ކ. މާލެ
|
20 ފެބްރުއަރީ 2022 | އާދީއްތަ 12:33
ރަޝިޔާ އާއި ޔޫކްރެއިންގެ މަސްރަހު އަންނަނީ އިތުރަށް ނުތަނަވަސްވަމުން
ރަޝިޔާ އާއި ޔޫކްރެއިންގެ މަސްރަހު އަންނަނީ އިތުރަށް ނުތަނަވަސްވަމުން
ބީބީސީ
ރަޝިޔާ ޔޫކްރެއިންގެ މަސްރަހު
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމުގައި ބޭނުންކުރާނެ މަގުތަކަކީ ކޮބާ؟
 
ބައެއް މާހިރުން ވިދާޅުވާ ގޮތުގައި ރަޝިޔާއިން އިސްވެ ހަމަލާދޭނަމަ އެހަމަލާދޭނީ އެކި މަގުތަކުން އެއް ފަހަރާ
 
ކޮންމެ ހަމަލާއެއް ރަޝިޔާއިން ދުރާލާ ދިން ނަމަވެސް އެހަމަލާއެއް ބިނާވާނީ ރަޝިޔާއިން ހާސިލްކުރަން ބޭނުންވާ ސިޔާސީ މަގްސަދާ
 
ޔޫކްރެއިން ބޯޑަރު ސަރަހައްދާ ކައިރީގައި އޮތް ރަޝިޔާގެ 190،000 ސިފައިންގެ ލަޝްކަރު ޔޫކްރެއިން އަށް ހަމަލާދިނުމަށް ނިންމައިފިނަމަ ހަމަލާދެވޭނެ އެތައް ގޮތެއް އެބައޮތް

ރަޝިޔާއިން ބުނަމުން އަންނަނީ ޔޫކްރެއިންއަށް ހަމަލާދީ ޔޫކްރެއިން އަށް އެރުމަށް ރާވަމުންނުދާކަމަށެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުން ބުނަމުން އަންނަނީ ރަޝިޔާއިން އޮތީ ކޮންމެ ފަދަ ވަގުތެއްގައިވެސް ޔޫކްރެއިންއަށް އެރުމަށް އަސްކަރީ ގޮތުން ތައްޔާރަށް ކަމަށެވެ.

މިމައްސަލާގައި އެމެރިކާ އާއި ނޭޓޯގެ އިތުރުން ހުޅަނގާއި، ޖީ7 ގެ ގައުމުތަކުންވެސް ބުނަމުން އަންނަނީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާނުދޭނެކަމަށް ބުނިނަމަވެސް އެމޭރުމުން އަމަލުތައް ނުފެންނަކަމަށެވެ. ރަޝިޔާއިން އަންނަނީ އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުން ކަމަށް އެގައުމުތަކުން ބުނެއެވެ.

ރަޝިޔާއިން އިސްވެ ޔޫކްރެއިންއަށް ހަމަލާދީ ޔޫކްރެއިން އަށް އަރާނަމަ އެކަން ކުރާނެ މަގުތައް އޮތީ ފެންނާށެވެ. އަސްކަރީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޔޫކްރެއިން ބޯޑަރު ސަރަހައްދާ ކައިރީގައި އޮތް ރަޝިޔާގެ 190،000 ސިފައިންގެ ލަޝްކަރު ޔޫކްރެއިން އަށް ހަމަލާދިނުމަށް ނިންމައިފިނަމަ ހަމަލާދެވޭނެ އެތައް ގޮތެއް އެބައޮތެވެ.

ބެލަރޫސް މަގު:

ޔޫއެސްގައި އޮންނަ ސީއެންއޭ ރިސަރޗް އޯރގަނައިޒޭޝަންގައި މަސައްކަތްކުރައްވާ މައިކަލް ކޮފްމެން ވިދާޅުވާ ގޮތުގައި ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިންގައި މިހާރު އޮތް ސަރުކާރު އެއްކޮށް ބަދަލުކޮށްލަން ކަމަށްވާނަމަ ޔޫކްރެއިންގެ އުތުރަކީ އެންމެ ބޮޑަށް ހަމަލާދޭނެކަމަށް ބެލެވޭ މަގެވެ. ރަޝިޔާގެ 30،000 ސިފައިން އަންނަނީ ބެލަރޫސްގައި އަސްކަރީ ހަތިޔާރާއެކު ފަރިތަކުރުންތަކެއް ކުރިޔަށް ގެންދަމުންނެވެ. އެލަޝްކަރުގައި ރޮކެޓާއި މިސައިލް އެބަހުއްޓެވެ. މީގެއިތުރުން ވައިގެމަގުން ހަމަލާދިނުމަށް ބޭނުންކުރާނެ އެއަރކްރާފްޓް އެބަހުއްޓެވެ.

އިރުމަތިން ނަމަ ރަޝިޔާގެ ސަރަހައްދުގައި ބޯޑަރު ކައިރީގައި ރަޝިޔާގެ 41 ވަނަ މުޅި ފައުޖު އެއޮތީ ތައްޔާރަށްކަމަށް ކޮފްމެން ވިދާޅުވިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން އަންނަނީ ބެލަރޫސްގައި އަސްކަރީ ފަރިތަކުރުންތައް ކުރިޔަށްގެންދަމުން

ކްރީމިއާ މަގު:

އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޓްރީޓެޖިކް ސްޓަޑީސްގެ ބެން ބެރީ ވިދާޅުވާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިން އަށް އެރުމަށް ނިންމައިފިނަމަ ކްރީމިއާ އަކީ އެންމެ ޔަގީން މަގެވެ.

އެއްގަމު މަގުން ކުރާ ހަނގުރާމައެއްގައި ޔޫކްރެއިންގެ އެތެރެއަށް ފަސޭހަކަމާއި އަވަސްކަމާއެކު ދެވޭނެ އަސްކަރީ އެހީތެރިކަމެއް ބޭނުންވާނެކަމަށް ބެރީ ވިދާޅުވިއެވެ.

ރަޝިޔާއިން ކްރީމިއާ މަގުން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް އަރައިފިނަމަ އިރުމަތީގައި އޮންނަ ނިއިޕަރ ރިވަރ ސަރަހައްދު ކައިރީގައި ޔޫކްރެއިންގެ އެތައް ސިފައިންނެއް އެހެން ސަރަހައްދަކަށް ނުދެވި ތާށިވާނެކަމަށް ބެރީ ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ހުޅަނގާއި، އިރުމަތި އަދި އުތުރާއި ކްރީމިއާ ސަރަހައްދުން އައިސްފިނަމަ ރަޝިޔާއަށް ޔޫކްރެއިންގެ އަސްކަރިއްޔާ ވަށާލެވުނީއެވެ.

ރަޝިޔާގެ ފައުޖުތައް ހުޅަނގާއި އިރުމަތީގައި ހުރި ޔޫކްރެއިންގެ ސިޓީތަކަށް އަރާ އެސަރަހައްދުތަކާއި ކްރީމިއާ އާއި ދެމެދު އެއްގަމު މަގުން ފައުޖުތައް ގުޅާލުމަށްވެސް މަސައްކަތްކޮށްފާނެއެވެ. އަދި އޭގެތެރޭގައި ރަޝިޔާއިން ވާގިދީގެން އެސަރަަހައްދުގައި ހަރަކާތްތެރިވާ ފައުޖުތައް ކޮންޓްރޯލް ކުރާ ސަރަހައްދުތައް ހިމަނާނެކަމަށް މާހިރުން ބުނެއެވެ.

މީގެއިތުރުން ބްލެކް ސީ މެދުވެރިކޮށް ކަނޑުމަގުންވެސް ހަމަލާތަކެއް ދީފާނެކަމަށް ބެލެވެއެވެ. ރަޝިޔާގެ އަސްކަރީ ކަނޑު ބޯޓުތަކަކީ އަސްކަރީ މީހުންނާއި އަސްކަރީ ބަރު ހަތިޔާރާއި ޓޭންކުތައް އެރުވޭވަރުގެ ބޯޓުތަކެވެ.

ރަޝިޔާއަށް ކްރީމިއާ މެދުވެރިކޮށްވެސް ޔޫކްރެއިން އަށް ހަމަލާދެވޭނެ

އިރުމަތިން ހަމަލާ އަމާޒުކުރުން:

ރަޝިޔާއިން އެހީތެރިވެދޭ ހަނގުރާމަވެރި ޖަމާއަތްތަކުން އަންނަނީ މުހިންމު ދެ ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން ލުހާންސްކް އަދި ޑޮނެޓްސްކް ގައި ހަރަކާތްތެރިވަނީ ޕްރޯ ރަޝިޔަން ގްރޫޕްތަކެވެ.

އެދެ ސަރަހައްދުގައި ރަޝިޔާއަށް ދުރާލާ އެހީތެރިވެދޭނެކަމަށް ބެލެވޭ 15،000 މީހުން ހަރަކާތްތެރިވެއެވެ. ޔޫކްރެއިން ބުނާ ގޮތުގައި އެއަދަދު އެއަށްވުރެ މަތިވާނެއެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ 10،000 ސިފައިން އަބަދުވެސް ރޮސްޓޮވް ސަރަހައްދުގެ ބޯޑަރ ކައިރީގައި ހަރަކާތްތެރިވެއެވެ. އަދި މިފަހުން ވަނީ އެސަރަހައްދަށް ގިނައަދަދެއްގެ ސިފައިން ފޮނުވާފައެވެ.

ރަޝިޔާއިން އިރުމަތިން ހަމަލާދިނުމަށް ރާވާނަމަ ސިފައިން އަންނާނީ ކްރީމިއާ މަގުންނެވެ. އެއާއެކު އެއްގަމު މަގުން އަސްކަރީ ފައުޖުތައް ގުޅިގެންދާނީ ޔޫކްރެއިންގެ ދެކުނު އިރުމަތީ އައްސޭރިއާ އެއްކޮށްނެވެ. މީގެއިތުރުން ޚާރްކީވް އަށް ބެލްގޮރޮޑް ސަރަހައްދުން ނުވަތަ ކްރެމެންޗުކް ސަރަހައްދުން އެރުމަކީވެސް އެކަށީގެންވާކަމެކެވެ.

އިރުމަތިން ދޭ ހަމަލާއަކީ ޕްރޯ ރަޝިޔާން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކާ މީހުން ރައްކާތެރިކުރުމަށް ދޭނެ ހަމަލާއެކެވެ.

ބެރީ ވިދާޅުވާ ގޮތުން ނަމަ އެންމެ ކުޑަކޮށް ކުރިޔަށްގެންދާ އޮޕަރޭޝަނެއްގައިވެސް ވައިގެ މަގުން ބޮން އެޅުމާއި، އަސްކަރީ މައިތަންތަނަށް ހަމަލާދޭނެއެވެ.

ރަޝިޔާއަށް އިރުމަތިންވެސް ޔޫކްރެއިންއަށް ހަމަލާދެވޭނެ

ބައެއް މާހިރުން ވިދާޅުވާ ގޮތުގައި ރަޝިޔާއިން އިސްވެ ހަމަލާދޭނަމަ އެހަމަލާދޭނީ އެކި މަގުތަކުން އެއް ފަހަރާއެވެ. އޭގެތެރޭގައި ސައިބަރ އެޓޭކްވެސް ހިމެނެއެވެ. އަދި މިސައިލް ހަމަލާ އާއި ހަނގުރާމަ އާއި ގުޅުންހުރި ގޯސް މައުލޫމާތު ފޯރުކޮށްދީ މަސްރަހު ގަޑުބަޑުކުރުން ހިމެނެއެވެ.

ރަޝިޔާއިން އެންމެ ކުޑަކޮށްވެސް މިކަން ނިންމާނެކަމަށް ބެލެވޭ އޮޕަރޭޝަންގައި ޔޫކްރެއިންގެ މުހިންމު ތަންތަނަށް ސައިބަރ އެޓޭކް ދީ މައި މުހިންމު ތަންތަނުގެ ބާރު އެއްކޮށް ކަނޑުވާލާނެއެވެ. އެއީ ޔޫކްރެއިން ސަރަހައްދަށް އަސްކަރީ ގޮތުން އަރައިނުގަނެއެވެ.

ކޮފްމެން ވިދާޅުވީ ކޮންމެ ހަމަލާއެއް ރަޝިޔާއިން ދުރާލާ ދިން ނަމަވެސް އެހަމަލާއެއް ބިނާވާނީ ރަޝިޔާއިން ހާސިލްކުރަން ބޭނުންވާ ސިޔާސީ މަގްސަދާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް