Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލުތުފަރުގެ މަރުގެ މައްސަލަ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

ލުތުފަރުގެ ކަށިތައް ހޯދުމަށް ޑައިވްކުރި ސިފައިންގެ އޮފިސަރެއްގެ ހެކިބަސް ނަގާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މެއި 2022 | އަންގާރަ 13:33
ލުތުފަރުގެ މަރާ ގުޅިގެން ޑައިވްކޮށް، އޭނާގެ ކަށިތައް ވަނީ ހޯދާފައި

ލުތުފަރުގެ މަރާ ގުޅިގެން ޑައިވްކޮށް، އޭނާގެ ކަށިތައް ވަނީ ހޯދާފައި

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މި މައްސަލައިގައި، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިންއާއި ނޫރުލްއިސްލާމް އަދި އެމްޑީ އަކްތަރް ހުސައިންގެ މައްޗަށެވެ.

އަންގާރަ ދުވަހު އޮތީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މި އަޑުއެހުމުގައި 5 ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ޝަމީމް މިއާ ނަމަކަށްކިޔާ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ ހާޒިރުކުރީ ހާދިސާ ހިނގި ދުވަހުގެ ހަވީރު ބޯޓަށް ދިޔައިރު ބޯޓުގައި ލުތުފަރު އިންކަމާއި، އެހެންނަމަވެސް ފަހުން ބޯޓު ފުރިއިރު ލުތުފަރު ބޯޓުގައި ނެތްކަން ސާބިތުކޮށްދިނުމަށެވެ.

އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި ދަތުރު މަތީގައިވެސް، ދައުވާލިބޭ ފަރާތްތަކުގެ "މޫޑް" ފެންނަ ފެނުމަށް ހުރީ އެހާ ރަނގަޅަކަށްނޫނެވެ.

ދެންވެސް ހާޒިރުކުރީ ބަންގްލަދޭޝް ރައްޔިތެކެވެ. އެމްޑީ އަމީރުލް އިސްލާމް ނަމަކަށް ކިޔާ މި ހެކިވެރިޔާ ދައުލަތުން ހާޒިރުކޮށްފައިވަނީ، އޭނާ އެ ދުވަހު ބޯޓަށް އެރިއިރު ލުތުފަރު ބޯޓުގައި އިންކަމާއި، އެރޭ ބޯޓުން އާދަޔާޚިލާފު އަޑެއް އިވުނުކަމާއި، އޭގެ ފަހުން މޫދަށް އެއްޗެއް ވައްޓާލުންފަދަ އަޑެއް އިވުނުކަން ސާބިތު ކޮށްދިނުމަށެވެ.

އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އޭނާ އެރޭ އޭނާ މަސައްކަތްކުރާ ލޯންޗު ސާފުކޮށް އުޅުނުއިރު ކުރިމަގު ބޯޓުން މީހެއްގެ ހަޅޭކުގެ އަޑެއް އިވުނެވެ. 3 ފަހަރު އެ އަޑު އިވުނު ކަމަށާއި، ބޮޑަށް އަޑު ވައްތަރީ މާރާމާރީއެއް ހިނގައިގެން އުޅޭ ޒާތުގެ އަޑަކާ ކަމަށް އޭނާ ބުންޏެވެ.

އެހިސާބުން އޭނާ ވަނީ ލޯންޗުގެ ބޮޑުމީހާއާއެކު ކުރިމަގު ބޯޓު ކައިރިއަށް ގޮސްފައެވެ. އެހެންނަމަވެސް އެމީހުން ބުނެފައިވަނީ "ރަށަށް ގުޅައިގެން މަޖާކުރަނީ" ކަމަށެވެ.

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އޭގެ ފަހުންވެސް ބޯޓުން ބަސްތާއެއް ކަހަލަ އެއްޗެއް މޫދަށް ވައްޓާލި އަޑެއް އޭނާއަށް ވަނީ އިވިފައެވެ.

ދެން ހާޒިރުކުރީ އާދަމް ޝަކީބު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހާޒިރުކުރީ އެރޭ އޭނާ ބަނދަރުގެ ޖޯއްޔެއްގައި އޮއްވައި ކުރިމަގު ބޯޓުން ބާރު އަޑެއް އިވުނުކަން ސާބިތު ކޮށްދިނުމަށެވެ. އޭނާވެސް ބުނާ ގޮތުގައި ބޯޓަށް ގޮސް ސުވާލު ކުރުމުން އެތަނުން އެއް ބިދޭސީއަކު ނުކުމެ މަޖާ ކުރަނީކަމަށް ބުނި ނަމަވެސް، އޭރު އިވުނީ އެފަދަ އަޑެއް ނޫނެވެ.

އޭރު މުޅި ބޯޓު އޮތީ ނިވާލާފައިކަމަށް އޭނާ ބުންޏެވެ.

ހަތަރުވަނައަށް ހާޒިރުކުރީ މި މައްސަލައިގެ "ސީން އޮފް ކްރައިމް" ރިޕޯޓު ތައްޔާރުކުރި އިބްރާހިމް ފައިސަލް ބަޝީރެވެ. އޭނާ ބުނާ ގޮތުން ފުލުހުންގެ ޑައިވަރުން ދެ ފަހަރެއްގެ މަތިން އެ ސަރަހައްދުގައި ޑައިވްކޮށް، އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ޒާތުގެ ކަށިތަކެއް ގެނެސްފައިވެއެވެ. އޭނާ ބުނާގޮތުގައި، ކަށިތައް ފެނުނުއިރު އަޑީގައި ހުންނަތާ ހަފްތާއެއްހާ ދުވަސް ވެދާނެއެވެ.

އެންމެ ފަހުން ހާޒިރުކުރި ހެކިވެރިޔަކީ ޑީއެންއޭ ލެބޯޓަރީގައި މަސައްކަތްކުރާ އާޝިޔާ ހަކީމެވެ. އޭނާ ވަނީ ޑީއެންއޭއަކީ ކޮބައިކަމާއި، ތަހުލީލުތަކުގައި ޑީއެންއޭ ބޭނުންކުރެވޭގޮތާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ޝަރީއަތުގައި ހުށަހަޅާފައެވެ.

އޭނާ ބުނާގޮތުގައި، މި މައްސަލައިގައި މާއްދީ ހެކީގެ ގޮތުގައި ނެގުނު ކަށިތަކުގެ ތެރެއިން، ދަތްދޮޅިއާއި ދިމާލުން ދަތްތައް ހިމެނޭ ކަށިގަނޑެއް ވަނީ ތަހުލީލު ކޮށްފައެވެ. އެގޮތުން ދަތްތަކުން ޑީއެންއޭ މަރުހަލާއަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވަނީ ޑީއެންއޭ ޕްރޮފައިލްއެއް ތައްޔާރުކޮށްފައެވެ.

ހެކިވެރިޔާ ބުނާގޮތުގައި، ލުތުފަރުގެ މަންމައާއި ބައްޕަގެ ޑީއެންއޭ ޕްރޮފައިލްއާއި މި ހެކިން ތައްޔާރުކުރި ޕްރޮފައިލް އަޅާކިއުމުން، އެ ކަށިތަކަކީ އެ ދެމީހުންގެ ދަރިއެއްގެ ކަށިތަކެއްކަން ކަށަވަރު ކުރެވެއެވެ.

އެކަންކަން އިތުރަށް ކަށަވަރު ކުރުމަށް ލުތުފަރުގެ ދަރިންގެ ޕެޓަރނިޓީއާގުޅޭ ތަހުލީލުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ތަހުލީލުތަކުގެ ނަތީޖާއިންވެސް، އެ ކަށިތައް ނިސްބަތްވާ ފަރާތަކީ ލުތުފަރުކަން ކަށަވަރުކުރެވޭކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭރު ތައްޔާރުކުރި ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަހު ހެތްކެއްގެ ގޮތުގައި ހިމެނެނީ، ލުތުފަރުގެ ކަށިތައް ހޯދުމަށް ޑައިވްކުރި ސިފައިންގެ އޮފިސަރެއްގެ ހެކިބަސް ނެގުމެވެ. އެ ހެކިވެރިޔާ ހާޒިރުކުރެވިފައިނުވާތީ، އޭނާގެ ހެކިބަސް އެހެން ދުވަހަކު ނެގުމަށް ޝަރީއަތުން ނިންމީއެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ޕޮލިސް އޮފިސަރަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި މޫދު އަޑިން ނަގައިފި

05 އޯގަސްޓު 2017
ޕޮލިސް އޮފިސަރަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި މޫދު އަޑިން ނަގައިފި
23 ޖުލައި 2017

އަދީބުގެ ހާލަތާމެދު އެއްޗެއް ނުބުނެވެނީ އިދާރާތަކުން މައުލޫމާތު ނުހޯދިގެން ކަމަށް އެޗްއާރްސީއެމް ބުނި: އާއިލާ

23 ޖުލައި 2017
އަދީބުގެ ހާލަތާމެދު އެއްޗެއް ނުބުނެވެނީ އިދާރާތަކުން މައުލޫމާތު ނުހޯދިގެން ކަމަށް އެޗްއާރްސީއެމް ބުނި: އާއިލާ
03 ޖޫން 2017

ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި

03 ޖޫން 2017
ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
26 އެޕްރީލު 2017

ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

26 އެޕްރީލު 2017
ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު