Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ދިވެހި ސަގާފަތުގެ ތެރެއިން ރޯދަޔާއި ރޯދަމަހަށް ތައްޔާރުވުން

މި ރޯދަމަހަކީ ދިވެހިރާއްޖެއަށް އައި 896 ވަނަ ރޯދަމަސް

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 19:03
މިސްކިތްތަކުގައި ރޯދަ ވީއްލުން

މިސްކިތްތަކުގައި ރޯދަ ވީއްލުން

ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތައް އަޅުގަނޑުމެން މިދަނީ ގުނަމުންނެވެ. ދިވެހިރާއްޖެ އިސްލާމްވީފަހުން ކޮންމެ އަހަރަކުވެސް މިމައްސަރުގެ ހެޔޮކަން މުސްލިމް ދިވެހިރާއްޖެ މިދަނީ ލިބިގަންނަމުންނެވެ.

ރާއްޖެ އިސްލާމްވީ ހިޖުރީގޮތުން 548 ގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އެހެންވީމާ މި ރޯދަމަހަކީ ދިވެހިރާއްޖެއަށް އައި 896 ވަނަ ރޯދަމަހެވެ. ރޯދައަކީވެސް އިސްލާމްކަމާއެކު ތައާރަފުވެފައިވާ ދިވެހި ލަފްޒެކެވެ. މިއީ ފާރިސީ ލަފުޒެއް ކަމަށްވާ "ރޯޒަ" އިން ދިވެހިވެފައިވާ ލަފްޒެކެވެ. "ނަމާުދު" ވެސް ފާރިސީ "ނަމާޒު"ންނެވެ. "ބަންގި" އާއި "މުދިމު" ވެސް ފާރިސީ ބަހުންނެވެ. މިއިން ދޭހަވަނީ ރާއްޖެ އިސްލާމް ކުރެއްވީ ފާރިސީ ބޭކަލަކު ކަމެވެ. އެބޭކަލަކީ ޔޫސުފް ތަބުރޭޒީއެވެ.

ރޯދަމަހަށް ތައްޔާރުވުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނިގެން އައިސްފައިވާ ކަމެކެވެ. ވަރަށް ބޮޑަށް ދިވެހި ކުލަޖެހިގެން ކުރަމުން އަންނަ ކަމެކެވެ. މިޒަމާނުގައި މިކަންކުރާގޮތް ކުރީޒަމާނާއި ވަރަށް ތަފާތެވެ. ތިރީގައި މިލިޔަނީ އަޅުގަނޑުގެ އަޚެއް ކަމަށްވާ އަދުނާން ހަލީމު މި މައުޟޫގެ މައްޗަށް ހިއްސާކުރައްވާފައިވާ މައުލޫމާތެވެ. އޭނާގެ ތަޖުރިބާގެ އަލީގައެވެ.

ރޯދަމަހު ބަރު މަސައްކަތެއް ނުކޮށް ރޯދައިގެ އަޅުކަމަށް އެންމެންވެސް ޚާއްސަ ކުރާނެއެވެ. ސާފުތާހިރު މާހައުލެއްގައި ރޯދަމަސް ހޭދަކުރުމުގެ ގޮތުން ކަންކަން ތަރުތީބު ކުރާނެއެވެ. ދުރާލައި ގޭގެ ފަން ފުރާޅު އާކުރާނެއެވެ. އުނދޯލިގެ މަރާމާތު ކުރާނެއެވެ. ބަދިގެވެސް މަރާމާތު ކުރާނެއެވެ. ވަލުން ދަރު ހޮވައިގެން ގެޔަށް ވައްދާނެއެވެ. ގޭގެ އެކި ތަންތަނަށް ކަށިވެލި ލުމަކީވެސް ދުރާލައި ކުރާ މަސައްކަތެކެވެ. ވެލިލާނީ ރޯދައަށް ދެތިން ދުވަހަށް ވީމައެވެ. ރޯދަ ކައިރިވުމުން ގޭގެ ފާރުތަކާއި ތަޅުންގަނޑު ދޮވެ ފޮޅައި ސާފުކޮށް ދަވާދު ލުމާއި ތެޔޮލުންވެސް އޮންނާނެއެވެ.

ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން އާދަކާދައިގެ ތެރެއިން ކުރެވޭ ބައެއް ކަންކަން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިސާބަކަށް ތަފާތުވެދާނެއެވެ. އެނޫން ކަންކަމުގައިވެސް ތަފާތު ހުންނަ ފަދައިންނެވެ. އުތުރުގައި ކުރާ ބައެއް ކަންކަން ދެކުނުގައި ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ދެކުނުގައި ކުރާ ބައެއް ކަންކަން އުތުރުގައި އެހާ އާއްމު ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިލިޔުމުގައި އަލުއަޅުވައިލެވޭތޯ މަސައްކަތް މިކުރަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެން ކުރާ ކަންކަމުގެ މައްޗަށެވެ.

ރޯދައަށް އާާލާތްކޮށް ނިންމަމުންދާއިރު އެންމެ ފަހުން ކުރާނީ ގޭތެރެއާއި ބަދިގެޔާއި އުނދޯލިގެ ތަރުތީބު ކުރުމެވެ. އެނދާއި ތަންމައްޗާއި އުނދޯލިތައް ތާޒާވެ، ތެލިތަކާއި އުނދުޅިތައް ބަދަލުވެ އެތަކެތީގެ ވިދުވަރުން މުޅި ގޯތިތެރެ އުޖާލާކޮށްލައެވެ. އެެެހިސާބުން ރޯދައަށް ތައްޔާރުވީއެވެ. މުލަ ރޯދަ ދުވަހު ގޭތެރޭގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ކުރެވޭ އިހުސާސަކީ އާދަޔާ ޚިލާފު މޫސުމެއް އަތުވެއްޖެ ކަމުގެ އިހުސާސެވެ.

އާއިލާތަކުން ރޯދަައިގެ ކުރިން އެއްތަންވެ ބައްދަލުކޮށްލަނީ މާހެފުމުންނެވެ. މާހެފުމަކީ މަހާއި، ކާއްޓާއި، އަވެއްޔާއި، މިބާވަތުގެ ކެއުމެކެވެ. ބޯން ހުންނަނީ ފަނީގެ ބާވަތްތަކެވެ. ވަރަށް ޚަރަދުކުޑަކޮށް އަދި ވަރަށް ދިވެހި ރަހަތަކެއް އެކުލެވޭހެން ތަންކޮޅެއް ހަރު ހެފުމެކެވެ. ރޯދައަށް ހިނައިގަތުމަކީ ވަރަށް މަޖާނެގުމާއެކު އެކުވެރިންނާއެކީ އޮންނަ ހިނެއުމެކެވެ. މޫދަށް އެރި ހިނައިގަންނަން ދާނީ ބައެއްފަހަރު ބޮޑެތި ރާޅު އަންނަ ހިސާބަކަށެވެ. ބައެއް ފަހަރު ފުންވިލަކަށެވެ. ނުވަތަ އާއްމުގޮތެއްގައި މޫދަށް އެރި އުޅޭ ތަނަކަށެވެ. ރޯދައަށް ހިނައިގަތުމަށް މޫދަށް އެރެންދާއިރު ކާއްޓާއި މަހާއި، ހުތް އަނބާއި ކުޅިކޮށްފައި ހުންނަ ރިހާކުރާއި މިބާވަތުގެ ކާތަކެތި ގެންދާނެއެވެ.

އާއިލާތަކުން ރޯދައަށް ތައްޔާރުވަމުންދާއިރު ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކެއް ވެސް ހުރެއެވެ. މިސްކިތްތައް ސާފުކޮށް ކުނާތައް ބަދަލުކޮށް މިސްކިތު ވަޅުދިޔަ ހިއްކައި ގޯތިތެރެއަށް ވެލިލައި ދާނިތައް އައުކޮށް މިބާވަތުގެ ކަންކަން ކުރާނެއެވެ. އަދި ރައްޔިތުންގެ އިމާރާތްތަކާއި ރޯދަ ކުރުކުރުމަށާއި ހަވީރު ފިންޏަށް މީހުން އެއްވެ އުޅޭ ތަންތަންވެސް އާބާތުރަ ފިލުވައި ރީތިކުރާނެއެވެ.

ރޯދަމަހު ހާރުކެއުމަށް މީހުން ހޭލެެއްވުމުގެ އާދައަކީވެސް ވަރަށް ފަހަކާ ޖެހެންދެން ބައެއް ރަށްރަށުގައި ހިނގަމުން އައި ކަމެކެވެ. ބެރުޖަހައި އުޅޭ މީހަކު ނުވަތަ ބަޔަކާ ވާހަކަ ދައްކައި އަގެއް ކިއުއްވައި ރޯދައިގެ ކުރިން އެމީހުންނަށް އަގު އަދާކޮށް ބެރު ޖެހުމުގެ މަސައްކަތް ހަވާލު ކުރާނެއެވެ. އާއްމު ގޮތެެއްގައި ބެރުޖަހާ މީހުންނަށް އަގުދެނީ ހަނޑުލުންނެވެ.

މިކަމަކީ ކޮންމެ ގެއަކުން ވެސް ވަކި މިންވަރަކަށް ހަނޑޫ ނަގައިގެން މުޅިރަށުގެ ހުރިހާ ގެއަކުން ބައިވެރިވެގެން ހިންގާ ކަމެކެވެ. ބެރު އޮޅިޔަށް އަގުލިބުމާއެކު ބެރުތައް ތައްޔާރުކޮށް ބެރުޖަހާނެ އޮޅިއެއް އެކުލަވައި ބެރުޖަހާ މީހުން ތައްޔާރުވާން ފަށާނެެެއެވެ. ރޯދަމަހު ފުރަތަމަ ރެއިން ފެށިގެން ކޮންމެ ރެއަކު ދަންވަރު މުޅިރަށުގައި ބެރުޖަހާނެއެވެ.

ދަންބެރު ޖެހުމުގެ އިތުރުން ރޯދަމަހަށާއި ޝައްވާލު މަހުގެ ހަދުފެނުމުން ވެސް ބެރު އޮޅީގެ މީހުން މުޅިރަށުގައި ބެރު ޖަހާނެއެވެ. މިއީ ކުޑަކުދިން ވަރަށް ބަލާހިތްވާ ކުޅިވަރެކެވެ. ހާރުކާން މީހުންނަށް ގޮވުމުގެ އިންތިޒާމު ކުރަނީ ރައްޔިތުންނާއި ވެރިން ގުޅިގެން ރައްޔިތުން އަގެއް ދީގެން ކަމުގައި ވިޔަސް އިރު އޮއްސިއްޖެކަން އެންގުމަށް ސަންގު ފުމެނީ ވެރިންގެ ފަރާތުން މިސްކިތުންނެވެ.

ސަންގަކީ ރައްޔިތުން އެއްކުރުމުގެ ބާރު އޮންނަ އަދި ކަތީބުގެ ޚާއްސަ އެންގުމަކަށް ނޫނީ ނުފުމެވޭނެ އެއްޗެއް ކަމުގައި ވިޔަސް ރޯދަމަހު ސަންގު ބާއްވާފައި އޮންނަނީ މުދިމުގެ ބެލުމުގެ ދަށުގައި ބޮޑު މިސްކިތުގައެވެ. އިރު އޮއްސުމުން ސަންގުފުމޭ މީހާ ސަންގު ފުމޭނެއެވެ. ސަންގު ފުމޭ މީހާގެ ރޯދަ ވީއްލުމާއި އެހެނިހެން އިނާޔަތްތައް ހަމަޖައްސަނީ ކަތީބެވެ. މިސްކިތުގެ ޖަމާއަތަށް ދާ މީހުންގެ ރޯދަވީއްލުމުގެ ކަންކަން ހެޔޮއެދޭ އެކި ފަރާތްތަކުން ހަމަޖައްސައެވެ. ކުރީ ޒަމާނުގައި މިސްކިތް ދޮށަށް ފޮނުވާނީ ހަމައެކަނި ކޮންމެވެސް ވައްތަރެއްގެ ފަންޏެކެވެ. ތަރާވީހު ނަމާދަކީ ރޯދަމަހުގެ ޚާއްސަ ނަމާދަކަށް ވުމާއެކު ތަރާވީހު ނަމާދު ކުރާ މީހުންނަށް ވެސް ބައެއް ގޭގެއިން ސައި ތައްޔާރުކޮށްފައި ހުރެެއެވެ. ފަނި ފިނިކުރުމަކީ ވެސް ވަރަށް ހުނަރުވެރި ގޮތަކަށް ކުރާ މަޖާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!

ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!

01 ސެޕްޓެމްބަރު 2021
ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.

މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.

01 އޯގަސްޓު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު