ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 11:52
ލ. ބަރެސްދޫ ތެރޭގައި ހައްދާފައިވާ ރުއްގަސް - ރުއްގަސް އުފުރުމާއި ކެނޑުމާއި ނެގުމާއި ގުޅޭ ޚާއްސަ ޤަވާއިދު ވަނީ އެކުލަވާލާ އަމަލުކުރަން ފަށާފައި
ލ. ބަރެސްދޫ ތެރޭގައި ހައްދާފައިވާ ރުއްގަސް - ރުއްގަސް އުފުރުމާއި ކެނޑުމާއި ނެގުމާއި ގުޅޭ ޚާއްސަ ޤަވާއިދު ވަނީ އެކުލަވާލާ އަމަލުކުރަން ފަށާފައި
ޙުސައިން މަޚްތޫމް
ރުއްގަސް ހިމާޔަތްކުރުން
50 އަހަރުން މަތީގެ ހުރިހާ ރުއްގަހެއް ހިމާޔަތްކޮށްފި
 
ރުއްގަސް ނަގާ ސަރަޙައްދު 4000 އަކަފޫޓަށް ވުރެ ބޮޑުނަމަ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ
 
ކަނޑާ އަދި އުފުރާ ކޮންމެ ރުއްގަހަކަށް 4 ގަސް ނުވަތަ ރުއް އިންދަންޖެހޭ
 
5 ހާލަތެއްގައި ރުއްގަސް ނެގުމާއި، ކެނޑުމާއި ބަދަލުކުރުން ހުއްދަ ލިބިގެންވޭ

ރަށްރަށުގައި ހުރި 50 އަހަރުން މަތީގެ ހުރިހާ ރުއްގަހެއް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާއި ބެހޭ ޤަވާއިދު އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާއިން އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާފައިވާ ޤަވާއިދެކެވެ. މި ޤަވާއިދުގައި މައިގަޑު 5 މަޤުސަދެއް ހިމެނެއެވެ. އެއީ ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ދެމެހެއްޓުމަށްޓަކައި ރުއްގަސް އިންދުން އިތުރުކޮށް، މިކަމަށް ހިތްވަރުދިނުމާއި، ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާއި، އެ ތަކެތި ބެލެހެއްޓުމާއި، ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުން، ލާމަރުކަޒީ އުސޫލުން ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ރަށްރަށުން ރުއްގަސް ކެނޑުމާ ގުޅިގެން ނުވަތަ އުފުރުމާއި ގުޅިގެން ރަށްރަށުގެ ފެހިކަމަށާއި ގަސްކަރައަށް ކުރާ ނޭދެވޭ އަސަރުތަކާއި، އެކަމުގެ ސަބަބުން ރަށްރަށުގެ ޤުދުރަތީ ރީތިކަމަށާއި ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށްޓަކައި، ވަކި ޚާއްޞަ އުސޫލުތަކެއްގެ ދަށުން ދިވެހިރާއްޖޭގެ ރަށްރަށުން ރުއްގަސް ކެނޑުމުގައްޔާއި އުފުރުމުގައްޔާއި ކޮނެގެން ނެގުމުގައްޔާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައްޔާއި ރަށުން ބޭރުކުރުމުގައި ޢަމަލުކުރުންޖެހޭ ޚާއްޞަ އިޖުރާތުތައް ކަނޑައެޅުން މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ރުއްގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ އަދި އެ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، ކޮންމެހެން އެކަން ކުރަން ޖެހިގެން ނުވަތަ އެ ނޫން ގޮތެއް ނެތިގެން، ހަމައެކަނި މުޖުތަމަޢުގެ ޟަރޫރީ ބޭނުންތަކަށްޓަކައި ކަން ކަށަވަރުކޮށް، އެ ކަންކަން ބަލަހައްޓައި ރިޕޯޓު ކުރެވޭނެ ގޮތްތައް ކަނޑައެޅުން މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤަވާއިދުގެ ދަށުން މުޅިން އަލަށް ރާއްޖޭގައި ހެދިފައިވާ 50 އަހަރުން މަތީގެ ހުރިހާ ގަހެއް ވަނީ ހިމާޔަތް ކުރެވިފައެވެ. އަދި މި ގަވާއިދުގެ ދަށުން ދުވަސްވީ ގަހުގެ ދަފުތަރު، ކައުންސިލުތަކުން ބަލަހައްޓަންވާނެއެވެ. މި ދަފުތަރު، އެ ރަށެއްގެ ކައުންސިލުން، ކޮންމެ އަހަރަކު، އަޕްޑޭޓްކުރަންވާނެ ކަމަށް ބުނެފައިވާއިރު، ކޮންމެ އަހަރެއް ނިމި، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ގެ ކުރިން، ދުވަސްވީ ރުއްގަހުގެ ދަފުތަރު އަޕްޑޭޓްކުރުމަށްފަހު އެންވަޔަރަމަންޓަޕް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވަންވާނެ ކަމަށް ގަވާއިދުގައި ލާޒިމް ކުރެއެވެ.

ހއ. ހޯރަފުށީގެ ހޭޅިފަށުގައި ހެދިފައި ހުރި ރުއްތަކެއް - ޙުސައިން މަޚްތޫމް

މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައި ހުންނަ ރަށްރަށާއި، ޞިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި، އެ ރަށް ހަވާލުކޮށްފައިވާ ފަރާތުން، 50 އަހަރުން މަތީގެ ދުވަސްވީ ގަހުގެ މަޢުލޫމާތު، ކޮންމެ އަހަރެއް ނިމި، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31ގެ ކުރިން، އެޖެންސީއަށް ފޮނުވަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ކައުންސިލްތަކުންނާއި ރިސޯޓް ނުވަތަ ސިނާއީ ރަށްތަކުގެ ވެރިން ފޮނުވާ ރުއްގަހުގެ މަޢުލޫމާތު، ކޮންމެ އަހަރެއްގެ މާރޗު މަހުގެ 1ގެ ކުރިން އެޖެންސީން ޝާއިޢު ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގައި ބުނާގޮތުން ރުއްގަހުގެ ތެރެއިން ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގެ ސަރަޙައްދުގެ ތެރޭގައި ހެދިފައިހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި ހިމެނޭ ރުއްގަހާއި، ޙިމާޔަތްކޮށްފައިވާ ރަށްރަށުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަހާއި، ގާނޫނީ ގޮތުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައްޔާއި، އެ ސަރަޙަ އްދުތައް ވަށައިގެންވާ 20 މީޓަރު ފުޅާމިނުގެ ސަރަޙައްދުގެ ތެރޭގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަހުގެ އިތުރުން ދިރޭތަކެތި ޙިމާޔަތްކުރުމުގެ ބޭނުމަށް ޓަކައި ޤާނޫނީގޮތުން ޙިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ގަސް އަދި ރާއްޖޭގައި ހުރި ނެތި ހުސްވެދާނެކަމުގެ ބިރުހީވެފައިވާ ގަސްގަހާގެހީގެ އެއްވެސް ބާވަތެއްގެ ރުކެއް ނުވަތަ ގަހެއް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާ ކަމެކެވެ.

ޤަވާއިދުގައި މިހެން ބުނެފައިވީ ނަމަވެސް 5 ހާލަތެއްގައި މިފަދަ ރުއްގަސް ނެގުމާއި، ކެނޑުމާއި ބަދަލުކުރުން ހުއްދަ ލިބިގެންވެއެވެ. 50 އަހަރުން މަތީގެ ގަހާއި، ރަށްރަށުގައި ހުންނަ ގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، 5 ހާލަތެއް ފިޔަވައިއެވެ.

އެގޮތުން އެ ގަހެއްގެ ގޮފިތަކާއި މޫތައް ދިގުވެ، ގަސް ބިޔަވުމުގެ ސަބަބުން، އަވަށްޓެރި ގޭގެއަށާއި ގޯތި ގޯއްޗަށް ނުވަތަ އިމާރާތަށް ބޮޑު ގެއްލުމެއް ލިބެމުންދާނަމަ، ނުވަތަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ނަމަ، ދިގުވެ އުނދަގޫ ފޯރާ ގޮފިތަކާއި މޫތައް ކޮށައި، ގަސް ބެލެހެއްޓުމާއި މިފަދަ ގަސްގަހުގައި ހުންނަ ފަލަ ގޮފިތައް ނުވަތަ ބޮޑެތި ގޮފިތައް ކަނޑަންވާނީ، މީހުން ދިރިއުޅޭ ރަށެއް ނަމަ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ހުއްދަޔާ އެކުގައެވެ. އަދި ފަޅު ރަށެއް ނަމަ، ނުވަތަ ފަޅުރަށަކުން ބައެއް ނަމަ، ނުވަތަ އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ އެކިއެކި ބޭނުންތަކަށް ކަނޑައަޅައިފައިވާ ރަށެއް ނަމަ، އެޖެންސީގެ ހުއްދަ ލިޔުމުން ލިބިގެން ގަސް ނުވަތަ ރުކެއް ކެނޑުމަށް ނުވަތަ އުފުރުމަށް ނުވަތަ ކޮނެގެން ނެގުމަށް ނުވަތަ އެއްތަނުން އަނެއްތަނެއް ގެންދިއުމުގައި ހުރަހެއް ނެތެވެ.

ރުއްގަސް އުފުރުމާއި ކެނޑުމާއި ނެގުމާއި ގުޅޭ ޚާއްސަ ގަވާއިދު ވަނީ އެކުލަވާލާ އަމަލުކުރަން ފަށާފައި - ޙުސައިން މަޚްތޫމް

އަދި ދިގުވެ އުނދަގޫ ފޯރާ ގޮފިތަކާއި މޫތައް ކޮށައި، ގަސް ބެލެހެއްޓުމާއި، މިފަދަ ގަސްގަހުގައި ހުންނަ ފަލަ ގޮފިތައް ނުވަތަ ބޮޑެތި ގޮފިތައް ނުކެނޑޭނަމަ ރުއް ނުވަތަ ގަސް ހުރި ކައުންސިލެއްގެ ނުވަތަ ސިޓީއެއްގެ އިޚްތިޞާޞްގެ ތެރޭގައިވާ އެހެން ތަނަކަށް ބަދަލުކޮށްފައި އެ ރުއް ނުވަތަ އެ ގަސް އިންދިދާނެއެވެ. 

އަދި މިގޮތަށް ވެސް އަމަލު ނުކުރެވޭނަމަ ރުއް ނުވަތަ ގަސް، އެހެން ކައުންސިލެއްގެ ނުވަތަ އެހެން ސިޓީއެއްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދެއްގެ ތެރޭގައި އިންދިދާނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި އެގޮތަށް ޢަމަލު ނުކުރެވޭނަމަ، އެ ރުއް ނުވަތަ އެ ގަސް ކަނޑައިލުން އަދި އެ ރުކުގެ ބަދަލުގައި ނުވަތަ އެ ގަހުގެ ބަދަލުގައި 4 ރުއް ނުވަތަ 4 ގަސް، އެ ރުއް ނުވަތަ އެ ގަސް ކެނޑި ކައުންސިލުގެ ނުވަތަ ސިޓީގެ އިޚްތިޞާޞްގައި ހިމެނޭ ތަނެއްގައި އިންދަންޖެހެއެވެ.

މީގެ އިތުރުން މިގޮތަށް ވެސް އަމަލުނުކުރެވޭނަމަ ކަނޑައިލި ރުއް ނުވަތަ ގަސް ހިމެނޭ ކައުންސިލުގެ ނުވަތަ ސިޓީގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުން ބޭރުގައި، އެ ރުއް ނުވަތަ އެ ގަހުގެ ބަދަލުގައި 4 ރުއް ނުވަތަ 4 ގަސް އިންދިދާނެ ކަމަށް މި ޤަވާއިދުގައި ބުނެފައިވެއެވެ. މިއީ ރުއްގަސް ކެނޑޭނެ ނުވަތަ އުފުރޭނެ ނުވަތަ އެހެންތަނަކަށް ބަދަލުކުރެވޭނެ ހަމައެކަނި ގޮތްތަކާއި އެކަން އެގޮތަށް ނުކުރެވޭނެމަ ދެން އަމަލުކުރަން އަންގާފައިވާ ގޮތެވެ.

މި ޤަވާއިދުގައި ބުނާގޮތުން، ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، މި ޤަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ، ހޯދުމަށްފަހު، އެ ހުއްދައިގައި ކަނޑައަޅާފައިވާ ގޮތަށެވެ.

މީގެ އިތުރުން ބޮޑުމިނުގެ (ރުކުގެ ކަނދުބުޑު ފެންނަ، ނުވަތަ ނުވަތަ އެއަށްވުރެ ދިގުރުއް ނުވަތަ ފޯދިފައި ހުންނަ ގަސް ނުވަތަ ގަހުގެ ބުޑުގެ އެންމެ ތިރިން، ބިމާ ހަމައިން ފެށިގެން ގަސްގަނޑުގެ ދިގުމިނުގައި 30 (ތިރީސް) ސެންޓިމީޓަރު ހުންނަ ނުވަތަ އެއަށްވުރެ ދިގު، ގަހުގެ ވަށަމިނުގައި 45 ސެންޓިމީޓަރު ހުންނަ ނުވަތަ އެއަށްވުރެ ބޮޑެތި ގަސްގަހާގެހި 50 ނުވަތަ 50ށް ވުރެ މަދު ރުއް ނުވަތަ ގަސް ކަނޑަންވާނީ، ނުވަތަ އުފުރަންވާނީ، ނުވަތަ ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ، މީހުން ދިރިއުޅޭ ރަށެއްނަމަ، އެ ރަށުގެ ރަށު ކައުންސިލުން ނުވަތަ ސިޓީއެއްނަމަ ސިޓީ ކައުންސިލުން ހުއްދަ ދޫކުރި ލިޔުމާއެކު، ނުވަތަ، ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ، މީހުން ދިރިނޫޅޭ ރަށެއްނަމަ، ކައުންސިލުން ނުވަތަ ސިޓީއެއްނަމަ ސިޓީ ކައުންސިލުން ހުއްދަ ދޫކުރި ލިޔުމާއެކު، ނުވަތަ ފަޅުރަށެއްނަމަ ނުވަތަ ފަޅުރަށަކުން ބައެއްނަމަ އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ފަރާތުން ހުއްދަ ދޫކުރިކަމަށް ބަޔާންކޮށްފައިވާ ލިޔުމާއެކުގައެވެ.

50ށް ވުރެ ގިނަ ރުއްގަސް ނަގާނަމަ އަދި އެ އަދަދު 200 ރުއްގަހާ ދެމެދުގެ އަދަދަކަށް އަރާނަމަ ރުއް ނުވަތަ ގަސް ކަނޑަންވާނީ ނުވަތަ އުފުރަންވާނީ، އެޖެންސީގެ ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވެއެވެ. އަދި މިފަދައިން ރުއްގަސް ނެގުމާއި ކެނޑުމުގައި 200 ރުއްގަހަށް ވުރެ އިތުރުވާނަމަ ނުވަތަ، ރުއްގަސް ނަގާ ސަރަޙައްދު 4000 އަކަފޫޓަށް ވުރެ ބޮޑުނަމަ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންވާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
5 ޖޫން 2022 | އާދީއްތަ 13:55
Mohamed Hilmy
50 އަރުވީ ރުއް ހިމާޔަތް ކުރުމަކީ ކޮން ބޭނުމެއްގައި ކުރެއްވި ކަމެއް ބާޔޭ ހިތައް އަރާ. ސަބަބަކީ ރުކެއްގެ މަތިވަރު ރަނގަޅައް އަންނާނީ ގާތް ގަނޑކައް 35-40 އްހަރާ ހަމަޔައް ވެފައި މަތިވަރު ނެއް، ފަން މަދު ރުކެއް ބަހައްޓައިގެން މަލަމައްޗައް އަންނާނެ ރީތިކަމެއްކަން ވިސްނުމައް ނާންނާތީއެވެ. ކާށި ރުއް ހައްދާ ހުރިހާ ޤައުމެއްގައި މިފަދަ ރުއް ނަގާ ޅަރުއް ހައްދާ އިރު ރާއްޖޭގައި މިފަދަ ރުއް ބަހައްޓައިގެން “އުފަން ދުވަސް”ފާހަގަކުރުމަކީ 1. ރައްޔިތުންނައް ކޤށިލިބުން މަދުވެ، ބޭރުން އެތެރެ ކުރާ ކާށި ހުންޏާއި ތެޔޮ އެތެ ކުރުމައް ހިއްވަރު ދިނުމެވެ. ރާއްޖޭގެ މަލަމްތި ރަީރިކުރަން ދެން ކުރައްވާ އަނެއް ކަމަކީ ރުއް ނަގާފަ ކަދުރު ރުއް އިންދުމެވެ. މިއީ ދިވެހިވަންތަކަން ނުވަތަ ސިފަ ގެއްލުވާލުމުގެ އިތުރުން ދިވެހި ރުކައް އިހުތިަރާމު ކުޑަކުރުމެވެ. ދިވެހި ރާއްޖެ ފަދަ ބިން މަދު ގައުމެއްގައި ނަގާ ކޮންމެ ރުކަކައް 4 ރުއް އިން ދުމަކީ ހައިރާންކަން ގެނުވި އަނއް ކަމެވެ. މަތިވަރު ނުލިބޭ ރުއް ބަހައްޓަމުން ނަގާ ކޮންމެ ރުކަކައް 4 ރުއް އިންދާ ންމަ ދެރުއް ދޭތެރެ ކާރިވެ ރުކުގެ ސިއްހަތު އަދި މުޑުވައް ހަލާކުވުން ނޫން ކަމެއް ނުވާނެއެވެ. މިފަދަ އުސޫލުތައް މިފެންނަނީ “އެންވަރެމަންޓު ޕްރޮޓެކްޝަން” ކިޔާތީ ކަން ޔަގީނެވެ. “އެންވަރެމެން ޑިވެލޮޕްމަންޓް” ކިޔާނަމަ ޤައުމައް ރަނގަޅު ބަދަލު އައީސްކްން ކަޝަވަރެވެ.