިވަގުތު ހަރުދަނާ ސަރުކާރެއް ބޭނުންވެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް އުފައްދަން ބޭނުންވިނަމަވެސް، މިހާތަނަށް އައިއިރު އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ. އަދި ސިޔާސީ ޕާޓީތަކުން ނިންމާ ނިންމުމަށް އާންމުންގެ ތަރުހީބު ލިބޭނެތޯ، މިއީވެސް މިހާރު އުފެދޭ ސުވާލެކެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު