ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 17:28
ބޮޑުވަޒީރު ވިކްރަމަސިންގހަ ގެ ވާހަކަފުޅުގައި ކުރިއަށް އޮތް ދުވަސްތައް މިއަށްވުރެ ވެސް ގޯސްވާނެ ކަމަށް ވިދާޅުވުމާއެކު ލަންކާގެ ރައްޔިތުންނަށް އައްވަސް ހައްލެއް ލިބޭނެކަމުގެ އުންމީދު ގެއްލިއްޖެ
ބޮޑުވަޒީރު ވިކްރަމަސިންގހަ ގެ ވާހަކަފުޅުގައި ކުރިއަށް އޮތް ދުވަސްތައް މިއަށްވުރެ ވެސް ގޯސްވާނެ ކަމަށް ވިދާޅުވުމާއެކު ލަންކާގެ ރައްޔިތުންނަށް އައްވަސް ހައްލެއް ލިބޭނެކަމުގެ އުންމީދު ގެއްލިއްޖެ
ރޮއިޓަސް
ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ
އޭޝިއާ-ޕެސިފިކްއިން ބަނގުރޫޓުވި ފުރަތަމަ ގައުމަކަށް ލަންކާ
1950ގެ އަހަރުތަކުން ފެށިގެން ލަންކާ އުޅެމުން ދަނީ ގައުމަށް ނުވާވަރުން ހަރަދުތައް ކޮށްގެން ކަމަށާއި އެކަމަށް އަދިވެސް ބަދަލު ނާދޭ
ގައުމަށް ވަންނަ ބޭރުފައިސާގެ އަދަދު އިތުރު ނުވިނަމަވެސް ދަރަނިތައް އިތުރުވުން ގައުމުން ބޭރުވާ ބޭރުފައިސާގެ އަދަދު ދަނީ އިތުރުވަމުން
ލަންކާގެ ދަރަނީގެ 40 އިންސައްތަ ހިއްސާކުރަނީ ސޮވެރިން ބޮންޑްތައް

ސްރީލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ އެގައުމުގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ކާރިސާއާ ގައުމު ކުރިމަތިލަމުންދާއިރު، ބުދަ ދުވަހު އެގައުމުގެ އެނަރޖީ މިނިސްޓަރު ވަނީ ގައުމު ޑިފޯލްޓަކަށް ގޮސްފިކަމަށް ވިދާޅުވެފައެވެ. އެގައުމަށް ސޮވެރިން ބޮންޑްތަކަކަށް ފައިސާ ނުދެއްކުމުން މިހާރު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން އެގައުމު ބަނގުރޫޓުވެފައިވާ ކަމަށް ބަލަން ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ކޫޕަންތަކަށް އޭޕްރިލް 18 ވަނަ ދުވަހު ފައިސާ ދައްކަން ޖެހޭކަމަށް ވެސް އެޤައުމުގެ އެނަރޖީ މިނިސްޓަރު ފާހަގަކުރެއްވި އިރު، މުއްދަތު ހަމަވިއިރު ފައިސާ ނުދެއްކުމުން ލިބުނު ގްރޭސް ޕީރިއަޑްވަނީ މެއި 18 ވަނަ ދުވަހު ހަމަވެފައެވެ.

ގައުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު، މިހަފުތާގައި ގައުމުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ދުވަސްތައް މިއަށްވުރެ ވެސް ގޯސްވާނެ ކަމަށް ވިދާޅުވުމާއެކު މިހާރުގެ ހާލަތުން އަވަހަށް އަރައި ގަނެވޭނެކަމުގެ އުންމީދު އެގައުމުގެ ރައްޔިތުންނަށް ގެއްލުނެވެ. މީގެ ކުރިން އިކޮނިމިސްޓުންނާ އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނާ މަޖިލީސް މެމްބަރުންވެސް ގައުމުގެ ހާލަތު މިހާހިސާބަށް ގޮސްދާނެ ކަމުގެ އިންޒާރުދިން ނަމަވެސް، ހޯމަ ދުވަހު ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅު ވެގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ބަޔަކަށް ހޭވެރިކަން ގެނުވި ވާހަކަފުޅަކަށެވެ.

ގައުމުގެ ހާލާތު ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، އިގްތިސާދީ ހާލާތު ރަނގަޅުކުރަން އަވަސް ފިޔަވަޅުތައް އަޅަން ޖެހޭކަމަށް ބުނަމުން ދިޔަނަމެސް އެއިންޒާރުތަކަށް ލަންކާ ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ.

ލަންކާގައި ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރާ ވެސަކް ހަފުތާ ބަންދު މިއަހަރު ފާހަގަކޮށްފައި ވަނީވެސް ވަރަށް ތަފާތުކޮށެވެ. މަގުތައް ތަފާތު ކުލަތަކުން ޖަރީކުރުމުގެ ބަދަލުގައި އެގައުމުގެ ރައްޔިތުން ތިބީ ޕެޓްރޯލް އާއި ކަރާސީން ހޯދަން ކިއުތަކުގައި ޖެހިގެންނެވެ. އެހެން އަހަރުތަކުގައި ޖަމިއްޔާތަކުން ބަހަމުން ދިޔަ ޕާރުސަލްތައްވެސް މިފަހަރު ނުބެހެއެވެ. ގައުމުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އެރުމުގެ ސަބަބުންނެވެ. ލަންކާގެ ރައްޔިތުން ދަނީ މަޑުމަޑުން އެމީހުންގެ އައު އާންމު ހާލަތުކަމަށްވާ ދުވަހުގެ ގިނަ ވަގުތު ކަރަންޓާ ނުލައި އުޅުމަށާއި ދިގު ކިއުތަކުގައި ޖެހުމަށް ހޭނެމުންނެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެގައުމުގެ މިހާރުގެ ހަގީގީ ހާލަތު ވަރަށް ބޮޑަށް ކިޔައިދެއްވާފައެވެ. ގަބޫލުކުރަން ދަތި ނަމަވެސް، ލަންކާގެ އިގުތިސާދު މިހާރު އޮތީ ކޮންހާލަތެއްގައިކަން އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. ބޮޑުވަޒީރު ވަނީ ލަންކާގެ ސަރުކާރާ ސިލޯން އިލެކްޓްރިސިޓީ ބޯޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަނުން ގަނެފައިވާ މުދަލަށް ފައިސާ ނުދެއްކި ހަތަރު މަސް ދުވަސްވެ ގައުމުތަކުން އެކޯޕަރޭޝަން ބްލެކްލިސްޓު ކުރާ ހިސާބަށް ގޮސްފައިވާކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން އެގައުމަށް ބޭނުންވާ ބޭހުގެ ބާވަތްތައް ނުލިބި، ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފާއިރު، ހިތުގެ ބަލިތަކަށް ފަރުވާދޭ ބޭސްތައް ވަނީ ހުސްވެފައެވެ.

މީގެ އިތުރުން ކަރަންޓަކީވެސް ތެޔޮ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތަކަށް ވުމުން ދުވާލަކަށް ގާތްގަޑަކަށް 15 ގަޑިއިރު ކަރަންޓާ ނުލާ އުޅެން ޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ލަންކާ މިހާ ހިސާބަށް ދިޔައީ ކިހިނެއް؟

މިހާ ބޮޑު އިގުތިސާދީ ކާރިސާއަކާ ކުރިމަތިލަމުންދާ ގައުމަކަށް މިކަމުން އަރައިގަނެވޭނެތޯ އާއި އަރައިގަންނާނީ ކިހިނެއްތޯ އެއީ އުފެދޭ ސުވާލުތަކެކެވެ. ލަންކާއަށް މިހާބޮޑު ކާރިސާއަކާ ކުރިމާތިލާން ޖެހުނީ ކީއްވެތޯ އެއީ އެންމެ ބޮޑު ސުވާލެވެ.

ލަންކާގެ ހާލަތު މީހާ ގޯސްވާން ޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ކޮލޮމްބޯ ޔުނިވަރސިޓީގެ އިކޮނޮމިސްޓެއް ކަމަށްވާ އުމެޝް މޮރަމުޑަލީ ވަނީ އެގައުމުގެ ބައިވަރު ދަރަނިތައް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގައުމުގެ ހާލަތު މިހާ ގޯސްވުމުގެ ފަހަތުގައި ވަނީ މިދަރަނިތައް ކަމަށާއި ހާއްސަކޮށް އެގައުމުގެ ދަރަނީގެ ބޮޑުބައެއް ހިއްސާ ކުރާ ބައިނަލްއަގުވާމީ ސޮވެރިން ބޮންޑުތައް މިކަމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އުމެޝް ވަނީ ލަންކާގެ ދަރަނީގެ 40 އިންސައްތަ ހިއްސާކުރަނީ މިސޮވެރިން ބޮންޑުތައްކަން ފާހަގަކުރައްވާފައެވެ. ގައުމުގެ ބޭރުގެ ދަރަނީގެ އަދަދަށް ބަލާލުމުން މިއީ ކިހާވަރެއްގެ ބޮޑު ގޮންޖެހުމެއްކަން ސާފުވާނެކަމަށާއި ދަރަނިތައް އަދާކުރުމުގައި 50 އިންސައްތަ ދައްކަން ޖެހިފައި ވަނީ މިދިޔަ އަހަރާ މިއަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ސޮވެރިން ބޮންޑުތައް ދައްކަން ޖެހޭކަމަށް އުމެޝް ފާހަގަކުރެއްވިއެވެ. މިހާ ހިސާބުން ގައުމުގެ ހާލަތު ގޯސްވުމުގެ ބޮޑު ބައެއް އަދާކުރަނީ ދަރަނީގެ ސަބަބުންކަން ވަރަށް ރަނގަޅަށް ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިލޯނުތައް އަނބުރާ ދެއްކުމުގައި އުނދަގޫ ވަނީ އެކި ލޯނުތަކުގެ މެޗުއަރިޓީ ސްޓްރަކްޗަރ ތަފާތުވީކަމަށް އުމެޝް ފާހަގަކުރައްވާއިރު، މި ލޯނުތަކަކީ ވަރަށް ގިނަ އަހަރުތަކަކަށް ބަހާލައިގެން ދައްކާ ލޯނުތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ 500 މިލިއަން ޑޮލަރުގެ ލޯނެއް 100 މިލިއަން ޑޮލަރުން ނުދައްކާނެ ކަމަށާއި އެދައްކާނީ ކޮންމެ އަހަރަކު ބޮޑު އިންޓްރެސްޓެއް ދައްކަމުން ގޮސް، މުޅި އަދަދު އެއްފަހަރާ، އެކީ އެކައްޗަކަށް ކަމަށް ވިދާޅުވެފައެވެ.

ސޮވެރިން ބޮންޑުތަކުގެ ރިޕޭމެންޓް ސްޓަރްކަޗަރ ހުންނަ ގޮތާމެދު ކަންބޮޑުވާކަން ފާހަގަކުރައްވާ އެސްޓްރަކްޗަރ ކިޔާދެއްވުމަށް އުމެޝް ވަނީ މީހެއްގެ އަތުން 10 ލައްކަ ރުޕީސް ނެގުމަށްފަހު، ފަސް އަހަރު ވަންދެން ކޮންމެ އަހަރަކު އެއަށް ބޮޑު އިންޓްރެސްޓެއް ދައްކަމުން ގޮސް، ފަސް އަހަރު ހަމަވުމުން އެއްފަހަރާ 10 ލައްކަ ރުޕީސް ދެއްކުން އެއީ އުފުލަން އުނދަގޫ ބުރައަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

ލަންކާއަށް މިދަރަނިތައް ނުދެއްކޭ އެންމެ ބޮޑު އެއް ސަބަބަކީ ގައުމަށް ބޭރުފައިސާ ނުލިބުމެވެ. ގައުމަށް ވަންނަ ބޭރުފައިސާގެ އަދަދު އިތުރު ނުވިނަމަވެސް ދަރަނިތައް އިތުރުވުމުން ގައުމުން ބޭރުވާ ބޭރުފައިސާގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ލަންކާގެ ސެންޓްރަލް ބޭންކްގެ ކުރީގެ ގަވަރުނަރު، ޑރ. އިންދްރަޖިތު ކޫމަރަސްވަމީ ވިދާޅުވާ ގޮތުންނަމަ މިކާރިސާގެ ބިންގާ ވަނީ މީގެ 70 އަހަރު ކުރިން އެޅިފައެވެ. އޭނާ ވަނީ މިނިވަންކަން ލިބުނު އިރު، އޭޝިއާގެ ދެވަނައަށް އެންމެ ކުރިއަރާފައިވާ ގައުމުގެ ގޮތުގައި އޮތް ލަންކާ، މަޑުމަޑުން ލިސްޓުގެ ފަހަތަށް ޖެހެމުން ގޮސްފައި ވަނީ އެގައުމުން ގެންގުޅުނު ދޯހަޅި މެކްރޯއިކޮނޮމިކް ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި ދައުލަތުން ގެންގުޅު މާލީ ސިޔާސަތުތަކާއި ބަޖެޓުގެ މައްސަލަތައް ކަމަށް ވިދާޅުވެފައެވެ.

1950ގެ އަހަރުތަކުން ފެށިގެން ލަންކާ އުޅެމުން މިދަނީ ގައުމަށް ނުވާވަރުން ހަރަދުތައް ކޮށްގެން ކަމަށާއި އެކަމަށް އަދިވެސް ބަދަލު ނާންނަކަމަށް ކޫމަރަސްވަމީ ވިދާޅުވިއެވެ. މިއޮތް ހުރިހާ ދުވަހު މިގޮތަށް އުޅެވިއްޖެ ކަމަށާއި މީގެ ކުރިން 16 ފަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީއަށް އެދިފައިވާކަން ފާހަގަކުރައްވާ ކޫމަރަސްވަމީ ވަނީ ލަންކާ އަކީ އާމްދަނީ ދަށް ގައުމަކަށް ވުމުން ބޮޑު އަދަދުން އެގައުމަށް ބޭރުގެ އެހީތައް ލިބުނުކަމަށް ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ކޮންމެ ފަހަރަކުވެސް މައްސަލަތަކުގައި މަތިއަޅައި ފޮރުވުމުގެ ފުރުސަރު ލަންކާއަށް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކިފަހަރުމަތިން މިކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހުމުންވެސް ގައުމުގެ މާލީ ސިޔާސަތުތައް ރަނގަޅުކޮށްފައެއް ނުވެއެވެ.

ކޫމަރަސްވަމީ ވަނީ 2010 ވަނަ އަހަރު ލަންކާ ތަރައްގީވަމުން އައިސް މެދު އާމްދަނީ ލިބޭ ގައުމުގެ ލިސްޓަށް އެރިއިރު، އެގައުމުގެ ދަރަނިތައް އިތުރުވާން ފަށާފައިވާކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އެދުވަސްވަރު ސެންޓްރަލް ބޭންކުތަކުން ދިޔައީ ލިކިއުޑިޓީގެ ގޮތުގައި ބޮޑުއަދަދުތައް ނަގަމުން ކަމަށާއި ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ ސޮވެރިން ބޮންޑް އެގައުމުން އެދުވަސްވަރު ނެގިކަމަށް ވިދާޅުވިއެވެ.

1990ގެ އަހަރުތަކުގައި ލަންކާގެ އާމްދަނީ ހުރީ ޖީޑީޕީގެ ނިސްބަތުން 20 އިންސައްތައިގައި ކަމަށާއި މިހާރު މި އަދަދު 8 އިންސައްތައަށް ވެއްޓިފައިވާއިރު ރާޖަޕަކްސަގެ ވެރިކަމުގައި ޓެކްސްތައް ކެނޑުމުގެ ކުރިންނާއި ކޮވިޑް-19 ބަލިމަނޑުކަމުގެ ކުރިން އާމްދަނީ ޖީޑީޕީގެ ނިސްބަތުން ހުރީ 13 އިންސައްތައިގައި ކަމަށާއި ހަރަދު ހުރީ 20 އިންސައްތައިގައި ކަމަށް ކޫމަރަސްވީ ފާހަގަކުރެއްވިއެވެ.

ކަންކަން މިހެން ހުރި އިރު، ރާޖަޕަކްސަ ސަރުކާރުން ޓެކްސްތައް ކަނޑާލުމާއި، ކޮވިޑް-19 ބަލިމަޑުކަމާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން ލަންކާގެ އިގުތިސާދަށް އިތުރު ލޮޅުންތައް އެރިއެވެ. އަދި އެގައުމުން ވަރަށް ބޮޑަށް ގައުމުގެ ފޮރިން ރިޒާވަށް ބަރޯސާވާން ފެށިއެވެ.

ދެން ވާނީ ކިހިނެއް؟

މިހާރުގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު، ނަންދަލަލް ވީރަސިންގހަ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފުކުރައްވާ ކޫމަރަސްވަމީ ވަނީ މިފަހުން އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލުތަކާއި ތެލުގެ އަގުތަކަށް ގެނައި ބަދަލުތަކުން ދިގު މުއްދަތުގެ ހައްލެއް ނުލިބޭނެ ކަމަށް ފާހަގަކުރައްވައި މިހާރު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ކޮންމެހެން ކުރަންޖެހޭ ދެ ކަމެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއް ކަމަކަށް ގައުމުގެ ފިސްކަލް ފްރޭމްކޮށް ބަދަލުކޮށް ދެމެހެއްޓެނެވި ގޮތެއްގައި ދަރަނިތައް ދެއްކޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އެގައުމުގެ ކަރަންޓުގެ ހިދުމަތުގެ އަގުތަކަށް ރަނގަޅު ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޫމަރަސްވަމީ ވިދާޅުވަނީ މި ދެކަމަކީ އެގައުމުން މިހާރު އައިއެމްއެފްއާއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ އިތުރުން ކުރަން ޖެހޭ ކަންތައްތައް ކަަމަށެވެ. އޭނާ ވަނީ އައިއެމްއެފްއާއެކު ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ސްޓާފް ލެވެލް އެގްރީމެންޓެއް ކުރިއަށް އޮތް ހަތަރު ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ ދުވަސްތަކެއްގައި އާދެވޭނެ ކަމަކަށް ވިދާޅުވެފައެވެ. މިއީ އައިއެމްއެފް އާއެކު އެއްބަސްވުމަކަށް އައުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅު ކަމަށާއި މިއާއެކު އެކްސްޓެންޑެޑް ފަންޑް ފެސިލިޓީއެއް ހޯދުމަށް އައިއެމްއެފްގެ އެކްސެކިއުޓިވް ބޯޑަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އައިއެމްއެފް އިން މިއެހީ ހޯދަން ދަރަނިތައް ދެއްކުމުގައި ދެމެހެއްޓެނެވި ނިޒާމެއް ގާއިމުކުރެވިފައިވާކަން ދައްކަންޖެހޭނެ ކަަމަށާއި މިއެހީ ލިބިއްޖެ ނަމަ އެއިދާރާއިން ލަންކާއަށް ތިން އަހަރުގެ މުއްދަތަކަށް ބަހާލައިގެން ގާތްގަޑަކަށް ބިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލަންކާގެ ބޭންކިން ސިސްޓަމްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި ވީހާވެސް އަވަހަށް މިކަންތައްތައް ހައްލުކުރަން ޖެހޭކަމަށްވެސް ކޫމަރަސްވަމީ ވިދާޅުވިއެވެ. ހާއްސަކޮށް ސްޓޭޓް ބޭންކުތަކާއި ޑޮމެސްޓިކް ބޭންކިން ސިސްޓަމަށް ހައްލު ހޯދަން ޖެހޭކަމަށް ވިދާޅުވިއެވެ.

ފްރޮންޓިއަރ ރީސަރޗްގެ އިކޮނޮމިސްޓެއް ކަމަށްވާ ޗަޔޫ ޑަމިސިންގހަ ވަނީ އެގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ލަންކާގެ ލީޑަރުން ގެންގުޅޭ ސިޔާސަތުތައް އެގައުމުގައި ހަމަޖެހުން ގާއިމުކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ލަންކާއަށް މިހާރު އެންމެ މުހިންމު އެއް ކަމަކީ އެގައުމުގައި މަދުވެފައިވާ ތަކެތި ހޯދުމާ އެގައުމަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ކުރެވޭނެ މަގުފަހި ކުރުން ކަމަށް ވިދާޅުވެފައެވެ. ޗަޔޫ ފާހަގަކުރާ ގޮތުގައި އިގުތިސާދީ ގޮތުން ކަންތައްތައް ހަމައަކަށް އެޅެން ފެށުމުން ދެން ހުރި ކަންތައްތައް ހައްލުކުރަން މަގުފަހިވާނެއެވެ. އަދި އިތުރު މައްސަލަތައް ކުރިމަތިވިޔަ ނުދީ ހިފޭއްޓޭނީވެސް އިގުތިސާދު ހަމައަކަށް އެޅުވިގެންނެވެ.

ޗަޔޫ ވަނީ އިންފްލޭޝަން ހިފޭއްޓޭނީ އިގުތިސާދީ ހަމަޖެހުން ގާއިމުކުރެވި، ޑިޕްރެސިއޭޝަން އާއި އިންޓްރެސްޓް ރޭޓް އުފުލުނަ ނުދީ ހިފާއްޓައިގެންކަން ފާހަގަކުރައްވާ މިއީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. ކުރިއަށްއޮތް ތާންގައި ކަންތައްތައް ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި މީގެ ކުރިން މެދު ފަންތީގެ އާއިލާތަކުން ކުރިމަތިލާން ނުޖެހެނު ގިނަ ކަންތައްތަކާ އެއާއިލާތަކުން ކުރިމަތިލާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މުޅި ގައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި މީގެ ސަބަބުން އާބާދީގެ ގިނަ ބައެއްގެ ޑިސްޕޮސެބްލް އިންކަމް ދަށަށް ގޮސް ހަރަދުތައް ކުރުމުގައި ވަރަށް ބޮޑަށް ހިފާއްޓަން ޖެހިފައިވާކަމަށް ޗަޔޫ ފާހަގަކުރެއްވިއެވެ. ކުރު މުއްދަތުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ރައްޔިތުންނަށް ކުރިމަތިލާން ޖެހޭ ކަންތައްތަކަކީ ފަހުން ރަނގަޅު ވާނެ ކަންތައްތަކެއްކަން ކިޔައިދީ ރައްޔިތުންގެ އިތުބާރު ހޯދުމަކީ ސިޔާސީ ލީޑަރުންގެ މަސައްކަތެއް ކަމަށާއި މިއީވެސް ފަސޭހަކަމަކަށް ނުވާނެކަމަށް ޗަޔޫ ވިދާޅުވިއެވެ.

އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވައި އިތުރުފުޅުހައްދަވަން ބޭނުންފުޅު ނުވާކަމަށް ލަންކާގެ ބޮޑުވަޒީރު ވިދާޅުވެފައިވާއިރު، މިހާރުގެ ހަގީގަތަކީ ބަލައިގަންނަށް ފަސޭހަ ކަންކަން ނޫންނަމަވެސް މިއީ މިހާރުގެ ހަގީގަތްކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މިހާރު ކުރިމަތިލާން ތައްޔާރުވަމުން މިދާ ދުވަސްތަކަކީ ދަތި އުނދަގޫ ދުވަސްތަކެއް ނަމަވެސް، މި ދުވަސްތައް މާ ދިގު މުއްދަތަކަށް ދެމިގެން ނުދާނެކަމަށް ވިދާޅުވެ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭރުގެ އެހީތައް ލިބެން ފަށާނެ ކަމަށާއި، އެހީ ފޯރުކޮށްދޭން އެ ޖަމިއްޔާތަކާއި ގައުމުތަކުން ވައުދުވެފައިވާކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

އެހެންކަމުން މި އެހީތައް ލިބެންދެން ކުރިއަށް އޮތް ދަތި ދުވަސްތަކާ ކެރިގެން ކުރިމަތިލާންޖެހޭކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް