ކ. މާލެ
|
27 ފެބްރުއަރީ 2022 | އާދީއްތަ 11:14
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން
ރޮއިޓަރސް
ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިޞާދަށް އިތުރު އިމްތިހާނުތަކެއް
 
މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރަޝިޔާގެ ބޭންކިންގ އެސެޓްގެ 80 އިންސައްތައަށް އެކަމުގެ އަސަރުކުރާނެ
 
2014 ވަނަ އަހަރު އެޅި ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިޞާދީ ހާލަތު ދަނީ ދަށަށް

2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިން އަށް އަރާ ކްރައިމިޔާ ހިފި މައްސަލައާ މެލޭޝިޔާގެ ބޯޓެއް ވައްޓާލި މައްސަލައިގައި އެމެރިކާ އާއި ހުޅަނގުން ވަނީ ރަޝިޔާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެއާއެކު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ފާއިތުވި އަހަރުތަކުގައި މަސައްކަތްކުރެއްވީ އެއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިނަމަ ހިފަހައްޓާލެވޭ ވަރުގެ ވަރުގަދަ އިގްތިޞާދެއް ބިނާކުރުމަށެވެ.

ޔޫކްރެއިން އިން ރަޝިޔާއަށް ހަމަލާދޭން ފެށުމާއެކު ހުޅަނގާއި އެމެރިކާ އާއި އެމެރިކާ އަށް ވާގިވެރިވާ ގައުމުތަކުން މިވަނީ ރަޝިޔާއާ ދެކޮޅަށް އިގްތިޞާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެތައް ފިޔަވަޅެއް އަޅަން ނިންމާ އެކަންކަން އިއުލާންކޮށްފައިވާއިރު ކުރިޔަށް އަދިވެސް ފިޔަވަޅު އަޅަން އޮތީއެވެ. މިއާއެކު ރަޝިޔާގެ އިގްތިޞާދަށް މިވަނީ އިތުރު އިމްތިހާންތަކާއި ކުރިމަތިވެފައެވެ.

ރަޝިޔާގެ 1.5 ޓްރިލިއަން ޑޮލަރުގެ އިގްތިޞާދަކީ ދުނިޔޭގެ 11 ވަނަ އަށް އެންމެ ބޮޑު އިގްތިޞާދެވެ. 2014 ވަނަ އަހަރު އެޅި ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިޞާދީ ހާލަތު ދަނީ ދަށަށެވެ. މީހުން އަންނަނީ ފަގީރުވަމުންނެވެ. ރަޝިޔާ ފައިސާގެ އަގު އަންނަނީ ދަށްވަމުންނެވެ.

ރަޝިޔާއިން އަންނަނީ ސަރުކާރުން ކުރާ ހޭދަ ވަކި މިންވަރެއްގައި ހިފަހައްޓާ ފޮރިން ކަރަންސީ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. ރަޝިޔާގެ އިގްތިޞާދު ކުރިއެރުވުމަށް ޕުޓިން ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި އެތެރޭގައި އުފައްދާ އުފެއްދުންތައް އިތުރުކުރުން ހިމެނެއެވެ. ރަޝިޔާ ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް ތަހައްމަލުކުރަމުންދާ ބަޔަކު އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިވާއިރު ފޮރިން ކަރަންސީ ރިޒަރވް ވަރަށް ގިނައިން ހުރުމަކީ މުހިންމު ކަމެއްކަމަށް އިކޮނޮމިސްޓެއްކަމަށްވާ ޑޭވިޑް ލުބިން ވިދާޅުވިއެވެ. އެހެންކަމުން ފާއިތުވި ދުވަސްތަކުގައި ރަޝިޔާއިން މަސައްކަތްކޮށްފައިވަނީ އެމަގުންނެވެ.

ހަނގުރާމަ ފެށި ދުވަސްކަމުގައިވާ ބުރާސްފަތި ދުވަހު ރަޝިޔާގެ ސެންޓްރަލް ބޭންކުން ވަނީ އެޓީއެމްތަކަށް ފައިސާ ދޫކުރާ މިންވަރު އިތުރުކޮށްފައެވެ. އެއީ ކޭޝް އަށް އޮތް ޑިމާންޑާއެކުއެވެ. ރަޝިޔާގެ ސްޓޭޓް ނިއުސް އެޖެންސީން ބުނާގޮތުގައި އެތައް ބޭންކަކުން ގިނަ އަދަދެއްގެ ފައިސާ އެތައް ބަޔަކު ވަނީ ވިތްޑްރޯ ކޮށްފައެވެ. އޭގެތެރޭގައި ގިނައީ ފޮރިން ކަރަންސީއެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިތާ 24 ގަޑިއިރުވެސް ނުވަނީސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާނެ އިގްތިޞާދީ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކުރައްވާފައެވެ. އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާގެ އެންމެ ބޮޑު ދެ ފައިނޭންޝަލް އިންސްޓިޓިއުޓްކަމުގައިވާ ސްބަރބޭންކާއި ވީޓީބީއާ ދެކޮޅަށް ވަނީ އަޅާފައެވެ. އެއާއެކު އެ ދެ ބޭންކަށް އެމެރިކާގެ ފައިނޭންޝަލް ސިސްޓަމް މެދުވެރިކޮށް އެއްވެސް ޕޭމަންޓެއް ނުހެދޭނެއެވެ. ރަޝިޔާގެ ސަރުކާރު ކުންފުނިތަކަށް އެމެރިކާގެ މާރކެޓް މެދުވެރިކޮށް ކެޕިޓަލް ހޯދުމުގެ ފުރުސަތު ބަންދުވެގެން ދިޔައީއެވެ. މިދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ ބޭންކިންގ އެސެޓްގެ 80 އިންސައްތައަށް އެކަމުގެ އަސަރުކުރާނެއެވެ.

އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ރަޝިޔާގެ އަސްކަރިއްޔާ ތަރައްގީކުރުމާއި އިންޑަސްޓްރިއަލް ކުންފުނިތަކާ ދެކޮޅަށްވެސް އަޅާފައެވެ. އެއާއެކު މުހިންމު ޓެކްނޮލޮޖީ ގަތުމުގެ މަގު ބަންދުވާނެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)، އިނގިރޭސިވިލާތް، ޖަޕާން އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުންވެސް ވަނީ ރަޝިޔާ އާއި ރަޝިޔާގެ ވަކިވަކި ފަރުދުންނާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މިއީ 2014 ގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށްވުރެ މާބޮޑުތަނުންވެސް ބޮޑު އޭގެ އަސަރު ރަޝިޔާއަށް ވަރަށް ބޮޑަށް ކުރާނެ ފިޔަވަޅުތަކެކެވެ.

ނަމަވެސް ރަޝިޔާ އޮތީ އިގްތިޞާދީ ގޮތުން މިވަރުގެ ދަތިކަމަކާ ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެގެންނެވެ. ދުނިޔޭގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މަތިވެފައިވާއިރު އޭގެ ފައިދާ ރަޝިޔާއަށް ވަރަށް ބޮޑަށް ކުރާނެއެވެ. އޭގެން މުވައްޒަފުންގެ މުސާރައާއި ޕެންޝަން ފައިސާ ދެވޭނެއެވެ.

ނަމަވެސް އެކަން ވާނީ ދުވަސްކޮޅަކަށެވެ. ދިގު މުއްދަތަކަށް ބަލާނަމަ ރަޝިޔާގެ އިގްތިޞާދު ފުޅާވާ މިންވަރު ލަސްވެ އޭގެ ނޭދެވޭ އަސަރު ފެންނަން ފަށާނެއެވެ.

ރަޝިޔާ އާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅަމުންދާ މިފިޔަވަޅުތަކާއެކު މާހިރުން ގަބޫލުކުރާ ގޮތުގައި ހުޅަނގަށް ޕުޓިން ހުއްޓުވެންޖެހޭނެއެވެ. ވަކިން ޚާއްސަކޮށް މިފިޔަވަޅުތަކާއެކު ހުޅަނގުގެ ގައުމުތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. އެހެންކަމުން ފިޔަވަޅުތައް އަޅާ ގައުމުތަކުންވެސް މިކަމުގައި އަދާކުރަންޖެހޭ އަގު ނުހަނު ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
25%
0%
25%
25%
0%
ކޮމެންޓް