ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 17:21
އުމަރު ނަސީރު
އުމަރު ނަސީރު
ގޫގުލް
މަގޭ ރިޕޯޓް
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!
އުމަރު ޖޭޕީއާ ގުޅުމާ އެކު ކޯލިޝަން ތެރޭގައި ވަނީ މައްސަލަ އުފެދިފައި
އެމްޑީޕީއާ އެކު މަސައްކަތްކުރައްވަން އުމަރު ބޭނުންފުޅެއް ނުވޭ، އެމްޑީޕީން އުމަރާ ދެކޮޅު
އުމަރު ޖޭޕީއާ ގުޅިވަޑައިގަތީ ސީދާ ވެރިކަމުގެ ދަހިވެތިކަމުގައި

މި ނިމިގެންދާ އަހަރުގެ ކުރީކޮޅު، ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޤާސިމް އިބްރާހީމާއި، ޝައިޚް އިމްރާން އެއްގަލަކަށް އަރާވަޑައިގަތުން ވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމާ މެދު ނުރުހިފައި ތިބި އެތައް ބަޔަކަށް އުއްމީދުގެ ހުޅުކޮޅަކަށެވެ. އެއީ ވެރިކަން ބަދަލުކުރުމަށް ކޮށުނު އަލި މަގެއްކަމުގައި އެފަރާތްތަކުން ދެކުނެވެ. ދެންމެ ދެންމެ ވެރިކަން ވެއްޓިދާނޭހެން ވެސް ހީވިއެވެ.

ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް، ހަތަރު ޕާޓީގެ ކޯލިޝަންގެ ހަރަކާތްތައް ވެސް ދިޔައީ އިތުރުކުރަމުންނެވެ. އެންމެ ފަހުން މި މަހު ކުރީކޮޅު ފ. އަތޮޅުގައި ވެސް ޖަލްސާއެއް ބާއްވައިފިއެވެ. ހަރަކާތްތައް އިތުރުވި ނަމަވެސް، ރައީސް ޔާމީންގެ ޖަލްސާތަކަށް އެ ނެރޭ އަދަދަށް އިދިކޮޅު ޖަލްސާތަކަށް އާންމުން ނެރެވޭ މަންޒަރެއް ނުފެނެއެވެ.

ޖަލްސާތަކުން ފެންނަ ހާޒިރީންގެ ތަފާތު މިގޮތަށް ފެންނާނެ އޮތީ ދެ ސަބަބެކެވެ. އެއްގޮތަކުން ވިއްޔާ އިދިކޮޅު ޕާޓީތަކުން ބުނާ ފަދައިން ސަރުކާރުގެ ޖަލްސާތަކަށް މަޖުބޫރުން މީހުން ގެންދަނީއެވެ. އަދި އިދިކޮޅު ޖަލްސާތަކަށް ދިޔަ ނުދޭން އެ ފަރާތްތަކަށް ބިރުދައްކަނީއެވެ.

އަނެއް ގޮތަކީ ހަމަ ހަޤީޤަތުގައި ވެސް ރައީސް ޔާމީންގެ ޖަލްސާތަކުން ރައްޔިތުންގެ އުއްމީދު އާވެ، އެމަނިކުފާނަށް އޮތް ތާޢީދު ބޮޑުވަނީއެވެ. އަދި ހަތަރު ލީޑަރުން ގުޅިގެން ފެނުނު އަލި މަގެއް ނެތި، ރައްޔިތުން ބޭނުންވާ ވަރުގެ ބަދަލެއް ގެނެސްނުދެވި، އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްގައި އަބަދު އެއް ވާހަކަތަކެއް ދާއްކާތީ ރައްޔިތުން ފޫހިވެ، މާޔޫސްވީއެވެ. ވީގޮތެއް އެންމެ ރަނގަޅަށް އެނގޭނީ އެ ޖަލްސާތަކަށް ދާ މީހުންނާއި ނުދާ މީހުންނަށެވެ.

އިދިކޮޅު ކޯލިޝަނަކީ ހަޤީޤަތުގައި ވެސް ފަހުގެ ތާރީޚުގައި އޭޝިއާ ސަރަޙައްދުގައި ނިސްބަތުން އުފެދުނު އެންމެ ބޮޑު އެއް ސިޔާސީ ކޯލިޝަންއެވެ. އެ ކޯލިޝަންގައި ދެ ރައީސުން އެބަ ތިއްބެވިއެވެ. މީގެ ތެރެއިން އެއް ބޭފުޅަކީ އާބާދީގެ ނިސްބަތުން މި ސަރަޙައްދުގައި ވެސް އެންމެ ސަޕޯޓަރުން ގިނަ ސިޔާސީ ލީޑަރެވެ. ކޯލިޝަންގައި ދެން ހުންނެވީ ނިކަމެތިންގެ ބައްޕައެވެ. ރައްޔިތުންގެ މަދަދުވެރިޔާއެވެ. ކޯލިޝަންގައި ދެން ހުންނެވީ ގިނަ ބައެއްގެ އިޚުތިރާމް ލިބިފައިވާ ދީނީ އިލްމުވެރިއެވެ.

މި ކޯލިޝަނަށް ނަތީޖާ ނުނެރެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ކޯލިޝަންގެ ބޭނުމަކީ ބޭރު ދުނިޔޭގައި ރައީސް ޔާމީންގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުން ކަމުގައިވާ ނަމަ އެކަން ކުރެވޭނެއެވެ. ކޯލިޝަންގެ ބޭނުމަކީ މުޒާހަރާއަށް މަގުތަކަށް މީހުން ނެރުން ނަމަ އެކަންވެސް ނުކުރެވެންވީ ސަބަބެއް ނުފެނެއެވެ. އަދި ކޯލިޝަންގެ ބޭނުމަކީ ވެރިކަން ބަދަލުކުރުން ކަމަށް ވާނަމަ، ހަތަރު ލީޑަރުންގެ އެ ކޯލިޝަނަށް އެކަން ވެސް ނުކުރެވެންވީ ސަބަބެއް އޮތް ކަމަށް ގިނަ ރައްޔިތުންނަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ހަޤީޤަތަކީ މިއިން އެއްވެސް ކަމެއް އެންމެ އެދެވޭ ފެންވަރަށް، ރައްޔިތުން ބޭނުންވާ ދުވެލީގައި ނުދާކަމެވެ.

މި ހާލަތުގައި ކޯލިޝަން އޮއްވައި ކޯލިޝަންގައި ހިމެނޭ މައި އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއާ އެ ގުޅިވަޑައިގަތީ މި ސަރުކާރުން އިސްތިޢުފާ ދެއްވައިގެން މިއޮއްހާ ދުވަހު ގޭގައި ފިލައި އޮންނެވި މި ސަރުކާރުގެ ކުރީގެ ވަޒީރުއް ދާހިލިއްޔާ، އުމުރު ނަސީރެވެ.

އުމަރަކީ އޭނާގެ ޒާތުގައި ގޯސް ބޭފުޅެއް ވެސް ނޫނެވެ. ޚާއްސަކޮށް ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި އެހެނިހެން ކުށްކުރުމާ ދެކޮޅަށް އުމަރު ގެންގުޅުއްވާ ހަރުކަށި ވިސްނުންފުޅަކީ ރާއްޖޭގައި މިނިވަންކަމާ އެކު އެކްސްޕެރިމެންޓް ކުރެވިއްޖެ ނަމަ މުޖުތަމަޢުއަށް އޭގެން ހެޔޮ ބަދަލުތަކެއް ވެސް ގެނުވަފާނެ ވިސްނުންފުޅެކެވެ.

މިކަން މިހެން އޮތަސް އުމަރަކީ ގޮތް ދޫކުރައްވާ ބޭފުޅެއް ނޫނެވެ. މިހާތަނަށް ފެނިފައިވާ މަންޒަރަށް ބަލާއިރު، މީހުންނާއި ގުޅިގެން މަސައްކަތް ކުރެއްވުމަކީ އުމަރަށް ވެދާނެ ކަމެކޭ ބުނުމަކީ ދަތި ކަމެކެވެ. އޭގެ މިސާލު 2008 ގެ ކުރިން އޭރުގެ އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގައްޔާއި، 2008 ގެ ރިޔާސީ އިންތިޚާބުގައްޔާއި، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ. އަނެއްކޮޅުން ވާހަކަތައް ކިތަންމެ ވާރުގަދަވިޔަސް އޭގައި ރައްޔިތުން ހިތް ދަމައިގަންނަ ކަހަލަ އަދި ރައްޔިތުން އުމަރަށް ހިތް ލެނބޭ ކަހަލަ އޮއްޓަރެއް ނުހުރެއެވެ. އެހެންކަމުން އެއީ އާންމު ރައްޔިތުންގެ ތާއީދު އެއްގޮތަކަށް ނެތް ބޭފުޅެކޭ ބުންޏަސް ގޯހަކަށް ނުވާނެއެވެެ. 

ޖުމްހޫރީ ޕާޓީގެ އެދުމަށް އުމަރު މިވަގުތު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަކީ ހަޤީޤަތުގައި ވެސް ކޯލިޝަނަށް ލިބިގެންދާ ހީނަރު ކަމެކެވެ. އުމަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ ކުރިން، އުމަރު އެފަރާތްތަކާއި ގުޅުމުން ވާނެ ފައިދާ ވިސްނައިދެއްވުމަށް، ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒް އުމަރާ އެކު ކޯލިޝަންގެ ލީޑަރުން ގާތަށް ވަޑައިގަތްކަން ޚުދު ރިޔާޒް ވަނީ ވިދާޅުވެފައެވެ. އުމަރަކީ ކޯލިޝަނަށް ލިބޭ ބާރެއް ނަމަ އުމަރު ޖޭޕީއާ ގުޅިވަޑައިގަތުން، ކޯލިޝަންގެ ލީޑަރުންނަށް ޖަސްޓިފައި ކޮށްދެއްވާކަށް ނުޖެހުނީހެވެ.

ދެވަނަ ކަމަކީ އުމަރަކީ ސީދާ ވެރިކަން ބޭނުންވެގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅަކަށް ވުމެވެ. ކުރިއަށް އޮތް ރިޔަސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވާދަ ނުކުރައްވާ ނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އުމަރު ވަނީ ސޮއިކުރެއްވުމުގެ މާކުރިން ވިދާޅުވެފައެވެ. އުމަރު މިހެން ވިދާޅުވި ނަމަވެސް، ޖުމްހޫރީ ޕާޓީގެ އަސަސީ ޤާވާއިދުގައިވާ ގޮތުން އެޕާޓީން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ ނަމަ، ކުރާނީ ހަމައެކަނި އެ ޕާޓީގެ ލީޑަރެވެ. ނަމަވެސް އުމަރަށް ވާގިވެރިވާން ތިއްބެވި ރިޔާޒް ފަދަ ބޭފުޅުންގެ އެހީތެރިކަމާ އެކު އެއީ މާބޮޑު މައްސަލައަކަށް ނުވާނެއެވެ. އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ކޮމާންޑް ސެންޓަރުގައި އިންނެވި ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާ އުމަރާ އެކު އޭރު އެ މަސައްކަތުގައި ހުންނެވި ރިޔާޒް ވަނީ ޖޭޕީގެ އަސާސީ ގަވާއިދު އުމަރަށް މަގުފަހިވާ ގޮތަށް އަންނަ އަހަރު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ރިޔާސީ އިންތިޚާބުގައި އުމަރު ވާދަކުރައްވާ ވާހަކަ އާއި، އުމަރަށްޓަކައި ކަމަށް ދޭހަވާ ގޮތަށް ޕާޓީގެ އަސާސީ ޤަވާއިދު ވެސް ބަދަލުކުރާ ވާހަކަ ދެކެވޭތީ، ޕާޓީގެ އިސް ބައެއް ފަރާތްތައް ތިބީ ހިތްހަމަ ވެސް ނުޖެހިފައެވެ.

އަނެއް ކަމަކީ، ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެކަން އުމަރު އިޢުލާނުކުރެއްވުމެވެ.

ތެދުތެދަށް ބުނާ ނަމަ، ކޯލިޝަންގެ ތެރެއަށް އުމަރުގެ ނަން ވަނީއްސުރެ، އެ ކޯލިޝަންގައި ވަނީ ފިނި ހަނގުރާމައެއް ފެށިފައެވެ. ޖޭޕީން ފުރުސަތު ދިނަސް އުމަރު ހުންނެވީ އެމްޑީޕީއާ އެކު މަސައްކަތްކުރައްވާ ގޮތަކަށް ނޫނެވެ. އަދި އެމްޑީޕީ އޮތީ އުމަރަށް ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. ކަން މިހެން އޮތުމުން، ޤާސިމް ވިދާޅުވިއަސް، ރައީސް މައުމޫން ވިދާޅުވިއަސް، އަދި ރައީސް ނަޝީދު ވިދާޅުވިއަސް، ކޯލިޝަންގައި ތިބި ފަރާތްތަކުން އުމަރުގެ ވާހަކަ ދައްކާނެއެވެ. އެ ފަރާތްތައް ހުއްޓުވޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ކޯލިޝަނަށް މިހާރު އޮތީ ދެ މަގެވެ. އުމަރާ އެކު ކުރިއަށްގޮސް، ކޯލިޝަން ފުނޑައިލުމެވެ. ނުވަތަ އުމަރާ ނުލައި، ކުރިން ވެސް ކަންކަން ދިޔަ ސްޕީޑްގައި ކަންކަން ކުރިއަށް ގެންދިއުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޑިސެންބަރ 2017 | ބުރާސްފަތި 10:04
ރަޝީދު
މިއީ ރަގަޅު ވާހަކަތަކެއް ލިޔެފައިވާ ރިޕޯޓެއް.