ކ. މާލެ
|
27 އޭޕްރިލް 2022 | ބުދަ 13:04
ނެދަރލޭންޑްގެ ނޫސްވެރިން
ނެދަރލޭންޑްގެ ނޫސްވެރިން
އެމްއެމްޕީއާރްސީ
ނޫސްވެރިންގެ ފެމިލިއަރައިޒޭޝަން ދަތުރު
އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައި ނެދަލޭންޑްސްގެ ނޫސްވެރިންގެ ފެމިލިއަރައިޒޭޝަން ދަތުރު ނިންމާލައިފި
 
ނެދަލޭންޑްސްގެ އާންމުންގެ މެދުގައި މަޤުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކަށް ނިސްބަތްވާ ލިޔުންތެރިން ހިމެނޭ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ހަފްތާއެއްގެ ފެމިލިއަރައިޒޭޝަން ދަތުރެއްގައި އައި ނެދަލޭންޑްސްގެ ނޫސްވެރިންގެ ޓީމު ދަތުރު ނިންމާލައިފިއެވެ.

މި ދަތުރުގައި ރާއްޖެއަށް އައި ޓީމަކީ ނެދަލޭންޑްސްގެ އާންމުންގެ މެދުގައި މަޤުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކަށް ނިސްބަތްވާ ލިޔުންތެރިން ހިމެނޭ ޓީމެކެވެ. މި ޓީމުގެ ލިޔުންތަކުގެ ރީޗް މިލިއަނުން ގުނާ އަދަދުކުރެވެއެވެ. މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވި މީޑިއާ ޓީމް ހަފްތާއެއް ހޭދަކޮށްފައިވަނީ ޖޯލި ބީންގްގައާއި، ގްރޭންޑް ޕާކް ކޮއްދިއްޕަރުގައި އަދި ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުރި ތަފާތު ހަރަކާތްތައް ތަޖުރިބާކުރުމުގަ އާއި، ކެއުމުގެ އެކި ޔުނީކް ބާވަތްތައް ތަޖުރިބާކުރުމުގައެވެ. އެއީ 'ވެލްނަސް' ތީމެއްގެ ދަށުން، ދިވެހިރާއްޖޭގައި އަދި މި ޓީމުގެ ހޯސްޓްކުރި ތިން ރިސޯޓުގައި ލިބެންހުރި ތަފާތު ތަޖުރިބާތަކާއި، ކެއުމުގެ ބާވަތްތަކާއި ބެހޭ އާޓިކަލްތައް ލިޔުމަށެވެ. މި ލިޔުންތައް އަމާޒުކޮށްފައިވަނީ ނެދަލޭންޑްސް މާކެޓްގެ މުއްސަނދި ދަތުރުވެރިންނަށެވެ.

މި ފޭމް ޓްރިޕަކީ ނެދަލޭންޑްސް މާކެޓުގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، ނެދަލޭންޑްސްގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ރައްކާތެރި، އަމާން ޖަޒީރާ މަންޒިލެއްކަން ޔަގީންކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ދިވެހިރާއްޖޭގެ ހަތަރު ޓޫރިޒަމް ޕްރޮޑަކްޓްކަމުގައިވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް، އަދި ހޮޓެލްގެ މައުލޫމާތާއި، ރާއްޖެއަށް ދަތުރުކުރުމަށް އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ޓްރެވަލް ގައިޑްލައިންތަކުގެ އިތުރުން ދިވެހިރާއްޖެއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުވެސް ޕޮޓެންޝަލް ފަތުރުވެރިންނަށް މިޓީމުން ލިޔާ ލިޔުންތަކުގައި އަންގައިދެވޭނެވެ. މީގެ އިތުރުން، މި ހަރަކާތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަަރަކާތެކެވެ.

މިއީ މިއަހަރު ނެދަލޭންޑްސް މާކެޓަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތެވެ. މިނިމުނު ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން ރާއްޖެއަށް ނެދަލޭންޑްސްއިން ދަތުރުކުރާ ފަތުރުވެެރިންގެ އަދަދު އިތުރުވެ، ބުކިންގްސް އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ. އަދި، މިއަހަރު ކުރިއަށް އޮތްތާންގާވެސް މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ތާވަލްކޮށްފައިވެއެވެ. މީގެ ތެރޭގައި ޕްރިންޓް އެޑްވަޓައިޒިންގް ކެންޕެއިންތަކާއި، ޑިޖިޓަލް މީޑިއާ މާކެޓިންގްގެ އިތުރުން ސޯޝަލް މީޑިއާ ކެންޕެއިންތައް ހިމެނެއެވެ.

2021 ވަނަ އަހަރު ނެދަލޭންޑްސް މާކެޓުން ރާއްޖެއަށް 5،100 ފަތުރުވެރިން ވަނީ އައިސްފައެވެ. ޕެންޑެމިކްގެ ކުރިއަށް ބަލާނަމަ ނެދަލޭންޑްސް އަކީ ދިވެހިރާއްޖޭގެ ކުރިއަރަމުން އަންނަ މާކެޓްތަކުގެ ލިސްޓުގާހިމެނޭ، އަދި ރާއްޖޭގެ ޓޮޕް ވެސްޓަން ޔޫރަޕް މާކެޓުތަކާއި ޖިއޮގްރަފީގެ ގޮތުން ކައިރީގައިވާ ގައުމެކެވެ. ކޮވިޑް-19 ޕެންޑެމިކްގެ ފަހުން ނެދަލޭންޑްސްގެ އެރައިވަލްސް ދަނީ ފާހަގަކޮށްލެވޭ ވަރަށް އިތުރުވަމުންނެވެ. މިގޮތުން މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނެދަލޭންޑްސްއިން ދިވެހިރާއްޖެއަށް 2،295 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެގައި ވޭތުވެދިޔަ 2 އަހަރުތެރޭ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން 4 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މިގޮތުން، ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދަން މިހާރު ނުޖެހޭނެއެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. 13 މާޗްއިން ފެށިގެން ރާއްޖޭގައި އަޅާފައިވާ މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު މިވަނީ އުވާލާފައެވެ. ދަތުރުފަތުރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް