ކ. މާލެ
|
22 މާރޗް 2022 | އަންގާރަ 13:25
ކްރިމިނަލް ކޯޓް- މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ ސޮފްވަތު ޙަބީބު
ކްރިމިނަލް ކޯޓް- މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ ސޮފްވަތު ޙަބީބު
ރާއްޖެއެމްވީ
ފޭކް ސްލިޕް ބޭނުންކުރުން
ފޭކް ސްލިޕް ދައްކައިގެން ސިގިރޭޓް، ރެޑްބުލް، ޗޮކްލެޓް ގަތުމުން 4 މަހަށް ޖަލަށް
 
ގާޒީ ވަނީ ފަނޑިޔާރަށް ލިބިދޭ އިޙުތިޔާރުވެސް މި މައްސަލައިގައި ބޭނުން ކުރައްވާފައި
 
މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައި
 
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ ސޮފްވަތު ޙަބީބް

ސައްޙަ ނޫން ސްލިޕް ދައްކައިގެން ފިހާރައަކުން ވިޔަފާރި ކުރި މީހަކު 4 މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާއަކީ އެނގިހުރެ، ސައްޙަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުވާލިބޭ މީހާ ވަނީ 29 ޖޫން 2021 ވަނަ ދުވަހު މާލޭގެ ފިހާރައަކަށް ވަދެ 2 ކެމަލް ހާޑް ސިގިރޭޓް ފޮއްޓާއި، 2 ރެޑްބުލްއާއި، 1 ސްނިކަރސް ޗޮކްލެޓާއި، 1 މާސް ޗޮކްލެޓް ނަގާފައެވެ. އަދި އެއަށްފަހު އެތަކެތީގެ އަގަށްވާ 304 ރުފިޔާ އެ ފިހާރައިގެ އެކައުންޓަށް ޓްރާންސްފަރ ކުރި ކަމަށް ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޭކް ޓްރާންސްފަރ ރިސިޓެއް އޭނާ ވަނީ ފިހާރައިގައި އިން ކުއްޖާގެ އެކައުންޓަށް ފޮނުވާފައެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ. އަދި އެއީ ސައްޙަ އިއުތިރާފެއްކަން ޝަރީއަތުންވެސް ބަލައިގަތެވެ.

އޭނާ އިބްތިދާއީ މަރުޙަލާގައި ދައުވާއަށް އިއުތިރާފު ވެފައިވާތީ ދައުލަތުން ވަނީ އޭނާގެ އަދަބުން 1 ދަރަޖަ ދަށްވާނެކަން ފާހަގަކޮށްފައެވެ. އަދި އޭނާގެ އިއުތިރާފާއެކު ޝަރީއަތުން ވަނީ އަވަސް ނިޔާގެ އަޑުއެހުމެއް ބާއްވާފައެވެ.

އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އޭނާ ވެފައިވާ އިއުތިރާފު ދަމަހައްޓާފައެވެ. އަދި ޝަރީއަތުން ވަނީ މިއީ އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއްކަމަށް ނިންމާފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ އިއުތިރާފު ވެފައިވާތީ އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްވާނެ ކަމަށާއި، އެހެންކަމުން އޭނާގެ މައްޗަށް ކަނޑައެޅޭނީ 7 މަހާއި 6 ދުވަހުގެ މުއްދަތެއްގެ ޖަލު ޙުކުމްކަން ދައުލަތުން އަދަބާއި ގުޅޭގޮތުން ވާހަކަދައްކަމުން ފާހަގަކުރިއެވެ. އަދި ދައުވާ ލިބޭ މީހާގެ ފަރާތުން ވަނީ ވީހާވެސް ލުއި އަދަބެއް ދެއްވުމަށް އެދިފައެވެ.

އޭނާގެ އިއުތިރާފާއެކު އަދަބުގެ ދަރަޖަ 1 ދަރަޖަ ދަށްކޮށްލުމުން ކަނޑައެޅޭނެ އަދަބު ދައުލަތުން ފާހަގަ ކޮށްފައިވާއިރު، މައްސަލަ ބެއްލެވި ގާޒީ ވަނީ ފަނޑިޔާރަށް ލިބިދޭ އިޙުތިޔާރުވެސް މި މައްސަލައިގައި ބޭނުން ކުރައްވާފައެވެ. އެގޮތުން މިއީ އޭނާގެ މައްޗަށް އެބާވަތުގެ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވުމާއި، ޝަރީއަތުގެ މަރުޙަލާގައި އެއްބާރުލުން ދީފައިވާތީއާއި، ހިމެނޭ ފައިސާގެ އަދަދު ފަދަ ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބެއްލެވި ގާޒީ ވަނީ އަދަބުގެ އިތުރު އެއް ދަރަޖަ ދަށް ކުރެއްވުމަށް ނިންމަވާފައެވެ.

ވުމާއެކު، އޭނާގެ މައްޗަށް ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވަވާފައެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ ސޮފްވަތު ޙަބީބެވެ.

ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ފެންމަތިވަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިފަދަ ފަރާތްތަކުން އެޑިޓްކޮށް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓް ކޮށްގެން ބޭނުން ކުރަމުން އަންނަކަމަށެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންވެސް އިލްތިމާސް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް