ކ. މާލެ
|
13 އޭޕްރިލް 2022 | ބުދަ 18:05
ކައުންސިލަރުން ހުވާކުރުން
ކައުންސިލަރުން ހުވާކުރުން
އެލްޖީއޭ
މަގޭ ރިޕޯޓް
އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅިތާ އެއް އަހަރު، ނަތީޖާއަކީ ކޮބާ؟
 
އަހަރެއް ވެގެންދިޔައިރު ކުރިމަތިވާ ގޮންޖެހުންތަކެއް ދެނެގަނެ ހައްލުތަކެއް ގެނެވޭނެ ގޮތްތަކެއް ހޯދަންޖެހޭ
 
ޕާލިމެންޓްރީ އިންކުއަރީން ފާހަގަވީ ފިރިހެނުންގެ ތެރެއިން ގިނަ ބައިވެރިން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމާ ދެކޮޅުކަން

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށްޓަކައި އެކުލަވާލާފައިވާ ކައުންސިލްތަކުން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް ޤާނޫނުން ބާރު ދީގެން އެކުލަވާލި ކައުންސިލްތަކަށް އަހަރެއްވީއެވެ. ފުރަތަމަ ފަހަރަށް އިންތިޚާބުކޮށްގެން ޤާނޫނުގައި ބަޔާންކޮށްގެން ބާރުތަކެއް ދީގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކެއް އެކުލަވާލިތާވެސް އަހަރެއްވީއެވެ. ބަސް ބުނާ ހިސާބުގައި، ކަންކަން ނިންމާ ހިސާބުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެޅިގެންދިޔަ މިފިޔަވަޅާއެކު އަންހެނުންގެ ބައިވެރިވުން ކުރިޔަށްވުރެ ބޮޑަށް ކަންކަން ނިންމުމުގައި އޮންނާނެކަމަށް ބެލެވުނެވެ. ހަމަގައިމުވެސް ޤާނޫނަށް މިމުހިންމު ބަދަލު ގެނެސްފައިވަނީ އެއުންމީދުގައެވެ. އަންހެނުންނަށް ވަކި މިންވަރަކަށް ގޮނޑި ކަނޑައެޅުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ. އެކަން ރާއްޖޭގައި ކުރުމަށް ވަގުތުތަކެއް ނެގިއެވެ. ޤާނޫނަށް އެބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވި އެންމެ ފަހުން ޤާނޫނުން އެބަދަލު ފެނިއްޖެއެވެ. އެއާއެއްގޮތަށް ކައުންސިލްތައްވެސް އިންތިޚާބު ކުރެވިއްޖެއެވެ. މިއާއެކު ދެން އުފެދޭ ސުވާލަކީ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟

އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަ ރާއްޖޭގައި ދައްކަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ. ކަންކަން ނިންމާ ހިސާބުގައި އަންހެނުންގެ ބަސް މުހިންމު ވަނީ ކޮންމެހެން އަންހެނަކަށްވީތީ އެއް ނޫނެވެ. މުޖުތަމައުގެ އެއް ބައި ހިއްސާކުރާ ބަޔަކީ އަންހެނުންކަމަށްވާތީއެވެ. ކަންކަން ނިންމާއިރު ސިޔާސަތުތައް ކަނޑައަޅާއިރު އަންހެނުންގެ ބަހެއް އޮންނަޖެހެނީ އެންމެންގެ މައްޗަށް ތަންފީޒުވާ ކަމެއްގައި އަންހެނެއްގެ ނަޒަރިއްޔާއިން އެކަންކަން ބަލަންޖެހޭތީއެވެ. މުޖުތަމައުގެ އެންމެންނަށް އޭގެއިން ވާ ފަސޭހަ ނުވަތަ ކުރާ ފައިދާ ބޮޑުވުމަށް އޭރުން މަގުފަހިވެގެންދާނެތީއެވެ. ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅުމަކީ އެގޮތުގެ މަތިން ރަށްރަށުގެ، އަތޮޅުތަކުގެ އަދި ސިޓީތަކުގައި ސިޔާސަތުތައް ކަނޑައަޅާއިރު އަންހެނުންގެ ބަހެއް ހިމެނުމަށް ކުރި، އަންހެނުންގެ ނަޒަރިއްޔާއިން އެކަންކަން މިންކުރުމަށް ކުރެވިފައިވާ ކަމެކެވެ.

އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅުމާއެކު ކައުންސިލްތަކުގައި ވަކި މިންވަރަކަށް އަންހެނުން ތިބެން މަޖުބޫރުވެއެވެ. އެކަމަކީ ބައެއް ފިރިހެނުން ދެކޭގޮތުގައި އެމީހުންނަށް ލިބޭ ނިކަމެތިކަމެކެވެ. ބޭއިންސާފެކެވެ. ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި ކަމާގުޅޭ ސިޔާސަތުތަކާއި ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕާލިމެންޓްރީ އިންކުއަރީންވެސް ވަނީ އެކަން ސާބިތުވެފައެވެ. މިދިރާސާގައި އަންހެނުންނަށް ވަކި ޢަދަދަކަށް ގޮނޑި ކަށަވަރު ކޮށްދިނުމަކީ އަންހެނުންނަށް ލިބިދެވުނު ވަރަށް ބޮޑު ފުރުޞަތެއްކަމުގައި ދިރާސާގައި ބައިވެރިވި ހުރިހާ އަންހެން ބައިވެރިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފިރިހެނުންގެ ތެރެއިން ގިނަ ބައިވެރިން މިކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރިއެވެ. މިގޮތަށް ވަކި ބަޔަކަށް އެ ޖާގަތައް ހިފެއްޓީމަ، ފިރިހެނުންނަށް ލިބޭ ނިކަމެތިކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

މިއީ އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަކުރުމުގެ މަސައްކަތް ކުރިޔަށްދިޔަ މަރުހަލާގައިވެސް ފާޅުކޮށްފައިވާ ޚިޔާލުތަކެކެވެ. ނަމަވެސް ގާނޫނުން އެބާރު ލިބިދީގެން އަންހެނުން މިހާރު ކައުންސިލްތަކުގައި ތިބިއިރު ބައެއް ކައުންސިލްތަކުގައި ތިބީ ގާނޫނުން ކަނޑައަޅާފައިވާ އަދަދަށް ތިބި އަންހެނުން އެކަންޏެވެ. ދެން އޮތީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ނުވަތަ ޑަބްލިޔުޑީސީތަކެވެ. މަގާމުތަކަށް އަންހެނުން އިންތިޚާބުކޮށްގެން ކުރިޔަށްދާތާ އަހަރެއްވެފައިވާއިރު ނަތީޖާ އަކީ ކޮބައިތޯ ބަލާލަންޖެހެއެވެ. ކުރީގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ފުޅާ ދާއިރެއްގައި ގިނަ ކަންކަމުގައި ޝާމިލްވަމުން އައި ބަޔެކެވެ. މިހާރު އޮތް ގޮތުން އެމީހުން މަސައްކަތްކުރަންޖެހެނީ ކައުންސިލްތަކުގެ ދަށުން ކަމަށްވާއިރު ޑަބްލިޔުޑީސީތަކަށް ކައުންސިލްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ. އަދި ކައުންސިލްތަކުގައި ތިބި އަންހެން ކައުންސިލަރުންނަށްވެސް ކައުންސިލްގައި ދެން ތިބި ކައުންސިލަރުންގެ އެއްބާރުލުން ބޭނުންވެއެވެ. ކަންކަން ނިންމާ ހިސާބުގައި ޝާމިލުވުމުގެ ފުރިހަމަ ބާރު އަންހެން ކައުންސިލަރުންނަށްވެސް ލިބެންޖެހެއެވެ.

ބައެއް ފަހަރު ފެންނަ މަންޒަރަކީ ކަންކަމުގައި އަންހެން ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ އެއްވެސް ބަހެއް ނޯންނަތަނެވެ. އެއީ ހަމައެކަނި ރަށަށް އަރާ މެހެމާނުންނަށް މަރުޚަބާ ކިޔާ މެހެމާން ދާރީ އަދާކުރާ ބަޔަކަށް ހަދާފައިވާ މަންޒަރެވެ. ޑަބްލިޔުޑީސީތަކަށް ބަލާއިރު މާލޭގެ ޑަބްލިޔުޑީސީގެ އަބަދުމެ ކުރާ އެއްޝަކުވާއަކީ މާލެ ސިޓީގެ ކައުންސިލުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާއެވެ. ގާނޫނުން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމުގެ ބާރު ދީފައި އޮތްނަމަވެސް އެމަސައްކަތް ކުރުމަށް ދަތިތައް ދިމާވާ ވާހަކައެވެ. މަސައްކަތްކުރާނެ ތަނެއް ނެތުމެވެ. އެކަށީގެންވާ އުޖޫރައެއް ނުލިބުމެވެ. ރަށްރަށުގެ ކައުންސިލްތަކުގައި ތިބި އަންހެން ބައެއް ކައުންސިލަރުން ފާހަގަކުރާ ގޮތުގައި ސިޔާސަތުތައް ކަނޑައެޅުމުގައި އެމީހުންގެ ބަހެއް ނޯވެއެވެ. ކަންކަން ނިންމަނީ ދެން ތިބީ ފިރިހެން ކައުންސިލަރުންނެވެ. ނަމަވެސް އަނެއް ބައި އަންހެން ކައުންސިލަރުން ފާހަގަކުރާ ގޮތުގައި ކައުންސިލްތެރޭގައި ފިރިހެން ކައުންސިލަރުންނެކޭ އެއްގޮތަށް އެމީހުންނަށްވެސް ހަމަހަމަ ފުރުސަތުތައް އޮވެއެވެ. ކަންކަން ނިންމުމުގައި އެމީހުންގެ ބަސް އަޑުއަހައެވެ.

ތެދެކެވެ. ނަތީޖާއަކަށް ހަމައަށް އައުމަށް ދުވަސްތަކެއް ނަގާނެއެވެ. އެވިސްނުން މުޖުތަމައުން ބަދަލުކުރަން ދުވަސްތަކެއް ނަގާނެއެވެ. އަހަރެއް ވެގެންދިޔައިރު ފާހަގަވާ ކަންކަމަށް ރިއާޔަތްކުރެވި ބަދަލުތަކެއް ގެންނަންޖެހެއެވެ. އެދިރާސާތައް މިހާރުވެސް ކުރެވެމުންދާއިރު އެކަންކަމަށް ކުރިޔަށް އޮތްތަނުގައި ބަދަލުތަކެއް ގެންނަންޖެހެއެވެ. ޒަމާނުއްސުރެ އަންހެނުންގެ ދައުރަކީ ރަށްރަށަށް އަރާ މެހެމާނުންނަށް ކާންދީ މާފަތި އަޅުވައިދިނުން ކަމަށް ދެކެމުން އައި ދެކުން ބަދަލުކުރުމަށް ދެން ކުރެވޭނެ ކަންތައްތަކާ މެދު ވިސްނާލަންޖެހެއެވެ. އެކަމާމެދު ގޮތްތަކެއް ނިންމަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް