Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
މީލަސްގެ ޑައިރީ

ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!

މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ޖާގަ ގާނޫނުއަސާސީން ވަނީ ރައްޔިތުންނަށް ލިބިދީފައި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 07:07
ރާއްޖޭގައި އޮންނަންވީ ނިޒާމެއް ބެލުމަށް މީގެ ސާދަ އަހަރު ކުރިން ނެގުނު ވޯޓުގައި 62 އިންސައްތަ މީހުންގެ ނިންމުމަކަށްވީ ރިޔާސީ ނިޒާމު

ރާއްޖޭގައި އޮންނަންވީ ނިޒާމެއް ބެލުމަށް މީގެ ސާދަ އަހަރު ކުރިން ނެގުނު ވޯޓުގައި 62 އިންސައްތަ މީހުންގެ ނިންމުމަކަށްވީ ރިޔާސީ ނިޒާމު

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ އަބަދުވެސް ދިވެހީން ދަމަހައްޓަމުން އައި ނިޒާމެކެވެ. ވެރިކަން ހިންގުން، އެއް ނިޒާމުން އަނެއް ނިޒާމަށް ބަދަލު ކުރަމުން ގެންދިޔަ ބަޔަކީވެސް ރައްޔިތުންނެވެ. ރަސްކަން ހިންގަމުން ނިޒާމަށް ބަދަލުތައް ގެންނަމުންވެސް، ރަސްކަން ދެމެހެއްޓި ބަޔަކީ ރައްޔިތުންނެވެ. ހަމަ އެހެންމެ ޒަމާންވީ ރަސްކަމުގެ ނިޒާމު، ޖުމްހޫރީ ނިޒާމަކަށް ބަދަލުކުރީވެސް ރައްޔިތުންނެވެ. ވެރިކަމުގެ ނިޒާމާއިމެދު އެވަގުތު ޚިޔާލު ފާޅުކުރާން ފެށީ ރައްޔިތުންނެވެ.

އެމަންޒަރުން އެދުވަހު އެންމެ ބޮޑަށް ލީޑު ކުރައްވާތީ ފެނުނީ އަލްމަރުހޫމް މުހައްމަދު އަމީން ދީދީއެވެ. ކަނޑުމަތީގައްޔާއި އަތިރީގޭގައްޔާއި އޭރު އޮތް މަޖިލީހުގެ ފްލޯރގެ އިތުރުން އަތިރީގޭގެ ފެންޑާގައިވެސް މި މައުޟޫގެ މަޝްވަރާތައް ހިނގިއެވެ. ދެކަފިވެފައިވާ ޚިޔާލުތަކެއް އެއް ޚިޔާލަކަށް ގެނައީ ރައްޔިތުންގެ ވޯޓަކަށް ދިއުމަށެވެ. މިކަންކަމުންވެސް ފެންނަމުން ދިޔައީ ރައްޔިތުންގެ ބާރެވެ.

ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެން ޖުމްހޫރީ ނިޒާމެއް ގެނެސް ރައީސުލްޖުމްހޫރިއްޔާއަކާއި ނާއިބެއް، ރައްޔިތުން އިންތިޚާބުކޮށްފައި ވަނިކޮށް، އިންގިލާބަކުން އަނެއްކާވެސް ރަސްކަމަކަށް، ވެރިކަމުގެ ނިޒާމު ފުރޮޅާލައި، އަލުން ރަސްކަމެއް ހިންގަމުން ދަނިކޮށް، ދެވަނަ ފަހަރަށްވެސް، ޖުމްހޫރީ ނިޒާމެއް ގެނައީ، އެ ރަސްކަމުގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅައި، ރައްޔިތުންގެ ވޯޓަކަށް ފޮނުވަން އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ އެފަހަރު، އެ ދިން ދެ ޗޮއިސްގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރީ ޖުމްހޫރިއްޔަތެވެ. މިދެންނެވި ޖުމްހޫރީ ނިޒާމުން ވެރިކަން ކުރަމުންދިޔަ ގާނޫނުއަސާސީއަށް، ބައެއް ބަދަލުތައް އެކިފަހަރު މަތިން އަންނަމުން ދިޔައެއް ކަމަކު، އެ ގާނޫނުއަސާސީއަކީ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމަކަށް އެއްވެސް މިންވަރަކަށް ފިޓު ގާނޫނުއަސާސީއެއް ނޫނެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ފަހި ގާނޫނުއަސާސީއެއް ވެސް ނޫނެވެ. ސިޔާސީ ޕާޓީގެ އައު ވިސްނުން ދޮންވެ ފައްކާވަމުން އައިއިރު، މިނިވަން ޑިމޮކްރެޓިކް ގައުމެއްގައި އޮންނަންޖެހޭ ފަދަ ގާނޫނުއަސާސީއަކަށް، ރައްޔިތުން އޭރުވެސް ތިބީ ބޭނުން ވެފައެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީގެ އެ ރޫޙަށް ޖާގަ ލިބުނީ މިއަދުގެ ގާނޫނުއަސާސީންނެވެ. އެ ގާނޫނުއަސާސީ އިސްލާހު ކުރުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ރައީސް ކަމުގައި އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުން 2008 ގައި އެ މަސައްކަތް ފާސްކޮށް ނިންމިއެވެ. އަދި މިއަދު މި އަމަލުކުރާ އައު ގާނޫނުއަސާސީ 7 އޯގަސްޓު 2008ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއެވެ.

ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެހާ ހައްގުތައް ކަށަވަރުކޮށް އައު ގާނޫނުއަސާސީ އެކުލަވާލަމުން ގެންދިޔަ މަރުހަލާގައި ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގެ މައްސަލަ ޚާއްސަ މަޖިލީހަށް ހުށަހެޅުނެވެ. މިފަހަރުގެ ސުވާލަކީ ރިޔާސީ ނިޒާމެއްތޯ؟ ބަރުލަމާނީ ނިޒާމެއްތޯއެވެ؟ ޚާއްސަ މަޖިލީހުގައި ހިނގައިދިޔަ ފުން ބަހުސަކަށް ފަހު ވޯޓުން ފާސްވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ރައްޔިތުންނަށް މި މައްސަލަ ފޮނުވަން ފެނޭތޯ ނެގި ވޯޓުގައި އަޅުގަނޑުވެސް ވޯޓުދިނީ ރައްޔިތުންނަށް މައްސަލަ ފޮނުވުމަށެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައީ ރިޔާސީ ނިޒާމާ، ބަރުލަމާނީ ނިޒާމުގެ ސިފަތައް ރައްޔިތުންނަށް ސާފުކޮށްދީފައެވެ. ދެ ނިޒާމުގެ ސިފަތައް ލިޔެފައިވާ ކާރުދާސްތައް، ވޯޓުލާންތިބި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނެވެ. އޭރު ދެކަފިވެފައިވާ ޚިޔާލުތައް ރައްޔިތުންނާއި ހިއްސާކުރަމުން ގެންދިޔައެވެ. އެއަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގިއެވެ. މިދެންނެވި ވަގުތަކީ، މި ދެ ނިޒާމަށް ތާއީދުކުރާ ފިކުރުތަކުގެ ރޫހު ވަރުގަދަ ވަގުތެކެވެ.

މި ދެ ނިޒާމަށް ތާއީދުކުރާ މީހުންގެ ކިބައިން ނިޒާމު ޕްރޮމޯޓު ކުރުމުގެ ފޯރި އެދުވަހު ފެންނަމުން ދިޔައެވެ. މި ދެންނެވި ވަގުތަކީ އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ވެރިކަމުގެ ނިޒާމަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުނު ދުވަސްވަރާ އަޅާބަލާއިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މާބޮޑަށްވެސް ފެންނަން އޮތް ފަހަރެކެވެ. އެހެންކަމުން ރައްޔިތުން ގޮތެއް ނިންމަން ހުށަހެޅިފައި އޮތް ދެ ނިޒާމަށްވެސް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރަމުން ގެންދިޔައެވެ.

އެދުވަސްވަރަކީ މިއަދު މިއޮތް މިންވަރަށް ސޯޝަލް މީޑިއާގެ ބާރު އޮތް ދުވަސްވަރެއް ނޫނެވެ. އެވަގުތަކީ އަމިއްލަ ރޭޑިއޯ ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް މިއަދު މިއޮތް މިންވަރަށް ފުޅާކޮށް އޮތް ވަގުތެއްވެސް ނޫނެވެ. އެހެން ކަމުން މިއަދު މިފަދަ ކަމެއްގައި ކެންޕޭން ކުރަން ލިބިފައި މިއޮތް ވަސީލަތްތައް މިވަރަށް އެދުވަހު ނެތުމީ، އެންމެ ރަނގަޅަށް އެ ކެންޕޭން ކުރެވިފައި ނެތޭ ވިދާޅުވާން ބޭނުންފުޅު ބޭފުޅުންނަށް، އެހެން ވިދާޅުވުމުގެ ޖާގަ އޮތް ކަމެކެވެ.

އިންފޮރމޭޝަން ޓެކްނޮލޮޖީއަށް އަންނަމުން މިދާ އަވަސް ދުވެލީގައި، ހަމަ އެގޮތަށް މިއަދު މިއޮތް މިންވަރަށްވުރެ މާތަނަވަސް އަދި މާފުރިހަމަ ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތައް މީގެ ހައެއްކަ އަހަރު ފަހުންވެސް އޮވެދާނެއެވެ. އޭރަށް މިއަދު ނެތް ޖާގަ މާދަމާ އޮންނާނެއެވެ. އެކަމާ އަޅުގަނޑުވެސް އެއްބަހެވެ. މިއަދު މިއޮތް މިނިވަން ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތައް، ފެންނާން މިއޮތް މިންވަރަށް މިދެންނެވި ދުވަހަކު ނެތެވެ. އެހެންނަމަ، ދެ ނިޒާމަށްވެސް ވަރަށް "އިފެކްޓިވް" ކެންޕޭނެއް ކުރެވުނީސް ކަންނޭގެއެވެ. ކޮންމެ އަކަސް، އެވަގުތު ލިބިފައިއެވާ ފުރުސަތުގައި ދެ ނިޒާމު ޕްރޮމޯޓު ކުރަން ކުރެވުނު މަސައްކަތް ތަކަކަށްފަހު ނެގި ވޯޓުގެ ނަތީޖާއަކީ ރިޔާސީ ނިޒާމަށް ދިވެހީން އާނއެކޭ ބުނުމެވެ.

ރިޔާސީތޯ؟ ބަރުލަމާނީތޯ؟ ނިންމަން ރައްޔިތުންނަށް އެލިބުނު ފުރުސަތުގައި ދެ ނިޒާމުގެ ސިފަތައް ރައްޔިތުންނަށް ދެނެގަންނާނެ ފުރުސަތު ލިބުނެވެ. ދެ ނިޒާމުގެ ސިފަތައް ފެންނާން އޮތް ކަރުދާސްތަކަކީ، އެ ކިޔާލައި އެއިން މައުލޫމާތު ލިބިގަތުމުގެ ޝައުގު ހުރި ކޮންމެ ރައްޔިތަކަށް އާންމުކޮށް ފެންނާން އޮތް އެއްޗެކެވެ. އެހެން ކަމުން ނާސިރުގެ ބޮޑުވަޒީރު ކަމުގައި އެ ނެގުނު ފެންނަ ނުފެންނަ ވޯޓުގައި އެއްވެސް ކޮޅެއް ޕްރޮމޯޓު ކުރާނެ ޖާގަ އެދުވަހު ލިބިފައި ނެތަސް މިފަހަރު އެޖާގަ ލިބިފައި އޮތެވެ.

މިއަދަކީ އަނެއްކާވެސް ބަރުލަމާނީ ނިޒާމުގެ އަޑު އިވެމުންދާ ދުވަސްވަރެކެވެ. އެކަމަށް ތާއީދުކުރާ ރައްޔިތުން އެއަޑު ސޯޝަލް މީޑިއާގައި އުފުލަމުން އަންނަ ވަގުތެކެވެ. މިވަގުތު މި އިއްތިފާގުވަނީ މިހާތަނަށް ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މިނިވަންކަމެއް ލިބިދިން ގާނޫނުއަސާސީއަށް އަމަލު ކުރަމުން އަންނަ ދަނޑިވަޅާއެވެ. މިދެންނެވި ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ އެފަދަ ނިންމުމެއް ދެންނެވެސް ނިންމޭނީ ހަމަ ރައްޔިތުންނަށެވެ. މުޅި ގާނޫނުއަސާސީ ރިޔާސީ ނިޒާމަށް ބައްޓަންވެފައި މިވަނީވެސް ރައްޔިތުންގެ އެނިންމުމުގެ މައްޗަށެވެ.

ގާނޫނުއަސާސީގެ 12 ވަނަ ބާބު ކަމަށްވާ " ގާނޫނުއަސާސީ އިސްލާހު ކުރުން" މި ބާބުގެ 262 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ "(ށ) މި މާއްދާގެ (ހ) އެހެން އޮތް ކަމުގައި ވިޔަސް، މި ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައިސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާންވާނީ އެއިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެއިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ. އެއިސްލާހެއް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެބިލް ބާތިލްވީއެވެ.

ވީމާ ވެރިކަމުގެ ނިޒާމަށް އަނެއްކާވެސް ބަދަލެއް ގެންނާނެ ޖާގަ އޮތީ ސީދާ ރައްޔިތުންނަށެވެ. ރައްޔިތުންގެ ވޯޓަކުން ފާސްވެއްޖެނަމަ، އޭގެ ފަހުން ރާއްޖޭގައި އޮންނާނީވެސް، އަނެއްކާވެސް ރައްޔިތުންގެ އަޣުލަބިއްޔަތު ލިބޭ ނިޒާމެކެވެ. މިއީ އަޅުގަނޑުމެން ހިނގާން އޮތް ދުސްތޫރީ މަގެވެ. މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމުގެ ޖާގަ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައި އެބަ އޮތެވެ. މިނިވަންކަމާއެކު ފިކުރުކޮށް ޚިޔާލުފާޅުކޮށް، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތް ބަޔާން ކުރުމަކީ މި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ކަމެކެވެ.

ރައްޔިތުންގެ އަޣުލަބިއްޔަތުން ފާސްކުރާން ގާނޫނުއަސާސީން ޖާގަ ދީފައިވާ ކަމެއް ފާސްވެއްޖެނަމަ، އެކަމަކަށް އަމަލުކުރާން ޖެހޭ ފަދައިން، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީވެސް ޖާގަ ލިބިދީފައި އޮތް ހައްގެކެވެ. ޚިޔާލު ފާޅުކުރަނީ، އަދި ޚިޔާލު ފާޅުކުރާން ޖެހެނީ ޖާގަ އޮތީމައެވެ. އެހެންކަމުން ކަންކަމާމެދު ރައްޔިތުންނަށް އަބަދުވެސް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެއެވެ. މިފަދަ ޖާގަތައް ލިބިދީފައި އޮތުމުން މިއަދުވެސް ފެންނަމުން މިދަނީ، އެ ގާނޫނުއަސާސީގެ ފޮނިމީރު ކަމެވެ. ހަމަ އެއާއެކު، ގާނޫނުއަސާސީގައި ފެންނާން އޮތީ، ކަންކަން ކުރާންވީ ރީތި ހަމަތަކެވެ. އުސޫލުތަކެވެ.

އެ އުސޫލުތަކުގެ ތެރެއިން ރައްޔިތުންނާއި ހަމައަށް ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅައި، ރައްޔިތުންގެ އަޣުލަތިއްޔަތު އެކަމަކަށް ލިބިއްޖެނަމަ، އެކަމެއް ފާސްވީއެވެ. ވީމާ، ވެރިކަމުގެ ނިޒާމަކީ ރައްޔިތުންނަށް ނޫނީ އެކަމަށް ބަދަލެއް ގެނެވެން ނެތް ކަމެކެވެ. އެހެންނަމަވެސް ޚިޔާލު ފާޅުކުރުމަކީ އޮތް ކަމެކެވެ. ސަބަބަކީ ބަދަލު ގެންނެވޭނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިން ޖާގަ ލިބިގެން ކަމަށް ވީތީއެވެ.

ރިޔާސީ ނިޒާމުބަރުލަމާނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

04 އޮކްޓޯބަރު 2023
ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ

ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓާގުޅޭ ޤަރާރާމެދު އީސީން ޤާނޫނީ ލަފާ ހޯދަނީ

ނިޒާމީ ވޯޓާގުޅޭ ޤަރާރާމެދު އީސީން ޤާނޫނީ ލަފާ ހޯދަނީ

21 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު