Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ދިވެހިންގެ ރީތި އިޖުތިމާއީ ފޭރާން ވީދުނަނުދޭށެވެ.

17 މެއި 2022 | އަންގާރަ 13:14

އެހީފޯރުވުމާއި ހެޔޮފޯރުވުމުގައި މިއަދުވެސް ދިވެހިން ފަހަތަކަށްނުޖެހޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 17 މެއި 2022 | އަންގާރަ 13:14
އައްޑޫގެ މަގުހަދާ މީހުންނަށް ސައިދިނުމަށް ހިންގި ހަރަކާތެއްގެ ތެރެއިން

އައްޑޫގެ މަގުހަދާ މީހުންނަށް ސައިދިނުމަށް ހިންގި ހަރަކާތެއްގެ ތެރެއިން

ދޭދޭ ރަހުމަތްތެރިންނާއި އާއިލާތަކުގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމުގެ ލޯތްބާއި ކުލުނު ފިޔަވައި، ދެން އެންމެ ކައިރިން އެފަދަ ގުޅުމެއް ފެނިގެންދާނެ އެއްބަޔަކީ އަވައްޓެރިންނެވެ. މީގެ ޒަމާންތަކެއް ކުރިން އެއްގޭގެ ފުޅަފުން ވަންނަ ގޮތަށް، ވަށައިގެންވާ އެހެން ހުރިހާ ގެއެއްގެ އަސްކަނި ދޮށުން ހިޔާ ލިބުނަސް، ވަށާފާރު ރާނައި ބޮޑު ތަޅުލީ ގޭޓުތަކުން ބަންދު ކުރެވިފައިވާ މިޒަމާނުގެ ގެތަކަށް މިއަދު ހިތުހުރި ގޮތަކަށް ނުވަދެވޭނެއެވެ. މިއީ، އޭރާ ޚިލާފަށް އެކަކު އަނެކަކާ ބައްދަލުވެ ފެނިދެނިވެ ފަސޭހަކަމާއެކު އެއްތަށިން ކައި ހެދޭ ޒަމާނެއް ނޫނެވެ.

މިއަދު މިވަނީ މިޒަމާނުގެ ތަހުޒީބީ އޮއިވަރުގައި ޖެހި އަޅުގަނޑުމެންގެ ތެރޭގައި އޮތް ގާތްތިމާގެ ކަމުގެ މަތިވެރި ގުޅުމުގައި ރެނދުލާފައެވެ. ދެ ގޭގެ އިންފާރު ވަކިކުރަން ރާނާފައިވާ އެޅިގަލާއި ސިމެންތީގެ ބޯ ފާރަށްވުރެވެސް ހިލަ ހިތްތަކެއްގެ ވެރިބަޔަކަށް އަޅުގަނޑުމެން ވެފައިވެއެވެ. އެންމެ ގާތުގައިވާ އަވައްޓެރިންނަކީ މިއަދު ދަންނަ ބައެއް ނޫނެވެ. އެމީހުން ހަތުރުންނަށްވެ ނިމިއްޖެއެވެ. މިއީ އެއްވެސް ހާލެއްގައި ދިވެހިވަންތަ ދިވެހިންގެ ސިފައާ ރައްޓެހި ސިފަތަކެއް ނޫނެވެ. މާ ދުރުހިލޭ ބީރައްޓެހި ސިފަތަކެކެވެ.

ދިވެހިންނަކީ އެމީހުންނަށް ގުދުރަތުން ދެއްވާފައިވާ ނުލާހިކު ހިތްފަސޭހަ ޖަޒީރާތަކެއްގައި އުޅޭ ކުދިކުދި އާއިލާތަކެކެވެ. މިއިން ކޮންމެ ރަށަކީ ވަކި އާދަތަކަކާއި އަމިއްލަ ސަގާފަތެއް ގެންގުޅެމުން އައި ފަޚުރުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. މާ ތަނަވަސް ބައެއް ނޫން ނަމަވެސް މިއުފާވެރި މާހައުލަށް އަންނަ ކޮންމެ ހެވަކީ އެމީހުން އުފަލާއެކު ބަލައިގަތް ކަންތަކެވެ. ލެއްވި ރަހުމަތަށް ޝުކުރުވެރިވާ ހާލުގައެވެ. ރަށު ބަނދަރު ހެދުމާއި ސްކޫލް އެޅުމާއި މަގު ހެދުމާއި މިސްކިތް ބިނާކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތީ ނުހަނު ބޮޑަށެވެ. އެމަސައްކަތްތަކުގެ ތެރޭގައި އިވެމުން ދިޔައީ ހިތްވަރު ދިނުމާއި ޝުކުރުވެރިވުމުގެ ރައިވަރުތަކެވެ. އުފަލާއެކު އަތްޖަހަމުން، ޖާޑިތައް ފުރައިގެން ނުކުމެ، ޖޫހާއި ބިސްކޯދާއި ފެން ފޯރުކޮށްދިނުމުގައި ފޫހިކަމެއް، ވަރުބަލިކަމެއް ނެތި ތިބި މަންޒަރެވެ.

މިއަދު މިކަންކަމުގެ ހަނދާން އާކުރަން ޖެހުނީ މިފަދަ ކަމެއް މިއަދުވެސް ފެންމަތިވެފައިވާތީއެވެ. އައްޑޫސިޓީގެ ހުރަހަށް ހުރި ހަނި ގޯޅިތަކާއި ވެލިމަގުތައް ހެދުމުގެ މަޝްރޫއު އެދަނީ ބާރަށް ކުރިއަށެވެ. އިންޑިއާގެ ކުންފުންޏަކުން ހަވާލުވެ، މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި މީހުންގެނެސްގެން އެމަސައްކަތް ކުރަމުންދާއިރު މިމާހައުލަށް ހޭނެން އެމީހުންނަކަށް އަދި ނޭނގެއެވެ. ނިމިގެންދިޔަ ރަމަޟާންމަހު ރޯމާދުވާލު ރޯދައަށްތިބި ދިވެހި ކުޑަކުދިންގެ ކުރިމަތިން ދަޅާއިފުޅި ބޮމުންވެސް ދިޔައީއެވެ. އަޅުގަނޑުމެންގެ ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ޕާކުތަކުގެ ރުއްބުޑުތަކުގައި ތިބެގެން އެތަންތަނަށް ނަޖިސްވެސް އެޅީއެވެ. ހާމަ ތަންތަނަށް ކުޑަކަމުދިއުމާއި ކުޅުޖެހުންފަދަ ދިވެހިންގެ އާދަކާދައިގައި ނުހުންނަ ހުތުރުކަންކަންވެސް ބައެއް މީހުން ކޮށްފައިވެއެވެ.

އަޅުގަނޑު ހިތުން ދިވެހިންގެ ތެރޭގައި އުޅެންވީ ހަމައާއި އުސޫލު އެމީހުންގެ ވެރިން ބުނެދޭނެއެވެ. އެހެންނަމަވެސް ކޮންމެ ބައެއްގެ ތެރޭގައިވެސް ފަރުވާކުޑަ މީހުންނާއި ގާނޫނަށް ގޮންޖަހާ މީހުންތިބޭ ފަދައިން، އެމީހުންގެ ތެރޭގައިވެސް އެފަދަ ބަޔަކު އުޅެފާނެއެވެ. ވާހަކަ ދައްކައިގެން އެފަދަ ކަންކަން ހައްލު ކުރާނީއެވެ.

އެމީހުން ރާއްޖެ އައިސް އެތިބީ އަޅުގަނޑުމެންގެ ގޭދޮށުގައި ކުރަންހުރި މަސައްކަތެއް ކުރުމަށެވެ. ރަތްދަކަ އަވީގައި ބަޔަކުމީހުން އަޅުގަނޑުމެންގެ ގޭގެ ދޮރާށި ބުޑުގައި ތިބެ އަރާމެއް އުފަލެއްނެތި އެމަސައްކަތް ކުރަނީ ގޭދޮށު މަގު ހިތްގައިމު މަގަކަށް ހެދޭތޯއެވެ. ކިރިޔާ ވާރޭ ވެހިލާއިރަށް އިއްޔެ ފަތާފައިދާން ޖެހުނު އެ މަގު، މާދަމާ ހަމަ ގައިމުވެސް އޮންނާނީ ރީތި ފަސޭހަ މަގެއްގެ ގޮތުގައެވެ.

މިއަދުގެ މަސްރަހު އޮތީ ސިޔާސީ ކޯޅުން ބޮޑުވެފައިކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. "އިންޑިއާ އައުޓް"ގެ އަޑުގަދައެވެ. އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަކީވެސް އިންޑިއާގެ ލޯނު އެހީގައި ކުރެވޭ މަސައްކަތެއް ކަމާމެދަކު ދެބަހެއްނުވަމެވެ. ތެދެކެވެ. އެއީ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނެއްނޫނެވެ. އެމީހުންނަކީ ފަރަންޖީންނެވެ. އެއީ ހަޑިމުޑުދާރު، ގެރިއަށް އަޅުކަންކުރާ ބައެކެވެ. އެފައިސާގެ ބޮޑުބައި ދައުރުވާނީވެސް ރާއްޖެއަކު ނޫނެވެ. މިއަދު އެމަޝްރޫއު ހިންގަން ހަވާލުކުރި ދިވެހި ގައުމުގެ ވެރިންނާމެދު ހިތްހަމަ ނުޖެހޭ ދިވެހިންވެސް އެބަތިއްބެވެ. މިވިސްނުމުގައި ތިބެ އެމީހުންނާމެދު ހިތުހުރިގޮތަކަށް ކަންކުރަންވީތޯއެވެ. ނޫނެކެވެ. އިންސާނިއްޔަތުކަމުގެ ތިލަފަތުން ކިރާލައިފިނަމަ މިއިން އެއްވެސް ކަމަކީ ބުރަދަނެއްހުރި ކަންތަކެއް ނޫނެވެ. ނިކަން ވިސްނަވާލައްވާށެވެ. ކުޑަ މުސާރައަކަށް ދިވެހިން މަސައްކަތެއް ނުކުރާނެއެވެ. ހަޑި މަސައްކަތް ކުރުމަށް އަމުދުން ދިވެހިން ހޯދަން އުނދަގުލެވެ. ތަޖުރިބާކާރުން ހޯދުން ދަތިވާނެއެވެ. ބުރަކޮށް މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އަޅުގަނޑުމެން ދިވެހީންނަށް އެކަން ވާނީ ބޮޑުކަމަކަށެވެ. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރާއި މިހުރިހާ ކަމަކާ މިއަދު ނުބައްދަލެވެ. ހަމަ އެފަދައިން، ކުކުޅު ބިރިޔާނީއާއި ފިނިކުރި ދަޅު ބޯންދީގެން ގެންގުޅެވޭނެ ފަދަ ލަޔާގަތުކަމެއްވެސް ކުންފުނިތަކުގައެއް ނުހުންނާނެއެވެ.

މިއަދު ފެންނަނީ އެތަކެއްޗާ ނުލައިވެސް މަސައްކަތްތެރިން މަސައްކަތައިގެން ކުރިއަށްދާތަނެވެ. ހަމަ ލޯކުރިމަތީގައެވެ. ހޫނުގަދަ ދުވަސްތަކުގެ ގަދަ ހޫނަށް ކެތްނުވެގެން ތެތްފޮތިން ބޮލާއި މޫނު ނިވާކޮށްގެންވެސް މަސައްކަތުގައެވެ. ވެއްޓި އަނިޔާވުމުންވެސް ތެދުވެ މަސައްކަތުގައެވެ.

މަގު ހެދުމުގެ މި ބުރަ މަސައްކަތުގެ ދަނޑިވަޅުގައި ހެދޭ ގޯސްވެސް ހުންނާނެއެވެ. އެމީހުންނަށް ލިބޭ އަނިޔާ އެއްކައިރީ ބާއްވާފައި، މަގުބޭނުންކުރާ ރައްޔިތުންނަށް ވެސް އަނިޔާއެއް ވެދާނެއެވެ. މިހުރިހާ ކަމަކާއެކުވެސް މިދަނޑިވަޅުގައި ކެތްތެރިކަން އިސްކުރުން ބުއްދިވެރިއެވެ. ކަންކަން ހައްލުކުރުމަށް ވާހަކަދައްކާނީއެވެ. ބޭރުން އައިސް ތިބި ބިދޭސީންތަކަކަށް އަޅުގަނޑުމެންގެ ރުޅިމޫނު ދެއްކުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމެއްނޫނެވެ. ސަބަބަކީ ދިވެހިންނަކީ އެފަދަ ނޭއްގާނީ އަމަލުތަކުން ދުރުވެ ތިބި ބަޔަކަށްވުމެވެ. ދިވެހިންނަކީ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ސާފު މިސާލަކަށް ވާތީއެވެ. ދިވެހިންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ މުޅި ދުނިޔެވެސް ބަލައިގެންފައިވާ އަގުބޮޑު ޖަވާހިރަކަށްވާތީއެވެ.

މިވާހަކަ މިގޮތަށް ދައްކާއިރުވެސް، އައްޑޫގެ ގިނަ ރައްޔިތުންނަކީ މިއަދުވެސް މިދެންނެވި ރީތި މިސާލުން މިސާލު ދައްކަމުންދާ މީހުންނެވެ. މިދިޔަ ހޯމަ ދުވަހު ހިތަދޫ މޫލެކެޑެ އަވަށުގެ ގޭގެގެ އަންހެންވެރިންނާއެކު، އައްޑޫސިޓީގައި ހަރަކާތްތެރިވާ ޝާއިރުންގެ ވާދީއާއި އައްޑޫ ފްރެންޑްސް އަދި ބީޓެކުން ވަނީ މަގުހަދާމީހުންނަށް ސައި ދިނުމުގެ ޚާއްސަ ހަރަކާތެއް ހިންގާފައެވެ. މެދުނުކެނޑި ކޮންމެ ދުވަހަކު ކުރިއަށް ގެންދާގޮތަށް ފެށުނު މިހަރަކާތުގެ ސަބަބުން އެއަވަށުގެ ރައްޔިތުންގެ އިހުސާންތެރިކަން ބޭރުން އައިސް ތިބި ބީރައްޓެހިންނަށް ހަމަރަނގަޅަށްވެސް ވަޒަން ކުރެވުނެވެ. މިއާއެކު އެއަވަށުގެ ރައްޔިތުންގެ ގެއާއި ގޯތިތަކުންވެސް ވަނީ މަސައްކަތުމީހުންނަށްޓަކައި ޖާގަ ހުސްކޮށްފައެވެ. ވާރޭފެން ތާނގިތައް އެމީހުންނަށްޓަކައި ހިބަކޮށްފައެވެ. ގަސްގަހުންލިބޭ އަނބާއި ޖަނބުރޯލުފަދަ މޭވާ ތަކުން އެމީހުންގެ ދަބަސް ފުރާލާފައެވެ.

ރަށުގައި އުފެދިފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ހަވީރު ސައިގެ އިންތިޒާމު ހަމަޖައްސަމުންދާ މިދަނޑިވަޅު ގޭގޭގެ އަހުލުވެރިންވެސް ކާބޯތަކެތި ތައްޔާރުކުރަނީ އެމީހުންނަށް ލައިގެންނެވެ. އެހެންކަމުން ހަގީގީ ދިވެހިން މިދައްކައިދެނީ ހާދަހާ އުފާވެރި މަންޒަރެކެވެ. ދިވެހިން ހާދަހާ ހިތްހެވީއެވެ. މިއީ ވަކި ކުލައެއް، ވަކި ޖިންސެއް، ވަކި ނަސްލެއް ތަފާތުކުރުމެއްނެތި، އިންސާނިއްޔަތުކަމުގެ އެންމެ އުހުގައި ދިވެހިން ފައިތިލަ ސާބިތުކުރާ ކަމުގެ އަލިގަދަ ހެތްކެކެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2018

ކެނދިކުޅުދޫގެ ކުޅީގެ ރީތިކަން ގެއްލި، އެތަން ކުނިގޮނޑަކަށް!

31 ޑިސެމްބަރު 2018
ކެނދިކުޅުދޫގެ ކުޅީގެ ރީތިކަން ގެއްލި، އެތަން ކުނިގޮނޑަކަށް!
17 ޑިސެމްބަރު 2018

ޕާކުތަކާއި ރީތި އިމާރަތްތަކުން ޒީނަތްތެރިވެފައިވާ ބިރުވެރި މާލެ

17 ޑިސެމްބަރު 2018
ޕާކުތަކާއި ރީތި އިމާރަތްތަކުން ޒީނަތްތެރިވެފައިވާ ބިރުވެރި މާލެ
13 ނޮވެމްބަރު 2018

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

13 ނޮވެމްބަރު 2018
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟
25 ސެޕްޓެމްބަރު 2018

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން
04 ސެޕްޓެމްބަރު 2018

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!
12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
11 ސެޕްޓެމްބަރު 2017

ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

11 ސެޕްޓެމްބަރު 2017
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް