މީގެ ތިން ހަފްތާކުރިން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިން އަށް ހަމަލާދޭން ފަށަމުން ވިދާޅުވީ ހުޅަނގުގެ ޤައުމުތަކާއި މާބޮޑަށް ގުޅުން ބާއްވަމުން އަންނަ މިހާރުގެ ޔޫކްރެއިން އަކީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބިރެއްކަމަށެވެ. އެހެންކަމުން އެބިރުވެރިކަން ނައްތާލާ ޔޫކްރެއިން ހަމަމަގަށް އެޅުވުމަކީ ރަޝިޔާއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
ހަމަލާތައް ދޭން ފެށިތާ ތިން ހަފްތާ ވެފައިވާއިރު މިހާރު ފެންނަމުންދާ މަންޒަރަކީ އެތައް ހާސް ބަޔެއްގެ ފުރާނަ ގެއްލި އެތައް މިލިޔަން ބަޔަކު ރެފިޔުޖީންނަށް ވެގެންދާތަނެވެ. އެތައް އިމާރާތެއް ބިމާ ހަމަވިތަނެވެ. އެހެންކަމުން މިހާރު ހަނގުރާމަ މިސްރާބު ޖަހާފައިވާ ދިމާލާއި ހަނގުރާމައިން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލުވިތޯ އަދި އެންމެ މުހިންމު ކަމަކަށް ހަނގުރާމަ ނިމުމަކަށް އަންނާނެތޯ އެއީ މިވަގުތު އެންމެ ބޮޑަށް ޖަވާބު ބޭނުންވެފައިވާ ސުވާލުތަކެވެ.
ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފަށަމުން ޕުޓިން ވިދާޅުވީ މިއީ ރަޝިޔާއިން ޔޫކްރެއިންގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނެއްކަމަށެވެ. މިކަމަށް ހަނގުރާމައެއްގެ ނަން ދިނުމަށް ރަޝިޔާއިން ވަނީ ދެކޮޅު ހަދާފައެވެ. ކަމާބެހޭ ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ޕުޓިން ހަނގުރާމަ ފެއްޓެވިއިރު އަމާޒު ހިއްޕަވާފައިވާ ކަންކަން މިހާރު ވަނީ ހާސިލުނުކުރެވޭ ހިސާބަށްގޮސްފައެވެ. އެއީ ޕުޓިން ހީފުޅުކުރެއްވި ގޮތަށް ކަންކަން ނުދިޔުމުގެ ސަބަބުންނެވެ.
އިނގިރޭސިވިލާތުގެ ފޮރިން އިންޓެލިޖެންސް ޗީފް ސަރްގޭ ނަރީޝްކިން ވިދާޅުވާ ގޮތުގައި މިހާރު ކަންތައްތައް ވެފައިވާ ގޮތަށް ބަލާއިރު މިއީ ރަޝިޔާގެ ތާރީޚުގައި ވަރަށް މުހިންމު ވަގުތެކެވެ. ރަޝިޔާގެ ކުރިމަގާއި ކުރިޔަށް އޮތްތަނުގައި ދުނިޔޭގައި ރަޝިޔާ އޮންނާނެ ހިސާބާއި ގުޅޭގޮތުން ވާހަކަދައްކާނަމަ އެކަންކަން މިހާރު އޮތީ ވަރަށް އެހެން ކަހަލަ ފައްތަރެއްގައި ކަމަށް ސަރްގޭ ވިދާޅުވިއެވެ.
ރަޝިޔާ ސަރުކާރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ކުރަން ބޭނުންވި ކަމަކީ ޔޫކްރެއިންގައި އޮތް ސަރުކާރު ބަދަލުކޮށް ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ފާޅުކުރަމުންދިޔަ ޝައުގުވެރިކަން ނިމުމަކަށް ގެނައުމެވެ.
ޕުޓިން ރަޝިޔާގެ ރައްޔިތުން ގާތު ވިދާޅުވަމުން ގެންދެވީ އަމާޒަކީ ޔޫކްރެއިންގެ އެތެރޭގައި އުފެދިފައިވާ އަސްކަރީ ބާރުތައް ކަނޑުވާލާ ޑީނާޒިފައި ކުރުންކަމަށެވެ. ޕުޓިން އިޝާރާތްކުރައްވަނީ އަށްއަހަރު ވަންދެން ޔޫކްރެއިން ސަރުކާރުން އިންސާނިއްޔަތާއި ޚިލާފު އަމަލު ހިންގަމުންދާކަމަށް ރަޝިޔާއިން ތުހުމަތުކުރާ ކަންތައްތަކަށެވެ. އެއީ ޔޫކްރެއިން އިން ވަކިވެ ރަޝިޔާއަށް ތާއީދުކުރާ ގްރޫޕްތަކުން ވެރިކަންކުރަމުން އަންނަ ސަރަަހައްދުތަކުގައި ޔޫކްރެއިން ސަރުކާރުން ހިންގަމުން އަންނަކަމަށް ރަޝިޔާއިން ތުހުމަތުކުރާ ލާއިންސާނީ ކަންތައްތަކެވެ.
ޕުޓިން ވިދާޅުވަމުން ގެންދެވީ ޔޫކްރެއިން ހިފުމަކީ އަމާޒެއް ނޫންކަމަށާއި ގަދަބާރުން އެއްވެސް ކަމެއް އެއްވެސް ބަޔެއްގެ މައްޗަށް ނުހިންގާނެކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ފެނިގެންގޮސްފައިވަނީ އެހެން މަންޒަރެކެވެ. ރަޝިޔާއިން އަންނަނީ ޔޫކްރެއިންގެ ސިޓީތަކަށާއި ޓައުންތަކަށް ހަމަލާތައްދެމުންނެވެ. ހަނގުރާމަ އަދިވެސް ދަނީ ކުރިޔަށެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައްވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
ސުލްހައިގެ ވާހަކަތަކުގެ އެންމެ ފަހު ބުރުގެ ވާހަކަތަކަށް ބަލާއިރު ރަޝިޔާއިން މިހާރު ބޭނުންވަނީ ޔޫކްރެއިން ސަރުކާރު ބަދަލުކުރާކަށް ނޫނެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ޖެހިފައިނުވާ ނިޔުޓްރަލް ޔޫކްރެއިން އެއް އޮތުމަށެވެ.
ނިޔުޓްރަލް ޔޫކްރެއިން އެއް ޕުޓިން ބޭނުންފުޅުވަނީ ކީއްވެ؟
ޔޫކްރެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުވީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅުމާއި ގުޅިގެންނެވެ. އޭގެފަހުން ޔޫކްރެއިން އިން އަންނަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ނޭޓޯ ކޮޅަށް މަޑުމަޑުން ޖެހެމުންނެވެ.
ރަޝިޔާގެ ލީޑަރުން ބޭނުންފުޅުވަނީ އެކަންތައް ބަދަލުކޮށްލާށެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދާ އެއްކަމަކީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށުމުގެ ކުރިން ޑޮންބާސް ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ޕުޓިން ނިންމަވާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވަމުން ދެއްކެވި ވާހަކަތަކުންނެވެ. ޕުޓިން ވަނީ ޔޫކްރެއިން އަކީ ވަކި ގައުމެއްގެ ގޮތުގައި ދުވަހަކުވެސް އޮތް ގައުމެއް ނޫންކަމަށް ވިދާޅުވެފައެވެ. ޕުޓިން ވިދާޅުވެފައިވަނީ ރަޝިޔާ އާއި ޔޫކްރެއިން އަކީ އެކައްޗެއްކަމަށެވެ. އެއް ބަޔެއްކަމަށެވެ.
2013 ވަނަ އަހަރު ޕުޓިން ވަނީ އޭރު ޔޫކްރެއިންގައި ހުންނެވި ޕްރޯ ރަޝިޔަން ލީޑަރ ވިކްޓޯ ޔަނުކޯވިކް އަށް ޔޫރަޕިއަން ޔޫނިއަން އާއެކު އެއްބަސްވުމުގައި ސޮއިނުކުރުމަށް ބާރު އަޅުއްވާފައެވެ. އެއާއެކު އީޔޫއާއެކު އެއްބަސްވުމުގައި ސޮއިނުކުރެއްވުމަށް ވިކްޓޯ ނިންމެވިއެވެ. ނަތީޖާއަކަށްވީ ޔޫކްރެއިންގެ އެތެރޭގައި ބޮޑެތި މުޒާހަރާތަކެއް ހިނގާ ސަރުކާރު ބަދަލުވުމެވެ.
އޭގެފަހުން 2014 ވަނަ އަހަރު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ކްރައިމިއާ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސް އިރުމަތީގައިވާ ސަރަހައްދުތަކުގައި ތިބި ޔޫކްރެއިން ސަރުކާރާ އިދިކޮޅު މީހުންނަށް އެހީވާން ފަށާފައެވެ. ފާއިތުވި 8 އަހަރުގެ ތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާ އާއި ޕްރޯ ރަޝިޔާ ހަނގުރާމަވެރިންނާއި ދެމެދު ހިނގަމުންދިޔަ ހަމަލާ ބަދަލުކުރުންތަކުގައި 14،000 މީހުން ވަނީ މަރުވެފައެވެ.
މިހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް 2015 ވަނަ އަހަރު މިންސްކް ސުލްހައިގެ އެއްބަސްވުން އެކުލަވާލިއެވެ. ނަމަވެސް ޕުޓިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމުގެކުރިން މި ސުލްހައިގެ އެއްބަސްވުން އުވާލައްވާ ޑޮންބާސް ސަރަހައްދަކީ ޔޫކްރެއިން އާއި ވަކިން އޮތް މިނިވަން ދެ ދައުލަތްކަމަށް އިއުލާންކުރައްވާފައެވެ.
ހަނގުރާމަ ނިމުމަކަށް އަތުވެދާނެތަ؟
ޔޫކްރެއިން ރައީސްގެ އެޑްވައިޒަރ މިކައިލޯ ޕޮޑޯލްޔަކް ގަބޫލުފުޅުކުރައްވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ހަމަލާ ބަދަލުކުރުން ނިމުމަކަށް އަންނާނެއެވެ. އެއީ ރަޝިޔާގެ ފައުޖުތައް މިހާރުވެސް ތިބި ހިސާބުގައި ކުރިޔަށްނުދެވި ތާށިވެފައި ތިބީމައެވެ.
ދެފަރާތުންވެސް ބުނަމުން އަންނަނީ ސުލްހައިގެ ވާހަކަތަކުގައި ކުރިއެރުންތައް ލިބެމުން އަންނަކަމަށެވެ. ޕޮޑޯލްޔަކް ވިދާޅުވީ ސުލްހައިގެ ވާހަކަތައް ފެށުނުއިރު ރަޝިޔާގެ ރައީސް ޑިމާންޑްކުރެއްވި ކަންކަން މިހާރު ބަދަލުވަމުން އަންނަކަމަށެވެ.
ދެގައުމުގެ ދެމެދު އެންމެ ފުރަތަމަ ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާއިން ވަނީ ކްރައިމިއާ އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ޔޫކްރެއިން އިން ގަބޫލުކުރުމަށް ހުށަހަޅާފައެވެ. އަދި އިރުމަތީގައިވާ ޑޮންބާސް ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ޔޫކްރެއިން އިން ގަބޫލުކުރުމަށްވެސް ރަޝިޔާއިން ހުށަހަޅާފައިވެއެވެ. ޔޫކްރެއިން ނޭޓޯ އާއި އީޔޫ އާއި ނުގުޅޭނެކަމުގެ ކަށަވަރުކަން ދިނުމަށް ޔޫކްރެއިންގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހެއެވެ.
މިހާރު ކަންތައްތައް ކުރިޔަށްދާ ގޮތަށްބަލާއިރު ކްރައިމިއާ އަދި ރަޝިޔާއިން އެހީތެރިވެދީގެން ވަކިވެގަނެގެން އުޅޭ ޑޮންބާސް ސަރަަހައްދަށް ކުރިމަގުގައި ވާނީ ކިހިނެއްކަމެއް އަދިވެސް ނޭންގެއެވެ. އެކަމަށް އޮތް ހައްލަކީ ކޮބައިކަމެއް އަދި ނޭންގެއެވެ. އަނެއްކޮޅުން ބަލާއިރު މިހާރު ކުރިޔަށްދާ ވާހަކަތަކުގައި އެ ސަރަހައްދުތަކުގެ މައްސަލައަކީ އެއްބަސްވުމަކާއި ހަމައަށް އައުމަށް ބޭނުންކުރާނެ ކަމަކަށް ނުވުމަކީވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް އެހެން އެކަން ވާނީ ދެފަރާތުންވެސް މިސަރަހައްދުތަކުގެ މައްސަލައަށް ހައްލު ގެނައުމުގެ ކަންތައް ފަހަށް ޖައްސަން އެއްބަސްވާނަމައެވެ.
ރަޝިޔާގެ ވާހަކަތައް މިހާރު ހުރި ގޮތަށް ބަލާއިރު ޔޫކްރެއިންގައި މިހާރު އުފެދިފައިވާ ސަރުކާރު ވައްޓާލާ ރަޝިޔާއަށް ތާއީދުކުރާ ޕަޕެޓް ސަރުކާރެއް ޔޫކްރެއިންގައި ގާއިމުކުރުމަކީ މިހާރު ނުވާނެ ކަމެއްކަމަށް ގަބޫލުކުރެއެވެ. ހަނގުރާމަ ފެށި ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެފައިވަނީ ދުޝްމަނުންގެ އެއްވަނަ ޓާގެޓަކީ އެމަނިކުފާނުކަމަށެވެ. އަދި ޒެލެންސްކީގެ އާއިލާއަކީ ދުޝްމަނުންގެ ދެވަނަ ޓާގެޓްކަމަށެވެ.
ނަމަވެސް ކަންތައްތައް މިހާރު ދާގޮތަށް ބަލާއިރު ޕުޓިން ގަބޫލުފުޅުކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގެ ލިސްޓު ކުރިޔަށްވުރެ ބޮޑަށް ހުންނާނީ ވަކި މިންވަރެއްގައި ކަމަށް މަޝްރަހު ދިރާސާކުރަމުންދާ ޓަޓިއަނާ ވިދާޅުވިއެވެ.
އެއީ ރަޝިޔާއިން ގަބޫލުކުރާ ނިޔުޓްރަލް އަދި އަސްކަރީ ބާރުތައް ކަނޑުވާލާފައިވާ ޔޫކްރެއިން އަކީ އެމީހުންގެ އަމިއްލަ އަސްކަރީ އަދި ނޭވީ ފައުޖުތައް އޮސްޓްރިއާ ނުވަތަ ސްވިޑިން އާއި ގުޅިގެން ކުރިޔަށްގެންދާ ޔޫކްރެއިން އަކަށްވާތީއެވެ. އޮސްޓްރިއާ އަދި ސްވިޑިން އަކީވެސް އީޔޫގެ މެމްބަރު ދެ ގައުމެވެ. އޮސްޓްރިއާ އަކީ ނިޔުޓްރަލް ގައުމެކެވެ. ނަމަވެސް ސްވިޑިން އޮތީ ވަރަށް ބޮޑަށްވެސް ޔޫރަޕާއެކުއެވެ. ސްވިޑިން އަކީ ނޮން-އެލައިން ނޭޓޯ ގައުމެކެވެ. އަދި ނޭޓޯ އާއެކު ތަމްރީނުތައް ސްވިޑިން އިން ކުރިޔަށް ގެންދެއެވެ.
ޔޫކްރެއިންގެ ޑިމާންޑްތަކަކީ ކޮބާ؟
ޔޫކްރެއިން އިން ބޭނުންވާ ކަންކަން ވަރަށް ސާފުކަމަށް ޔޫކްރެއިން ރައީސްގެ އެޑްވައިޒަރ ވިދާޅުވިއެވެ. އެއީ ހަމަލާތައް ދިނުން ހުއްޓާލާ ރަޝިޔާގެ ފައުޖުތައް ޔޫކްރެއިން އިން ފޭބުމެވެ. މީގެއިތުރުން ޔޫކްރެއިން އަށް ހަމަލާދޭ ޕްރޯ ރަޝިޔާ ގްރޫޕްތަކުގެ ފަރާތުން ޔޫކްރެއިން އަށް ސަލާމަތްތެރިކަން އޮތް ކަމުގެ ގާނޫނީ އެއްބަސްވުމެއްވެސް ޔޫކްރެއިން އިން ބޭނުންވެއެވެ.
އިންޓަރނޭޝަނަލް ލޯވ ގެ ޕްރޮފެސަރެއްގެ އިތުރުން މީގެކުރިން އދ ގެ މީޑިއޭޝަން އެކްސްޕާޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި މާރކް ވެލާ ވިދާޅުވާ ގޮތުގައި ހަނގުރާމަ ފެށުމުގެކުރިން ރަޝިޔާގެ ފައުޖުތައް އޮތް ހިސާބަށް ރަޝިޔާގެ ފައުޖުތައް ދިޔުމަށް ކުރާ ޑިމާންޑަކީ ހަމައެކަނި ޔޫކްރެއިންގެ ޑިމާންޑެއް ނޫނެވެ. އެއީ ހުޅަނގުގެވެސް ޑިމާންޑެވެ. އެއީ އެސަރަަހައްދުގައި ރަޝިޔާގެ ފަރާތުން އިތުރު ނުތަނަވަސްކަމެއް އުފެދޭކަމެއް ކުރުމަށް ހުޅަނގުން ބޭނުންނުވާތީއެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމުން ޔޫކްރެއިންގެ ބަސްމަގުވެސް ކުރިއާ އަޅާބަލާއިރު މައިތިރިވެފައިވާކަމަށް ބެލެވެއެވެ. އެއީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ނޭޓޯ އާއި ގުޅުމަށް ބޭނުންފުޅުވެ އެކަމަށް ބާރު އަޅަމުން ދެއްކެވި ވާހަކަތަކުގެ ބަސްމަގު މިހާރު ބަދަލުވަމުންދާތިއެވެ. ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިން ނޭޓޯގެ ގައުމަކަށްވުމަށް ނޭޓޯއިން އެއްބަސްނުވާނެކަން މިހާރު އެނގިވަޑައިގަންނަވާކަމަށެވެ. އެއީ ހަގީގަތްކަމަށާއި އެކަން ބަލައިގަންނަން ޖެހޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީގެ އެޑްވައިޒަރ ޕޮޑޯލްޔަކް ވިދާޅުވީ ދެ ގައުމުގެ ރައީސުންނަށް މަޝްވަރާކުރެވި އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ޑޮކިޔުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެކަން ވަރަށް އަވަހަށްވާނެ ކަމަށް ބެލެވޭކަމަށާއި އެއީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ހަމައެކަނި ގޮތަކީ އެއީކަމަށްވާތީ ކަމުގައި ޕޮޑޯލްޔަކް ވިދާޅުވިއެވެ.