ހެލްތު މިނިސްޓްރީގެ ދަށުން ހޮސްޕިޓަލްތައް ހިންގުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައިޖީއެމްއެޗްގެ ޚިދުމަތް ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗް ހިންގަނީ ވަކި ބޯޑަކުންކަމަށެވެ. ހެލްތު މިނިސްޓްރީން ބަލަމުންދަނީ އައިޖީއެމްއެޗްގެ ޚިދުމަތްތަކުގެ ފެންވަރު ކަމަށެވެ. އެތަނުގައި ދިމާވަމުންދާ ކިތަންމެ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއަށްފަހު މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ހޮސްޕިޓަލްތައް ހިންގަމުންދާނީ ވަކި މުއައްސަސާއެއްގެ ދަށުންކަމަށެވެ. މިހާރު ކުރަމުންދަނީ އެމަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތަށް ކަންކުރުމުން މިނިސްޓްރީއަށް، މިނިސްޓްރީން އަސްލުކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން އެކަން ކުރީމާ ކުރިޔަށް އޮތްތަނުގައި އަސްލު ހެލްތު މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ކުރެވޭނީ. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އެތަންތަނުގެ ކޮލިޓީ ބެލެހެއްޓުމާއި އެތަންތަނުގައި ހިނގާ ކަންކަން ތަހުގީގުކުރުމާއި އެކަހަލަ ކަންކަން ބަލަހައްޓަން ޖެހޭނީ.އަހުމަދު ނަސީމް/ ހެލްތު މިނިސްޓަރ
މީގެއިތުރުން މިނިސްޓަރ ވަނީ ސިއްހީ ޚިދުމަތް ދޭންޖެހޭނީ ހަމައެކަނި ސަރުކާރުން ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެ އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލް އަޅައިގެން ހިންގުމުގައި އެއްވެސް ކަހަަލަ ހުރަހެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.
އެކަަމަށް އެދި ހުށަހެޅުމުން ހޮސްޕިޓަލް އަޅައިގެން ހިންގުމަށް ހުށަހަޅާފައިވަނީ އެކަށީގެންވާ ފަރާތަކަށްވާނަމަ އެކަމުގެ ހުއްދަދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.