ކ. މާލެ
|
27 ފެބްރުއަރީ 2022 | އާދީއްތަ 18:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޓްވިޓަރ
މަގޭ ރިޕޯޓް
ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
 
އިންޑިއާ އަސްކަރިއްޔާއާ ދެކޮޅަށް ނުކުންނެވި އެ މަނިކުފާނު މިއަދު 1 ރުފިޔާއަށް އޮރެންޖެއް ލިބިވަޑައިނުގަންނަވާތީ އެކަމާވެސް ޝަކުވާ ކުރައްވާ

މީހަކު ދެކެ މާ ބޮޑަަށް ލޯބިގެން ގޮސް ހައްދު ފަހަނައަޅައި ދާ ވާހަކަ މީހުން ކިޔައި އުޅެއެވެ. އަދި އެ ލޯބި ބީވެގެން ދިއުމުން ކުރާ އަސަރެއްގެ ބޮޑުކަމުން ރުޅިއިސްވެ, ރައްޓެހިވި މީހާއަކީ ހުރިހާ ގޮތަކުން ވެސް "ކަޑަ" މީހެއްގެ ގޮތުގައި ސިފަކުރެވެއެވެ. އެމީހަކު ނުކުރާ ގޯސްކަމެއް ނޯވެއެވެ. ކިރިޔާ އަތަކަށް ޖެހިލިޔަސް އެއީ ބޮޑުވެގެންވާ ކުށެއް ކުރެވުނު ކަމަށް ދެކެވޭ ފަހަރު އާދެއެވެ. ނޭވާލާ ގޮތްވެސް ކަމަކުނުދެއެވެ. ހިނގާ ގޮތްވެސް ހުތުރުވެއެވެ. ރައްޓެހިވެގެން އުޅުނުއިރު ކީހާ ސަނާއަކާއި ފޮޅުވިހާ މަލެއް ހަނދާން ނެތި, ހުތުރު އެއްޗެހި ކިޔުމާއި, ދެވޭ ކޮންމެ ތަނެއްގައި ނަގަނަގައިގެން އެވާހަކަ ހުއްޓާނުލައި ދެކެވެއެވެ. މިފަހަކުން ރާއްޖޭގައި ވެސް މިފަދަ ކަންތައް މި މިސާލުގައި ބުނާ ބީދައިން އެބަފެނެއެވެ.

ވެރިކަން ގެއްލިވަޑައިގަތް ހިސާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަން އަދިވެސް ހަޖަމް ކުރަައްވަން އުނދަގޫފުޅެވެ. ދެވޭ ކޮންމެ ތަނެއްގައާއި, ހުންނަވާ ކޮންމެ ތަނެއްގައި, އަދި ލިބޭހާ ފުރުސަތެއްގައި އެވާހަކަ ދައްކަވައެވެ. އަދި އެކަން އަޅުއްވަނީ އަވައްޓެރި އިންޑިއާގެ ބޮލުގައެވެ. އެހެންކަމުން އިންޑިއާއޭ ވިދާޅުނުވެވޭނަމަ އެމަނިކުފާނުގެ ހިތްޕުޅުހަމައެއްނުޖެހެއެވެ. އެންމެ ފަހުން ހިތްޕުޅާވިލެއް ބޮޑުކަމުން މޭމަތި ފުރާލައްވައި "އިންޑިއާ އައުޓް" ވެސް ޖެއްސެވީއެވެ. އެހެން ޖައްސަވައިގެން ނުކުންނެވީ ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވެއެވެ. އެއީ އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ދެކޮޅަށްކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ރައްޓެހިވެގެން އުޅޭ ކުއްޖާ ވަކިވީމައި އަންނަ ރުޅީގައި, އޭނާއާއި އޭނާގެ ރައްޓެހިންނާއި އޭނާއާބެހޭ ދެން ހުރި ހުރިހާ ކަމެއް ވެސް ގޯސްވާ ބީދައިން އިންޑިއާގެ ހުރިހާކަމެއް ވެސް ރައީސް ޔާމީން ގޯސްވެއްޖެއެވެ. މޭމަތި ފުރާލައްވައި އިންޑިއާ އައުޓް ޖައްސަވައި ނުކުންނެވި މަގުސަދު ވެސް އޮޅިއްޖެއެވެ.

އެއްވެސް ގައުމެއްގައި އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭކަށް އެގައުމެއްގެ ރައްޔިތުން ބޭނުން ނުވާނެއެވެ. އެކަމާ ބަސްބުނެ ދެކޮޅުވެސް ހަދާނެއެވެ. އެކަމާ އެއްވެ އަޑުވެސް އުފުލާނެއެވެ. ނަމަވެސް އިންޑިއާގެ އޮންނަ ބައްޓަމާއި އެތަނުން ކިޔަވައިދޭން އައިސް ތިބި ޓީޗަރުންނާއި، އެތަނުން ގެންނަ މުދަލާއި، އެތަނުގެ މީހުންގެ ކާބޯތަކެއްޗާއި، އެތަނުގެ ކޯރުތައް ދެމޭގޮތާމެދު ބަސްވިދާޅުވާ ހިސާބަށް ދިއުމުން ބުނެވޭނީ ތީ ހަމަ ބޮޑުވަރޭއެވެ. އިންޑިއާ އައުޓް ނަމުގައި ނުކުމެވަޑައިގެން ހެއްދެވޭ ނުހެއްދެވޭވެސް, ކިޔުއްވޭ ނުކިޔުއްވޭ އެއްޗެއްސެއްވެސް ނޭނގޭ ހިސާބަށް ހިނގައްޖެވެ.

އިންޑިއާގެ ކޮޗިނުން ކުޅުދުއްފުއްޓަށް ދަތުރުތައް ފެށުމުން, އިދިކޮޅު ޑިމޮކްރަޓިކް ޕާޓީއެއް ކަމަށް ދައުވާކުރާއިރު، އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަދި މާލެ ސިޓީގެ މިހާރު ޕީޕީއެމް ކައުންސިލް މެންބަރެއް ކަމުގައިވާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެފައިވަނީ "މާދަމާ އެކިޔާ އެއާ ބަބުލުން އަންނާނީ ތިޔަ އަންހެން ކަނބަލުން ކައިރިއަށް މަތިމަސްލީ މީހުން" ކަމަށެވެ. ޝުޖާއު ވަނީ ރިސޯޓުތަކުގައި އުޅޭ މީހުން، އޯވަރނައިޓަށް ރަށަށް ދާއިރު އަނެއް ދުވަހު އޮންނާނީ އަނބިމީހާ ބަލިވެއިނދެފައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން "އަޅުގަނޑުމެން ރިސޯޓުތަކުގައި މަސައްކަތްކުރާއިރު އޯވަރނައިޓަށް ގެއަށް އަންނައިރު އަނެއް ދުވަހު އޮންނާނީ ބަލިވެއިނދެފަ. މިއީ މިކަން ވާނެ ގޮތް. ދިވެހި ރާއްޖޭގެ މީޑިއާތަކުގެ ތާރީޚަށްޓަކައި ރިކޯޑުކޮށްފައި ބަހައްޓާ. މި ނޫން އެއްވެސް ގޮތެއް މި ގައުމަކާ ބައްދަލެއް ނުކުރާނެ" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދެން އަނެއްކާވެސް ކާގޯގެ ވާހަކަ ނުދައްކާ ދުވަސްކޮޅެއް ވެފައި ހުއްޓާ ގއ. ވިލިނގިއްޔަށް ވަޑައިގެން, އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރާ ކެމްޕެންގެ ބައެއްވެސް ހިންގައިފިއެވެ. ރާއްޖެއަށް ބާއްވަމުން ގެންދާ ކޮޗިން ފެރީގެ ދަތުރުތަކަށް އިޝާރަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ, ދެގައުމުގެ ދެމެދު ދަތުރުތައް ކުރަމުންދާއިރު، 5 ރުފިޔާއަށް ލިބުނު އޮރެންޖް 1 ރުފިޔާއަށް ލިބޭނެކަމަށް ބުނި ނަމަވެސް އެ އަގުގައި އޮރެންޖެއް ލިބުނު ރައްޔިތެއް ނެތްކަމަށެވެ. އެހެންކަމުން މިއަދު އެ ފެރީތަކުން ރާއްޖޭގެ އުތުރަށް އުފުލަމުންދަނީ ކޮންއެއްޗެއްކަން ރައްޔިތުން ކަށަވަރުކުރަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިންޑިއާ އައުޓްގެ ކެމްޕޭނަށް ވަލަށް ވެދެވަޑައިގަތީކަމެއް ވެސް ނޭނގެއެވެ.

މިއީ އެއްކަލަ އަޅުގަނޑު ރިޕޯޓް ފަށަމުން ދެއްކި ވާހަކައެވެ. ވެރިކަމުގައި ހުންނެވިއިރު އިންޑިއާ ވަރެއް ނެތެވެ. ކަރާ ކަރު މަހާލައި އިންޑިއާގެ އުނގަށް އެއިރު އެރިވަޑައިގެން އިންނަވާފައި, މިއަދު ވެރިކަން ގެއްލުނީމައި އެ ކުރަނީ ހަމަ "ބިޓު ކެޓީމައި" ކުރާކަހަލަ އަސަރެކެވެ. ގެންގުޅުނު ކުއްޖާ "ދޯކާ" ދިނީމައި އެ ރުޅި ފިސާރިއަކަށް ބާލުއްވަނީއެވެ. "އިން" ކިޔައިފިއްޔާ އެ ހުރިހާ އެއްޗަކަށެވެ. ވާނީ ވެސް މިހެންތާއެވެ. ވަގުބިޓެއް ގެންގުޅެނިކޮށް ފަޅާ އެރީމައި އެކަކު ރުޅިވީމައި, ދެން ހުންނަ ބިޓު ފިލާފާނެތީ އޭނާއެކު އުޅެވޭނެހާ ގޮތަކަށް އުޅެން ވަކިވެގެން ދިޔަ ބިޓު ގޯސް ވާނެތާއެވެ.

އިންޑިއާއާހެދި އެމަނިކުފާނަށް ވެރިކަން ލިބިވަޑައިނުގެންނެވިކަމަށް ދެކެވަޑައިގެން އެ ވާހަކަ ހުއްޓަވާނުލައްވައި ދައްކަވަނީއެވެ. އެމަނިކުފާނު އައްޔަން ކުރެއްވި ސުޕްރީމް ކޯޓުން އިންތިޚާބު ރަނގަޅުކަމަށް ނިންމެވީމައިވެސް އެކަންވީ ގޯހެވެ. ގޯސް ނުވާ އެއްކަމެއްވެސް ނެތެވެ. ގެއްލިވަޑައިގަތް އެއްޗެއްގެ ބޮޑުކަމުން ކޮންމެވެސް މީހަކާ ދިމާލަށް ރުޅި ބޭލުއްވުމުގައި, އިންޑިއާ ނޫން އެހެން އެއްވެސް އެއްޗެއް ދޫފުޅަށް ވެސް ނާންނަނީއެވެ. ރައީސް ޔާމީނެވެ. އުތުރު ތިލަފަޅު އެއްބަސްވުމަކީ، 11-10 އެޕްރީލް 2016އަށް މަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއެކު ސޮއިކުރެއްވި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ"ގެ ތެރޭގައި ހިމެނިފައިވާ 10 ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ. ޑޯނިއާ ވެސް ދެއްވަން އެދިވަޑައިގަތީ މަނިކުފާނެވެ. 2014 ވަނަ އަހަރު އިންޑިއާ ސިފައިން ގެނެސް ބޭއްވި ކޭމްޕެއްގައި ސްކޫލް ދަރިވަރުން އެ ސިފައިންނަށް މާބޮނޑިވެސް ދިނީ މަނިކުފާނުވެ ވެރިކަމުގައެވެ.

ދެން އިންޑިއާ ދެކެ ރުޅި އަންނަނީ ވެރިކަމުގައި ހުންނަވައިގެން ނެންގެވި ފައިސާއެއްގެ މުއާމަލާތުގައި އިންޑިއާގެ ބޮޑު މަހުޖަނަކު ހިމެނޭތީ ކަމަށް ވެސް ވެދާނެއެވެ. ރ. ފުއްގިރި ހޯދަން އިންޑިއާގެ ބޮޑު ވިޔަފާރިވެރިއަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދީފައިވާ ކަމަށް "ޕެންޑޯރާ ޕޭޕަރސް"އިން ބުނި ހިސާބުން, ވަކިން ބޮޑަށް އިންޑިއާ އައުޓްގެ އަޑު ގަދަވިއެވެ. އެންމެ ފަހުން ޕެންޑޯރާ ޕޭޕަރސްގައި ހިމެނޭ ނޫސްވެރިންނަކީ ތަނެއް ދޮރެއް ނޭނގޭ ބަޔަކަށް ޕީޕިއެމުން ހެދިއެވެ. އެމީހުން ވެސް ވީ ގޯހެވެ. ނަސީބަކުން ޕެންޑޯރާ ޕޭޕަރސް އައުޓަކަށް ނުގޮވައެވެ. ޕެންޑޯރާ ޕޭޕަރސްގައި ބުނެފައިވަނީ، އިންޑިއާގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ މީހަކާ ގުޅިގެން އިންޑިއާގެ ވިޔަފާރިވެރިއަކު، ރ. ފުއްގިރި ހޯދުމަށް ކުރީގެ ރައީސް ޔާމީނަށް ރިޝްވަތު ދީފައިވާކަމަށެވެ. އަދި މިއީ ގަވާއިދާ ޚިލާފަށް ހޯދި ފުރަތަމަ ރަށް ނޫން ކަމަށް ޕެންޑޯރާގައި ވަނީ ރިޕޯޓްކޮށްފައެވެ. ޕެންޑޯރާ ޕޭޕަރސްގައި ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އެތައް ރަށެއް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ދޫކޮށްފައިވާ އިރު، މީގެތެރެއިން ބައެއް ރަށްތައް ދޫކުރުމުގައި ސީދާ ރައީސް ޔާމީންގެ ބައިވެރިވުން އޮތްކަމަށެވެ. އަދި މީގެ ތެރެއިން ފުއްގިރި މައްސަލައަކީ އެއް މައްސަލަ ކަމަށާއި، ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާ ކަމަށެވެ. 

ޕެންޑޯރާގައި ބުނެފައިވަނީ ފުއްގިރި ދޫކޮށްފައިވަނީ ޓެންޑަރ ކުރުމެއް ނެތި، ސެޕްޓެމްބަރ 2015ގައި 1.55 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި ދީފައިވަނީ ދުބާއީގައި ގާއިމުވެފައިވާ "ކްލާސިކް ސައިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑް" ކިޔާ ކުންފުންޏަކަށް ކަމަށެވެ. ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޕެންޑޯރާގައި ބުނެފައިވަނީ، ކްލާސިކް ސައިޓީ ކުންފުންޏަކީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަވިނާޝް ބޯސްލޭގެ އާއިލީ ވިޔަފާރިއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ ފަރާތަކާއި، އިތުރު ވިޔަފާރިވެރިއަކާއި، އަމިތު ކުމާރު ގާނދީ ހިމެނޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތަށް ކުޑަކޮށް ހަޖަމްކޮށްލައްވާށެވެ. ހަޖަމް ނުވާނަމަ, އިދިކޮޅުން މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ހުއްޓުވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ތުލުސްދޫގައި ވިދާޅުވިފަދައިން ކޯލާ ފުޅިތަކަށް އަޅާފައި ހުންނަ ހަޖަމް ބޭސް ބޭނުންކޮށްލައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
19%
6%
6%
6%
19%
44%
ކޮމެންޓް