ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟

ދޮނަމައްޗަކީ ސަންދޯކުގެ މަތީގައި އަޅާ ފޮތިގަނޑެވެ. އެއީ މީހަކު މަރުވުމުން، މައްޔިތާ ހިނަވައި ނިމިގެން، މޫނުދެކެން އަންނަ މީހުންނަށް، މޫނުދައްކައި ނިމިގެން، ކަށުނަމާދަށް ސަންދޯއް ގެންދިއުމަށް، މައްޔިތާގެ މޫނުކަފަގަނޑު އަޅައި، ސަންދޯކަށްލައި، ސަންދޯކުގެމަތި އެޅުމަށްފަހު، ދެންކުރާ އެންމެ ފަހު ކަންތަކެވެ.

އެހައިތަނުން، ދިރިހުރި އިންސާނެއްގެ ޙަޔާތް އެ ނިމުނީއެވެ. މި ބީދައިން އަހަރެމެންގެ ތެރޭގައި އޮތް ކިތަންމެ ޢިލްމަކާއި، އާދަކާދަތަކަކާއި، ސަޤާފަތެއްވަނީ، މަޖާޒީ ގޮތަކަށް ދަންނަވާނަމަ، "ދޮނަމަތި" އަޅާފައެވެ. ސުވާލަކީ، ހަމަ އެ ބީދައިން، ދިވެހި ކާބަފައިންގެ އަތްއަތްމަތިން، އެތައް ޤަރުނަކަށް ދެމިގެންއައި، "ނިޔަމި ކަމުގެ ޢިލްމު" ވެސް، ދޮނަމަތިއެޅީ ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟

ނިޔަމިކަމުގެ ޢިލްމޭ މި ކިޔަނީ އާދައިގެ ޢިލްމަކަށް ނޫނެވެ. އެއީ، އެންމެ ޤަދީމީ ދިވެހިން ދޯނިފަހަރު ރޯނުން ބަނދެގެން، ކަނޑު ދަތުރުފަތުރު ފެށި ޢިލްމެވެ. މިދެންނެވި ޒަމާނުގައި އެ ޢިލްމުގެ އެހީގައި، ރޯނުން ބަނދެފައިވާ އޮޑިފަހަރުގައި، މީލާދީން 658ވަނަ އަހަރާއި 662 ވަނަ އަހަރުގެ ތެރޭގައި، ސީނުކަރައިގެ އެމްޕެރާއަށް، ދިވެހި ދައުލަތުގެ ފަރާތުން، ވެދުން ހިފައިގެން ދަތުރު ކުރިއެވެ. އަދި 705 މީލާދުގައި، ދިވެހިރާއްޖޭގެ ރަދުންނާއި ސްރީލަންކާގެ ރަސްގެފާނުގެ ވެދުން ހިފައިގެން، ދިވެހީން އިރާގުގެ ބަސަރާގެ ގަވަރުނަރު ފައިންޕުޅު ދެކެން ދަތުރުކުރިއެވެ. އެހެންކަމުން، ކަނޑު ދަތުރުފަތުރުގައި ދިވެހީންގެ ދޮށިކަމާއި، ޤާބިލުކަމާއި، ހުނަރު، ޤަދީމީ ތާރީޚުންވެސް، ފެންނާން އެ އޮތީއެވެ.

ނިޔަމިކަމުގެ ޢިލްމުގައި ދިވެހީން ނަކަތް ތަރިތަކަށް ބަލައިގެންނާއި، ތަރިރުހަނދަށް ބަލައިގެން، އެފްރިކާގެ ކޭޕްޓައުނު ވަށައިގެންނާއި، ދުނިޔޭގެ އެތައް ކަނޑެއްގައި ދަތުރުކޮށް އުޅުނެވެ. މިދެންނެވި ޒަމާނުގައި ކަޅުފޮއި މޫސުންތަކާއި ހަނދުވަރު މޫސުމުގައި އެތައް ރެއެއް، އެ ދަތުރުތަކުގައި ހޭދަކޮށްފައިވެއެވެ. މިޒަމާނުގައި މި ކިޔާ "ސެޓެލައިޓު ޖީޕީއެސް" ލޮލުންވެސް ނުދެކިއެވެ.

ނެވި ނިޔަމީން މާލިމީކަމުގައި އަޅަން ގެންގުޅޭ ފިލާ "ގޮއިދުރުވާނު" ނެތް ޒަމާނުގައި، އޮއި ބަދަލުވާގޮތާއި، ވިލާތަކުން ދެނެގަންނަ ފަހިނޫން މޫސުމީ ޙާލަތްތަކާއި،، ވައި ބަދަލުވާ ގޮތާއި، އޮޑީގެ ދުވެއްޔާއި ވިއްސާރަވިލާ، ރޭގަނޑުގެ ކަނު އަނދިރީގައި، މާކަނޑުގައިވެސް، އޭރުގެ ދަތުރުވެރިންނަށް އެނގެއެވެ. ހަމައެހެންމެ ދަތުރުގެ މިސްރާބު، އިރާއި ހަނދާއި، ތަރިތަކާއި ނަކަތްތަރި ތަކުގެ އެހީގައި، އެމީހުން ދެނެގަތެވެ. ރާއްޖޭގެ އެތެރެވަރީގައި ކޮށްއުޅުނު ދަތުރުތަކުގައި، ރޭގަނޑުގެ ކަނު އަނދިރީގައިވެސް، ފަނޑުއަލީގައި މަލަފެނުމުން އެއީ ކޮންރަށެއްކަން ދެނެގަނެއެވެ. މިފަދަ ދަތުރުތަކުގައި، ފަރާއި ގިރިއާއި ހާހަލާއި ތިލަތަކަށް ނާރާ، ދަތުރުގެ މިސްރާބު ހިފައިގެން، މަންޒިލަށް ވާސިލުވަމުން ދިޔައެވެ. ސުވާލަކީ، އެއީ ކޮން ޢިލްމެއް ހެއްޔެވެ؟

ވިލާގަނޑެއް ފެނުމުން، އޭގެ ކުލައާއި ބައްޓަމުން، އެ އުޅެނީ ވައި ގަދަވާންކަން، ނުވަތަ އެ އުޅެނީ ކޮޅިގަނޑެއް ލައިގަންނަންކަން، ނޫނީ، އެއީ ދިގުލައިފާނެ ވިއްސާރައެއްކަން، ކާބަފައިންނަށް އެނގެއެވެ. "ވިލާރޮދި" ، ފޫނާށިވިލާ"، "އަލަފަތްވިލާ" އޭގެ ޙަގީގަތާއިއެކު، ވަކިކޮށް ދެނެގަންނާން ކާބަފައިންނަށް އެނގޭފަދައިން، ފެންގިނަ ވައިމަޑުވިލާތައްވެސް، ދެނެގަންނާން އެމީހުންނަށް އެނގެއެވެ. ހަފުތާގެ ބުދަދުވަހު ކުރާ ވިއްސާރަ ދިގުލައިދާ ގޮތްވެސް އެމީހުން ދެނެތިއްބެވެ.

މިސާލަކަށް އައްސިދަ ނަކަތުގެ ތަރިތަކުން، އެ ނަކަތް ލައިގަތީކަން އެމީހުންނަށް ޔަޤީންކުރެވޭ ގޮތަށް، ބުރުނާއި ކެއްޗާއި، ރޯނުމިޔަހެއްޔާއި އަދަނަކަތާއި، މިފަދަ ކޮންމެ ނަކަތެއްވެސް، ތަރިތަކުން ބަލައި އުޅުނެވެ. އެއީ ކަނޑުދަތުރު ކުރުމުގައި، މިސްރާބާއި މޫސުންވެސް ދެނެގަތުމަށެވެ. މިފަދަ ދަތުރުތަކުގައި، ކަނޑުގައި އަޅާ އޮއިވަރުތައް ކަމަށްވާ، "އުދޮއި"، "ވަވޮއި"، "ފުޅޮއި"ގެ ބާރުމިނާއި މިސްރާބު، އޮޑީގެ ފަތަށް ދޫކޮށްފައި އޮންނަ ވާގަނޑު، ހުންގާނުގެ ކަނާއަތް ނުވަތަ ވާތަށް ފޭވަމުންދާ މިންވަރަށް ބަލައިގެން، މިސްރާބު ހިފައެވެ. ވަކި ދުރުމިނެއްގައި ގޮށްތަކެއް ޖަހައިފައި އޮޑީގެ ފަހަތަށް ދޫކޮށްފައި އޮންނަ ވާގަނޑުން، ފެންމަތީގައި އޮތް ގޮށްތަކާއި، ފެނުގެ އަޑިއަށް ގޮސްފައިވާ ގޮށްތަކުން، ދޯނީގެ ދުވެލި ނުވަތަ ދުވާ "ނޮޓު" (ސްޕީޑު) ދެނެގަނެއެވެ.

ދުވާލު އިރުހިނގާ ދަނޑިން މިސްރާބު ދެނެގަންނަ ފަދައިން، ރޭގަނޑު މުޅި އުޑުހެން، ތަރިތަކުން ދިއްލިފައި އޮންނައިރު، ގަހާތަރިން ގަހާ ވަކިކުރެއެވެ. ކެތި އަރައިފައި ހުރިނަމަ، ހުޅަނގު ދެނެގަނެއެވެ.  މީގެ އިތުރުން، ދަތުރުގެ މިސްރާބު އިތުރަށް ދެނެގަތުމަށް، ކެތި ތަރިއާއި، ދެކުނު ކާލިގަނޑުގެ ތަރިބަޔާއި، މަޑިކިލަނބު ( މިލްކީވޭ) ތަރިބަޔާއި، ގަހާ ތަރިކައިރީގައި ވަކި ސިފަޔަކަށް އަލިގަދަކަން ހުންނަ “އައްސަރަނގު ގެ އަލިގަދަ 8 ތަރިއާއި “ތަރިބައި” ވަކިކުރާން، އިހުގެ ދިވެހި ނިޔަމީންނަކަށް ދައްޗެއް ނޫނެވެ.

އޭރީސް ނުވަތަ މޭސަރާހީގެ ތަރިތަކާއި އޭގެ ޙަގީގަތާއި، އަދި ޓޯރަސް ނުވަތަ ކެތި ރާހީގެ ތަރިތައް ފެނުމާއެކު، ކެތި ލައިގަންނަނީކަމާއި، ދެން މޫސުމަށް އަންނާން އުޅޭ ބަދަލުތައް ދެނެގަނެއެވެ. ދަތުރު ކުރިއަށް ގެންދާންވީ ގޮތެއް، އެހައިތަނުން ނިންމައެވެ. މި ބީދައިން، "އިސަބަ" ރާހީން، ރޯނު ނަކަތުގެ ތަރި ފާހަގަ އެކުރަނީ، އޭގެ ވަނީގައި ހުންނަ އެތައް ތަރިތަކެއްގެ ތެރެއިންނެވެ. މިކަންކަމުން އެނގެނީ، އިހުގެ ނިޔަމީން ރާހި ތަރިތަކަށްވެސް އަހުލުވެރިވެފައިވާލެއް މޮޅުކަމާއި، އެ ތަރިތަކުން، ދަތުރުގެ މިސްރާބުގެ އިތުރުން ދަތުރުގެ ކުރިމަގުވެސް ރާވަމުން ގެންދިޔަ ކަމެވެ.

ތިޔަ، ވިދާޅުވި ކަންކަމުން އެނގެނީ، ދިވެހި ކާބަފައިން، މީގެ އެތައް ޤަރުނެއްގެ ކުރީން، ރޯނުން ދޯނި ބަނދެގެން ފެށި، ކަނޑު ދަތުރުފަތުރުގެ ޙަޔާތުގެ އެބާބު ނިންމައި، އިލިޖަހައިގެން ދޯނިފަހަރު ބަނުމުގެ އައު ޙަޔާތަކަށް އައިއިރުވެސް، އެމީހުންގެ ކިބައިގައި އޮތް ނިޔަމިކަމުގެ ޢިލްމަކީ، ނިޔާމަ ދަތުރުތަކަށް އަލިކޮށްދިން ވަސީލަތް ކަމެވެ. އަދި ގޮއިދުރުވާންޏާއި ފިލާއެޅުމާއި، ފެންސަމުގާއާއި، ޒަމާނީ ސަމުގާގެ ޙަޔާތަށް އަލިވިލިގެން އައިއިރުވެސް، އެމީހުން ބޭނުންކުރީ ނިޔަމި ކަމުގެ ޢިލްމު ކަމެވެ.

ކޮންމެއަކަސް މިއަދު، އެ ޒަމާން ނިމި، ސެޓެލައިޓު ނެވިގޭޝަނުގެ އެހީގައި ދަތުރުކުރާއިރުވެސް، މި އިވެނީ ފަރަށް އަރާ ވާހަކައެވެ. ވިއްސާރައިގައިޖެހި، އޮޑި އަނބުރާލާ ވާހަކައެވެ. ސުވާލަކީ، ސެޓެލައިޓުގެ ބޭނުން ނުހިފޭ ޙާލަތެއް ދުނިޔެ ތަޖުރިބާކުރަން ޖެހިއްޖެ ހިނދެއްގައި، މިއަދު ދޮނަމަތި އަޅާފައިވާ، ކާބަފައިންގެ ނިޔަމިކަމުގެ އެ ޢިލްމު، މިއަދުގެ ނެވީންގެ ކިބައިގައި ވޭހެއްޔެވެ؟ އަނގަމަތި މަސްދޯންޏެއްގައި ފަން ރިޔަލުގައި، ޖީޕީއެސް ނެތި، ކޭޕްޓައުން ވަށާލައި ދަތުރެއް ކުރާން، މިއަދު ކެރޭނީ ކިތައް ނެވީންނަށް ހެއްޔެވެ؟ އެއީ ނެތްބައެކޭ ނުވަތަ މަދުބައެއް ކަމަށް، ކިއުންތެރިޔާއަށް ޖަވާބުދެވޭނަމަ، ސުވާލަކީ، ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެ ހެއްޔެވެ؟ މިއަދަކީވެސް، އެ ޢިލްމު އުނގަންނައިދޭން މުނާސަބު ދުވަހަކީ ނޫންތޯއެވެ؟

20%
20%
0%
0%
0%
60%